އޯލެވެލްގެ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފެށީ މި މަހުގެ ކުރީކޮޅު އެވެ. ނަތީޖާތައް ލިބުމާއެކު ސްކޫލުތަކުން ރަންވަނަތައް ހާސިލްކުރި ކުދިންނަށް މަރުހާބަ ކިޔަމުން ދިޔަ އެވެ. އޭގެ ތެރެއިން އެންމެންގެ ސަމާލުކަން ހުއްޓުނީ ކެމިސްޓްރީން "އޭ ސްޓާ" އެއް ހޯދި ދަރިވަރަކަށެވެ. އެ ދަރިވަރު މުޅި ދުނިޔެއިން ރަން ވަނައެއް ހޯދުމުންނެވެ. އޭގެ ސަބަބުތައް ބައިވަރެވެ؛ ހއ. އިހަވަންދޫއަށް އުފަން ރަޔާން ރިޔާޒް އަބްދުލް ވާހިދަކީ އުމުރުން އެންމެ 10 އަހަރުގެ ކުއްޖެކެވެ. ކިޔަވަނީ ހުރަވީ ސުކޫލްގެ ގްރޭޑް ފަހެއްގަ އެވެ. ހާއްސަ އެހީއަށް ބޭނުންވާ ރަޔާން، އެންމެ 10 އަހަރުގައި އެހާ ބޮޑު ކާމިޔާބީއެއް ހޯދުމުން މުޅި ރާއްޖޭގެ ސަމާލު ކަމަށް އައީ އެވެ. މުޅި ގައުމުގެ "ސްޕޮޓްލައިޓް" ރަޔާނަށް އެޅުނެވެ.
ކެމިސްޓްރީއަކީ ސައިންސާއި ގުޅިފައިވާ ވަރަށް "ޓްރިކީ" މާއްދާއެކެވެ. ވަރަށް ގިނަ އެއްޗެހި ދަސް ކުރަން ޖެހޭ މާއްދާ އެކެވެ. ރަޔާން އާއި ވާހަކަދައްކާލުމުން އެނގެނީ އެ ވަރުގަދަ އިލްމުގެ ތެރެއަށް އޭނާއަށް ވަދެވުނީ އޭނާ އުޅެ ބޮޑުވި މާހައުލުން ކަމެވެ. ރަޔާންގެ މަންމަ، އައިޝަތު ޔުމްނާ އަކީ ހުރަވީ ސުކޫލްގެ ޓީޗަރެކެވެ. ކިޔަވައި ދެނީ ސައިންސާއި ކެމިސްޓްރީ އެވެ. ރަޔާންގެ ހިތާއި ސިކުނޑީގެ ހުރިހާ ޝައުގެއް ކެމިސްޓްރީއަށް ދޫކޮށްލެވުނީ އެހެން ވެގެނެވެ. އޭނާ ބޮޑުވެގެން ވާން ބޭނުންވަނީ ވެސް ސައިންޓިސްޓަކަށެވެ. އަދި މިހާރު އެންމެ ބޭނުންވަނީ އޭނާގެ އަމިއްލަ ސައިންސް ލެބެކެވެ.
ރަޔާން އޯލެވެލް އިމްތިހާންގައި ބައިވެރި ކުރުވި ގޮތް އެނާގެ ޔުމްނާ ކިޔައިދިނެވެ؛ ޔުމްނާ ބުނި ގޮތުގައި ރަޔާން ކެމިސްޓްރީއަށް ޝައުގުވެރިވާލެއް ބޮޑު ކަމުން ޓެސްޓްކޮށްލަން ފުރަތަމަ ޕާސްޓް ޕޭޕަރެއް ދިނީ އެވެ. އަދި އެ ޕޭޕަރު ވަރަށް ރަނގަޅަށް ރަޔާން ހަދާފައި އޮތުމުން ދެން އިމްތިހާނުގައި ބައިވެރި ކޮށްލަން ވިސްނީ އެވެ. އެހެންވެ މިދިއަ ލޮކްޑައުންގެ ބޭނުން ހިފައު އެކަމަށް ތައްޔާރުވާން ފެށީ އެވެ.
"ރަޔާންގެ ނޮލެޖް ހުރީމަ އަސްލު ރަޔާން ޕާފޯމް ކުރާގޮތް ބަލައިލަން ބައިވެރި ކުރުވީ. އޯޓިސްޓިކް ކުއްޖެއް ވީމަ އެއްތަނުގަ މަޑުން އިންނަން ވެސް އުނދަގޫ ވާނެ. އެހެންވެ ހަމަ ހިތަށް އެރީ އިމްތިހާނުގައި ބައިވެރި ކޮށްގެން ކިހިނެއްބާއޭ ޕާފޯމް ކުރާނީ. ޓެސްޓްކޮށްލަން ދިނީ ފުރަތަމަ ޕާސްޓް ޕޭޕަރެއް. ވަރަށް ރަނގަޅަށް ހެދީ. އެހެންވެ ދެން އިމްތިހާނަށް ތައްޔާރު ކުރަން ފެށީ،" ޔުމްނާ ކިޔައިދިނެވެ.
މަންމައަކީ ކެމިސްޓްރީ ޓީޗަރެއް ނަމަވެސް ރަޔާންގެ ކިޔެވުމުގެ ގިނަ މަސައްކަތް ކުރަނީ އޭނާ އަމިއްލައަށެވެ. އަމިއްލައަށް އިންޓަނެޓުން އެއްޗެހި ސާޗް ކޮށްގެން، އާ އެއްޗެހި ދަސް ކުރުމަށް ރަޔާން އަބަދުވެސް ޝައުގުވެރިކަން ހުރެ އެވެ. މަންމަ ކިޔަވައިދޭން ގެންގުޅޭ ފޮތްތައް އަބަދުވެސް ބަލައި، ކިޔައި ވެސް ހަދަ އެވެ.
ރަޔާންގެ މަންމަ ބުނާ ގޮތުގައި ރަޔާން އަކީ ވަރަށް މޮޅު ކުއްޖެކެވެ. ކުޑައިރުން ފެށިގެން ވެސް ރަޔާން ކިޔެވުމަށް ހާއްސަ ސަމާލު ކަމެއް ދެއެވެ. އަދި ވަރަށް މޮޅެވުމުގެ އިތުރުން އާ އެއްޗެއްސާއި ކަންކަން ދަސްކުރަން މަސައްކަތް ކުރެ އެވެ. އަބަދުވެސް ފޮތްތަކާ ވަރަށް ރައްޓެއްސެވެ. ކެމިސްޓްރީން ނޫން އެހެން މާއްދާތަކުން ވެސް ރަޔާން މަތީ ނަތީޖާ ހޯދަ އެވެ.
މާ ގިނަ ވާހަކައެއް ނޯންނަ ރަޔާން ބުނި ގޮތުގައި އޭނާއަށް ދުނިޔޭގެ ރަން ވަނަ ލިބުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރެއްވުމާއި ހަދިޔާއަކަށް ލެޕްޓޮޕެއް ދެއްވުމުން ވަރަށް އުފާވި އެވެ. އަދި ރަޔާންއަކީ މޮޅު ކުއްޖެއް ކަމަށް ރައީސް ވިދާޅުވުމުން މާ އުފާވި އެވެ.
ރައީސް ވަނީ ފުލުހުންގެ އިދާރާއަށް ޒިޔާރަތްކޮށް އެ އިދާރާގެ ފޮރެންސިކް ލެބްވެސް ބަލާލާފަ އެވެ.
"ޕޮލިސް ބޭފުޅުން ވެސް ބުނީ ވަރަށް މޮޅޭ! އެ ލެބް ބަލާލާފަ އެތާނގައި އަޅުގަނޑު އެކްސްޕެރިމެންޓެއް ހެދީ. ލެބްގައި ކޮމިޓޮގްރަފިކްއެއް ހެދީ. އެތަނުގައި އަޅުގަނޑަށް ނޭނގޭ އެއްޗެއް ނެތް. ހުސް އެނގޭ އެއްޗެހި ހުރީ،" ރަޔާން ހީނލި އެވެ.
ރަޔާން ގަބޫލު ކުރާގޮތުގައި ކެމިސްޓްރީން މިހާރު ވަރަށް މޮޅު ކުއްޖަކަށް ވެވިއްޖެކަން ސާބިތުވެއްޖެ އެވެ. އެހެންވެ ދެން ބޭނުންވަނީ ހިސާބުން މޮޅު ކުއްޖަކަށް ވާށެވެ. އޭގެ މާނައަކީ ހިސާބު މާއްދާއިން ރަން ވަނައެއް ހޯދާށެވެ. ރަޔާންގެ މަންމަ ގަބޫލު ކުރާ ގޮތުގައި މިހާރު ވެސް ރަޔާން އެ މާއްދާއިން ހޯދާ ނަތީޖާ ވަރަށް ރަނގަޅެވެ.
"ރަޔާން ބޭނުން ވެއްޖިއްޔާ ކޮށްދޭނަން. އަދި ހިސާބުން އެގޮތަށް [އޯލެވެލް] އެގްޒާމް ހަދަން ތައްޔާރެއް ނުކުރަން. އަސްލު ރަޔާން ކުރާނީ އަމިއްލައަށް ބޭނުން ވެގެން. މިވަގުތު އަދި އެގްޒާމްގައި ބައިވެރި ކުރާކަށް ނޫޅެން. އެކަމަކު ކިޔަވައިދޭނަން ބޭނުން ވެގެން އުޅެންޏާ،" ޔުމްނާ ބުންޏެވެ.
ރަޔާނަކީ އެކެޑެމިކް ގޮތުން ހުރިހާ މާއްދާއަކުން ވެސް ތޫނުފިލި ކުއްޖެކެވެ. ވަރަށް އަވަހަށް ކަންކަން ދަސްކުރެ އެވެ. ކިޔެވުމުގައި ވިސްނުން ހުންނަނީ އެ ލެވެލްގެ ކުދިންނަށް ވުރެ މާމަތިންނެވެ. ކުރާހިތްވާ ކަންކަމުގެ މައުލޫމާތު އެއްކޮށް، ކަންތައްތައްވާ ގޮތް ބަލައި ހެދުމަކީ ރަޔާން އަބަދު ވެސް ކުރާ ކަމެކެވެ. އާ ކަންކަން ދަސްކުރަން ބޭނުންވެ އެވެ.
މޮޅު ކުއްޖަކަށް ވާން ބޭނުންވާ ކުދިންނަށް ރަޔާން ވަނީ ނަސޭހަތެއް ވެސް ދީފަ އެވެ. ރަޔާން ބުނާ ގޮތުގައި މޮޅުވާން ބޭނުންނަމަ ގިނައިން ފޮތް ކިޔާށެވެ. ނޭނގޭ އެއްޗެހި އޮޅުންފިލުވާށެވެ ޓީޗަރުންނާ މައިންބަފައިންގެ ބަސް އަހާށެވެ. އެގޮތުގައި ކުރިޔަށްދާ ކުދިންނަށް ކާމިޔާބު ވާނެ އެވެ.