މިނިސްޓްރީ އޮފް އެޑިއުކޭޝަން

އޯ ލެވެލާއި އޭ ލެވެލް މޭ / ޖޫން އަށް

އޯލެވެލް އަދި އޭލެވެލް އިމްތިހާން ދެން އޮންނާނީ މޭ/ޖޫން ގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

އެކެޑެމިކް ކަލަންޑަރާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު މިއަދު ވިދާޅުވީ، ކުރިން ރާއްޖޭގައި އޮކްޓޯބަރު/ނޮވެމްބަރުގައި ކުރިއަށްގެންދާ އިމްތިހާނުތައް ބާއްވަން ހަމަޖެހިފައި ވަނީ މޭ/ޖޫން ގައި ކަމަށެވެ.

ދަރިވަރުން އޯލެވެލް އިމްތިހާނު އަހަރުގެ ފަހުކޮޅުގައި ހެދުމަށްފަހު އޭލެވެލްގެ ކިޔެވުން ފެށުމާއި ދެމެދު ހަ މަސް ދުވަސް ހޭދަވެގެންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި ބަދަލާއި އެކީ ދެން ދަރިވަރުން އޭލެވެލް ކިޔަވަން ދުވަސްގަނޑަކު މަޑުކުރަން ނުޖެހޭނެ ކަމަށެވެ.

ދަރިވަރުން އޯލެވެލް ހެދުމަށްފަހު މަޑުކޮށްގެން ތިބޭއިރު އެކުދިން ތިބެނީ ސުކޫލުގެ ހަވާލުގައި ނޫން ކަމަށާއި ގިނަފަހަރަށް އެމުއްދަތު ވެގެންދަނީ ދަރިވަރުންގެ އަތުން ދާ ބޭކާރު ދުވަސްތަކެއްގެ ގޮތުގައި ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެކެޑެމިކް ކަލަންޑަރަށް ގެނެވުނު އާ ބަދަލާއި އެކީ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް މިހާރު ހަމަޖެހިފައި ވަނީ އޮގަސްޓް މަހުގަ އެވެ. ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށޭނީ ޖޫން ފަހުކޮޅު ނުވަތަ ޖުލައި ކުރީކޮޅުގަ އެވެ.