ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިރިއުޅުން

ޑރ. ސިޔާދާގެ ވޭން ހުރި އަސަރު ގަދަ ތަޖުރިބާ!

ކޮވިޑްގެ މި ބަލާއާފާތުގެ ހަނދާންތަކާއި ތަޖުރިބާތައް ދުވަހަކުވެސް ދެން ފިލައިގަނެއް ނުދާނެ އެވެ. އަހަރެމެންގެ އެއްމެންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކުރީ ސަފަށް ނުކުތް މީހުންގެ ވާހަކަތައް އަހަރުމެން ދައްކާނަމު އެވެ. އެމީހުނަށް އަބަދު ވެސް "ވަރަށް ބޮޑަށް ޝުކުރިޔާ" އޭ ބުނަމުން ގެންދާނަމު އެވެ. އަމިއްލަ އާއިލާ ދޫކޮށްލައި މި ގައުމާއި ރައްޔިތުންނަށްޓަކައި ކުރި ބުރަ މަސައްކަތުގެ ވާހަކަ ދައްކާނަމު އެވެ. އެމީހުންގެ ނަން އަހަރެމެން ލިޔާނީ ބަތަލުންގެ ދަރަޖައިގަ އެވެ. ދަރިންނާއި ދަރިންގެ ދަރިންނަށް ވެސް އެ ވާހަކަ ކިޔައިދޭނީ ފަހުރުވެރި ކަމާއެކު އެވެ.

ރާއްޖެއަށް ކޮވިޑްގެ ރާޅު ޖަހައި ކޮމިއުނިޓީ ސްޕްރެޑަކަށް ބަދަލުވެ އެލާޓް ލެވެލް މައްޗަށް ގެންދިޔަ ހިސާބުން ޓްރީޓޮޕް ހޮސްޕިޓަލަކީ އެ ބައްޔެއް ފަރުވާ ކުރަން ހާއްސަ ތަނެއްގެ ގޮތު ކަޑައެޅި އެވެ. މި ކަމެއް ލައްވައިލި އިރު ޑރ. އައިޝަތު ސިޔާދާ ސައީދަކީ 2018 ވަނަ އަހަރުން ފެށިގެން ޓްރީޓޮޕް ހޮސްޕިޓަލްގައި ޖެނެރަލް ފިޒީޝަންއެއްގެ ގޮތުގައި މަސައްކަތް ކުރަައްވާ ޑޮކްޓަރެކެވެ. ކޮވިޑާ ދެކޮޅަށް ސިއްހީ މާހިރުން ފްރަންޓްލައިންގައި ކުރާ ހަނގުރާމަގައި ސިޔާދާއަަށް ކުރެއްވުނު ބައެއް އިހުސާސްތަކާއި އޭނާގެ ބައެއް ތަޖުރިބާތައް ވަނީ ހިއްސާ ކުރައްވާފައެ އެވެ. އެއީ ވޭން ހުރި އަސަރު ވެސް ގަދަ ތަޖުރިބާއެކެވެ.

ޓްރީޓޮޕު ކޮވިޑަށް ހާއްސަ ކުރުމުގެ ކުރި

ޓްރީޓޮޕްގައި ސިޔާދާ މަސައްކަތް ކުރައްވަމުން ވަޑައިގަތީ އިންޕޭޝަންޓުން ބެއްލެވުމުގަ އެވެ. ހޮސްްޕިޓަލްގައި ބާއްވައިގެން އިތުރު ފަރުވާ ހޯދާ ބަލި މީހުންނަށް ފަރުވާ ދެމުން ގެންދަވަނީ 12 ގަޑި އިރުގެ ޝިފްޓެއްގައި ކޮންމެ ހަތަރު ދުވަހަކު އެވެ. ފަސް ވަނަ ދުވަހަކީ އޮފް ދުވަހެވެ. ހަފުތާއަކު މަދުވެގެން 48 އިރު މަސައްކަތުގައި ހޭދަ ކުރައްވަ އެވެ.

ޓްރީޓޮޕަކީ ކޮވިޑަށް ފަރުވާ ދޭ ހޮސްޕިޓަލެއްގެ ގޮތު ނިންމުމާއެކު އެ ހޮސްޕިޓަލް ތައްޔާރީ ހާލަތަށް ގެންދިޔަ އެވެ އެއީ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި އެ ބޭފުޅުންނާއެކުގައި ތިބި ނަރުހުން ވަރަށް ގިނަ ކަންކަން ނިންމަން ޖެހުނު ވަގުތުކޮޅަކަށް ވެގެން ދިޔައެވެ.

"ބޮލުގެ ތެރޭގައި އޮތީ ދެން މިއީ ތައްޔާރީ ހާލަތެެކޭ... ހަގީގަތުގައި ކޭސްތައް އިތުރުވެގެން ދިޔައީ ހީވެސް ނުކުރާ އަވަހަށް. ޓްރީޓޮޕް ހޮސްޕިޓަލްގައި ފުރަތަމަ ކޮވިޑް ޕޭޝަންޓް އެޑްމިޓް ކުރެވުމާއެކި މެނޭޖްމަންޓުން ދިނީ ފްރަންޓްލައިންގައި ނުރައްކާތެރި ވައިރަހާއި ކުރިމަތިލާ މަސައްކަތް ކުރުމަށް ބޭނުންވާ މީހުން އެ މަސައްކަތް ކުރަން ކޮވިޑް ޓީމާއި ގުޅުމަށް ޗޮއިސްއެއް" ސިޔާދާ ވިދާޅުވި އެވެ.


އެ ޗޮއިސް އާއެކު ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ދިވެހި އަދި ބިދޭސީ ޑޮކްޓަރުން 95 ޕަސެންޓް ސްޓާފުން ކުރިއަށް ނުކުންނަވައި އިހްތިޔާރު ކުރެއްވީ ކޮވިޑުން އަރައިގަންނަން ކުރާ ހަނގުރާމައިގެ ބައިވެރިއަކަށް ވާށެވެ. އަމިއްލަ ފުރާނައަށް ވުރެ ބޮޑަށް އިސްކުރީ ރައްޔިތުންގެ ކޮންމެ މީހެއްގެ ފުރާނަ ސަލާމާތް ކުރާށެވެ. އެ ހިސާބުން ކޮވިޑް ޓީމާ ސިޔާދާ ގުޅި ވަޑައިގަތެވެ. ކޮރޯނާ ވައިރަހަކަށް ބިރެއް ނެތެވެ. ދެރައެއް ހަމައެކނި އޮތީ އާއިލާއާ ގާތަށް ނުދެވޭނެތީ އޮތް ދެރައެއް ކަމަށް ސިޔާދާ ވިދާޅުވެ އެވެ.

ޓްރީޓޮޕްގައި އިންނަވައިގެން ސިޔާދާ އަވަސް އަށް އިންޓަވިއު ދެއްވި އިރު ކޮވިޑް-19 އަށް ފަރުވާ ދޭ 10 ޕޭޝަންޓުން ތިއްބެވެ. އެ 10 މީހުނަށް ހިދުމަތް ކުރަން އެތާނަގައި 18 މެޑިކަލް އޮފިސަރުންނާއި ޖެނެރަލް ފިޒީޝަނުންނާއި ފަސް އެނެސްތީސިއިސްޓުން އަދި އިންޓާނަލް މެޑިސިންގެ ފަސް ޑޮކްޓަރުން ހަރަކާތްތެރިވެ އެވެ. އިތުރު އެހީތެރި ކަމެއް ދޭން ޖެހިއްޖެ ހާލަތެއްގައި އެހެން ކޮންސަލްޓަންޓުން ތިއްބަވަ އެވެ.

ކޮވިޑާ އެއްކޮށް އެ ޑޮކްޓަރުންގެ ޑިއުޓީ ބަހާލާފައި އޮންނަނީ ކޮންމެ ބޭފުޅަކަށް ހަ ގަޑި އިރު ޝިފްޓަކާއެކު އަނެއް ހަ ހަޑިއިރު އޯފްވާ ގޮަތަށެވެ.

ޕީޕީއީގައި ސިޔާދާގެ ތަޖުރިބާ

ޑޮކްޓަރުންނޭ ބުނުމާއެކު ހުދު ކޯޓާއި ކަށިގަނޑު އެޅި ޑޮކްޓަރުންގެ ސިފަ ހިތަށް ގިނަވެ އެވެ. ނަމަވެސް ކޮވިޑް-19 އާއި ހަނގުރާމަ ކުރާ ޑޮކްޓަރުން ރައްކާތެރިވުމަށް ހާއްސަ ޕާސަނަލް ޕްރޮޓެކްޝަން ގިއާއެއް (ޕީޕީއީ) ބޭނުން ކުރެ އެވެ. ދުނިޔޭގެ ގައުމުތަކުގައި މި ގިއާ ނެތި ވެސް މަސައްކަތް ކުރާ އެތައް ޑޮކްޓަރުންނެއް ތިއްބަވަ އެވެ. އަދި އެކަން ވެގެން ދިޔައީ އެ ޑޮކްޓަރުން ބައްޔަށް ހުށެހެޅުނު ސަބަބަކަށެވެ.

އެއާ ހިލާފަށް ކޮވިޑް ހަނގުރާމައިގެ ތެރޭގައި މަސައްކަތް ކުރައްވަން ރައްކާތެރި މާހައުލެއް ހޯދައިދެއްވީތީ ސިޔާދާ ޝުކުރު އަދާ ކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްކާތެރިކަމާއެކު ބަލި މީހުނަށް ފަރުވާ ދޭން ހޮސްޕިޓަލުން ރައްކާތެރި މާހައުލެއް ފޯރުކޮށް ދިނެވެ. އަދި އެކަމަށް ހާއްސަ ގިއާގައި ތަޖުރިބާތަކެއް ވެސް ކުރެއްވިފައި ވެއެވެ. އެ ހާއްސަ ހެދުމުގައި ކިތައް ލޭޔަރު ހިމެނޭތޯ އެއީ މީހުން ހަމަ އޮޅުން ފިލުވާލަން ބޭނުން ވެސް ވާނެ ކަމެކެވެ.

"ޑިއުޓީއަށް ނުކުމެ އެންމެ ފުރަތަމަ ސްކްރަބްސް ލަނީ. ދެން ބޫޓު ކަވަރު ކުރަން ލާ ދެ ކަވަރު ފަޔަށް ލައްވަނީ. އެއަށްފަހު އެން95 މާސްކް އަޅާ މޫނާއި އަނގަ ނިވާ ކުރަނީ . ދެން ބޯ ނިވާ ކުރާ ސާޖިކަލް ކެޕް ލައްވަނީ. އެއާއެކު ފުރަތަމަ ސާޖިކަލް އަންގި އަތަށް ލައްވާ ހެޒްމެޓް ސޫޓް ލަނީ. ދެން އެން95 މާސްކްގެ މަތިން ސާޖިކަލް މާސްކެއް އަޅާ ދެވަނަ އަންގި އެއް އަތަށް ލައްވަ ސާޖިކަލް ގައުންއެއް ލަނީ. އަދި ތިންވަނަ އަންގި ލައްވާ މޫނުގައި އަޅާ ޝީލްޑް އަޅާ ގޮގްލްސް ލަނީ" ހިނިތުންވުމަކާއެކު ސިޔާދާ ވިދާޅުވި އެވެ.

އާއްމު ދިރުއުޅުމުގައި އުޅޭއިރު ތަންކޮޅެއް ބޯ ފޮތީގެ ހެދުމެއް ލިއަސް އަހަރެމެނަށް ވަރަށް އުނދަގޫ ވެއެވެ. ކޮވިޑް-19 އިގެ ކުރީ ސަފުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުން ހަ ގަޑިއިރުގެ ޝިފްޓެއް ހޭދަ ކުރައްވަނީ މިފަދަ އުނދަގޫ ހެދުމެއްގަ އެވެ.

ސިޔާދާ ވިދާޅުވި ގޮތުގައި އެ ހުރިހާ ލޭޔަރާއި އެއްކޮށް ކިރިޔަ ކިރިޔާ ވާހަކަ ދައްކާ ނޭވާލެވެނީ އެވެ. އަދި ހެދުމުގައި ހުންނަ އިރު އިހުސާސް ކުރެވެނީ ވަރަށް ގިނަ ލޭޔަރުގެ ބޯ ކަރުދާސްތަކަކުން ރަނގަޅަށް އޮޅާލާ ޕެކްކޮށްފައި ހުންނަ ކަހަަލަ އިހުސާސެކެވެ.

"ދެ މާސްކް އެއްކޮށް އަޅާފައި ހުންނަ އިރު ހީވަނީ ނޭފަތާއި އަނގައި ގައި ބާރަށް ޓޭޕް އަޅާފައި ހުންނަހެން. ނޭވާލާ ކޮންމެ އިރަކު މޫނުގައި އޮންނަ ޝީލްޑްއަށް އުދާސްވެ އެއިން ދުރު ފެނުމަށް އުނދަގޫވޭ" ޑޮކްޓަރު ވިދާޅުވި އެވެ.

ސަލާމަތީ މި ހެދުމުގައި ޝިފްޓްގެ ފުރަތަމަ އެއްގަޑިއިރު ހޭދަ ކުރާއިރު ގައިން ދާ ހިއްލާލައި މޫނު ނުވަތަ ނޭފަތުގެ ކޮޅު ކާހަލާ ފަދަ ކަމެއްވެއްޖެއްޔާ ގޮތް ހުސްވެ ހިފަހައްޓަލައިގެން ހުންނަންޖެހޭ ކަމުގައި ސިޔާދާ ވިދާޅުވެ އެވެ. ފޭސް ޝީލްޑްގައި ހަ ގަޑިއިރު ހޭދަވާ އިރު އެއާއި ހެދި ބޮލުގައި ރިއްސަ ރިއްސާ ހުރެ އެވެ. އަދި ފާހަނާއަށް ދާން ޖެހޭ ހާލަތްތަކުގައި ވެސް މަޑުކޮށްލަން ޖެހޭ ފަހަރު އާދެ އެވެ.

ދަލާއެކު ފޯވެގެން މީގެ ޝިފްޓެއް ނިންމާލާ ގިއާ ބާލާއިރު މޫނުގައި އޮންނަނީ މާސްކު އަޅައިގެން ގިނަ ވަގުތު ހޭދަވުމުގެ ސަބަބުން ކަނޑާ ނެގިފައިވާ އޭގެ ނިޝާންތަކެވެ. ބޫޓު ކަވަރު ފައިގައި ހަރު ކުރުވަން ރަބަރު ބޭންޑް ބޭނުން ކުރުމުން އޭގެ ނިޝާންތައް ވެސް ފާހަގަވެފައި ހުރެ އެވެ.

ހަ ގަޑިއިރުގެ ބްރޭކަކަށްފަހު ދެން އަލުން އެ ހެދުން ލައިގެން ސަފަށް ނުކުންނަނީ އަނެއްކާ ވެސް ބައްޔާ ހަނގުރާމަ ކުރާށެވެ. ސިޔާދާ އާއި އޭނާގެ ޓީމުގެ އެހެން ޑޮކްޓަރުންނަށް ޓްރީޓޮޕާ ލައްވާލި ފުރަތަމަ ކޮވިޑް ކޭހާއެކު އެކޮމޮޑޭޝަން ހަމަޖައްސާފައި ވެއެވެ. ޝިފްޓް ނިމުމުން އާއިިލާއަށް ވީޑިއޯ ކޯލްއެއް ކޮށްލާ ވާހަކަ ދައްކާލާފައި ނިދާލަނީ އެވެ. މިއީ އެ ބޭފުޅުންގެ އެއް ދުވަސް ހޭދަވާ ގޮތެވެ.

ދެ މާސްކް އެއްކޮށް އަޅާފައި ހުންނަ އިރު ހީވަނީ ނޭފަތާއި އަނގައި ގައި ބާރަށް ޓޭޕް އަޅާފައި ހުންނަހެން. ނޭވާލާ ކޮންމެ އިރަކު މޫނުގައި އޮންނަ ޝީލްޑަށް އުދާސްވެ ފެނުން ގެއްލޭ ގޮތްވޭ،
ޑރ. ސިޔާދާ ސައީދު

ރޯދަ އާއި އީދުވެސް ޑިއުޓީގައި

މިދިއަ ރޯދަމަހަކީ ދަތި އުދަނގޫތައް ތަޖުރިބާކުރި މަހަކެވެ. ޖަމާއަތުގައި ނަމާދެއް ނުކުރެވުނެވެ. ދުރުގައި ތިބި އެއްބަނޑު މީހުން އަދި އާއިލާގެ އެއްމެން އެއްކޮށް އެއް ސުފުރާއަކައް ނޭރުނެވެ. ފްރަންޓްލައިންގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ތަޖުރިބާ އަދި ހާސްބައި ތަފާތު ވާނެކަން ޔަގީނެވެ. ސިޔާދާ ވިދާޅުވިގޮތުގައި މިއީ އެންމެ އުނދަގޫ އަދި ތަފާތު ރޯދަމަހެވެ.

"އެއް ޝިފްޓް އޮވޭ މެންދުރު ފަހު 2:00 އިން ރޭގަނޑު 8:00 އަކަށް. އެ ޝިފްޓްގައި އުޅޭއިރު ރޯދަވިއްލާ ގޮތަށް އެއްޗެއް ކެވޭނީ ރަނގަޅަށް ފެން ވަރައިގެން. އޭރު ހުންނަނީ ރޭގަނޑު 8:30 ނޫނީ ނުވައެއް ޖަހާފައި. ވަރަށް ގިނަ މީހުން ރޯދަ ވީއްލާ ގަޑިއަށް ކާއެއްޗެހި ފޮނުވާނެ. ޑިއުޓީގައި އެދުވަހު ނެތް ޑޮކްޓަރުން ފޮނުވާ. ޕީޕީއީ ލުމުގެ ކުރިން ވުލޫކޮށްގެން ތިބެނީ. ދެން ފަަހަރަކު މީހެއް ޑިއުޓީ ބަހައިގެން ނަމާދު ކުރަން ދަނީ. ނަމާދު ކުރަނީ ޕީޕީއީ ލައިގެން ތިބެ. ރޭގަނޑު ޑިއުޓީގައި ތިބޭއިރު އަވަހަށް ނިންމާފައި ގޮސް 4:00 ޖަހާއިރު ފެންވަރައިގެން ހާރު ކަނީ،" ސިޔާދާ ވިދާޅުވި އެވެ.

ރޯދަމަސް ނިންމާ އީދު ފާހަގަ ކުރަން ދުރުގައި ތިބި އާއިލާއަށް ހަދިޔާއެއް ނުދެވުނަސް އަހަރެމެން ފޯނުން މެސެޖު ކޮށްލަމެއް ނޫން ހެއްޔެވެ؟ ސިޔާދާމެން ޑިއުޓީގައި ހޭދަ ކުރައްވާ ހަ ގަޑިއިރުގައި ފޯނެއް ނުގެން ގުޅެވެ އެވެ. އީދު ދުވަހުގެ ޖޯޝުގައި އީދު ފާހަގަ ކުރަން ކުރެއްވި ކަމަކީ ލައިގެން ތިބި ޕީޕީއީ ބޭރުގައި އީދު މުބާރިކް ޖެހި މަލަންކޮޅެއް ތަތްކޮށްލީ އެވެ.


"މިއީ އަހަރެންގެ ކޮލީގެއްގެ އައިޑިއާއެއް. އީދު މުބާރިކު ޖެހުމަށް ޕީޕީއީގައި މަލަންކޮޅެއް ބޭރުން ތަތް ކުރީ. އޭގެ ކުރިން އަހަރުމެން ޕީޕީއީގައި ތިބޭއިރު ކާކުކަން ނޭނގޭތީ ނަންޖެހީ. އީދު ދުވަހު ޕޭޝަންޓުންނަށް އީދު މުބާރިކް ކީން. އެމީހުންނަށް ހޮސްޕިޓަލްގައި ތިބެ ގިނަ ދުވަސްވުމުން ތިބީ ދުވަސް އޮޅިފައި. އަދި އީދު އައީހޭ ސުވާލު ކުރި." ސިޔާދާ ވިދާޅުވި އެވެ.

ކުޑަ އީދު ވީ ސިޔާދާއަށް އޮޔް މާޔޫސްކަން އޮތީ ކުޑަކޮށެއް ވެސް ނޫނެވެ: "އާއިލާއާއި ދުރުގައިވުމުން. އަދި ޑިއުޓީއަށް ނުކުތް އިރު މިގޮތަށް ކުރީ ޝިފްްޓްގައި ތިބި ޑޮކްޓަރުން ދުވަސް ފާހަގަ ކުރަން މަލަން ތަތްކޮށްފައި ހުރުމުން އުފާވި. ޕޭޝަންޓުންނަށް އީދު މުބާރިކު ކީމާ އެމީހުން ވެސް އުފާވި. އަހަރެން ހިތަށް އެރީ ބަލި އެނދުގައި ތިބި ޕޭޝަންޓުން އަދި އެ ތިބި މާ ހާލުގައޭ. އެމީހުންނަށް އައި މާ ހިތް ދަތި ދުވަހެކޭ މިއީ. މޫނު ނުފެންނަ ބައެއް ކައިރީ އީދު ދުވަހު އާއިލާ އާއި ދުރުގައި. އެހެންވެ އެދުވަހު ޕޭޝަންޓުންނަށް އުފާވެރިކަން ގެންނަން އިތުރަށް ހިތްވަރުދީ އާއިލާއަށް ގުޅަން ބާރު އެޅިން"

ހިތަށް އެރީ ބަލި އެނދުގައި ތިބި ޕޭޝަންޓުން އެ ތިބި މާ ހާލުގައޭ. މިއީ އެމީހުންނަށް އައި މާ ހިތްދަތި ދުވަހެކޭ... މޫނު ނުފެންނަ ބައެއް ކައިރީ އީދު ދުވަހު އާއިލާ އާއި ދުރުގައި. އެހެންވެ އެދުވަހު ޕޭޝަންޓުންނަށް އުފާވެރިކަން ގެނެސްދޭން ވެގެން އިތުރަށް ހިއްވަރުދީ އާއިލާއަށް ގުޅަން ބާރު އެޅިން،
ޑރ. ސިޔާދާ ސައީދު

ވަކިވާން ޖެހުނީ ގާތުން ބޮމުން އައި ދަރިފުޅާ

ސިޔާދާ އަކީ މަންމައެކެވެ. އަހަރު ނުވާ 11 މަހުގެ ތުއްތު އަންހެން ކުއްޖެއް ހުރެ އެވެ. ކޮވިޑް-19 ގައި އިސް ސަފުގައި ސިޔާދާ މަސައްކަތް ފެއްޓެވި އިރު ދަރިފުޅު އާރަލާއަކީ ގާތުން ބޯ ކުއްޖެކެވެ. އީދު ދުވަހު އޭނާ ގެއަށް ވަޑައިގެންނެވީ ހޮސްޕިޓަލްގައި 20 ދުވަސް ލޮކްޑައުނެއްގައި ހޭދަ ކުރުމަށް ފަހު އާއިލާ ދެކެ ވަޑައިގަތުމަށެވެ.

"އީދު ދުވަހަކީ ދަރިފުޅަށް 11 މަސް ފުރޭ ދުވަސް. ގޭ ކައިރިއަށް ގޮސް އާއިލާ އާއި ހަ ފޫޓު ދުރުގައި ހުއްޓުނު އިރު ފިރިމީހާ ދަރިފުޅު އުރާލައިގެން ހުރި. ވިހި ދުވަހަށް ފަހު އަހަރެން ފެނުމުން ދަރިފުޅު އުފަލުން އަހަރެން ކައިރިއަށް އަންނަން އުޅުނު. ކުޑަކުޑަ އަތް ދިއްކޮށް ބޭނުންވީ އުރުވަން. ބައްދާލަން. ގާތުން ދޭ ދަރިފުޅާއި ނުފެނި އެހާ ގިނަ ދުވަސްވެފައި ފެނުމުން އުރާ ނުލައިގެން ވަރަށް ބާރަށް ރޯން ފެށި. އަހަންނަށް ވެސް ރޮވުނު... ގޭ އެއްމެން ވެސް ރުއި... އަހަންނަށް ކެތް ނުވެގެން ދަރިފުޅު އުރާލާފައި އަވަހަށް ފިރިމީހާ އާއި ހަވާލުކުރީ."

ގާތުން ބޮމުން އަންނަ ދަރިފުޅާއި މަޔަކު ވަކިވުމަކީ ވަރަށް ގިނަ އިހްސާސް ކުރުވާނެ ވަގުތެކެވެ. ސިޔާދާއަށް މިއީ ކުރަން ޖެހި ވަޑައިގެންނެވި އެންމެ އުނދަގޫ ތަޖުރިބާ އެވެ. ޑިއުޓީއާއި ހުރިހާ ކަމަކަށްވުރެ އެންމެ ހިތްދަތިވި ވަގުތަކީ ވެސް އަދި ކަމަކީ ވެސް އެއީ އެވެ. ސިޔާދާގެ ހިތަށް ލިބި ވަޑައިގެންނެވި އުނދަގުލުން އެކި އެކި ޕީޑްރިއެޓިޝަނުންގެ ލަފާ ހޯއްދަވައި ދަރިފުޅާއެކު ވަގުތު ހޭދަ ކުރެއްވޭތީ ކަންކަން އުޅުން ފިލުއްވެވި އެވެ.

ސިޔާދާ ވާހަކަފުޅު ދެއްކެވި ގިނަ ޑޮކްޓަރުންގެ ލަފައަކަށްވީ ފުރިހަމަ ޕީޕީއީ ގައި ޑިއުޓީ އަދާކޮށް އަދި ރައްކާތެރިފިޔަވަޅާއެކު، ޑިއުޓީ ނިންމާ ރަނގަޅަށް ފެންވަރައިގެން ހުންނަވާނަމަ ގެއަށް ވަޑައިގަތުން މައްސަލައެއް ނެތް ކަމުގައެވެ. ގާތުން ދޭ ކުއްޖަކު މަންމަ އާއި ވަކިވުމުން ދެމައިންނަށް ލިބޭ ހިތްދަތިކަމާއި ކުރާ އަސަރާއެކު ނަފްސާނީ ގޮތުން ވެސް ފައިދާހުރި ގޮތަކީ އެއީ ކަމުގައެވެ. އެހެންކަމުން 20 ދުވަސް އާއިލާ އާއި ދުރުގައި ހުންނެވުމަށް ފަހު ސިޔާދާ ގެއަށް ވަޑައިގެންނެވީ އެވެ.

ސިޔާދާ އާއްމުންނަށް ދެއްވާ މެސެޖް

މިއީ ލޮކްޑައުނަށް ލުއި ދޭ ވާހަކައިގެ ދުވަސްވަރެވެ. އަދި މިއީ އިތުރަށް ސަމާލުވާންވީ ވެސް ވަގުތެވެ. ބަލީގެ ދެވަނަ ރާޅެއް އައިސް އަހަރުމެން ވެންޓިލޭޓަރަށް ވައްޓާލިޔަ ނުދިނުމަށެވެ. ވަރުބަލި ކަމެއް ނެތި އިސްސަފުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނަށް ނުބެލެހެއްޓޭ ވަރަށް އަހަރުމެންގެ ކޭސްތައް އިތުރުވިޔަ ނުދިނުމަށެވެ.

ސިޔާދާ މެސެޖަކީ މިއީއެވެ: "ލޮކްޑައުން ލުއި ކުރަން ނިންމިއަސް އަހަރުމެން އެއްމެން ތިބެންވީ ވަރަށް ހުޝިޔާރުވެގެން. ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ. ގިނަގިނައިން އަތް ދޮންނަންވީ. އެޗްޕީއޭގެ އިރުޝާދު ރަނގަޅަށް އަޑުއަހާ އެއަށް އަމަލު ކުރަންވީ. އަހަރުމެން މި ތިބީ ހިދުމަތުގައި ތިޔަ އެއްމެންގެ އާއިލާއަށްޓަކައި ރައްޓެހިންނަށްޓަކައި... އަހަރުމެންގެ އާއިލާއާއި ދުރުގައި. ފްރަންޓްލައިންގައި މަސައްކަތް ކުރާ އެއްމެންގެ މި ގުރުބާނީއަށްޓަކާއިވެސް ގޭގައި މަޑުކޮށް ދެއްވާ. އަހަރެމެނަށް އެހީތެރިވެދީ..."