ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ބަލިމީހުންނާ އެކު މަރާ ހަނގުރާމަ ކުުރުމުގައި ނަރުހުން

ބަލި އެނދުގައި އޮތީ އުމުރުން ދުވަސްވީ މީހެކެވެ. ކޮންމެވެސް މީހެއްގެ މާމަ ނުވަތަ ކާފަ އެވެ. މަންމަ އެވެ. ނޫނީ ބައްޕަ އެވެ. ބޮޑުދައިތަ އެއް ނޫނީ ބޮޑު ބޭބެ އެވެ. ކޮންމެވެސް މީހެއްގެ އާއިލާގެ މީހެކެވެ. އެ ބަލި އެނދުގައި އޮވެ ކޮވިޑް-19 އިން ސަލާމަތް ނުވެވި ދުނިޔެއިން ވަކިވެގެން އެދަނީ އެވެ. ޕީޕީއީ ލައިގެން ހުރި ކޮންމެވެސް ނުދަންނަ ނަރުހެއްގެ ކައިރީގައި ހުރެ އެވެ. ބީރަށްޓެހި، ހުދު ހެދުމެއްގައި މޫނުގައި ޝީޑް އަޅާ ނުވަތަ މާސްކް އަޅާ ސޫޓު ލައިގެން އަތަށް އަންގި ލައްވައިގެން އެގޮތަށް ހުރި ސިއްހީ ހިދުމަތްތެރިޔަކު މީގެ ކުރިން ދުވަހަކުވެސް ނުދެކޭ އިރު އޭނާ ކައިރި ހުރެ އެވެ.

އޯގާތެރިކަމާއި އެކު އެންމެ ފަހު ވަގުތު ކޮޅުގައިވެސް ބައެއް ފަހަރު ގިސްލުން ކޮންޓްރޯލް ކުރަމުން އަނެއްބައި ފަހަރު ކަރުނަ ފޮހެމުން ޝަހަދާތް ލައިދެ އެވެ. ހިތަށް ކުޅަދާނަ ވެގެނެއް ނޫނެވެ. ކުރަން ޖެހިގެންނެވެ. އެނޫން ގޮތެއް ނެތުމުންނެވެ. އާއިލާގެ މީހެއް ކައިރީގައި ނެތުމުންނެވެ. ބަލީގެ ނުރައްކާ އާއި އެކު ހުރެވޭކަށް ނެތެވެ. ބަލިމީހާ އެންމެ ފަހު ނޭވާ ލާ ދުނިޔެ ދޫކޮށްދިޔައީ އެވެ. އެއީ ކޮވިޑް-19ގެ މަރެއް ކަމަށް ނިންމާ މީޑިއާގައި އިއުލާންކޮށްލަ އެވެ. މައްޔިއްތާގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށްދެ އެވެ.

މާދަމާވެސް އަލުން އެ ނަރުސް މީހާ ހަަމަ އެ މަސައްކަތަށް ނިކުންނަން ޖެހެ އެވެ. ކޮވިޑް-19 ގައި ނަރުހުންގެ ދައުރު ބޮޑެވެ. ފެސިލިޓީތަކުގައި ޕޭޝަންޓުންނަށް ފަރުވާދިނުމާއި، މީހުން ހޯދުމާއި ޑިއުޓީ ބެހުން އަދި ޑިއުޓީއަށް ނިކުންނަ މީހުންނަށް ޕީޕީއީ ހޯދުމާއި ރައްކާތެރިކަން ކަށަވަރު ކުރަންޖެހެ އެވެ.

ބަލިމީހުންނަށް ބޭނުންވާ ބޭސް ހޯދުމާއި ކާބޯތަކެތި ހޯދުމާއި ހަކުރު ބަލި ހުރި މީހުން ދެނެގަނެ ކާބޯތަކެތި ވަކިކުރުމާއި، އާއިލާ އަދި ކަމާބެހޭ ފަރާތްތަކަށް ޖަވާބުދާރީ ވުން އޮވެ އެވެ. މަރުގެ ސަކަރާތާއި ވޭން ގާތުން ދެކިފައި ހަށިގަނޑުގައި ހުރި ވަރުބަލިިކަން މަދު އިރުކޮޅެއް ތެރޭ ފިލުވާލައިގެން ހޫނު ކޮފީތައްޓެއް ބޯލައިގެން ނިކުންނަނީ މަރާއި ހަނގުރާމަ ކުރުމަށެވެ. ބަލިމީހާ އާއި އެންމެ ގާތުގައި ވުމަށެވެ. މިއީ އަހަރުމެންގެ އެންމެ ގާތުން ފަރުވާ ދޭ ސިއްހީ ހިދުމަތްތެރިންނެވެ. ނަރުހުންނެވެ.

ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި މިވަނީ މީގެ ކުރިން ނުދާހާ ސީރިއަސް ފައްތަރެއްގެ އެވެ. ނަރުހަކު ކިޔައިދިނެވެ. ބަލި މީހަކު ވެންޓިލޭޓަރަށް ލުމަކީ އެމީހެއް މެޝިނަކާއި ގުޅާލާފައި ބާއްވާލުމެއް ނޫނެވެ. ވެންޓިލޭޓަރަކަށް ބަލިމީހަކު ލުމަކީ ނުހަނު ބޮޑު ޒިންމާ އެކެވެ.


ބަލި މީހަކު ވެންޓިލޭޓަރަށް ލުމަކީ އޭނަ ނިންދަވާލުމަށްފަހު އޭނާގެ ކަރު ތެރެއިން ހޮޅިއެއް ނޭވާ ހޮޅިއަށް ލައްވާލުމަށްފަހު މެޝިނެއްގެ އެހީގައި ބާއްވާފަ އެވެ. އެމީހަކު އެ އޮންނަނީ ހަށިނގަޑުގެ އެންމެ އަސާސީ ކަންކަން ކުރުމުގެ ބާރެއް ނޯންނަ ހާލަތުގަ އެވެ. ނަރުހަކު ކިޔައިދިނެވެ.

" މިހާލަތުގައި ބަލި މީހާ އަނގައިން ކާން ނުދެވޭނެ. އެހެންވެ ނޭފަތުން ހޮޅިއެއް ލައްވާފައި ދުވާލަކު 8 ފަހަރު ތިން ގަޑިން ތިން ގަޑިން ކާންދޭނެ. ބަލި މީހާ އޮންނަނީ ކުޑަކަމު އަދި ބޮޑު ކަމު ވެސް ދެވިފައި ކަން ނޭގޭ ހާލުގައި. ކުޑަކަމުދާ ހޮޅިލައްވާފައި އޮންނަ އިރު ކުޑަކަމުދާ ތަކެތި އަންނަ ވަރު ގަޑިއަކުން ނުވަތަ ދެ ގަޑިއަކުން ބަލާ. ބަލިމީހާ ފެންވަރުވާ ސާފު ކުރޭ. ދަތް އުނގުޅުވާ. 4 ގަޑިން 4 ގަޑިން އަނގަ ސާފު ކުރޭ. ބޮލުގައި ފުނާ އަޅުވައިދީ ހަދާނެ. ބަލިމީހާގެ ލޯ ނިންދަވާފައި ކަަމުގައިވިޔަސް ލޯ ހިކޭގޮތް ވާނެތީ ބޭސް އަޅާނެ ކޮންމެ ހަ ގަޑިއަކުން. ހިތުން ވިންދާއި ލޭގެ ޕްރެޝަރު އޮކްސިޖަން ހިފަހައްޓާ މިންވަރު ކޮންމެ ގަޑި އަކު ލިޔޭ. އެއްޗަކަށް ބަދަލު އަންނަ ނަމަ ވަގުތުން އެކްޝަން ނަގާ. މިސާލަކަށް ލޭގެ ޕްރެޝަރ ދަށް ނަމަަ ވަގުތުން ބޭސް ފަށާ. ވެންޓިލޭޓަރުގައި އޮންނަ މީހަކު ދަވަ ހެދޭނެތީ ދަވަ ދަމާނެ އަދި ހަމަ ވެންޓިލޭޓަރުގައި ގިނަ ދުވަހުގެ ސަބަބުން ހަށިގަނޑުގެ ތަންތަން ފާރުވިޔަ ނުދިނުމަށް ހަރަކާތެއް ނެތް ބަލި މީހާ ކޮންމެ ދެ ގަޑިއިރަކު އަރިއަަރިއަށް ބާއްވާނެ." މިއީ އެންމެ ޕޭޝަންޓަކަށް ނަރުހަކު ކޮށްދޭ ހާ މަސައްކަތެވެ. އަދި ވޯޑުގައި ތިބި އެހެން ބަލިމީހުންއަށް އަޅާލާ އޯގާތެރިކަން ފޯރުވަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި 11 ވަނަ ފަންގިފިލާއަކީ ކޮވިޑް-19 އަށް ހާއްސަކޮށްފައިވާ ތަނެކެވެ. އެތަނުގައި މަސައްކަތް ކުރާ ނަރުހުން މަސައްކަތް ކުރަނީ 12-14 ގަޑިއިރުގެ ޝިފްޓެއްގަ އެވެ. އެތަނުގައި މަސައްކަތް ކުރާ ޒުވާން ނަރުހަކު ވާހަކަ ދައްކަމުން ބުނީ މި މަސައްކަތުގައި އުޅޭއިރު އެންމެ އުފާވަނީ ވެންޓިލޭޓަރުން ބަލި މީހާ ނަގާ އޭނާ އަމިއްލަ އަށް ނޭވާލާން ފަށާއިރު ކަމުގަ އެވެ.

"ޑިއުޓީގައި އެންމެ ސިކުންތެއްގައިވެސް އިށީނދެލަން ނުލިބޭނެ. ވަރަށް އެލާޓްގައި ހުރެގެން ނޫނީ މިއީ އަދާކުރެވޭނެ ވަޒީފާއެއް ނޫން. ބަލި މީހާ އަމިއްލަ އަށް ނޭވާލާން ފެށުމަކީ ހީވެސް ނުކުރާހާ ބޮޑު އުފާވެރިކަމެއް ލިބޭކަމެއް. ކޮވިޑް ބަލިން ފަސޭހަވުމަކީ ބުނެދޭން ނޭގެ ކަހަަލަ އިހްސާސްތަކެއް. ހީވަނީ ވަރަށް ބޮޑު ކަމެއް ހާސިލުކުރެވުން ހެން."

ހަމަ މި ގޮތަށް ބަލިމީހަކު ދުނިޔެ ދޫކުރާ އިރު މިއީ ފުން އަސަރުތަކެއް ކުރާ ކަމަކެވެ.

"ކޮންމެ މަރަކީވެސް ވަރަށް އުދަނގޫ ހިތްދަތި ތަޖުރިބާއެއް. ބާރަށް ރޯން ނުފެށިއަސް ހިތުން ރޮވޭ. ލޮލުން ކަރުނަ އާދޭ. ވަރަަށް ހާލުގައި ބަލިމީހާ އުޅެފަައި މަރާއި ހަނގުރާމަ ކޮށްފައި ވަކިވެގެން އެދަނީ. ހީވަނީ އަޅުގަނޑުގެ ގާތް ބައެއް މަރުވާހެން. ހިތަށް ހަމައެކަނި ފިނިކަމެއް ލިބެނީ އަދި ނަފްސާނީ ގޮތުން ވެސް މިކަމާއި ކުރިމަތިލެވެނީ ކުރާ ނަމާދުގެ ސަބަބުން އެކަނި" ހާލަތުގެ ސަބަބުން ދެރަވެފައި ހުރި ނަރުހަކު ބުންޏެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާރު އެންމެ ނުރައްކާތެރި ފައްތަރެއްގައި އޮތް އިރު މަރުވި މީހުންގެ އަދަދު 118 އަށް އަރާފަަައިވެ އެވެ. އިއްޔެވެސް ޕޮޒިޓިވް އަދަދުގެ ތެރޭގައި 65 އަހަރުން މަތީގެ ނުވަދިހަ އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. މިއީ މާ ގިނައިން ބޭރަށް ނިކުމެ އުޅޭ އުމުރުފުރާ ކަމުގައި ނުވެދާނެ އެވެ. އަދި ގޭގައި އުޅޭ އެހެން މީހުންގެ އަމަލުތަކުގެ ސަބަބުން އެމީހުން ބައްޔަށް ހުށަހެޅި ރިސްކް ބޮޑުވަނީ ކަމަށްވެސް ވެދާނެ އެވެ. ބައްޔަށް ފަރުވާ ހޯދަން މީހުން ހޮސްޕިޓަލަށް އަންނަނީ މަރަށް ތައްޔާރުވެގެނެއް ނޫނެވެ. އަވަސް ޝިފާއަކަށް ފަހު ބަލިން ފަސޭހަ ވެގެން ގެއަށް ދާށެވެ.

"ގިނަ މީހުންނަކީ ވަރަށް ހިތްވަރު ގަދަ މީހުން. ބިރާއި ނުތަނަވަސްކަމަށް ވުރެވެސް އެންމެ ފަހުވަގުތުގައި ވެސް ހިތްވަރު ދައްކާ. އަޅުގަނޑުމެން ބަލަނީ ބަލިމީހާއަށް ކިރިޔާ ވާހަކަ ދެއްކޭ ހާލަތުގައި ނުވަތަ ލޯ ހުޅުވިފައި ހުއްޓަސް އާއިލާގެ މީހުުންނަށް ގުޅައިދެވޭތޯ. ބަލި މީހުން ދައްކާނީ އާއިލާގެ ވާހަކަ. ބައެއް މީހުން އަހަރުމެންނަށް އެމީހުންގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދޭ. އެއްފަހަރު ދިމާވި ކުރިން ފޫޅުމާކަން ކުރި މީހެއް. އެކި އެކި ވާހަކަތައް ކިޔައިދިން. ވިއްސާ ގޮތުގެ ވާހަކަތަކާއި ކުދިންނަށް ނަން ކިޔާ ގޮތުގެ ވާހަކަތަކެއް ހިއްސާ ކުރި" ނަރުހެއްގެ ތަޖުރިބާ ހިއްސާކުރަމުން ބުންޏެވެ.

ބަލިމީހުން އެމީހުންގެ ހަޔާތުގެ އެންމެ ނާޒުކު ވަގުތުގައި ވިސްނުމާއި ފިކުރު އަދި އެކި އެކި އިހްސާސްތައް ހިއްސާ ކުރާ އަދި ބައްދަލުވާ އެންމެ ފަހު މީހުން ނަކީ ނަރުހުންނެވެ. އެމީހުންނާއި އެންމެ ގާތުގައި ތިބެނީ ވެސް ނަރުހުންނެވެ. އުފަލެއް ލިބުނަސް ހިތާމައެއް ލިބުނަސް އެވަގުތު ބައިވެރިވަނީ ނަރުހުންނެވެ.

"ބައެއް މަރު ތަކަކީ ވަަރަށް އުނދަގޫ މަރު. ވަރަށް ގާތްކޮށް ބަލަނީ. ކާންދީ ހުރިހާ ކަމެއްކޮށްދޭތީ. އެމީހުންނަށް ހިތްވަރުލައިދޭން ޖެހެނީ އަޅުގަނޑުމެން. ރަނގަޅުވާނެ ކަމާއި އަވަސް ޝިފާއެއް ލިބޭނެ ކަމަށް އަބަދުވެސް ހިތްހަމަޖައްސާ ދެމުން ދާއިރު ޑީއުޓީ ނިންމާފައި ނުވަތަ އޭގެ ގަޑިއިރުތަކެއް ފަހުން ނިޔާވޭ އެބަ. ނުވަތަ އޮވެެދާނެ ވެންޓިލޭޓާރުގައި. ވަރަށް ދެރަވޭ،"

ކޮވިޑްގެ ފުރަތަމަ ރާޅުވެސް އަޅުގަނޑު ތަޖުރިބާ ކޮށްފިން. އެކަމަކު މިހާރު މިއުޅޭ ވޭރިއެންޓް މާ ވަރުގަދަ. މި ވައިރަސް ވޭރިއެންޓް މަސައްކަތް ކުރާ ގޮތެއް ނޭގޭ. އެކި މީހުންނަށް ވަނީ އެކި ގޮތް. ވާއެއް ނުވާއެއް ނޭނގެ. ވަރަށް ހަލުވިމިނުގައި ބަލިމީހާގެ ހާލަތު ގޯސްވެގެން އެތަށް ކޮމްޕްލިކޭޝަން އެއް އައިސް އިންޓާނަލް އޯގަންސް ފެއިލްވެގެން ނިޔާވަނީ" މިހާރުގެ ވޭރިއަންޓްގެ ނުރައްކާ ހުރި ގޮތް ހިއްސާކޮށްދިނެވެ.


ބަލިމީހާ ދުނިޔެއިން ވަކިވެގެންދާއިރު ނަރުހުން އާއިލާއަށް ގުޅާ ނިޔާވި ހަބަރު ދޭންޖެހެ އެވެ.

"އެމީހުންގެ ގިސްލުމާއި ރުއިން އަޑުއަހަންޖެހޭ. ވަރަށް ހިތްދަތި ތަޖުރިބާ އެއް މަރަކީ. މި ވަޒީފާ އަދާ ކުރާ ސަބަބު އަޅުގަނޑުވެސް ކޮންމެ ދުވަހަކު އަމިއްލަ ނަފްސާ ސުވާލުކުރަން. އެކަމަކު އެނގޭ މިކަން ކަން ކުރަން ބޭނުންވަނީ. ޑިއުޓީއަށް ނިކުންނަ އިރުވެސް އަހަރުމެންނަށް މިހާރު އެނގޭ މި ނިކުންނަނީ "ޓްރެއިން ރެކް" އަކަށް ކަން. ނަރުހުންނާއި ހުރިހާ ސިއްހީ ހިދުމަތްތެރިން ތިބީ ވަރުބަލިވެފައި. އެކަމުވެސް ފަހަތަށް ނުޖެހި ދުލެއް ނުދީ މަސައްކަތް ކުރަނީ އަރައިގަނެވޭތޯ"

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިފަދަ ނުރައްކާތެރި ދުވަސް ވަރެއްގެ ބައެއް ނަރުހުން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރަނީ ލިބޭ ހާއްސަ އެލަވަންސްގެ ސަބަބުން ފައިސާ އަށެވެ.

"ފައިސާ ކޮންމެ މަހަކު ނުވެސް ލިބޭ. މަސައްކަތް ފެށީވެސް ފައިސާ ލިބޭނެ ކަމަކަށް ނޫން. އަމިއްލަ ނަފްސާއި އާއިލާ މިހާ ބޮޑު ރިސްކް އަކަށް ލައިގެން އުޅޭނީ ކިހިނެއް. ހިލޭ ސާބަހަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ޒުވާން އިންޓާން އަދި ކިޔަވާ ކުދިންވެސް ހަމަ އެބަ މަސައްކަތް ކުރޭ." ބައެއް ތުހުމަތުތައް ދޮގުކުރަމުން ނަރުހަކު ބުނެފައިވެ އެވެ.

ޕީޕީއީ އާއި އެކު ފާހަނާއަށް ނުގޮސް ފެންފޮދެއް ނުބޮއި ރޯދަމަހު ރޯދަ ނުވީއްލިވެސް އެތައް ނަރުހުންނެއް މަސައްކަތްކޮށްފައިވެ އެވެ. އަދި ބައެއް ނަރުހުން ހަފްތާއެއްގެ މަދު ގަޑިއެއްގައި ނިދާއިގެން ފެސިލިޓީތަކުގައި މަސައްކަތް ކޮށްފައިވެސް އެބަހުއްޓެވެ. މިއަދު ވެސް އެ ހާލަތު އޮތީ އެގޮތަށެވެ.


މިއީ އަހަރުމެން އެމީހުންނަށްޓަކައި ފަހުރުވެރިވާންވީ ނަރުހުުންނެވެ. އޯގާތެރިކަމާއި އަޅާލުމާއި އިންސާނިއްޔަތު ކަމަށް ޝުކުުރު އަދާކުރަންވީ އެ މީހުންނަށެވެ. އެ މީހުންގެ ބުރަ މަސައްކަތަކީ ދުވަހަކުވެސް އަގު އަދާ ކޮށްދެވޭނެ މަސައްކަތެއް ނޫނެވެ. ފުރާނާ އަކީ މާތް ﷲގެ އެއްޗެއްކެވެ. ސިއްހީ ހިދުމަތްތެރިން، ޑޮކްޓަރުން އާއި ނަރުހުން އަކީ ބަލިމީހާގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރާ މީހުންނެވެ. އެމީހުންގެ ހިދުމަތަށް ޝުކުރުވެރިވާާށެވެ.