ތ. ފުނައްޑޫގައި ގާއިމުކޮށްފައިވާ މަސް ގަންނަ ފެސިލިޓީ އަލުން އޮޕަރޭޝަނަށް ގެނެވެން އޮތީ 10.2 މިލިއަން ޑޮލަރު -- 157.3 މިލިއަން ރުފިޔާ ލިބިގެން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ހުސައިން މިހެން ވިދާޅުވީ ފުނައްޑޫގައި މިފްކޯގެ ފަރާތުން މަސް ގަންނަން ފަށާނެ ތާރީހަކީ ކޮބައިތޯ އޮޅުންފިލުއްވުމަށް ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވި ޖަވާބުގަ އެވެ.
ހުސައިން ވިދާޅުވީ ފުނައްޑޫގައި ހަދާފައިވާ މަސް ގަންނަ ފެސިލިޓީ އަލުން އޮޕަރޭޝަން ގެނައުމަށްޓަކައި ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެރަށުގެ ބަނދަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާތީ ބަނދަރުގެ ބޮޑު މަރާމާތެއް ކުރަންޖެހުން ކަމަށެވެ. ބަނދަރު މިހާރު އޮތް ހާލަތުން އެރަށުން މަސް ގަނެ އެކްސްޕޯޓް ކުރުމަށް ވަރަށް ގިނަ ގޮންޖެހުންތައް ހުރިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ބަނދަރު ހެދުމާއެކު މުޅި ފެސިލިޓީ މަރާމާތުކޮށް އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް 10.2 މިލިއަން ޑޮލަރު -- 157.3 މިލިއަން ރުފިޔާ ހަރަދުކުރަންޖެހޭ ކަމަށެވެ. ނަމަވެސް ދައުލަތުގެ ބަޖެޓުގެ ތެރެއިން އެ ފައިސާ ލިބޭނެ ގޮތެއް ނެތުމުން މިފްކޯއާއި ހަވާލުކޮށްގެން ބޭންކްތަކުގެ ތެރެއިން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސާ އެކު މަޝްވަރާކޮށް އެފަރާތުގެ މަޝްވަރާގެ މަތިން މިފައިސާ އަކީ 2022 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ބަޖެޓުގައި ހިމެނިފައިވާ ފައިސާއަކަށް ނުވާތީވެ އަދި މިވަގުތު ދައުލަތުގެ ކޭޝްފްލޯގެ ހާލަތު ހުރި ގޮތުން މިކަމަށް ދައުލަތުގެ ބަޖެޓުން މިމިންވަރަށް ފައިސާ ދޫކުރުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ބޭންކިން ނިޒާމުގެ ތެރެއިން މިކަމަށް ބޭނުންވާ ފައިސާ ހޯދުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް މިފްކޯ އަށް ވާނީ އަންގާފަ އެވެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. ހުސައިން ވިދާޅުވީ މިފްކޯގެ މާލީ ހާލަތު ހުރި ގޮތުން ބޭންކްތަކުގެ ތެރެއިން ލޯނެއް ހަމަޖެއްސުމަށް އަދި ދެމަސް ދުވަސް ވަރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. ލޯނު ހަމަޖެހުމުން މަސައްކަތް ފަށާތާ އަށް މަސް ދުވަސް ތެރޭގައި ފުނައްޑޫގެ އޮޕަރޭޝަން ފެށޭނެ ކަމަށާއި އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެރަށުން މަސް ގަންނަން ފަށާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.
ފުނައްޑޫގައި މަސް ގަންނަ ފެސިލިޓީއެއް ތަރައްގީކޮށް 2004 ވަނަ އަހަރު އެރަށުން މަސްގަނެ އެކްސްޕޯޓް ކުރަން ފެށީ ކުރީގެ ހޯމް މިނިސްޓަރު އަހްމަދު ތަސްމީން އަލީގެ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުންނެވެ. އެ ކުންފުނިން މަސްގަތުމުގެ އޮޕަރޭޝަން 2008 ވަނަ އަހަރު ހުއްޓާލުމުން އެރަށް ވިއްކާލަން ބޭންކް އޮފް މޯލްޑިވްސް އިން އިއުލާން ކުރީ އެރަށް ހަދަން ނެގި ލޯން އެ ކުންފުނިން ނުދެއްކުމުންނެވެ.
މިސަރުކާރު ވެރިކަމާ ހަވާލުވެ ފުނައްޑޫގެ ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށްފަހު ފުނައްޑޫ ކާރުހާނާ ސަރުކާރަށް ގަނެ އެތަން ހިންގަން މިފްކޯއާ ހަވާލުކުރީ މިއަހަރުގެ މާޗް ހަވަނަ ދުވަހު އެވެ. ފުނައްޑޫ ގަނެ މިފްކޯގެ ދަށަށް ބަދަލުކުރީ އެ ރަށް ވިއްކަން ބޭންކް އޮފް މޯލްޑިވްސް އިން އެތައް ފަހަރަކު އިއުލާންކުރުމުން ވެސް އެކަށީގެންވާ ތަރުހީބެއް ނުލިބުމުންނެވެ.