ސައުދީ ފަންޑުގެ އެހީގައި ފަސް ރަށެއްގައި ހެދުމަށް ނިންމާފައިވާ އައިސްޕްލާންޓްތަކުގެ މަސައްކަތް ނިމޭނެ ކަމަށް މިހާރު ބެލެވެނީ އަންނަ އަހަރުގެ މާޗް މަހު ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
ރަށްރަށުގައި ހަދަން ނިންމާފައިވާ އައިސްޕްލާންޓް ތަކުގެ މައުލޫމާތު މިނިސްޓަރު ހުސައިން ހިއްސާކުރެއްވީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އޭނާ ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ނަމަވެސް މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުކުރެވުނީ އިދާރީ ގޯހަކުންނެވެ.
މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހުސައިން ވިދާޅުވީ ސައުދީ ފަންޑުގެ އެހީގައި އައިސްޕްލާންޓް އެޅުމަށް ހަމަޖެހިފައިވަނީ ފަސް ރަށުގައި ކަމަށެވެ. އެއީ ހއ. ދިއްދޫ، އއ. ރަސްދޫ، ދ. މީދޫ، ލ. މާމެންދޫ އަދި ގދ. ރަތަފަންދޫގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ރަށްތަކުގެ އައިސްޕްލާންޓްތައް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް އިންޓަނޭޝަނަލް ބީލަމަށް ހުޅުވާލުމުން ހަތަރު ފަރާތަކުން ރަޖިސްޓްރީ ކުރި ކަމަށެވެ. ނަމަވެސް ބީލަން ހުށަހެޅީ އެއް ފަރާތަކުން ކަމަށާއި އެފަރާތުން ބީލަމުގައި ރަޖިސްޓްރީވެފައި ނުވާތީ އެ ބީލަން ވެސް ކެންސަލްކޮށްފައިވާ ކަމަށެވެ.
ބީލަން ހުށަހަޅާ ފަރާތްތައް މަދުވީ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ބައެއް ޝަރުތުތަކާ ގުޅިގެން ކަމަށް ބެލެވޭތީ ބީލަން ހުށަހަޅާ ފަރާތްތަކަށް ލުއިތަކެއް ދިނުމަށް މަޝްވަރާ ކުރެވި އެކަމުގައި ސައުދީ ފަންޑުން އެއްބަސްވެފައިވާ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މަޝްރޫއަށް ބޭނުންވާ ތަކެތި ބޭރުން ގެނެސް ހަމަސް ދުވަސް ތެރޭގައި މަސައްކަތް ނިންމަން ޝަރުތުކޮށްފައިވާތީ އެކަމަށް ބަދަލެއް ގެނެސްފައިވެ އެވެ. އަދި މިމަޝްރޫއަށް ކުރިމަތިލާ ކުންފުނިތަކުގެ މާލީ ގާބިލްކަން ވަޒަންކުރަން އޮތް ޝަރުތުތައް މަތިކަމުން މިމަޝްރޫއަށް ދިވެހި ކުންފުނިތަކަށް ކުރިމަތިނުލެވޭތީ އެކަމަށްވެސް މިހާރު ލުއިތަކެއް ދީފައިވެ އެވެ.
މި ލުއިތަކާ އެކު ބީލަން ހުށަހެޅުމަށް އަލުން ހުޅުވާލުމުގެ ގޮތުން ސައުދީ ފަންޑުގެ ނޯ އޮބްޖެކްޝަން ލެޓާ ނުވަތަ މަޝްރޫއަށް ގެނެވުނު ބަދަލުތަކާ އެކު ކުރިއަށް ދިއުމަށް ބޭނުންވާ ލިޔުން ހޯދަން ފިނޭންސް މިނިސްޓްރީން ސައުދީ ފަންޑަށް މިދިޔަ މަހު ހުށަހަޅާފައިވެ އެވެ. މިނިސްޓަރު ވިދާޅުވީ އެ ސިޓީ މިމަހުގެ ތިންވަނަ ހަފްތާގެ ތެރޭގައި ލިބުމާއެކު އެ ހަފްތާގެ ތެރޭގައި މަޝްރޫއު ބީލަމަށް ހުޅުވާލެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މަޝްރޫއު އަލުން ބީލަމަށްލުމަށްފަހު ބިޑް ކުރާ މީހުންނަށް 30 ދުވަސް އަދި ބިޑް އިވެލުއޭޓް ކުރަން 15 ދުވަސް ދޭނެ ކަމަށެވެ.
"ބީލަން ކާމިޔާބު ކުރާ ފަރާތާ އެކު އެހެންވީމާ އެއްބަސްވުމުގައި ސޮއި ކުރެވޭނީ 2022 ވަނަ ން މަހުގެ ދެވަނަ ހަފްތާގެ ތެރޭގައި ކަމަށް އަޅުގަނޑުމެންނަށް ބެލެވޭ. އައިސް ޕްލާންޓް ނިންމާ ހިދުމަތް ދެވޭނީ ސޮއިކުރާތާ 8 މަސް ދުވަސް ފަހުން އެއީ މާޗް 2023ގައި ކަމަށް ލަފާކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. ހުސައިން އިތުރަށް ވިދާޅުވީ 25 ޓަނުގެ އައިސްޕްލާންޓެއް ހެދުމަށް ކޮވިޑްގެ ކުރިއަށް ހަރަދުވަނީ 4.5 މިލިއަން ދިވެހި ރުފިޔާ ކަމަަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ރާއްޖޭން ބޭރުން މުދާ ގެނައުމަށް ޝިޕިން ކޮސްޓް ބޮޑުވެ ސްޓީލްގެ އަގު ބޮޑުވެފައިވާތީ އެ އަދަދު މިހާރު ބޮޑުވާނެ ކަމަށް ބެލެވޭ ކަމުގައިވެސް ވިދާޅުވ އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ވަރަށް ގިނަ ރަށްރަށުގައި ފެނާއި ކަރަންޓްގެ ހިދުމަތް ދެނީ ފެނަކައިން ކަމަށްވާތީ ރަށްރަށުގައި ހަދާފައިވާ އައިސްޕްލާންޓްތައް ފެނަކައާ ހަވާލުކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށެވެ.