ރޯދަ މަހާ ރޯއްޖާ

އިހުގެ ނޫސް: މަސްވެރިކަމުގައި އޮތް ވާދަވެރިކަން

"މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު،" މުޅި ގައުމު ވަރަށް ފަހުރުވެރިކަމާއެކު ބުނެ އުޅުނު ޒަމާނެއް މާޒީވެއްޖެ އެވެ. އެ ޖުމްލަ މިހާރު ވެއްޓިފައިވަނީ، މަދުން ނަމަވެސް ބޭއްވޭ މަސްވެރިކަމުގެ ކޮންމެވެސް ހަފްލާއެއްގައި ސިޔާސީ ބޭފުޅެއްގެ ސްޕީޗުގައި ކޮންމެހެން ހިމަނަންޖެހޭ މަޖުބޫރުކަމެއްގެ ގޮތުގަ އެވެ. އެ ޖުމްލަ ފުރިހަމަނުކޮށްފިނަމަ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ވެއްޓިފައިވާ ނިކަމެތި ހާލަތުގެ ހަގީގަތް ގަބޫލުކުރަންޖެހިދާނެތީ އުޅޭ ކަހަލަ އެވެ.

އެއް ޒަމާނެއްގައި މަސްވެރިންނަކީ ވެސް ގަދަރުވެރި ބައެކެވެ. ސަރުކާރުން އެމީހުންނަށް ހިތްވަރު ދިނެވެ. އެމީހުންގެ މުހިންމުކަން އެނގޭތީ އެވެ. މަސްވެރިކަމުގައި ވާދަވެރިކަން އިތުރުކުރުމަށް ކޮންމެ އަހަރު އިނާމުތަކެއް ކަނޑައަޅައިގެން ސަރުކާރުން އިސްނަގައިގެން ކުރި އެވެ.

"މޫންލައިޓް" ނޫހުގައި ފިޝަރީޒް މިނިސްޓްރީން 1971 ވަނަ އަހަރުގެ މަސްވެރިކަމުގެ އިނާމުގެ އިއުލާނެއް ވަނީ އެ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު ޝާއިއުކޮށްފަ އެވެ. އެއީ ކޮންމެ އަހަރަކު ކޮންމެ އަތޮޅަކުން އެންމެ ގިނަ މަސް ބޭނި ދޯނިފަހަރަށް ދެމުންދިއަ އިނާމެކެވެ.

ކޮންމެ އަތޮޅަކަށް ހާއްސަ އަދަދުތަކެއް ސަރުކާރުން ކަނޑައަޅައިގެން، އެ އަދަދަށް ނޫނީ އެއަށްވުރެ އިތުރަށް މަސްބޭނި ދޯނިފަހަރުތައް ފާހަގަކުރެ އެވެ. އެ އަހަރު އެއްވަނަ ލިބޭ ދޯނީގެ ވެރިއަކަށް 500 ރުފިޔާގެ އިނާމެއްގެ އިތުރުން ބޭނި ކޮންމެ މަހަކަށް އަށް ލާރި ދިނުމަށް ސަރުކާރުގެ ފަރާތުން ވަނީ ހުށަހަޅައިފަ އެވެ. އަދި ދެވަނަ ލިބޭ ދޯންޏަށް 300 ރުފިޔާގެ އިނާމަކާއެކު ކޮންމެ މަހަކަށް ހަތް ލާރި ދޭނެކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. ތިންވަނައަށް ލިބޭނެކަމަށް ބުނެފައިވަނީ 100 ރުފިޔާގެ އިނާމެއްގެ އިތުރުން ބާނާ ކޮންމެ މަހަކަށް ހަ ލާރީގެ މަގުން ފައިސާދޭން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ.

އެ އިނާމުން ސާފުވާ އެއްކަމަކީ އަތޮޅު ތެރޭގައި ވާދަވެރިކަން އުފައްދައިގެން، މަސްވެރިންނަށް ހިތްވަރުދިނުމަށް ސަރުކާރުން އޭރު ދިން އަހަންމިއްޔަތުކަމެވެ. ފައިސާގެ އިނާމުގެ އިތުރުން، އެންމެ ގިނައިން މަސްބޭނި ދޯނީގެ ޝަރަފު ހޯދުމަށް އޭރު މަސްވެރިން ނެގި ފޯރި އެވެ. ހިތާމައަކީ އެކަހަލަ މަންޒަރެއް މިހާރު ފެނިގެން ނުދާ ކަމެވެ. އޭރު ދިން މަސްވެރިކަމުގެ އިނާމު ވެސް ހުއްޓާލާފައިވާތާ އެތައް އަހަރެއް ވަނީ ވެފަ އެވެ. އެ އިނާމާއެކު، މަސްވެރިކަމަށް ދިން ގަދަރާއި ޝަރަފުވެސް ވެސް މާޒީގެ ތެރެއަށް ގެއްލުނީ އެވެ.

އެއް އިރެއްގައި ރާއްޖޭގެ އިގުތިސޯދުގެ ވެސް މައިނާރަށް ވަނީ އިހުމާލުވެފަ އެވެ. މަސްވެރިން ވަނީ "ވީހާލެއްގަ ވާން" ދޫކޮށްލައިފަ އެވެ. އެތަކެއް ދުވަހު ކަނޑުމަތީގައި އުޅެގެން ބާނާ މަސްކޮޅު ކިރާލާނެ ގޮތެއް ހޯދައިނުދެވެ އެވެ. ބޭނުންވާ ވަރަށް އައިސް ކޮޅެއް ނުލިބެ އެވެ. މަސް ވިއްކާނެ ހަމަ އަގު ލިބޭނެ ގޮތެއް ވެސް ނުދެއްކުނެވެ.

"މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު،" އޭ ކިތަންމެ ހަރު އަޑުން ބުނި ނަމަވެސް، ގަބޫލުކުރަން ބޭނުންނުވާ ހަގީގަތަކީ މާބޮޑު އުފެއްދުންތެރިކަމެއް ނެތް ގައުމެއްގެ އިގުތިސޯދުގެ މުހިންމު ބައިވެރިއަކަށް ވެވިދާނެ ސިނާއަތަކަށް ސަމާލުކަމެއް ނުދެވޭ ކަމެވެ.