އިހުގެ ނޫސް: ޓީޗަރުންނަށް ދެވުނު ގަދަރު

ރާއްޖޭގައި ހިދުމަތުގެ މައިގަނޑު ދާއިރާތަކުގައި މަސައްކަތްތެރިންގެ ތިބި ނިކަމެތި ހާލަތު އަހަރަކު އެއް ފަހަރު ނަމަވެސް މީޑިއާގެ ފަލަ ސުރުހީތަކުން ފެނެ އެވެ. އެ ދާއިރާއަކަށް ހާއްސަވާ ބައިނަލްއަގުވާމީ ދުވަހަކީ، އެކަށީގެންނުވާ އުޖޫރައަކަށް، ބުރަކޮށް މަސައްކަތްކުރާ އެމީހުންގެ އީދެވެ. އެމީހުންގެ ހުވަފެންތަކުގައި ކުލަ ޖައްސައިދޭނެކަމަށް ސިޔާސީ ބޭފުޅުން ވެވަޑައިގަންނަވާ އުއްމީދީ ވައުދުތަކެވެ.

އަނެއްކާވެސް ދެން އަންނަ އަހަރެއްގެ އެ ދުވަހެއްގެ އިންތިޒާރުގައި ތިބެވޭ އެއް ބަޔަކީ ޓީޗަރުންނެވެ. ގައުމުގެ މުސްތަގުބަލު ބިނާ ކުރުމުގެ ޒިންމާ ބޮލުގައި އެޅިފައިވީ ނަމަވެސް، މުޅި ނިޒާމުން އެންމެ ބޮޑަށް އިހުމާލުވެފައިވާ އެއް ބަޔަކީ ޓީޗަރުންނޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ގިނަ ފަހަރު އެ ޒިންމާތައް އަދާ ކުރުމަށްޓަކައި އަމިއްލަ ދިރިއުޅުން ގުރުބާން ކުރަން ޖެހިފައިތިބި ޓީޗަރުންނަށް ކުރެވޭ އިހުތިރާމް ހުރީ މުޅި ގައުމު ލަދުގަންނަންޖެހޭ ދަރަޖައިގަ އެވެ. ޝުކުރުގެ ބަދަލުގައި ކޮންމެ ދުވަހަކު އަމާޒު ވަނީ ފާޑުކިއުމާއި ބަދު ބަސްތަކެވެ.

ސިޔާސީ މައިދާން "އިއްޒަތްތެރި" ވުމުގެ ކުރިން ރާއްޖޭގައި އެންމެ ގަދަރުވެރި އެއް ބަޔަކީ ޓީޗަރުންނެވެ. މިހާރު ވަޒީރުންނާ މަޖިލީސް މެމްބަރުންގެ ހުރިހާ ހަރަކާތަކަށް މުޅި ގައުމު ސަމާލުކަން ދޭއިރު، އެއް ޒަމާނެއްގައި އެ ދަރަޖަ ޓީޗަރުންނަށް ވެސް ދެވުނުކަން އޭރުގެ ނޫސްތައް ބަލައިލުމުން ސާފުވެ އެވެ.

"މޫންލައިޓް" ނޫހުގައި 1972 ވަނަ އަހަރު ޝާއިއުކޮށްފައިވާ ހަބަރެއްގައި ސްކޫލް ޗުއްޓީ ނިންމުމުން، ޓީޗަރުން އެނބުރި ރާއްޖެ އަންނަން ފަށާފައިވާކަން އާންމުންނަށް އަންގައިދީފައިވެ އެވެ.

އެ ޒަމާނުގައި ސްކޫލްތަކުގައި ކިޔަވާދީފައިވަނީ މައިގަނޑު ގޮތެއްގައި ބިދޭސީ ޓީޗަރުން ކަމަށްވާތީ، އެ މީހުން ޗުއްޓީއަށް ގޮސް، އެނބުރި ރާއްޖެ "ދުރުވޭތޯ" އާންމުން އެނގެން ބޭނުންވާކަން އެ ހަބަރުން ސާފުވެ އެވެ. ސަބަބަކީ ކޮންމެ ޒަމާނެއް ކަމުގައި ވީނަމަވެސް، މީޑިއާތައް ފާރަވެރިވާނީ ގައުމަށާއި މުޖުތަމައުއަށް އަދި އާންމުންނަށް މުހިންމުވާ ކަންކަމަށެވެ.

"ހަބަރު ލިބިފައިވާ ގޮތުގައި ސަރުކާރު ސްކޫލްތަކުގެ ވަރަށް ގިނަ ޓީޗަރުން މާލެ ދުރުވެއްޖެ އެވެ. އެއީ، މިދިއަ އަހަރު ނިމުމާ ގުޅިގެން ކުރެއްވި ޗުއްޓީ ދަތުރު ނިންމަވައިފަ އެވެ. އެނގިފައިވާ ގޮތުގައި ޓީޗަރުންގެ މި ދަތުރު އޮތީ އިއްޔެ ހުޅުލެއަށް އައި އެއާ ސިލޯންގެ މަތިންދާބޯޓުންނެވެ. މިގޮތުން އިއްޔެ ދުރުވި ޓީޗަރުންގެ ތެރޭގައި ގިނައީ ނާސަރީ މޮންޓެސޫރީ ސްކޫލްތަކުގެ ޓީޗަރުންނެވެ،" ޖެހިގެން އައި ދުވަހުގެ ފްލައިޓުން ވެސް އިތުރު ޓީޗަރުން "ދުރުވުމަށް" ހަމަޖެހިފައިވާކަމަށް މައުލޫމާތުދެމުން އެ ހަބަރުގައި ލިޔެފައިވެ އެވެ.

އޭގެ ގާތްގަނޑަކަށް 50 އަހަރު ފަހުން، ޓީޗަރުންގެ ހާލަތު ވެއްޓިފައިވާ މިންވަރާމެދު ދައްކާނެ އިތުރު ވާހަކައެއް ނެތެވެ. "މޫންލައިޓް" ނޫހުގެ ހަބަރަށް އެކަނި ބަލައިލިއަސް ފުދެ އެވެ. ސަބަބަކީ، މިހާރު ދަތުރެއް ނިންމައި އެނބުރި ރާއްޖެ އައުމުން މީޑިއާގެ ސަމާލުކަން ލިބި، ހަބަރެއްގެ ޝަރަފު ދެވޭ ހަމައެކަނި ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާތީ އެވެ.