ކަނޑޫދޫ

ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ފަށައިފި

ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ކޮޅުމަޑުލު ކަނޑޫދޫގައި ފަށާ ފާޓިގޭޝަން ސިސްޓަމް އެރަށުގައި އިފްތިތާހު ކޮށްފި އެވެ. އެކަން އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެރަށު ކައުންސިލުގެ އިސްނެގުމާއެކު މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗާ އާއި ގުޅިގެން އިންތިޒާމުކުރި ކާބޯތަކެތީގެ މައުރަޒުވެސް ހުޅުވައި ދެއްވާފައެވެ

ފުޑް ސެކިއުރިޓީ ޕްރޮގްރާމް ކަނޑޫދޫގައި އިފްތިތާހު ކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑޫދޫގެ ތިން ދަނޑުވެރިއަކާ ގަސް ހަވާލުކޮށްދެއްވާފައެވެ. އަދި ތިމާވެއްޓާ ރައްޓެހި އޯގަނިކް ގަސްކާނާ އާއި ބޭހުގެ ޕެކޭޖް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ހަވާލުކޮށްދެއްވާފައެވެ. މިއީ ގަސްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް ހުރި ގޮންޖެހުންތަކަށް ޙައްލުހޯދުމުގެ ގޮތުން ކެމިކަލްގެ ބަދަލުގައި އެހެން ބާވަތްތައް ކަނޑޫދުއަށް ތަޢާރަފުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އިން ކުރިޔަށްގެންދާ ސިއްހަތަށް ފައިދާހުރި ކާނާގެ ބާވަތްތައް އުފެއްދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހެދޭ އަދި ޒަމާނުއްސުރެ ކެއުމަށް ބޭނުންކުރާ ކާނާގެ ބާވަތްތައް އާލާކުރުމާއި ކާނާގެ ދަތިކަމުގެ ހާލަތެއް ދިމާވެއްޖެނަމަ ދުޅަހެޔޮ ސިއްހަތެއްގައި ދެމި ތިބުމަށް ބޭނުންވާ ކާނާގެ ބާވަތްތައް ފަސޭހަކަމާއެކު ރަށުން ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަގްސަދުގައި ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅިގެން ކަނޑޫދޫގެ ގޭބިސީތަކަށް ގަސް ހަދިޔާކުރުމާއި ކަނޑޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް އެގްރޯ ފޮރެސްޓްރީގެ އުސޫލުން ދަނޑެއް އަޅައިދިނުން މީގެ ތެރޭގައި ހިމެނެއެވެ. މި ދަނޑުގައި ބޭނުންކުރެވޭނީ ސޯލާ ހަކަތަ ބޭނުންކޮށްގެން ފެންދެވޭނެ ޒަމާނީ ފެންދޭ ނިޒާމެކެވެ. އަދި މިއާއެކު ގަސްތަކަށް ބޭނުންވާ ކާނާ ފެނާއެކު ފޯރުކޮށްދެވޭނެ ފާޓިގޭޝަން ނިޒާމެއް މި ދަނޑުގައި ހިމެނެއެވެ.

ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ފައްޓަވައިދެއްވައި ފާޓިގޭޝަން ސިސްޓަމް އިފްތިތާހް ކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑޫދޫގެ މިރުސް ދަނޑަކަށް ޒިޔާރަތްކުރައްވައި ދަނޑު ބައްލަވާލައްވާފައެވެ.

ކާބޯތަކެތީގެ މައުރަޒު ހުޅުވައިދެއްވުގެ ރަސްމިއްޔާތުގެ ތެރެއިން އެގްރޯނެޓުން ތައްޔާރުކޮށްފައިވާ ދަނޑުވެރިކަމާގުޅޭ އަތްމަތީފޮތެއް ރައީސުލްޖުމްހޫރިއްޔާވަނީ ނެރެދެއްވާފައެވެ. ކަނޑޫދޫ ކައުންސިލުން އިސްނަގައިގެން މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗާ އާއި ގުޅިގެން މިމަހުގެ 15 އިން 16 އަށް ކަނޑޫދޫގައި ކުރިޔަށްގެންދާ ކާބޯތަކެތީގެ މައުރަޒަކީ ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބާވަތްތައް ޕްރޮމޯޓްކޮށް އިސްތިހާރުކުރުމަށާއި އެއްތަނަކުން ފެންނަގޮތް ހެދުމާއި އަދި ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކުން ތައްޔާރުކުރާ ކާނާގެ ބާވަތްތައް ދައްކާލުމުގެ ގޮތުން ބާއްވާ މައުރަޒެކެވެ. މި މައުރަޒުގައި ތ. އަތޮޅުގެ ހަތަރު ރަށެއްގެ ސްޓޯލްތަކާއި އެގްރޯނެޓާއި ކަނޑޫދޫގެ ދެ ސްޓޯލެއް ވެސް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަނޑޫދުއަށް ކުރައްވާ މިދަތުރުފުޅަކީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ރަސްމީ ޖަލްސާއާ އަދި މި ދެ މުނާސަބާއާ ގުޅިގެން އެ ރަށުގައި ކުރިޔަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއީ ކުރިން ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ގެންދިޔަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ބަދަލުގައި ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް 2020 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ނިންމެވިފަހުން ޤައުމީ ފެންވަރުގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ގައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ.