ލައިފްސްޓައިލް

މި ރީތީގެ ރާނީގެ މަދީ ހަމައެކަނި ތާޖު!

މިއީ ނ. މިލަދޫ ހައްވާ އަބޫބަކުރު (ހައްވަ ދައިތަ) އެވެ؛ މިހައިރުން ހައްވަ ދައިތަގެ އުމުރު ވެސް 90 އާ ކައިރިވެފައި ވެއެވެ. އަދި މިހައިރުން ކުއްލި ގޮތަކަށް އެންމެން ފަރިތަ މޫނަކަށް ވެސް ހައްވަ ދައިތަ ވެއްޖެ އެވެ. ސޯޝަލް މީޑިއާ ޓްރެންޑިންގައި ވެސް ހައްވަ ދައިތަ ހިނގާލެއް ކުޑައެއް ނޫނެވެ. މި ރޯދަމަހުން ދުވަހެއްގެ އަސުރުން ތިރިވާން ދަނިކޮށް ހައްވަ ދައިތަ ހޯދާލައި މާލޭގައި އޭނާ އިންނަ ކުލީ ކޮޓަރީގެ ތެރެއަށް ވަދެލާ ހިތްވީ ވެސް އެހެން ވެއެވެ.

އެއީ ހަމަ އާދައިގެ ކޮޓަރިއެކެވެ. ހައްވަ ދައިތަ އިނީ އެނދުގައި އިށީނދެލައިގެނެވެ. އުނގު ތެރެއަށް ހަތިމު ހުޅުވާލައި އަޑު ވީއްލާއި ގުރުއާން ކިޔަވަނީ އެވެ. ފުރަތަމަ ނަޒަރުވެސް ގެންދިޔައީ މާމަ / ހައްވަ ދައިތަގެ އާދަޔާހިލާފު ރީތި މޫނުގެ ފުރިހަމަ ބައްޓަމަށެވެ. އެ އުމުރުގައި ވެސް އޭނާގެ ދެ ލޮލުގެ ފުން ކަމާއި މޫނުމަތީގެ ސާފު ކަމުގެ ތެރެއިން ފެނުނީ އަޖައިބު ހައިރާނެއްހާ އުޖާލާ ކަމެކެވެ. އެ ރީތި ބަލައިލުމާއި ހިނިތުންވުމުގައި ބުނެދޭން ނޭނގުނު ޖާދުވީ އެތައް ސްޓޯރީއެއް ވެއެވެ. މިހައި ދޮށީ އުމުރެއްގެ މޫނަކުން އާދަވެ ފެންނަ ނުތަނަވަސް ކަމާއި ދިރުއުޅުމާމެދު އެ އުމުރުގެ މީހުނަށް އޮންނަ މާޔޫސްކަމުގެ ކުޑަވެސް އަސަރެއް ނެތެވެ. ހުރިހާ ވާހަކައެއް ދޫކޮށްލާފައި ބުނެވޭނީ ހައްވަ ދައިިތަ ހާދަހާ ރީއްޗެވެ. ހަމައެކަނި މަދީ ރީތީގެ ރާނީއެއްގެ ތާޖެވެ.

ހައްވަދައިތަގެ އަތުކުރީގެ -- ގިޔުޅު އަތުކުރި -- ބޮނޑިމަހަށް ދޫކޮށްލާފައިވާ ރަން ކެވެލިކޮޅު ތަރަތަރައަށް ވިދައި ގަނެގެން އޮތް އިރު ވާތުގެ ދެ އިނގިއްޔެއްގައިވާ ރަން ދެ އަނގޮޓި ވެސް ފަހުރަކަށް ވެގެން ގިރިޓީ ވެފައި އިނެވެ. ހިތާ ކައިރިއަށް ވާގޮތަށް ހަތިމް ލައްޕާލައި ސަލާމަކުން ގޮވާލައި އެނދުގެ ބޯލާ ކޮޅުގައިހުރި އިހުގެ ރޭޑިއޯއެކޭ ބުނާހާ ދުވަސްވީ ކުޑަ ރޭޑިއޮލެއް ކައިރީ ހަތިމް ބާއްވާލި އެވެ. ދެން ރީތި ހިތުންވުމެއް ދިނެވެ.

ވާހަކަ ފަށައިގަތުމުން އަހައިލެވުނެވެ: "މާމަގެ ހާދަ ރީތި ފޮޓޯތަކެއް އެބަ ފެނެޔޭ... އެއީ ކޮން ފޮޓޯތަކެއް؟"

ހައްވަ ދައިތަ ބަލަން އިނީ ސީދާ ލޮލަށާއި ހަރަކާތަށެވެ. ވިސްނުމެއްގައި އިރުކޮޅެއްވުމުން އެ ވިސްނީ އަހަރެން އެހި ވާހަކައަށް ނޫންހެން ވެސް ހީވި އެވެ. އެކަމަކު އިރުކޮޅަކުން ހައްވަ ދައިތަގެ ފަރާތުން ޖަވާބަކަށް ފުދޭ ދެ ސުވާލެއް އަތުވެއްޖެ އެވެ:

"ރީތި ތަ؟ ހަމަ އަސްލު ވެސް ރީތި ތަ؟ އެއީ މި ޝުއާދް [މާމަ ދަރިއަކަށް ނިސްބަތް ކޮށް] މެންގެ ކަންތައް،"

އެއީ މާމަ ކުދީންގެ ތެރެއިން ޝުޢާދު އަބްދުއްސައްތާރު (ޝު) ގެ ކަމަކަށް ވިޔަސް މިހައިރު މުޅި ގަމަށް / ރަށަށް އަދި މި ބޮޑު ދުނިޔަށް ފެންނާނެހެން ސޯޝަލް މީޑިއާގައި ވެސް މާމަ ސުޕަ މޮޑެލްއަކަށް ވެފައި ވެއެވެ. އެކި ޕޯޒްތަކުގައި މާމަ ނަގާފައިވާ އާދަޔާހިލާފު ރީތި ފޮޓޯތަކެއް ފެނެ އެވެ. އަނެއްކާ އެ ފޮޓޯތައް އެހައި ވެސް ހިނގަ އެވެ. ހައްވަ ދައިތަގެ މާމަ ކުދީންގެ ތެރެއިން ޝޫ އަކީ ޕްރޮފެޝަނަލް ފޮޓޯގްރާފަރެކެވެ. މާމަގެ މިހައިރު ނުކުމެގެން އުޅޭ އަޖައިބެއްހާ ރީތި ފޮޓޯތަކަކީ އޭނާގެ ކެޕްޗާ ކުރުމެކެވެ.

ޝޫ، އޭނާގެ ކެމެރާގެ ފޯކަސް މާމައާ ދިމާއަށް އަނބުރައިލީ ވެސް ގޭ ފެންޑާގެ ފޮޓޯއަަކަށް ވިޔަސް މާމަ ފޮޓޯއަށް ހުއްޓިލާ އިރު ދިރިއުޅުމުގެ ހުރިހާ ފިކުރެއް ދޫކޮށްލައި ފޮޓޯގަނޑަކަށް ވެލައިގެން ހުންނަ ގޮތުންނެވެ. މިޒަމާނުގެ އެއް ނަމްބަރުގެ މޮޑެލުން ވެސް ދޭފަދަ މީހަކު އާޝޯހުކޮށްފާނެ ރީތި ހިނިތުންވުމެއް މާމަ ދޭތީ އެވެ. އެ ހުއްޓިލުމުގައި ގެންނަ ހަރަކާތުގައި ވެސް ދޭ ހިނިތުމުގައި ވެސް އަދި މާމަގެ މޫނުމަތިން ފެންނަނީ ރީތި ދުނިޔެއެއްގެ ބަންޑުންވާހާ އުފާވެރި ކަމެކެވެ. އަދި މާމަގެ ފޮޓޯއެއް ނަގާއިރު "ބިހައިންޑް ދަ ސީން" ގައި ވެސް މާމައަކީ އެންމެ ފަހުގެ މޮޑެލްއެކެވެ.

"އަޅުގަނޑުގެ މާމަ، ވަރަށް އުފާވޭ މާމަގެ ފޮޓޯ ނަގާތީ... އާ ހެދުމެއް ލާ ކޮންމެ ދުވަހަކު ފޮޓޯއެއް ނަގައިދެން... އެހެން ގޮސް ވަރަށް ގިނަ ފޮޓޯ މިހާރު މާމަގެ ނެގިއްޖެ... އަދި އޭގެ ބައެއް ފޮޓޯތައް އެބަހުރި އާޓިސްޓުން ޕޯޓްރެއިޓް ކުރަހަން ބޭނުން ކޮށްފައި ވެސް" ޝޫ ބުންޏެވެ.

އާޓިސްޓުންގެ މޮޑެލްއެއް

ޝޫ އެ ބުނީ ތެދެކެވެ؛ ސޯޝަލް މީޑިއާއަށް ޝޫ ދޫކޮށްލި އޭނަގެ މާމަ ފޮޓޯއެއް ފެނިގެން މިފަހުން 16 އަަހަރުގެ ޅަފުރައިގެ އާޓިސްޓަކު ވަނީ މާމަގެ ފޮޓޯއެއް އަސްލާ އެއްގޮތަށް ކުރަހާލައި އޮބްޒަވޭޝަނެއް ދީފަ އެވެ. އެއީ އާއިޝް އަޝްރަފެވެ. އޭނާގެ ހުނަރު ބަންޑުން ކޮށްލައިގެން ކުރަހާލި ފޮޓޯގަނޑު ހައްވާދައިތައަށް ވެސް ދައްކާލި އެވެ. އެ ކުރެހުމުގައި ހައްވާދައިތައިގެ މޫނާއި އަތުކުރީގެ ރޫބައިގެ ޓެކްސްޗާތައް ސާފުކޮށް ފާޅު ވެއެވެ. އެ ފޮޓޯގަނޑު އާއިޝް "އެއްލައިލީ" ދިވެހި އާޓް ޕޯސްޓިންގް ގުރޫޕްގެ ތެރެއަށެވެ. އެހިސާބުން ފެށިގެން އެއީ ތައުރީފު ވެސް އޮހެމުންނެވެ. އަދި ހައްވަ ދައިތަ ބަދަލުވީ އާޓިސްޓުންގެ މޮޑެލްއަކަށެވެ.

އާޓިސްޓެއްގެ ފިހިން މީހެއްގެ ސޫރަ ކުރަހާލާއިރު ރުލަކަށް ރުލެއް ލައިގެން ކިތަންމެ ރީއްޗަށް ކަރުދާހަށް ގެނައަސް އަސްލު އިސްޓޯރީ އާއި ދިގު ހަޔާތެއްގެ އަޑި އުސްތަކާއި ތަޖުރިބާތައް ތިލަވާނީ އަސްލު މީހާއަށް ބައްދަލުވެލައި ހާލުއަވާލު އަހާލީމަ އެވެ. ހަޔާތުން ގަރުނަކާ ކައިރި ޖެހެމުންދާ އަންހެނެއްގެ ހަޔާތުގައި ހާދަހާ ކުލައެއް ހާދަ ގިނަ ކަމެއް ހުންނާނެ އެވެ. ހައްވަ ދައިތަ އަކީ އެފަދަ އަންހެނެކެވެ. އޭނާގެ ކަނޑެއްހާ ފުން ދެ ލޮލާއި ކަޅުފޮއިހާ ކަޅު ދެ ކަޅި އާއި "ފިޔާތޮށި ހިނިތުން" ވުމުގެ ފަހަތުގައި ހާދަ ގިނަ އިސްޓޯރީއެއް ވާނެ އެވެ.

ބައްޔެއް ނެތް، ހާލު ރަނގަޅު!

ހައްވަ ދައިތަ މޫނާއި އަތުގައިވާ ކޮންމެ ރުލަކީ ތަޖުރިބާ އެވެ. "ފުލް އޮފް ސްޓޯރީޒް" އެވެ. އެއީ މި ރީތި ހަށިގަނޑުގެ ވެރިޔާ ދުނިޔޭގައި ހޭދަކުރި މިނެޓުތަކުން އެއްކޮށްފައިވާ މެޑައްޔާއި ޓްރޮފީތައް ނޫން ދެން ކޮން އެއްޗެއް ހެއްޔެވެ؟ ކުރިމަތިވި ގޮންޖެހުންތަކާއި ހޯދި ކާމިޔާބީ އާއި ކުލަ ޖެހުނު، ނުޖެހުނު ހުވަފެންތަކުގެ ވާހަކަ ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟

ހައްވާދައިތަ ބުނާ ގޮތުގައި ކަރުދާސްކޮޅެއްގައިވާ -- އައިޑީކާޑްގައި -- އޭނާގެ އުމުރަކީ 84 އަހަރެވެ. އެހެން އޮތް ނަމަވެސް އުމުރު މިހާރު 90 އިން މަތިވެދާނެ އެވެ. ހަގީގީ އުމުރު ބުނެދޭކަށް ނޭނގެ އެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ހާލު ވެސް ހަމަ އެންމެ ރަނގަޅެވެ. އުމުރުން ދޮށިވެފައި ވިޔަސް ސިކުނޑި ކޮށިވެ ހަނދާން ނެތުން ފަދަ ކަމެއް ނެތެވެ. އަދިވެސް ވަރަށް ތޫނުފިއްުޔެވެ. -- މާޝާ ﷲ

ގަން / ރަށުގައި ހިނގައިދާ ސިޔާސީ ހުރިހާ ކަމެއް ވެސް ހައްވަ ދައިތައަށް ރަނގަޅަށް އެނގެ އެވެ. އެކަން ދައްކާލުމުގެ ގޮތުން ހައްވަ ދައިތަ ދައްކާލީ ވަރަށް އާދައިގެ ނިޝާނެކެވެ. އެއީ ކައުންސިލް އިންތިހާބުގައި ވޯޓް ދިންކަން އަންގައި ދިނުމުގެ ގޮތުން އިލެކްޝަންސް އޮފިޝަލުން ހައްވަ ދައިތަގެ ވާތު ޝަހާދަ އިނގިލީގެ ނިޔަފަތީގައި ޖަހާފައިވާ ރޮނގުބުރީގެ ފާހަގަ އެވެ.

"އިންތިހާބުގައި ވޯޓް ވެސް ދިން،" އޭނާ ބުންޏެވެ. "އަލްހަމްދުﷲ، އަޅުގަނޑުގެ ހާލު ރަނގަޅު! ބައްޔެއް ނެތް... ދެން ބައްޔަކަށް އޮތީ ބުރަކަށީގައި ރިއްސާ ރިއްސުމެއް! ގިނައިރު އިށީނދެ ނީދެވެނީ އެ ސަބަބާއި ހެދި،"

ލައިފްސްޓައިލް ބައްޓަން ކުރާ ގޮތުން އާއްމުކޮށް މީހުންނަށް ދިމާވާ ލެޔާއި ހަކުރާ މައްޗަށް ދިއުން ފަދަ ކަމެއް ވެސް އިރާދަ ކުރެއްވީތީ ހައްވަ ދައިތަގެ ނެތެވެ. މި ރޯދަ މަހުވެސް ބަރާބަރަށް ރޯދަ ހިފައި ބާރަބަރަށް އަޅުކަމުގައި ސާބިތުވެ އެބަ އިނދެ އެވެ. އަދި ކުދީންނާއި މާމަ ކުދިންނާއެކު ވަގުތު ހޭދަ ކުރެ އެވެ. ހައްވަ ދައިތަ އެންމެ ބޭނުން ވަނީ ކުދީންނާއެކު އޮއްވަޅުގޮނޑި ކުޅެލާ ހަދާށެވެ.

މިއީ ހަގީގީ ރީތީގެ ރާނީއެއް

ހައްވަ ދައިތަ އޭނާގެ ޅަ ދުވަސްތަކުގެ ސޮފުހާއާ ގުޅައިލެވޭނެ ތަންކޮޅެއް ނިއުޅާލައި ވެސް ދިނެވެ؛ ބުންޏެވެ: "އޭރު ވެސް އަހަރެން ރީތިވާން ބޮލަށް މާ ޖަހާ، އެފަދަ ކަމެއް ނުކުރަން... ލިބޭ ތަނަވެސް މީހުން ގަހަނާ ގޮތުގައި އަތުގައި ރަން އުޅާ އަޅާ ހަދާ. އަަހަންނަށް ކަރުގައި އަޅާނެ ފަށެއް އަދި ރަންކޮޅެއް ލިބުނީ އަހަރެންގެ ދަރިންގެ ފަރާތުން،"

ހައްވަ ދައިތައަށް އެންމެ ރީތީ ނޫ ކުލަ އެވެ. މިއަދު އޭނާ އެއިނީ އެންމެ ރީތި ނޫކުލައިގެ ހައުސްކޯޓް ލައިގެނެވެ. އެއާ ގުޅުވާލައި ނޫ ބުރުގާއެއް ވެސް އަޅައިގެނެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ޓީނޭޖް / ފުރާވަރުގައި ރަނުގެ ގަހަނާ އަޅަން ނުލިބުނު ނަމަވެސް އަދި ބޮލު ހުޅި އާއި ދިގު ރާޅުބާނި އިސްތަށިގަނޑަށް މަލާއި މާފަތި ނުލީ ނަމަވެސް އޭރުވެސް ރީތިވެ އެވެ. ރީތިވާން ކުރާ ކަމަކީ ދިވެހި ލިބާހެއް ލާފައި ރީތީ ބުރުގާއެއް އަޅަނީ އެވެ. ވަރަށް އާދައިގެ ރީތި ވުމެކެވެ. އެވަރު ފުދެ އެވެ.

އެކަމަކު ހައްވަ ދައިތަކަކީ އޭނާގެ ފުރާވަރުގައި އާދަޔާހިލާފު ރީތި އަންހެނެކެވެ. އަދި ޒުވާން އުމުރުގަ އާއި މެދު އުމުރުގައި ވެސް އެހައި ރީއްޗެވެ.

"އޭރު ދެން އެންމެ ރީތީވާނީ އަހަރެންގެ ދިގު އިސްތަށިގަނޑު!"

ހައްވަ ދައިތަގެ ރީތި އިސްތަށިގަނޑުގެ ދިގު ވާހަކަ އާއި ރީތި ވާހަކަ ކިޔައި ދެމުން ގޮސް ކުއްލިއަކަށް ކޮޅަށް ތެދުވެލައި ފައިގަ ފަލަމަސްގަނޑުގައި އަތްޖައްސާލައި އޭނާގެ ޒުވާން އުމުރުގައި އިސްތަށިގަނޑު ދިގު ކަމުން ގޮސް ފައިގެ ފަލަމަސްގަނޑާ ހަމައަށް ދާކަން ބުނެދޭން މަސައްކަތް ކުރި އެވެ. ވަރަށް ރީތިކޮށް ހިނިތުން ވެލައިގެން ހުރެ އެވެ. ހައްވަ ދައިތައަކީ ގުދަރަތުގެ އަޖައިބެއްހާ ރީތި މޮޑެލްއެކެވެ. ރީތީ ރާނީއެކެވެ. މަދީ ބޮލުގައި ތާޖެކެވެ.

ހައްވަ ދައިތަ ދެ ކައިވެންޏެއް ކުރި އެވެ. ނުވަ ކުދިން ލިބުނެވެ. އޭގެ ތެރެއިން ދުނިޔޭގައި ތިބީ ދެބެންނެވެ. އަދި ތިންބެންގެ ފަރާތުން މާމަ ކިޔާ 15 މާމަ ކުދިން އަދި 11 މުނިމާމަ ކުދިން އެބަތިއްބެވެ.

ހަޔާތުގެ ބައެއް ތަންތަންކޮޅު

އަންހެނަަކަށް އަދި މަޔައަކަށް ދިމާވާނެ އެންމެ ހިތްދަތި ކަމަކީ ވިހޭ ދަރިން ދުނިޔެ ދޫކުރުމެވެ؛ ހައްވަދައިތަ އެ ތަޖުރިބާ ވެސް ކޮށްފިއެވެ.

"އަހަރެންގެ ނުވަ ކުދިންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ ދެ ކުދިން. ވިހައިގެން ވަރަށް ތުއްތު އިރު އެކުދިން ނިޔާވީ. ވޭން އަޅައި ވިހޭ ކުދިން ދުނިޔެ ދޫކޮށްފި. އަހަރެންގެ އެ ހިތާމަތަކާއި އިހުސާސްތައް ހިތުން ފިލައިގެނެއް ނުދޭ. އެ ކުދިން މަރުވި ކަމަށް ބުނަނީ ނޭވާ ނުލެވިގެން!" އެ ހަނދާންތަކުގެ ތެރެއަށް ދަމުން އޭނާ ބުންޏެވެ.

ޑޮކްޓަރުންނާއި އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނަކީ ރާއްޖޭގައި މާ ފަހުގެ ކަމެކެވެ. ހައްވަދައިތަގެ ޒުވާން އުމުރުގައި ރާއްޖޭގައި އާންމު ބައެއް ނޫނެވެ. ވިހެއުމުގެ ތެރޭގައި ދުނިޔެދޫކުރާ އަންހެނުން ރާއްޖޭގައި އޭރު ގިނައެވެ. ވިހެއުމުގެ އާއި ޅަފަތުގައި މަރުވާ ކުދިންވެސް އެހާ ގިނައެވެ.

ހައްވަދައިތަ ބުނާ ގޮތުގައި އޭނާގެ އުފަން ކުދިންގެ ފަރާތުންނާއި މާމަ ކުދިންގެ ފަރާތުން ލޯއްބާއި އޯގާތެރި ކަމާއި އަޅައިލުން ވަރަށް ބޮޑަށް ލިބެއެވެ. މާމަ ކުދިން އޭނާ ނަލަ ހައްދާން ދޭ ހެދުންތަކާއެކު ފޮޓޯނެގުން ވަރަށް އޮވެ އެވެ. ހައްވަ ދައިތަގެ ބުނި ގޮތުގައި ފޮޓޯ ނަގާއިރު ޒުވާންކޮށް ހުއްޓައި އުމުރުން 30 އަހަރުގައި ދުނިޔެ ދޫކުރި އޭނާގެ އަންހެން ދަރިފުޅަކު އަޅުވައި ދިން ރަން އަނގޮޓިއެއް ހިތާއި ކައިރިކޮށްލައިގެން އިނދެވެ އެވެ.

"އެކުދިން ވަރަށް ރަނގަޅު އެކަމަކު މާ ގިނައިން ފޯނާ ކުޅެނީ. މާ މަދީ މަށާއެކު އޮއްވަޅުގޮނޑި ކުޅުން." ފުރަތަމަ އެނދުގެ ފައިލާ ކޮޅުގައި އޮތް އޮއްވަޅުގޮނޑިއެއް ދައްކާލި އެވެ. ދެން ބާލީސް ދަށުން ނެގި ހައްވާދައިތައިގެ ފޯނު ވެސް ދައްކާލި އެވެ.

"އަހަންނަށް ހަމައެކަނި އެނގެނީ ފޯނު ނަގާށާ ފޯނު ކުރަން. އެއަށްވުރެ ބޮޑަށްކަށް ނޭގޭ!" ފޯނަށް ބަލަން އިނދެ ހައްވަ ދައިތަ ސަމާސާކޮށްލި އެވެ.

ހައްވަ ދައިތަ ބުނި ގޮތުގައި އޭނާގެ ރީތި ހަށިގަނޑަށް މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލު އައިސްފަ އެވެ.

"އެންމެ ބޮޑު ކަމަކަށްވެފައި ވަނީ ރަނގަޅަށް ނުކެވޭތީ. ކުރިން ހުންނަނީ ތަންކޮޅެއް ރީތިކޮށް... އަދި މީރުކޮށް ކާ ހިތް ވަނީ ރިހާކުރާ ބަތާ... އެކަމަކު މިހާރު ކާ ހިތް ހަމަ ނުވަނީ!"

ދެން ހައްވާދައިތަ ވާހަކަ ގެންދިޔައީ މާލޭގައި މ. ކުއްޅަވަގޭގައި އޭނާ ކައްކަން އުޅުނު ދުވަސްވަރާ ހަމައަށެވެ. އަދި ހީނލާފައި ބުނި ގޮތުގައި އޭރުވެސް އޭނާ އިނީ ކުއްޖަކަށް ބަލިވެ ބަނޑު ބޮޑުވެފަ އެވެ.

"އޭރުވެސް އަޅުގަނޑު ކުއްޖަކަށް ބަލިވެ އިނީ. އެކަމަކު ވިހޭތާ ތިން ދުވަސް ފަހުން އެ ދަރިފުޅު ނިޔާވީ. ކިހާ ދެރަވާނެ ދޯ؟ މާލޭގައި ހުރެފައި ވިހަން ނ. ލަންދޫއަށް ދާން ބުނި. އެކަމަކު އަހަރެން ބޭނުންވީ ރަށަށް [މިލަދޫއަށް] ދާން. އަހަރެންގެ މަންމަ އޭރަކު ދުނިޔެއަކު ނެތް. ވިހާ ގަދަވާން ލިބެނީ ތިން ދުވަސް. ދެން ފިރިމީހާގެ މަންމަ ބަލާ ހަދާ ފަރުވާ ކުރޭ. އެކަަމަކު ފިރިމީހާ މަހަށް ގޮސް އައިމާ މަސްކައްކާ މަސައްކަތް އޮންނާ ނެތާ،" އޭނާ ބުންޏެވެ.

ގިނަ ދަރިން ދުނިޔެ ދޫކުރުމާއެކު ލިބުނު ފުން ހިތާމަ އެއީ ހައްވަ ދައިތަ އަށް ބަރުދާސްތު ކުރަން ދަތި ހިތުން ފިލައިގެން ދާނެ ހަނދާންތަކެއް ނޫނެވެ. އެހެންނަމަވެސް ހައްވަ ދައިތަ ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. އޮތީ ޝުކުރު ކުރުމާއި ހަމްދު ކުރުމެވެ.

"ބައެއް މީހުން ބުނޭ އެ ކުދިން މަހުޝަރު ދުވަހުން އަހަނަށް ޝަފާއަތްތެރި ވާނޭ. އެކަމަކު އަހަރެން ދުވަހަކުވެސް ފޮތެއްގައި އެހެން އޮއްވާ ނުދެކެން!"

ހައްވަ ދައިތަ ހިތް ﷲ އަށް ހާލިސް އެވެ. ޝޫ މިހާރު ނަގާ ފޮޓޯތަކަށް ހިނިތުންވެލެވެނީ ވެސް އެހެންވެ އެވެ. މި އުމުރު ފުރައިގެ މީހުނަށް ރީތީގެ މުބާރާތެއް އޮންނަ ނަމަ ތާޖު އިންނާނީ ޔަގީން ހައްވަ ދައިތަގެ ބޮލުގަ އެވެ. އެތެރެފުށުންނާއި ބޭރުން ވެސް ހައްވަ ދައިތައަކީ އަޖައިބުހާ ރީތީގެރާނީ އެކެވެ. މާމަ ދަރިފުުޅު ޝޫ، ކޮށްލި ކަމަކުން މާމަ މި ބަދަލުވީ މޮޑެލްއަކަށެވެ. އަދި ވަރަށް ބޮޑަށް މާމަ މަޝްހޫރުވެ މީހުންގެ ލޯބި ވެސް ހޯދައިފި އެވެ. މާމަ އަސްލު ވެސް ވަރަށް ރީއްޗެވެ. މާމައަށް ފާގަތި ދިގު އުމުރެކެވެ.