ހަބަރު

މާލޭ ސްކޫލުތަކުން ޖާގަ ދިނުމުގައި މާލޭގެ ރަށްވެހިންނަށް އިސްކަންދެނީ

Oct 9, 2019
2

އަންނަ އަހަރު މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި އިސްކަން ދޭނީ މާލެއަށް ރަށްވެހިވެފައިވާ ފަރާތްތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ފާތުމަތު ނަސީރު ސޮއިކުރައްވާ ސްކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާގައި ވަނީ މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި މާލެއަށް ރަށްވެހިވެފައިވާ ދަރިވަރުންގެ ދާއިމީ އެޑްރެހަށް ބެލުމަށާއި އެ ސްކޫލެއްގެ ސަރަހައްދުގައި ދިރިއުޅޭ މާލޭގައި ރަށްވެހިވެފައިވާ ދަރިވަރުންނަށް އިސްކަން ދިނުމަށެވެ.

ދެވަނައަށް އިސްކަން ދޭން ޖެހޭނީ އެ ސުކޫލެއްގައި ކިޔަވާ ދަރިވަރުންގެ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެންބަނޑު ދަރިވަރުންނަށް ކަމަށެވެ. ނަމަވެސް އެކުދިން ވާންޖެހޭނީ އެ ސްކޫލު ސަރަހައްދުގައި ދިރިއުޅޭ ކުދިންނަށް ކަމަށެވެ.

ތިން ވަނަ އަށް އިސްކަން ދިނުމަށް ސާކިއުލާގައި އަންގާފައިވަނީ އެ ސްކޫލުތަކުގެ ދާއިމީ ޓީޗަރުންގެ ދަރިންނާއި އެ ސުކޫލްގެ ދަރިވަރުންގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ކަމަށެވެ.

އެ ކަންކަމަށް ބަލައި ޖާގަތައް ހަމަޖެއްސުމަށްފަހު، ބާކީހުރި ޖާގަތަކަށް ދަރިވަރުން ކަނޑައަޅާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ސްކޫލު ސަރަހައްދާ އެއްގޮތްވާ ގޮތުގެ މަތިން ދަރިވަރުން ދިރިއުޅޭ އެޑްރެހަށް ބެލުމަށްފަހުގައި ކަމަށްވެސް ސާކިއުލާގައިވެ އެވެ.

ސަރުކާރު ސްކޫލުތަކުން ފައުންޑޭޝަން ނިންމާ ގްރޭޑު އެކަކަށް ބަދަލުވާ ދަރިވަރުންނަށް އެ ދަރިވަރަކު ފައުންޑޭޝަން ލެވެލް ނިންމި ސަރުކާރު ސްކޫލަކުން ޖާގަ ހަމަޖެހިގެންދާނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ. ނަމަވެސް ފައުންޑޭޝަން ކިޔަވާދޭ ސަރުކާރު ސުކޫލެއް ރާއްޖޭގައި މިވަގުތު ނޯވެ އެވެ.

އެކަމާ ގުޅިގެން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވަނީ މާލޭގެ ސްކޫލްތަކުން ދަރިވަރުންނަށް ޖާގަ ދިނުމުގެ އުސޫލެއް ހަދަން ޖެހުނީ އިސްކަންދަރު ސުކޫލާއި ޖަމާލުއްދީން ސުކޫލުގައި އަންނަ އަހަރު އަލަށް ގުރޭޑް އެކަކަށް ވައްދާ ދަރިވަރުންނަށް ދެވެންހުރި ޖާގައިގެ އަދަދަށްވުރެ، އެ ސުކޫލްތައް ހިމެނޭ ކެތްމަންޓް އޭރިއާގައި ދިރިއުޅޭކަމަށް ހުށަހަޅާފައިވާ ދަރިވަރުންގެ އަދަދު އިތުރުވެފައިވުމުން ކަމަށެވެ.

ބައެއް ސުކޫލްތައް ހިމެނޭ ސަރަހައްދުތަކަށް ގަވާއިދާ ހިލާފަށް އެސަރަޙައްދުގައި ނޫޅޭ ފަރާތްތަކުން އެސަރަހައްދުގައި
އުޅޭކަމަށް ލިޔެކިޔުން ހުށަހަޅައި ސުކޫލުން ޖާގަ ހޯދުމަށް މަސައްކަތް ކުރާ ކަމަށެވެ. އެކަމުގެ ސަބަބުން އެސުކޫލް ހިމެނޭ ސަރަޙައްދުގައި ދިރިއުޅޭ ދަރިވަރުންނަށް ޖާގަ ލިބުމުގެ ފުރުސަތު ހަނިވެގެން ގޮސްފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

މިއުސޫލުގެ ދަށުން އިސްކަންދަރު ސުކޫލާއި ޖަމާލުއްދީން ސުކޫލް ހިމެނޭ ސަރަހައްދުން ސުކޫލަށް ވަނުމަށް އެދިފައިވާ
ދަރިވަރުންނަށް އިންސާފުވެރިކަމާއެކު ފުރުސަތު ދެވިގެންދާނެ ކަމަށެވެ. އަދި މާލެ ސަރަޙައްދުގައި ހިމެނޭ އެހެން ހުރިހާ ސުކޫލްތަކުން އެސުކޫލް ހިމެނޭ ސަރަޙައްދުތަކުން ސުކޫލަށް ވަންނަން އެދިފައިވާ ދަރިވަރުންނަށް ޖާގަ ދެވޭނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.