ގައުމެއްގެ ފުދުންތެރިކަމާއި އަމިއްލަވަންތަކަން ކަށަވަރުވެގެން ދާނީ، އެ ގައުމަކީ ކާބޯތަކެތީގެ ޔަގީންކަން ލިބިފައިވާ ރައްޔިތެއް ދިރިއުޅޭ ގައުމަކަށް ވެގެން ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވާ "ފަރުދީ ދަނޑުވެރިކަން - ކާނާގެ ޔަގީންކަން" އަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރޭގައި ކުރެވޭ ތަޖުރިބާތަކުން ވެސް، އެ ޝިއާރާ އެއްގޮތަށް، މުޅި ގައުމު އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ބޮޑު ކަމަށެވެ.
"ސަރުކާރުގެ ސިޔާސަތު ބިނާވެފައިވަނީ، ގައުމަށް މެދުވެރިވާ ކޮންމެ ހާލަތެއްގައިވެސް، މިދެންނެވި [ކާބޯތަކެތީގެ] ޔަގީންކަން ރައްޔިތުންނަށް ލިބިދިނުމަށް،" މި އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވި އެވެ.
ދަނޑުވެރިކަމަށް ފަހި މާހައުލެއް ގާއިމުކޮށް ދިނުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ސިޔާސަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން، މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކާއި، އަލަށް ދޫކުރާ ބިންތަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، އެއްވެސް ކުއްޔެއް ނުނެގުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން، މީގެ ކުރިން ނަގަމުން އައި އިމްޕޯޓް ޑިއުޓީވެސް ކަނޑާލާފައިވާއިރު، މިދިޔަ އަހަރުން ފެށިގެން، އެސްޑީއެފްސީ މެދުވެރިކޮށް، ދަނޑުވެރިކަމަށް ސަރުކާރުން ލޯނު ދޫކުރަމުން އަންނަކަމަށް ރައީސް ވިދާޅުވި އެވެ.
"މީގެ އިތުރުން، ދަނޑުވެރިންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި، ތަމްރީނު ޕްރޮގްރާމްތައް އިތުރުކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި، ފަންނީ މައުލޫމާތު ފެތުރުމުގެ މަސައްކަތްވެސް ވަނީ އިތުރަށް ފުޅާކުރެވިފައި،" އެމަނިކުފާނު ވިދާޅުވި އެވެ.
އެ ހިތާބުގައި އިތުރަށް ވިދާޅުވީ ދަނޑުވެރިންގެ އުފެއްދުންތައް ރަނގަޅު އަގުގައި ތާޒާކަމާއެކީ، ބާޒާރަށް ނެރެވޭނެ ފަސޭހަ ގޮތްތަކެއް ނެތުމުގެ ދަތިކަން ހައްލުކޮށް ދިނުމަށް، އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ނަމުގައި، ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެއް އުފައްދާފައިވާ ކަމަށެވެ.
އަދި އިގުތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށްޓަކައި، ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކުރުމާ ގުޅޭ މަޝްރޫއުތަކަށް، ބޭރުގެ އެހީދޭ ޖަމާއަތްތައް މެދުވެރިކޮށް އެހީ ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުން އަންނަކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.