ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިފްކޯއިން ރާއްޖެއިން ބޭރުކުރާ މަހާ ގުޅޭ ގޮތުން މާފަންދު މެދުދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ލިޔުމުން ޖަވާބު ހޯދުމަށް ކުރި ސުވާލުތަކަށް މިނިސްޓަރު ހުސައިން ދެއްވި ޖަވާބާއި ގުޅިގެންނެވެ.
މެންބަރު އިބްރާހީމް ވަނީ ފާއިތުވި ތިން އަހަރު މިފްކޯ އިން ތައިލެންޑަށް ވިއްކި ގަނޑުކުރި ކަޅުބިލަމާއި ކުދި ކަންނެލިމަހުގެ ރިޖެކްޝަން ލެވަލް އާއި ތައިލެންޑު ބަނދަރާއި ހިސާބުން ނުވަތަ ގަންނަ ފަރާތުގެ ކޯލްޑްސްޓޯރޭޖާއި ހިސާބުން ރިޖެކްޓްވާ މަހަށް ހަދަނީ ކިހިނެތްތޯ ސުވާލު ކުރައްވާފަ އެވެ. އަދި މިފްކޯ އިން ތައިލެންޑަށް ވިއްކާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލިމަހުގެ ރިޖެކްޓް ލެވެލްއަށް ފާއިތުވި ތިން އަހަރު މިފްކޯގެ އިންވޮއިސްތަކުން ޑިސްކައުންޓް ކުރެވިފައިވާނަމަ ނުވަތަ ހިލޭ ދޫކޯށްލެވިފައިވާނަމަ އެ ފައިސާގެ ތަފުސީލު ހޯދުމަށް ސުވާލު ކުރެއްވި އެވެ. މީގެ އިތުރުން 2016 އިން 2018 އަށް މި ހިސާބުތަކުގެ ތަފުސީލާއި ގުޅޭ ގޮތުން ވަނީ ސުވާލު ކުރައްވާފަ އެވެ.
މި ސުވާލުތަކަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ހުސައިން ވިދާޅުވީ އެ މައުލޫމާތުތައް ފިޝަރީޒް މިނިސްޓްރީން އެއްކޮށް ބަލަހައްޓަމުން ނުދާ ކަމަށެވެ. އެ މައުލޫމާތަކީ މިފްކޯ އިން ބަލަހައްޓާނެ ކަމަށް ބެލެވޭ އެ ކުންފުނީގެ މައުލޫމާތު ކަމަށާއި މިފްކޯއަކީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ކުންފުންޏެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ޖަވާބާއެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވީ މަހުގެ ތަފާސްހިސާބުތައް ބެލެހެއްޓުމަކީ މިނިސްޓްރީން ކުރަންޖެހޭ ކަމެއް ކަމަށެވެ.
"ރިޖެކްޓް މަހުގެ ތަފާސްހިސާބު ބެލެހެއްޓުމަކީ ކަނޑައެޅިގެން އެ މިނިސްޓްރީން ކުރަންޖެހޭ ކަމެއް. އެއީ ހަމައެކަނި ވިޔަފާރީގެ މައުލޫމާތެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރުކުރާ މަހުގެ ހުރިހާ ތަފާސްހިސާބުތައް ބެލެހެއްޓުމަކީ މިނިސްޓްރީން ކުރަންޖެހޭ ކަމެކެވެ.
"މިނިސްޓަރު އެ ގެންދަވަނީ މަޖިލީހުގެ މަސައްކަތަށް ހުރަސް އަޅުއްވަމުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރިޖެކްޓްވާ މަހަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގޭ އަމަލެއް ކަން މަޖިލީހަށް މީގެ ކުރިންވެސް ފާހަގަކުރެވިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.