ހަބަރު

ސެޓްފިކެޓް ލަސްވަނީ ދިމާވި ދަތިން: މިނިސްޓްރީ

އޯލެވެލާއި އޭލެވެލް ސެޓްފިކެޓްްތައް ނުދެވި ލަސް ވަނީ އިމްތިހާނު ފޯރުކޮށްދޭ މައި މަރުކަޒުތަކުން ސެޓްފިކެޓް ފޮނުވުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހު އޯލެވެލް އަދި އޭލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ސެޓިފިކެޓް އަދިވެސް ދަރިވަރުންނަށް ލިބިފައި ނުވާތީ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޯލެވެލް އަދި އޭލެވެލް އިމްތިހާނުގެ ސެޓިފިކެޓަކީ އިމްތިހާނު ނިމޭތާ މަހެއް ނުވަތަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ދަރިވަރުނަށް ނަތީޖާ ލިބި އޭގެ މަހެއް ނޫނީ ދެ މަސް ފަހުން ރީ މާކިން ޕްރޮސެސް ނިންމާ ލިބެމުން އަންނަ ސެޓްފިކެޓްތަކެކެވެ. ނަމަވެސް މިހާތަނަށް ވެސް މި ސެޓްފިކެޓުތައް ނުލިބެ އެވެ.

މި ކަންބޮޑުވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއަށް ސެޓްފިކެޓްތައް ގެނައުމުގައި ދަތިތަކާ ކުރިމަތިވެ ސެޓްފިކެޓުތައް އަދިި ގެނެވިފައި ނުވާ ކަމަށެވެ. އޭލެވެލްް އަދި އޯލެވެލް ސެޓްފިކެޓް ތަކަކީ އެ ޔުނިވާސިޓީތަކުން ޕްރިންޓްކޮށް ސީލް ޖެހުމަށްފަހު ސެންްޓަރުތަކަށް ފޮނުވާ އެއްޗެއް ކަމަށާއި ސެޓްފިކެޓްތައް ޕްރިންޓު ކުރާނީ ރީޗެކް މަރުހަލާ ނިމި ދަރިވަރުންގެ ނަތީޖާތައް ކަށަވަރު ވީމައި ކަމަށް ބަޔާނުގައި ވެ އެވެ.

"... މި މަރުހަލާ ނިމި ސެޓްފިކެޓްތައް ފޮނުވުމާ ހަމައަށް އައި އިރު ކޮވިޑް-19 އިގެ ސަބަބުން އިނގިރޭސިވިލާތާއި އަދި އެހެން ގިނަ ގައުމުތަަކުގެ އެއާޕޯޓުތައް ބަންދުކޮށް އެ ގައުމުތައް އޮތީ ބަންދު ކޮށްފައި ކަމުން، ސެޓްފިކެޓުތައް ރާއްޖެއާ ހަމައަށް ގެނެވިފައި ނުވާ ކަމަށް ދަންނަވަން" އެޑިއުކޭޝަންގެ ބަޔާނުގައި ވެ އެވެ.

އަދި، އިމްތިހާނު ފޯރުކޮށްދޭ މައި މަރުކަޒުތަކުން ސެޓްފިކެޓް ފޮނުވުމުގައި ދިމާވި މި ދަތިތަކުގެ ސަބަބުން ސެޓްފިކެޓުތައް ދަރިވަރުންނަށް އަދި ނުދެވޭ ކަމަށް ބަޔާނުގައި ބުންޏެވެ.

އިތުރަށް ބަޔާނުގައި ބުނީ އޯލެވެލް އޭލެވެލް ސެޓްފިކެޓުތައް ލިބުނުހާ އަވަހަކަށް ދަރިވަރުންނަށް ދޫކުރުމުގެ އިންތިޒާމުތައްވެސް ހަމަޖައްސާނެ ކަމަށެވެ.

ސެޓްފިކެޓް ލިބުމުގެ ކުރިން މަތީ ތައުލީމުގެ ފުރުސަތަށް އެދި ހުށަހަޅަން ބޭނުންވެއްޖެ ނަމަ މިހާރު ދޫކޮށްފައިވާ ނަތީޖާ ޓްރާންސްކްރިޕްޓު ބޭނުން ކުރެވޭނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.