މަސްވެރިކަމުގެ ސިޔާސަތު ރަނުން ރަނަށް ތަންފީޒުކުރުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ވެރިކަމެއް އޮވެ އެމްޑީޕީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ހިންގުމުގައި ފަހަތުފަޔަށް ބުރަވެފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ގަރާރު މަޖިލީހަށް ތައާރަފުކުރުމެވެ.
ގަރާރުގައި ބުނެފައިވަނީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް އެމްޑީޕީން ހުށަހެޅި މަސްވެރިކަމުގެ ސިޔާސަތު ތަންފީޒުކޮށްދެއްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ކެމްޕެއިންގައި އެތައް ފަހަރަކު ވައުދުވެވަޑައިގެންނެވި ކަމަށެވެ.
އިންތިހާބުވެ ރައީސް އޮފީހުގެ ވެބްސައިޓުގައި އެ ސިޔާސަތު ޝާއިއުކޮށް އެ ސިޔާސަތުގެ މައްޗަށް ބިނާކޮށް ކުރިން އަމަލުކުރަމުންދިޔަ މަސްވެރިކަމުގެ ގާނޫނު އުވާލި ކަމަށް ވަނީ ބުނެފަ އެވެ. 2019 ވަނަ އަހަރު މަސްވެރިކަމުގެ އާ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން އެކުލަވާލައި އަމަލުކުރަން ފެށިފައިވާއިރު އެ ސިޔާސަތު ތަންފީޒުކުރުމުގައި ރައީސް އާއި ފިޝަރީޒް މިނިސްޓަރު ފަހަތު ފަޔަށް ބުރަވެ، ރާގު ބަދަލުވެ، މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދި މަސްވެރިންގެ ކަންބޮޑުވުންތަކަށް އަޅާނުލާ ކަމަށް ވަނީ ބުނެފަ އެވެ.
"(މަސްވެރިކަން) މި ސިނާއަތު ކުރިއަރުވަން އެކަށީގެންވާ މަސައްކަތެއް ސަރުކާރުން ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން، މަހަށް ފުރާ އުޅަނދުފަހަރާއި، މަސްވެރިކަމުގައި ހަރަކާތްތެރިވާނެ ދިވެހީން މަދުވަމުން ދިޔުމާއި، ދިވެހީންގެ އިގުތިސާދުގެ ލޭނާރު ކެނޑި ހިނގައިދާނެ ކަމުގެ ބިރު،" ފެންނަ ކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ.
އެމްޑީޕީގެ މަސްވެރިކަމުގެ ސިޔާސަތާއި ރައީސް އޮފީހުގައި މިހާރު ޝާއިއުކޮށްފައިވާ ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުގައިވާ މަހަށް ހަމަ އަގު ހޯދައިދިނުން ފަދަ މުހިންމު ވައުދުތައް ނިމެންދާއިރުވެސް ފުއްދިފައިނުވާ ކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ.
"މި ވައުދުތައް ފުއްދުމުގެ ބަދަލުގައި، ސަރުކާރުގެ ރާގު ބަދަލުވެ، މި ކަންކަން ނުވާނެ ކަމަށާއި ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއާއި ކަމާގުޅޭ ވަަޒީރު ތަކުރާރުކޮށް އެކި އެކި ޕްލެޓްފޯމްތަކުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭ،" ކަމަށް މި ގަރާރުގައި ބުނެފައިވެ އެވެ.