މިއަދުގެ ސަރުކާރުން ތަންފީޒު ކުރަމުންދަނީ ވަކި ޕާޓީއެއްގެ ސިޔާސަތެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
ޑރ. ހުސައިން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ޒާހިރު ހަތަރު ސުވާލެއް ކުރެއްވި އެވެ. އެގޮތުން އެމްޑީޕީގެ ސިޔާސަތު ތަންފީޒު ނުވަނީ ކީއްވެގެންތޯއާއި، މަހަށް ހަމަ އަގު ނުލިބިގެން އުޅެނީ ކީއްވެގެންތޯ އާއި އަދި ގޭދޮށު މަސް ފެކްޓަރީތައް ހުވަދު އަތޮޅުގައި ނޭޅިގެން އުޅެނީ ކީއްވެގެންތޯ އެއްސެވި އެވެ. އޭގެފަހުގައި އެ ސިޔާސަތުތައް ކޯލިޝަން ސަރުކާރަށް ތަންފީޒު ކުރަން ދަތިވަނީ އެއީ އެމްޑީޕީގެ ސިޔާސަތުތަކަކަށް ވާތީތޯ ވެސް ޒާހިރު ސުވާލު ކުރެއްވެވި އެވެ.
ޒާހިރަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހުސައިން ވިދާޅުވީ މިސަރުކާރުން ތަންފީޒު ކުރަނީ އަދި މިސަރުކާރުގެ ނަމުގައި ކުރަމުންދާ ކޮންމެ ކަމެއް ކުރަނީ ވެސް މިސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިސަރުކާރުގައި އެމްޑީޕީ ވެސް ހިމެނޭތީ ސަރުކާރުން ތަންފީޒު ކުރަނީ ކޯލިޝަން ސަރުކާރެއްގެ ސިޔާސަތު ކަމަށާއި ވަކި ޕާޓީއެއްގެ ސިޔާސަތު ނޫން ކަމަށެވެ. އަދި ކޮންމެ ސިޔާސަތެއް ތަންފީޒު ކުރަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވާ ގޮތަކަށް ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ހަމަ ޔަގީންކަމާ އެކު އެނގެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އެޕްރޫވަލް އޮވެގެން ހިންގާ ސިޔާސަތުތަކެއް މިސަރުކާރުން ތަންފީޒުކުރަމުން ގެންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތަކަށް އިސްކަންދީގެން އެ ސިޔާސަތުތައް ތަންފީޒު ކުރަމުން ނުދިއުމަކީ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން އަބަދުވެސް ކުރައްވާ ޝަކުވާ އެކެވެ.