ކޮރޯނާވައިރަހުގެ ވަބާ އާ ދުނިޔެ ހަނގުރާމަ ކުރަމުން ދާއިރު އެންމެން ކަހަލަ ގޮތަކަށް ގޭތެރޭގައި ބަންދު ވެގެން ތިބެން ވަނީ މަޖްބޫރުވެފަ އެވެ. އަދި މީގެ ނޭދެވޭ އަސަރު ދުނިޔޭގައި ދިރިއުޅޭ ކޮންމެ މީހަކަށް ވެސް ކޮންމެވެސް މިންވަރަކަށް ކުރާނެ އެވެ. ސްޓްރެސް އަކީ އިންސާނާގެ ހަށިގަނޑަށް ނޭދެވޭ ގިނަ އަސަރުތަކެއް ކުރާ ކަމެކެވެ. ޚާއްސަކޮށް އަންހެނުންގެ ހަށިގަނޑަށް ސްޓްރެސްގެ ސަބަބުން ހީނުކުރާ ކަހަލަ ބަދަލުތައް އާދެ އެވެ.
އެގޮތުން ގަވާއިދުން ޕީރިއަޑް ނުވުމާއި އެކަމާ ގުޅޭ ބައެއް ތަކުލީފުތައް ވަރަށް ގިނަ އަންހެނުންނަށް ތަހައްމަލު ކުރަން ޖެހެ އެވެ.
ކޮސްމޯޕޮލިޓަން ޔޫކޭއަށް ދީފައިވާ އިންޓަވިއު އެއްގައި ޑޮކްޓަ އޮފް ނާސިން ޕްރެކްޓިސް ޑރ. ސާރާ ޓޯލާ ވިދާޅުވީ ސްޓްރެސްގެ ސަބަބުން ބައެއް ހޯމޯންތައް އެކްޓިވޭޓްވެ އެވެ. ހަށިގަނޑަށް އަންނަ ބަދަލުތައް ގުޅިފައިވަނީ މި ހޯމޯންތައް އުފެދުމާ އެވެ.
ކޯޓިސޯލް ހޯމޯން މާގިނައިން ރިލީޒްވުމުގެ ނަތީޖާއެއްގެ ގޮތުން ރިޕްރޮޑަކްޓިވް ހޯމޯންސް އުފެދުމަށް ހުރަސްތައް ދިމާވެ އެވެ. ޕީރިއަޑް މައްސަލަތައް ދިމާވަނީ އެހެންވެގެންނެވެ. މިފަދަ ހާލަތުގައި އެއްބައި މީހުންގެ ޕީރިއަޑް އަވަސްވެ ނުވަތަ ލަސްވެ އެވެ. އަދި އެއްގޮތަކަށް ނުވެ ވެސް ހުންނަ ކަމަށް ޑރ. ސާރާ ވިދާޅުވި އެވެ.
އަދި ސްޓްރެސްގެ ސަބަބުން ޕީރިއަޑް ރަނގަޅުނުވެ ގިނަ ދުވަސްވުން ނުވަތަ އަވަހަކަށް ރަނގަޅު ވުމަކީވެސް ގާތް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިފަދަ ހާލަތުގައި ބަނޑު އަކުނިވަޔަށް ދިނުމާއި ރިއްސުން ވެސް އަންހެނުންނަށް ތަހައްމަލު ކުރަން ޖެހޭލެއް އިތުރުވެގެން ދެއެވެ.
މިފަދަ ކަމެއް ދިމާނުވާ އަންހެނުންނަށް ވެސް ޑޮކްޓަރު އިރުޝާދު ދެއްވީ ކުރިމަގުގައި މިފަދަ ކަމެއް ދިމާވުމުގެ ފުރުސަތު އޮތް ކަމަށާއި އެކަމަށް ފަރުވާތެރިވެ ވީވަރަކުން ސްޓްރެސް އާ ދުރުވެވޭތޯ މަސައްކަތް ކުރުމަށެވެ.