މިފްކޯ

ފުނައްޑޫ އޮޕަރޭޝަނަށް ގެނައުން "ވާނުވާ"ގައި

ތ. ފުނައްޑޫ ފެކްޓަރީ އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިފްކޯގެ މުވައްޒަފުން އެތަނަށް ފޮނުވައިގެން ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށް މިފްކޯ އިން ބުނެފި އެވެ.

އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ ފުނައްޑޫގެ އޮޕަރޭޝަން އަވަހަށް ފެށުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެރަށުގެ ބަނދަރު ހަލާކުވެފައި އޮތުން ކަމަށެވެ.

ފައުޒީ ވިދާޅުވީ ފުނައްޑޫ އޮޕަރޭޝަނަށް އަލުން ގެނައުމަށްޓަކައި ރަށުގެ ތެރޭގައިވެސް ވަކި ކަހަލަ އިންތިޒާމުތަކެއް ހަމަޖައްސައި ވަސީލަތްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މި ބަލަނީ އެތެރޭގައި ކަންތައްތަކެއް ހަމަޖެއްސުމަށް. އެއީ އައިސް ޕްލާންޓްތަކާއި މެޝިންތައް ހިންގުމަށް ބޭނުންވާ މަސައްކަތްތައް. މިވަގުތުވެސް އަޅުގަނޑުމެންގެ އިންޖިނިއަރުން ފުނައްޑޫގައި އެބަތިބި،" ފައުޒީ ވިދާޅުވި އެވެ.

ފުނައްޑޫގެ ބަނދަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވީ ނަމަވެސް ބަނދަރު ހެދުމުގެ މަސައްކަތް މިފްކޯއިން އަދި ފަށާފައެއް ނުވެ އެވެ. ފައުޒީ ވިދާޅުވި ގޮތުގައި ފުނައްޑޫ ބަނަދަރު ހެދެން އޮތީ އެކަަމަށް ބޭނުންވާ ފައިސާ ހަމަޖެހިގެންނެވެ. ފައިސާ ހަމަޖައްސަން މިހާތަނަށް ކުރީ ކޮން ކަމެއްތޯ އެހުމުން އެކަމަށް ސާފު ޖަވާބެއް ދެއްވުމުގެ ބަދަލުގައި ފައުޒީ ވިދާޅުވީ ފިނޭންސާ ގުޅިގެން އެކަން ހިނގަމުންދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ފިނޭންސް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މީގެކުރިން ވިދާޅުވީ ފުނައްޑޫ އަލުން އޮޕަރޭޝަނަށް ގެނެވޭނީ އެރަށުގެ ބަނދަރު ހަދައި އަދި އެހެން ބައެއް މަސައްކަތްތައް ކޮށްގެން ކަމަށެވެ. އެ މަސައްކަތްތަކަށް 10 މިލިއަން ޑޮލަރުގެ ލޯނެއް ބޭނުންވާނެކަމަށާއި ލޯން ހޯދަން މިފްކޯއާ ހަވާލުކުރައްވާފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ފުނައްޑޫގައި ކުރަންޖެހޭ ހުރިހާ މަަސއްކަތެއް ނިމި އެރަށް އަލުން އޮޕަރޭޓް ކުރަން ފެށޭނީ ކޮން އިރަކުންތޯ އެހުމުން ފައުޒީ ވިދާޅުވީ ސީދާ ތާރީހެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

ފުނައްޑޫ މަސް ފެކްޓްރީ ހުއްޓާލާފައިވާތީ ތ. އަތޮޅުގެ ރައްޔިތުން ކަންބޮޑުވެފައި ތިބިކަން ފާހަގަކޮށް އެރަށް އަލުން އޮޕަރޭޝަނަށް ގެނެސްދިނުމަށް އެދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން މިދިޔަ ހަފްތާ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.