މީހުން

ޑރ. ޝިމާލް: ތަސްނީމްގެ ދިރިއުޅުން ލެބޯޓަރީގައި!

ސިއްހީ ކާރިސާއެއްގައި އުޅޭއިރު އެ ދާއިރާގައި ހިދުމަަތްކުރާ ފަރާތްތަކުގެ އިހަށްވުރެ ބޮޑަށް ވަޒަން ކުރެވެއެވެ. ހިތްވަރާއި ބުރަ މަސައްކަތާއެކު އަރައިގަތުމަށް ގައުމަށް ކޮށްދޭ މަސައްކަތް ބަލައިގަނެ ވެއެވެ. ހިތުގެ ފުނުން ޝުކުރު އަދާކުރަން ބޭނުން ވެއެވެ. މުޅި ދުނިޔެއަށް ބަލާއިރު އަންހެން ޑޮކްޓަރުންނާއި ސައިންސިސްޓުން އަދި ރިސާޗަރުން މި ތިބީ ކޮވިޑާ ހަނގުރާމަ ކުރުމަަށް މަގަތު ސަފަށް ނުކުމެއެވެ. ރާއްޖޭގަައި ވެސް ސައިންސްގެ ރޮނގުން އެކި ދާއިރާތަކުން ތައުލީމާއި ތަމްރީން ހޯދާފައިވާ ކަނބަލުން މަގަތު ސަފުގައި އަވަދިނެތި އުޅެނީ ބަލީން އަރައިގަތުމުގެ މަސައްކަތުގަ އެވެ.

ޑޮކްޓަރުން ތެރޭގައި ވެސް ބުރަ މަސައްކަތެއް ފަރުދާގެ ފުރަގަހުގައި ކުރާ ބަޔަކު އެބަތިއްބެވެ. އޭގެ އެއްބަޔަކަށް ވާނީ ޕެތެލޮޖިސްޓުންނެވެ. މިފަދަ ޑޮކްޓަރުން ކްލިނިކް ތަކުން ބަލި މީހުންނާއި ބައްދަލު ނުވެދާނެ އެވެ. އެ ޑޮކްޓަރުން ކަށިގަނޑުއަޅާ ބޭސް ސިޓީ ލިޔުއްވުމުގައި ނުއުޅުއްވާފާނެ އެވެ. އަދި އެއީ ޑޮކްޓަރުންކަން ވެސް މީހުނަށް ނޭނގިދާނެ އެވެ. އެ ޑޮކްޓަރުން މަސައްކަތް ކުރަނީ ހޮސްޕިޓަލްތަކުގެ ލެބޯޓަރީގެ ތެރޭގައި ކަމަށްވާތީ އެވެ.

ޑރ. ޝިމާލް ތަސްނީމަކީ ސަރުކާރު މައި ހޮސްޕިޓަލް ދަރުމަވަންތައާ އިންވެގެން ހުންނަ ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ލެބޯޓަރީގައި މީގެ 12 އަހަރު ކުރިން ފެށިގެން ބުރަކޮށް މަސައްކަތް ކުރައްވާ ޑޮކްޓަރެކެވެ. އޭނާ ލެބްގައި ހޭދަ ކުރައްވާ ކޮންމެ ވަގުތަކީވެސް ކޮންމެވެސް ބަލިމީހެއްގެ ފަރުވާގެ މުހިއްމު ބައެކެވެ.

މައިކްރޮސްކޯޕުން ބައްލަވާ އެއްކޮށްފައިވާ ސާމްޕަލްތަކުން ކުރައްވާ މަސައްކަތަކީ ބޮޑެތި ބަލިތައް ހޯއްދެއްވުމެވެ. ސައިންސްގެ އަލީގައި އެއީ ކެންސަރުތޯ ނޫންތޯ އޭނާ ނިންމަވައެވެ.

"ޕޭޝަންްޓްގެ ސާމްޕަލްތައް ސެލިއުލާ ލެވެލްއެއްގައި މައިކްރޮސްކޯޕް އިން ބަލާ ކެންސަރަށް ޑައެގްނޯސް ކުރަނީ. އެ ސާމްޕަލް ގައި ކެންސަރު ހިމެނެތޯ ނޫންތޯ ނިންމަނީ އަޅުގަނޑުމެން ޕެތޮލޮޖިސްޓުން." ޝިމާލް ވިދާޅުވި އެވެ.

ކުރުކޮށް ބުނާނަމަ ޕެތޮލިޖިސްޓުން މިވަނީ ޑޮކްޓަރުންގެ ޑޮކްޓަރަކަށެވެ. ބަލިމީހަކަށް ފަރުވާގައި ކުރިއަށް ދެވެނީ މި ޑޮކްޓަރުން ލިބިފައިވާ އިލްމުގެ އަލީގައި ސާމްޕަލްތައް ބަލައި ދިރާސާކޮށް ނިންމާ ނިިންމުންތަކުންނެވެ.

"ކެންސަރުގެ ސިވިއަރިޓީ އަދި ޕްރޮގްނޯސިސް ކިޔައި ދެނީ ޕެތޮލޮޖިސްޓުން. ކީމޯތެރަޕީ އާއި ކެންސަރުގެ ސްޓޭޖް ކަނޑައަޅަނީ އަޅުގަނޑުގެމެން ދޭ ރިޕޯޓުން. ބަލިމީހުންނާއި ދިމާވާން ޖެހެނީ މަދުފަހަރަކު މުހިއްމު ޓެސްޓެއް ހަދަން، މިސާލަކަށް ހަށިގަނޑުގެ ޓިޝޫއަކުން ދިޔަކޮޅެއް ނަގާ ޓެސްޓްކުރަން ޖެހިއްޖެ ހަލާތެއްގައި" ޝިމާލް ވިދާޅުވި އެވެ.

ކެރިއަރަށް ޝިމާލް މި ރޮނގު ހިޔާރު ކުރެއްވީ އޭނާ އަމީނިއްޔާ ގްރޭޑް 10 ނިންމަވައި އޭލެވެލަށް ކިޔަވަން ވަޑައިގަތް އިރުވެސް ބަޔޮލޮޖީ މާއްދާއަށް ހާއްސަ ޝައުގުވެރިކަމެއް ދެއްވިގެނެވެ. އަދި މެޑިސިން ހިޔާރު ކުރެއްވުން ކިހިނެއް ވާނެތޯ އޭނާގެ ބައްޕަ އެއްސެވުމުން އެ ފުރުސަތުގައި ޕާކިސްތާނަށް ވަޑައިގަނެ އެމްބީބީއެސް ދަތުރު ފެއްޓެވީ އެވެ.

"ފުރަތަމަ ރާއްޖެއިން ބޭރަށް މަންމަމެންނާއި ދުރަށް ދިޔައީ މެލޭޝިއާއަށް. އެއީ ވަރަށް އެހެން ކަހަލަ ތަޖުރިބާއެއް. ކޮންމެ ކުއްޖެއްގެ ހަޔާތުގައި ވެސް މައިންބަފައިން އާއި ދުރުގައި ދުވަސްކޮޅެއް އުޅެންޖެހޭ ހެން ހީވަނީ ގްރޯއަޕްވާން" ޝިމާލް ވިދާޅުވި އެވެ.

ފަހުން ޕާކިސްތާނުގެ ކަރާޗީއަށް ވަޑައިގެންނެވީ އެމްބީބީއެސް ހެއްދެވުމަށެވެ. ކަރާޗީގައި އުޅުއްވެވި ހަ އަހަރަކީވެސް ހަނދާނުން ނުފިލާ ދުވަސްވަރެކެވެ.

"ކަރާޗީގެ މޫސުން އޮންނަ ގޮތުން ހޫނު މޫސުމުގައި އާދަޔާހިލާފަށް ހޫނު ގަދަވޭ. ބައެއް ފަހަރަށް 40 ޑިގްރީއަށް އަރާ. ފެނާއި ކަރަންޓާއި އެއް ފަހަރަކާ ކެނޑޭ. އާއިލާ އާއި ދުރުގައި އެއީވެސް ދަތިވި އުނދަގޫ ދުވަސްވަރެއް. ގިނަވަގުތު ހޮސްޕިޓަލުގައި އާއި ކިޔެވުމުގައި ހޭދަކުރީ މާލޭގެ މާހައުލާއި މުޅިން ތަފާތު ގޮތަކަށް. އެކަމަކު ކަންކަމާއި ކުރިމަތިލާން ޖެހި ގިނަ ކަން ކަން ދަސްވި ދުވަސްތަކެއް އެއީ،"

ޝިމާލް ވިދާޅުވާ ގޮތުގައި އެމްބީބީއެސްއަކީ ވަރަށް ޗެލެންޖިން ޖާނީއެކެވެ: "ކިޔަވަން އުޅުނު އިރު އެނަޓޮމީއަށް އާއި ހިސްޓޮލޮޖީ ކިޔަވައިދޭން ފެށި. ހިސްޓޮލޮޖީއަކީ ޓިޝޫ ލެވެލް ގައި މައިކްރޮސްކޯޕް އިން އިންސާނެއްގެ ހަށިގަނޑު ދެނެގަންނަން ދަސްކޮށްދޭ ބައި. ހަށިގަނޑުގައި ހުންނަ ސެލްތައް ފެނި މި ދާއިރާއަށް ޝައުުގުވެރިކަން އުފެދުނު"

އެހީސާބުން ކެރިއަރއެއްގެ ގޮތުގައި ސްޕެޝަލައިޒްވާނެ ދާއިރާކަން ނިންމަވައި ނޭޕާލްގެ ތްރިބުވަން ޔުނިވާސިޓީ ޓީޗިންގް ހޮސްޕިޓަލް ގައި އިތުރަށް ތިން އަހަރު ތައުލީމް ހާސިލް ކުރައްވައި ޕެތޮލޮޖީއިން ސްޕެޝެލައިޒްވެވަޑައިގަތެވެ.

ރާއްޖޭގައި މެޑިކަލް ޑޮކްޓަރުން ގިނަ ނަމަވެސް މި ދާއިރާއިން ތަމްރީނާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ޑޮކްޓަރުން މަދެވެ. މިހާތަނަށް މި ފީލްޑްގައި މަސައްކަތް ކުރައްވަނީ ދިވެހި ހަތަރު ބޭފުޅުންނެވެ. ޝިމާލް ވިދާޅުވާ ގޮތުގައި އަންހެނަކަށް ވެގެން ސައިންސްގެ ދާއިރާތަކުން ތަމްރީން ނުޙޯދޭންވީ ސަބަބެއް ނެތެވެ. އަދި ސައިންސްގެ އެކި ފީލްޑްތަކުގައި ކުރިއަށް ދެވެން ވެސް އެބައޮތެވެ.

"ކުދިން ގްރޭޑް 6 ނުވަތަ 7 ކަށް ދިއުމުން އިނގޭނޭ އެ ކުދިން ޝައުގުވެރިކަން ހުންނަ ދާއިރާތައް. އެ އުމުރަކީ ކަންކަން ހޯދާ އަމިއްލަ އަށް ވިސްނަން ފަށާ އުމުރު ކަމުން އަޅުގަނޑު ދެކޭ ގޮތުގައި ޝައުގުވެރިކަން ހުންނަ ކުއްޖައްކަށް އެ އުމުރުގައި ހޯދައިދެވެންޏާ ސައިންސާއި ގުޅޭ ތަކެތި ހޯދައިދިނުން ރަނގަޅު. މިސާލަކަށް ކުޑަ މައިކްރޮސްކޯޕެއް ހޯދާދިނުމުން ސެލިއުލާ ލެވެލްގައި އަމިއްލައަށް ތަރުކާރީ ކަހަލަ އެއްޗެއްގެ ޓިޝޫ ހުންނަގޮތް ބަލައިލެވިދާނެ"

ކައިވެނީގެ ގޮތުން ޝިމާލް ތަސްނީމް ގުޅިވަޑައިގަތީ ރާއްޖޭގެ ފުރަތަމަ ސާޖިކަލް އޮންކޮލޮޖިސްޓް ޑރ. މުހައްމަދު ޝިފާން އާއެވެ. ދެ ޑޮކްޓަރުން އެކީގައި އާއިލާއެއް ފައްޓަވާ ދެ ބޭފުޅުން މިހާރު އެބަތިއްބެވެ.

"އައިޖީއެމްއެޗްގައި ދެމީހުން ވެސް މަސައްކަތް ކުރަނީ. ލިބޭ ހުސްވަގުތު ތަކުގައި ހޭދަ ކުރަނީ ކުދިންނާއި އާއިލާއާއެކު. ކުދިންގެ ކިޔެވުމުގައި އެހީތެރިކަން ފޯރުކޮށްދީ އެ ކުދިންނާއި އެކީގައި ގިނަ ވަގުތު ހޭދަ ކުރެވޭތޯ ބަލަން"

އާއިލާގެ އިތުރުން މަސައްކަތުގެ ދާއިރާއިން ވެސް މި ދެބޭފުޅުން އޮތީ ވަރަށް ބޮޑަށް ގުޅިފައިއެވެ. ޝިފާންގެ ޕޭޝަންޓުންނަކީ ގިނަ ފަހަރަށް ޝިމާލްގެ ވެސް ޕޭޝަންޓުންނަށް ވެއެވެ.

"ދެ މީހުންވެސް މަސައްކަތް ކުރަނީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް. ޑރ. ޝިފާން ޓްރީޓްމަންޓް ދެެއްވާ ނުވަތަ ސާޖަރީ ހެއްދެވީމާ އެއަށްފަހު ކެންސަރު ފެތުރިފަ ހުރި މިންވަރާއި ޕްރޮގްނޯސިސްގެ ރިޕޯޓު ދެނީ އަޅުގަނޑުމެން. އެހެންވެ އެއް ޕޭޝަންޓަކަށް ދެ މީހުން މި ޓްރީޓް ކުރަނީ ދެގޮތަކަށް." ޝިމާލް ވިދާޅުވި އެވެ.

ނިޝާން އިއްޒުއްދީނުގެ އިތްޒަތްތެރިވެރިޔާ، ކުރީގެ ވަޒީރު އަބްދުއް ރަޝީދު ހުސައިންގެ ދަރިކަނބލުން ޝިމާލް މިހާރު ހުންނެވީ އައިޖީއެމްއެޗްގެ ހެޑް އޮފް ޕެތޮލޮޖީގެ މަގާމުގައެވެ. އޭނާ ވިދާޅުވާ ގޮތުގައި އޭނާއަށް ލިބި ވަޑައިގެންނެވީ ވަރަށް ފެސިނޭޓިންގެ ފީލްޑެކެވެ.

"މައިކްރޮސްކޯޕަކުން ބަލާއިރު ކެންސަރަކީ އެއްގޮތަކަށް ހުންނަ އެއްޗެއް ނޫން. އެންމެ ކެންސަރެއް އެކި ގޮތްގޮތަށް ފެނިދާނެ. އެހެން ކަމުން ޓްރީޓް ކުރާ ގޮތް ތަފާތުވޭ. އިންސާނާގެ ހަށިގަނޑުގެ ސެލްތަަކަކީ ކިހާ ގުދުރަތްތެރި އަޖައިބެއްކަން މައިކްރޮސްކޯޕަކުން ބަލާލާ ކޮންމެ ފަހަރަކު ހިތަށް އަރާ"