ރައީސް މުހައްމަދު ނަޝީދު

ދެމަސް ތެރޭ އިނގިރޭސީން ރާއްޖޭގެ މަހުން ޑިއުޓީ ކަނޑާލާނެ: ނަޝީދު

Dec 21, 2022

ރާއްޖެ އިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހަށް ނަގަމުންދާ ޑިއުޓީ ކުރިއަށް އޮތް ދެ މަސް ތެރޭގައި ކަނޑާލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހަށް ނަގަމުންދާ ޑިއުޓީ، އެންމެ ލަސްވެގެން ކުރިއަށް އޮތް ދެ މަސް ތެރޭގައި ކަނޑާލާނެ ކަމަށް އިނގިރޭސި ސަރުކާރުގައި ތިއްބެވި އެމަނިކުފާނުގެ ރަހްމަތްތެރި ބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ.

"މިއީ އުފާވެރި ޚަބަރެއް. މިކަން މިވަނީ ރާއްޖެއަށް ހެޔޮ އެދޭ ބައެއް އިނގިރޭސި ވެރިންގެ ބޮޑު މަސައްކަތުން،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖެއިން ޔޫރަޕަށް އެތެރެކުރާ މަހަށް ޑިއުޓީގެ ގޮތުގައި މިވަގުތު 22 ޕަސަންޓް ނަގަ އެވެ. ސަރުކާރުން ބުނާ ގޮތުގައި މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ޔޫރަޕުން އެހާ ބޮޑު ޑިއުޓީއެއް ނެގުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހަށް ނަގާ ޑިއުޓީ ވަރަށް އަވަހަށް ކަނޑާލާނެ ކަމަށް ނަޝީދު ވިދާޅުވެފައި މިވަނީ ރާއްޖޭގެ މަހަށް ޔޫރަޕުން ލުއިދޭނެ ކަމަށް ސަރުކާރުގެ ބައެއް އިސްވެރިން ވެސް މީގެކުރިން ވިދާޅުވެފައި ވަނިކޮށެވެ.

ގދ. ފަރެސްމާތޮޑާގައި މިމަހު ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވަނީ ރާއްޖެއިން އިނގިރޭސި ވިލާތަށް އެކްސްޕޯޓްކުރާ މަހަށް ވަރަށް އަވަހަށް ޑިއުޓީ އިނާޔަތް ލިބޭނެ ކަމުގައި ވިދާޅުވެފަ އެވެ.