ކެމިކަލްގެ ބާވަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ އުފެއްދުންތައް އުފެއްދުމަކީ ރައްކާތެރި ގޮތަކަށް ނުވާތީ އޯގަނިކް ފާމިންގެ ބަދަލުވާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ބައިނަލްއަގްވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ގައިންގަޔަށް ނާރާބަލިތައް ރާއްޖޭގައި އިތުރުވުމުގައި ބޭނުންކުރެވޭ ކާނާ އެއީ ސަބަބަކަށް ވެދާނެ ކަމަށެވެ. އެހެންވެ އޯގަނިކް ފާމިންގެ މުހިއްމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކުރިއަރާފައިވާ ގައުމުތަކުން ވެސް މިހާރު ބަދަލުވަމުން ދަނީ އޯގަނިކް ފާމިންއަށް ކަމަށެވެ.
"ރާއްޖޭގެ ދަނޑުވެރިކަން ކުރާ ފަރާތްތަކުންވެސް މިކަމާ ދޭތެރޭގައި ވިސްނުން ގެންގުޅުން މުހިއްމު. އެހެންނަމަވެސް ކުއްލިއަކަށް މުޅިން އޯގަނިކް ފާމިންއަށް ބަދަލުވުމަކީ ކުރެވޭނެ ކަމެއް ނޫން. ކުއްލިއަކަށް އޯގަނިކް ފާމިންއަށް ބަދަލުވުމަށް ސްރީލަންކާއިން އެޅި ފިޔަވަޅާއި އެކު އެ ގައުމުގެ އިގްތިސާދަށާއި ދަނޑުވެރިކަމަށް ވެގެން ދިޔަ ގޮތުން މިސާލު ނަގަންޖެހޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގައި ފަސޭހައިން ހެއްދެން ހުރި ބާވަތްތައް ހައްދައި މާކެޓަށް ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވި އެވެ. ރައީސް ސޯލިހް ވަނީ ރާއްޖޭގައި ހެއްދޭނެ 17 ބާވަތެއް ފާހަގަކޮށް، އެބާވަތްތައް ހައްދާ ފަރާތްތަކުގެ ހުރިހާ އުފެއްދުންތައް އެގްރޯ ކުންފުންޏަށް ގަނެ މާކެޓް ކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ދެއްވާފަ އެވެ. ރާއްޖޭގައި އުފެއްދޭ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުމުގައި ނަގާ ޑިއުޓީ ބޮޑުކުރާނެ ކަމުގެ އިޝާރާތެއް ވެސް ދެއްވެވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ ދަނޑުވެރިކަން ކުރުމުގައި މިއަދު އޮތް ދަތިކަމަކީ ބިމުގެ ދަތިކަމާއި ފައިސާގެ ދަތިކަން ކަމަށެވެ. ގާނޫނުތަކަށް ގެނެސްފައި ހުރި ބަދަލުތަކުގެ ތެރެއިން ލާމަރުކަޒީ ނިޒާމުގެ ދަށުން، ރަށްރަށުގެ ބިން ދޫކުރުމުގެ އިހްތިޔާރާއި ބާރު މިއަދު އޮންނާނީ ކައުންސިލްތަކަށް ކަމުގައިވެސް ވިދާޅުވި އެވެ. އެހެންކަމުން ދަނޑުވެރިކަން ކުރަން ބޭނުންވާ މީހުންނަށް ކައުންސިލްތަކުން ދިގު މުއްދަތަކަށް ބިންދީ ރަނގަޅު އިންވެސްޓްމެންޓެއް ކުރެވޭ ގޮތަށް ދަނޑުވެރިކަން ކުރަން ބޭނުންވާ މީހުންނަށް އެކަން ފަހިކޮށްދެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.
ރައީސް ވިދާޅުވީ ދަނޑުވެރިންނަށް ދިމާވެފައިވާ މާލީ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން ވަކިވަކި ފަރުދުންނަށް ދެ މިލިއަން ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރަން މިހާރު ފަށާފައިވާ ކަމަށެވެ. އެހެން ސިނާއަތްތަކެކޭ އެއްގޮތަށް ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރަން އޮތް މަސައްކަތަކީ ދަނޑުވެރިކަމުގެ ތެރެއަށް ސަރުކާރުން ނުވަދެ، މިދާއިރާއިން އިންވެސްޓްކުރަން ތިބި ފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ މެދުވެރިއެއްގެ ރޯލު އަދާކުރުން ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި ކާށިދޫ އަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަތާ ޒަމާންތަކެއް ވީ ރަށެއް ކަމަށާއި ނަމަވެސް ކާށިދޫގައި ގައުމީ ފެންވަރުގައި މިފަދަ ދުވަހެއް މީގެ ކުރިން ފާހަގަކޮށްފައި ނެތް ކަމަށެވެ. މީގެ އިތުރުން ކާށިދޫގައި ދަނޑުވެރިކަން ކުރުމަށާއި ދަނޑުވެރިންނަށް އޮތް ގޮންޖެހުންތަކުގެ މައްޗަށްވެސް ރައީސް ވާހަކަ ދެއްކެވި އެވެ.