ހަބަރު

އޭލެވެލް، އޯލެވެލް ސެޓްފިކެޓް ދޫކުރަން ފަަށައިފި

މިދިޔަ އަހަރު އޮކްޓޯބަރު ނޮވެންބަރު ގައި އޯލެވެލް އަދި އޭލެވެލް އިމްތިހާން ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް ދަރިވަރުންނަށް ދިނުމުގެ މަސައްކަތް ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ އަހަރު އޯލެވެލް ހެދި ދަރިވަރުންގެ ސެޓްފިކެޓުތައް މިހާރުވަނީ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އަށް ލިބިފައި ކަމަށެވެ. އަދި، ސްކޫލްތަކަށް ސެޓްފިކެޓް ފޮނުވުމުގެ މަސައްކަތް ފަަށާފައިވާއިރު އެ ސްްކޫލަކަށް ލިބުނުހާ އަވަހަށް ދަރިވަރުންނަށް ދޫކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

އޭލެވެލް އިމްތިހާން ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތްވެސް ކުރިއަށްދާއިރު ބައެއް ސްކޫލްތަކަށް މިހާރުވަނީ ސްޓެފިކެޓްތައް ލިބިފަ އެވެ.

މިނިސްޓްރީން ބުނީ އެއްވެއުޅުން މަނާކޮށްފައިވާ ހާލަތުގައި ސޯޝަލް ޑިސްޓަންސިން އަށް ބެލުމަށްފަަހު ސްކޫލްތަކުން ދަރިވަރުންނަށް ސެޓްފިކެޓްތައް ދޫކުރާއިރު އަމަލުކުރަންޖެހޭ ގޮތުގެ އުސޫލެއް ވެސް ވާނީ ސްކޫލްތަކާ ހިއްސާކުރެވިފައި ކަމަށެވެ.

އޯލެވެލް އޭލެވެލް ސެޓްފިކެޓުތައް ލިބުން ލަސްވެ ބެލެނިވެރިންނާއި ދަރިވަރުންގެ ޝަކުވާތައް މިނިސްޓްރީ އަށް އަމާޒުވުމުން، އެޑިއުކޭޝަނުން ބުނީ ސެޓްފިކެޓްތައް ނުލިބި ލަސްވެފައިވަނީ އިމްތިހާނުތައް ފޯރުކޮށްދޭ މައިމަރުކަޒުތަކުން ސެޓްފިކެޓްތައް ފޮނުވުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން ކަމުގަ އެވެ.

"އޭލެވެލް އަދި އޯލެވެލް ސެޓްފިކެޓް ތަކަކީ އެ ޔުނިވާސިޓީތަކުން ޕްރިންޓް ކޮށް ސީލްޖަހައިގެން ސެންޓަރުތަކަށް ފޮނުވާ އެއްޗެއް. ސެޓްފިކެޓްތައް ޕްރިންޓްކުރާނީ ރީޗެކް މަރުހަލާނިމި ދަރިވަރުންގެ ނަތީޖާތައް ކަށަވަރުވީމައި. މި މަރުހަލާ ނިމި ސެޓްފިކެޓް ތައް ފޮނުވުމާ ހަމައަށް އައިއިރު ކޮވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތާއި އަދި އެހެން ގިނަ ގައުމުތަކުގެ އެއާރޕޯޓްތައް ބަންދުކޮށް، ފުރަބަންދުކުރުމުގެ ސަބަބުން ސެޓްފިކެޓް ތައް ލިބުމުގައި ދަތިތަކެއް ދިމާވެ ރާއްޖެ އަށް ގެނައުމުގައި ގޮންޖެހުންތައް ދިމާވި" މިނިސްޓްރީން ބުންޏެވެ.

ސެޓްފިކެޓް ލިބުމުގެ ކުރިން މަތީ ތައުލީމުގެ ފުރުސަތަށް އެދި ހުށައަޅަން ބޭނުންވެއްޖެނަމަ، މިހާރު ދޫކޮށްފައިވާ ނަތީޖާ ޓްރާންސްކްރިޕްޓް ބޭނުންކުރެވިދާނެ ކަމަށް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.