ޑރ. ހުސައިން ރަޝީދު ހަސަން

މަސްދޯނިތަކުގައި ގަވައިދާ ހިލާފަށް ބިދޭސީން ގެންގުޅޭ މައްސަލަ ބަލަނީ

Aug 29, 2022
1

މަސްވެރިކަން ކުރާ އުޅަނދުތަކުގައި ބިދޭސީން ގެންގުޅެން އޮންނަ އަދަދަށް ވުރެ އިތުރަށް ބިދޭސީން ގެންގުޅޭ ކަމުގެ ޝަކުވާ ލިބެމުންދާތީ އެ މައްސަލަ ބަލަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ގެޒެޓްކޮށް އަމަލުކުރަމުންދާ ގަވައިދުގައިވާ ގޮތުން މަސްވެރިކަން ކުރާ އުޅަނދެއްގައި ގިނަ ވެގެން ގެންގުޅެވޭނީ ދެ ބިދޭސީންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅާނެ ފިޔަވަޅަކީ ކޮބައިތޯ ސަލީމު އެއްސެވި އެެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މަސްވެރިކަން ކުރާ އުޅަނދުތަކުގައި ބިދޭސީން ގެންގުޅެން އޮންނަ އަދަދަށް ވުރެ އިތުރަށް ބިދޭސީން ގެންގުޅޭ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި އެކަމުގައި ކަންބޮޑުވެވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޝަކުވާ ލިބެމުންދާ ރަށްރަށަށް ދަތުރުކޮށް އެ މައްސަލަ އޮތް ގޮތް ބެލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ނަމަވެސް ގޯސްކޮށް އެއްވެސް ފަރާތަކުން އަމަލުކޮށްފައިވާނަމަ ފިޔަވަޅެއް އަޅާނެ ކަމަކަށް ވިދާޅުވެފައެއް ނުވެ އެވެ.

"ދެން މިއާ ގުޅިގެން ގަވައިދަށް ނޫނިއްޔާ އެހެން ކަމަކަށް ބަދަލެއް ގެންނަންޖެހޭނަމަ އިރާދަކުރެއްވިއްޔާ އެކަން ކުރިއަށް ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. ހުސައިން އިތުރަށް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ނުހުއްޓި އަދި ދެމެހެއްޓެނިވި ގޮތަކަށް މިސިނާއަތް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.