މިފްކޯ

މަސް ގަންނަން ބޭރުން ތިން ބޯޓު ގެންނަނީ

Aug 29, 2022
1

ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުމަށް ތައްޔާރުވުމުގެ ގޮތުންނާއި ދެކުނުގެ މަސްވެރިން ބާނާ މަސް ގަތުމަށްޓަކައި ރާއްޖެއިން ބޭރުން ތިން ބޯޓެއް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހު މަސްވެރިކަމުގެ މޫސުން ފެށެން ވާއިރަށް ކުންފުނިތަކުން ތައްޔާރުވަމުންދާ ކަމަށެވެ.

މަސްވެރިކަމުގެ މޫސުމުގައި ދެކުނުގެ މަސްވެރިން ބާނާ މަހުގެ އަދަދު އަބަދުވެސް އިތުރުވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މަސްވެރިން ބާނާ މަސް ގަތުމުގެ ގާބިލްކަން އިތުރުކުރުމުގެ ގޮތުން ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އަދިވެސް ވަގުތުތަކެއް ނަގާނެ ކަމަށް ފެންނާތީ ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުމަށް ތައްޔާރުވުމަށް ތިން ބޯޓެއް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނުނީ އެކަން ހައްލުކުރެވޭނީ އެކަށީގެންވާ ގޮތަކަށް ބޭރުން މަސް ގަންނަ ބޯޓް ގެނެސްގެންނާއި ސަރުކާރަށް އެ ކެޕޭސިޓީ ގަނެގެން އެކަން ކުރުމުގެ ފުރުސަތު ދީގެން ކަން. ބޭރުން މަސްބޯޓް ފަހަރު ގެނައުމަށް ހުއްދަ ދިނުމާ ބެހޭ ގަވާއިދު މިހާރު އޮންނާނީ ގެޒެޓްކޮށްފައި. މިފްކޯ އިން އެދަނީ އެބޯޓްތައް ޕްރޮކިއު ކުރުމުގެ މަސައްކަތް ވެސް ކުރަމުން." މިނިސްޓަރު ވިދާޅުވި އެވެ.

ދެކުނުގެ މަސްވެރިކަން ރަނގަޅުވެ މިދިޔަ އޭޕްރީލް މަހު މިފްކޯ އިން ވަނީ މަސް ގަންނަ އަދަދު ކޮންޓްރޯލް ކޮށްފަ އެވެ. އެގޮތުން ދުވަސްކޮޅެއް ވަންދެން މިފްކޯގެ ބަނދަރުތަކުން ކިރީ ދޯންޏަކުން ފަސް ޓަނުގެ މަހެވެ.

މަސް ގަންނަ އަދަދު އިތުރުކުރުމުގެ ގޮތުން މިފްކޯ އިން ދާދި ފަހުން ވަނީ މަސްވެރިން ބާނާ މަސް ގަނެ ފިނިކޮށް ރައްކާ ކުރުމަށް ދުވާލަކު 100 ޓަނުގެ މަސް ފިނި ކުރެވޭ އަދި 300 ޓަނުގެ މަސް ސްޓޯ ކުރެވޭ ބޯޓެއް ރާއްޖެ ގެނެސްފަ އެވެ. މީގެއިތުރުން މަސް އެކްސްޕޯޓް ކުރުމަށް 2،400 ޓަނުގެ ބޯޓެއް (ޖަޒީރާ ރީފާ) ވެސް ރާއްޖެ ގެނެސްފައިވެ އެވެ.