ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

އަންހެނެއްގެ ފުރާނަ ސަލާމަތްވީ ލައިފް ސަޕޯޓް ކަނޑާލަން އެއްބަސްނުވީމަ

އެއީ އޮގަސްޓް 2021 އެވެ. އޯޓަމް ކާވާ އަށް ކޮރޯނާވައިރަސް ޖެހިފައިވާކަން އެނގުނުއިރު ބަލިވެ އިނދެ ވިހަން އިނީ ތައްޔާރުވެފަ އެވެ.

ކުރިން ވަރަށް ގިނަ ފަހަރު ބައިގެން ގޮސްފައި ވާތީ ކޮވިޑް-19ގެ ވެކްސިން ޖަހަން އޯޓަމް ބޭނުމެއް ނުވި އެވެ. އޭނާއަށް ކޮވިޑް ޖެހުނީ ވެކްސިން ނުޖަހާ ހުއްޓަ އެވެ. އަދި ކޮވިޑް ޖެހުނުއިރު ޖެހުނީ ވެސް ވަރަށް ގަދަޔަށެވެ.

އެންމެ ފަހުން އޯޓަމް ހޮސްޕިޓަލުގައި އެޑްމިޓްކޮށް އިމަޖެންސީ ސިޒޭރިއަން ސެކްޝަނެއް ހަދަން ޖެހުނެވެ. ބަނޑަށް 33 ހަފުތާގައި ސިޒޭރިއަން ހަދައި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ނެގި އެވެ. ނަސީބަކުން މި ފިރިހެން ކުއްޖާ ދުވަސް ނުފުރާ ނެގިޔަސް އޭނާގެ ހާލު މުޅިން ރަނގަޅެވެ. އެކަމަކު ކޮވިޑް ޖެހި ހާލު ބޮޑުވެފައިވާ މަންމައާ ބައްދަލުކުރުމުގެ ފުރުސަތު އޭގެ ފަހުން އެތައް މަހެއް ފާއިތުވީއިރުވެސް ތުުއްތު ހަޒްލީ އަކަށް ނުލިބެ އެވެ.

ހަޒްލީ އުފަންވީތާ އިރުކޮޅެއް ފަހުން އޯޓަމް އެކްމޯ މެޝިނަކަށް ލިއެވެ. އެއްގޮތަކަށް ވެސް އޮކްސިޖަން ލެވެލް ނުހިފެހެއްޓޭތީ އެވެ. މިއީ ފާޑެއްގެ ލައިފް ސަޕޯޓް މެޝިނެކެވެ. މި މެޝިންގެ އެހީގައި ހަށިގަނޑުގައިވާ ކާބަންޑައި އޮކްސައިޑް ބޭރުކޮށްދީ އާޓިފިޝަލް އޮކްސިޖަން ލިބޭ ގޮތް މެދުވެރިވެ އެވެ.

އެ ދުވަސްވަރު އޯޓަމް ލައިފް ސަޕޯޓް މެޝިނުން ނަގަން ހޮސްޕިޓަލުން މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާގެ ފިރިމީހާ ޒެކް ކާވާ އެކަމާ އެއްބަސް ނުވީ އެވެ.

"ޑޮކްޓަރުން އަހަރެން ކައިރީ ބުނި އަންހެނުން (އޯޓަމް) ސަލާމަތްވުމުގެ އެއްވެސް ފުރުސަތެއް ނެތޭ. އެ ދުވަހަކީ އަހަރެންގެ ހަޔާތަށް އައި އެންމެ ހިތާމަވެރި ދުވަހުގެ ގޮތުގައި އަހަރެން ދެކެނީ. އަހަރެން އެކަމާ އެއްބަހެއް ނުވިން. ކޮންމެ ހާލެއްގައި ވެސް އެންމެ ފަހު ނޭވާއާ ހަމައަށް ވެސް އަންހެނުން ލައިފް ސަޕޯޓްގައި ބާއްވަން އަހަރެން އެދުނިން،" ޒެކް ބުންޏެވެ.

ލައިފް ސަޕޯޓް މެޝިންގައި އޮންނަތާ ދެ މަސް ފަހުން އޯޓަމްގެ ލަންގް ޓްރާންސްޕްލާންޓެއް ކުރަން ނިންމި އެވެ. އަދި އެހެން ހޮސްޕިޓަލަކަށް ފަރުވާ ދޭން ބަދަލު ކުރި އެވެ. ނަމަވެސް އޭރު ވެސް އޭނާ ސަލާމަތް ވެދާނެކަމުގެ މާބޮޑު އުއްމީދެއް ޑޮކްޓަރުންނަކަށް ނެތެވެ.

ވެންޓިލޭޓަރާއި އެކްމޯ މެޝިންގައި މަހަކަށް ވުރެ ގިނަ ދުވަހު ބާއްވާ މީހުން ސަލާމަތްވުމުގެ އޮންނަނީ ހަނި ފުރުސަތެކެވެ. ލަންގް ޓްރާންސްޕްލާންޓް ހަދައިގެން ވެސް މިފަދަ މީހުންގެ ތެރެއިން ސަލާމަތްވަނީ އެންމެ ފަސް ޕަސެންޓް މީހުންނެވެ. ނަމަވެސް އޯޓަމް ވަނީ ލަންގް ޓްރާންސްޕްލާންޓެއް ނަހަދައި މަޑުމަޑުން އަމިއްލައަށް ރަނގަޅުވެފަ އެވެ. އަދި ނޮވެމްބަރު 2021ގައި އޯޓަމް އައިސީޔޫ އިން އާދައިގެ ރޫމަކަށް ބަދަލުކުރި އެވެ.

އޯޓަމް ރަނގަޅުވީ ގޮތް ފެނިފައި ޑޮކްޓަރުން ވެސް ހައިރާންވި އެވެ. އޭނާގެ ހާލު ހުރި ގޮތަށް ބަލާއިރު ރަނގަޅުވެދާނެ ކަމަށް އެއްވެސް މީހަކަށް ހީކުރެވިފައި ނުވާތީ އެވެ.

އޯޓަމް އެންމެ ފަހުން ގެއަށް ދޫކޮށްލީ އޭނާ އެޑްމިޓް ކުރިތާ 99 ވަނަ އަށް އޮތް ދުވަހު އެވެ. އޯޓަމްގެ ފިރިމީހާ ބުނީ ލައިފް ސަޕޯޓް ކަނޑާލަން ބުނި ދުވަހު އެކަމަށް އެއްބަސްވީނަމަ އޭނާގެ އަންހެނުން މިހާރު ދުނިޔޭގައި ނުހުންނާނެ އެވެ. އޭނާއަށް އެ ދުވަހު އެކަމަށް އެއްބަސް ނުވެވުނީ ހަމަ ނަސީބަކުންނެވެ.

ޑޮކްޓަރުން ބުނި ގޮތުގައި އޯޓަމްގެ ފުއްޕާމޭއަށް ލިބިފައވާ ގެއްލުމުގެ ސަބަބުން ފުއްޕާމޭ މަސައްކަތް ކުރަނީ އެންމެ 40 ޕަސެންޓެވެ. އަދި ފައިގެ ބައެއް ނާރުތަކަށް ގެއްލުން ވެފައި ވެއެވެ. އެހެންކަމުން އޭނާ ފަސޭހަވުން ޑޮކްޓަރުން ސިފަ ކުރަނީ "މުއުޒިޖާތެއް"ފަދަ ކަމެއްގެ ގޮތުގަ އެވެ.