ޑރ. ހުސައިން ރަޝީދު ހަސަން

އައިސް އުފައްދާ މިންވަރު 225 ޓަނަށް އިތުރު ކޮށްފި

މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އެކަނިވެސް ރާއްޖޭގައި އުފައްދާ އައިސްގެ މިންވަރު 225 ޓަނަށް އިތުރު ކޮށްފި އެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ކ. ގާފަރުގައި އައިސް ފްލާންޓެއް ހުޅުވުމަށް ބެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ މިއަދަކީ މަސްވެރިންނާއި މަސްވެރި އާއިލާތަކަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.

މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރުގައި ދުވާލަކު 1800 ޓަނު އައިސް އުފެއްދުމުގެ ގާބިލްކަން ރާއްޖޭގައި ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ފާއިދުވެދިޔަ ދެ އަހަރުގައި ސަރުކާރުން ރާއްޖޭގައި ދުވާލަކު 100 ޓަނުގެ އައިސް އުފެއްދުމުގެ ނިޒާމް ގާއިމުކޮށްފައިވާނެ ކަމަށާއި އަދި މިއަދު ހުޅުވުނު އައިސްޕްލާންޓުތަކުން އިތުރުން 125 ޓަނުގެ އައިސް ދުވާލަކު އުފެއްދާނެ ކަމަށެވެ.

"މިއަދު ހުޅުވި އައިސް ޕްލާންޓްތަކާއި އެކު ޖުމްލަ 225 ޓަނުގެ އައިސް އުފެއްދުމުގެ ނިޒާމު މި ސަރުކާރުން މިހާރު މި ވަނީ އިފްތިތާހުކޮށްފައި. މިއީ މަސްވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. ހުސައިން ވިދާޅުވީ މިހާރު ވެސް މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ 275 ޓަނު އައިސް ދުވާލެއްގެ މައްޗަށް އުފެއްދުމަށް އިތުރު ފްލާންޓްތައް އެޅުމަށް ކަމަށެވެ. އަދި ވަރަށް އަވަށް ފ. ފީއަލީގައި އައިސް ފްލާންޓެއް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ގާފަރުގެ އިތުރުން މިއަދު ވަނީ ރ. މަޑުއްވަރީ، ހއ. ހޯރަފުށި އަދި ފެލިވަރުގައި އައިސްފްލާންޓް ހުޅުވާފަ އެވެ. މަޑުއްވަރި، ގާފަރު، އަދި ހޯރަފުށި ފްލާންޓުން ދުވާލަކު 25 ޓަނުގެ އައިސް އުފައްދާނެ އެވެ. އަދި ފެލިވަރު އައިސް ފްލާންޓުން ދުވާލަކު 50 ޓަނުގެ އައިސް އުފައްދާނެ އެވެ.