ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ނުރުހުން ޑރ. ހުސައިންއަށް

އެކްސްޕޯޓްކުރާ މަހުން ރިޖެކްޓްވާ އަދަދަކީ ފިޝަރީޒް މިނިސްޓްރީ ހޯދާ ރިކޯޑުކުރާ މައުލޫމާތުތަކެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެ އެވެ.

ގަނޑުކުރި މަހުގެ ގޮތުގައި ރާއްޖޭއިން މަސް އެކްސްޕޯޓު ކުރާ ގައުމުތަކާއި މިންވަރު އަދި ރިޖެކްޝަން ލެވަލް ލިޔުމުން ޖަވާބު ހޯއްދެވުމަށް ސުވާލު ކުރެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އެވެ.

ލިޔުމުން ދެއްވި ޖަވާބުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ވިދާޅުވީ އެކްސްޕޯޓްކުރާ މަހުން ރިޖެކްޓްވާ އަދަދުތަކަކީ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެއްވެސް ކުންފުންޏަކާއި ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓްރީން ހޯދާ ރިކޯޑްކުރާ މައުލޫމާތުތަކެއް ނޫން ކަމަށެވެ.

"އަޅުގަނޑު މި ބަލާލަނީ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަކީ ކޮބާތޯ މި މަޖިލީހުން ފާސްކޮށްފައިވާ. ދެން އެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާނުކުރައްވާ ކަމަށް ސާފު ބަހުން މިތަނަށް ލިޔުއްވާ ކަމަށް ވަނީވިއްޔާ އެއީ ވަރަށް ބޮޑު އުނދަގުލެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެކަން ބެއްލެވުމަށްފަހު ވަޒީރުއާ ވާހަކަ ދެއްކެވުމަށް މަޖިލީހުގެ އަމީން އާންމުގެ އަރިހުން އެދިވަޑައިގަންނަވާނެ ކަމަށެވެ.

މިނިސްޓަރުގެ ޖަވާބާއި ގުޅިގެން މެންބަރު އިބްރާހީމް ރަޝީދު ވަނީ ކޯލްޑް ސްޓޯރޭޖާއި ހިސާބުން އެތައް ސަތޭކަ ކޮންޓެއިނާއެއްގެ ކަޅުބިލަ މަސް ރިޖެކްޓްވާ ކަމަށް ވިދާޅުވެފަ އެވެ.