އިނގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ މަހުން ޓެކްސް ކަނޑާލިކަމުގެ އުފާވެރި ހަބަރު ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭންގެ ފަހު ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ މަސްވެރިންނަށް ވަރަށް ގިނަ ވައުދުތަކެއްވެ ވަޑައިގެންފަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ މިހާރު ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުން ނަގަމުން އަންނަ 26 އިންސައްތައިގެ ޑިއުޓީ ކަނޑާލާނެ ކަމަށެވެ.
"ޔަގީންކަމާއެކު ދަންނަވަން. ވަރަށް އަވަހަށް އެ ޓެކްސް [އިނގިރޭސި ވިލާތުންނާއި ޔޫރަޕުގެ ގައުމުތަކުން ނަގަމުންދާ ޑިއުޓީ] ކަނޑާލިކަމުގެ އިއުލާން ލިބޭނެ،" އައްޑޫގައި ގިނަ ބަޔަކާ އެކު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވަނީ ދުނިޔޭގެ އެހެން ގައުމުތަކުން ޔޫރަޕާއި އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކަށް ޓެކްސް ނުނަގާކަން ފާހަގަކުރައްވާފަ އެވެ. އަދި މަހުގެ އަގަށް ރަނގަޅު ބަދަލެއް ގެނެވޭނީ ރާއްޖެއިން އެކްސްޕޯޓް ކުރާ މަހަށް ރަނގަޅު އަގެއް ލިބިގެން ކަމުގައިވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އެއްވެސް ސަރުކާރަކުން މީގެ ކުރިން ނުގެންނަ ވަރުގެ ބޮޑެތި ހެޔޮ ބަދަލުތަކެއް މަސްވެރިންނާ ގުޅޭ ކަންކަމުގައި މިސަރުކާރުން ގެނެސްދޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"އެއްވެސް ސަރުކާރަކުން ނުކުރާވަރުގެ އިންވެސްޓްމެންޓެއް މަސްވެރިކަމަށް ކުރާނަން. ހަތަރު ގުނައަށް ކެޕޭސިޓީ އިތުރު ކުރާނަން،" ރައީސް ވިދާޅުވި އެވެ.
ރާއްޖެއިން އިނގިރޭސި ވިލާތަށް އެކްސްޕޯޓްކުރާ މަހަށް ވަރަށް އަވަހަށް ޑިއުޓީ އިނާޔަތް ލިބޭނެ ކަމަށް މިދިޔަ މަހު ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންވެސް ވަނީ ވިދާޅުވެފަ އެވެ.
ފިޝަރީޒް މިނިސްޓަރު މިހެން ވިދާޅުވެފައި ވަނިކޮށް ރާއްޖެ އިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހަށް ނަގަމުންދާ ޑިއުޓީ ކުރިއަށް އޮތް ދެ މަސް ތެރޭގައި ކަނޑާލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފަ އެވެ.