ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

މަސްވެރިކަމުގެ ހާއްސަ އެވޯޑް 21 ފަރާތަކަށް

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި 21 ފަރާތަކަށް ހާއްސަ އެވޯޑެއް ދީފި އެވެ.

ގާފަރުގައި ރޭ ކުރިއަށްދިޔަ ހަފްލާގައި އެ ފަރާތްތަކަށް އެވޯޑް ހަވާލު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯހިލެވެ.

ކައުންސިލުންނާއި، ރަށުގެ ރައްޔިތުން ކުރި ބުރަ މަސައްކަތާއި ދެއްވި އެއްބާރުލުމުގެ އަގުވަޒަންކުރުމުގެ އެވޯޑް މާލެއަތޮޅު ގާފަރު ކައުންސިލް، މުއައްޝިރު ޖަލީލަށް ލިބުނެ އެވެ.

މެރިން ސައިންސް މާއްދާއިން އެއް ވަނަ ހޯދާފައިވާ ސްކޫލްގެ އެވޯޑް ޖަމާލުއްދީން ސްކޫލަށް ލިބުނިއިރު ދެވަނަ ގިޔާސުއްދީން އަދި ތިން ވަނަ އަމީނިއްޔާ އަށް ވަނީ ލިބިފަ އެވެ.

މިދިޔަ އަހަރު އެންމެ ގިނަ އަދަދަކަން ކަޅުބިލަމަސް ކިރުވި އުޅަނދުގެ އެވޮޑް ލިބުނީ ގދ. މަޑަވެލި، "ކަމަނަ" ދޯންޏަށެވެ. އަދި އެންމެ ގިނަ އަދަދަކަން ބޮޑު ކަންނެލި ކިރުވި އުޅަނދު މީދޫ، "އަލަމާ-6" ދޯންޏައް ވަނީ ލިބިފަ އެވެ.

މަސްވެރިކަން ހިންގާ ބެލެހެއްޓުމަށް އެއްބާރުލުން ދިނުމުގައި ނަމޫނާ ހޯދި ދޯނީގެ އެވޯޑް ލިބުނީ ގއ. މާމެންދޫ "ހުޝިޔާރު" ދޯންޏަށެވެ.

ރާއްޖޭން މަހާއި މަހުގެ ބާވަތްތައް ރޯމެޓީރިއަލްގެ ގޮތުގައި ބޭރުކުރުން ފިޔަވައި، އަގުއެއްކޮށްގެން އެންމެމަތީ އާމްދަނީ ހޯދި ކުންފުނީގެ އެވޯޑް ލިބުނީ ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް އަށެވެ. އަދި އެންމެ ގިނަ އަދަދަކަން ކަޅުބިލަމަސް ގަނެފައިވާތީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑަށް ވަނީ އެވޯޑް ލިބިފަ އެވެ. އެންމެ ގިނަ އަދަދަކަން ބޮޑުކަންނެލި ގަތް އެވޯޑް ލިބުނީ އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށެވެ. އެންމެ ގިނަ އަދަދަކަން ފާނަ އަދި ފަރުމަސް ގަތުމުން ސީ ޕާޓްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ވެސް ވަނީ އެވޯޑް ލިބިފަ އެވެ.

ކ. އަތޮޅުން ހޮވާލެވޭ މިހާރުވެސް މަސްވެރިކަން ކޮށްއުޅޭ، ތަޖުރިބާގެ ގޮތުން އެންމެ ފާހަގަކޮށްލެވޭ ކެޔޮޅަށް ވެސް އެވޯދް ދީފައިވާއިރު ކ. އަތޮޅުން ހޮވާލެވޭ މިހާރުވެސް މަސްވެރިކަން ކޮށްއުޅޭ، އެންމެ ފާހަގަކޮށްލެވޭ ޚިދުމަތެއް ކުރަމުންދާ ޒުވާން ކެޔޮޅޫ ވެސް ހޮވާލާފައި ވެއެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްފައިވާތީ ދެ ފަރާތަކަށް އެވޯޑް ދީފައި ވެއެވެ. އަދި މަސްވެރިކަމުގެ ސައިންސުގެ ދާއިރާއިން ދިރާސާ ކުރުމުގެ ރޮނގުން ވެސް ވަނީ މިރޭގެ ޖަލްސާގައި އެއް ފަރާތަކަށް އެވޯޑް ދީފަ އެވެ.

މީގެ އިތުރުން ޒުވާނުން މަސްވެރިކަމަށް އަހުލުވެރިކުރުމުގެ ގޮތުން މަސްވެރިކަމަށް ހިދުމަތް ކޮށްދިން ފަރާތަކަށް ވެސް ވަނީ އެވޯޑް ދީފަ އެވެ.