ލައިފްސްޓައިލް

ޕީސީއޯއެސް: މި ވާހަކަ ދައްކަން ލަސް!

ދަރިން ލިބޭ އުމުރުގެ އަންހެނުންގެ ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުގެ ސަބަބުން މެދުވެރިވާ ސިއްހީ މައްސަލައަކީ ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް (ޕީސީއޯއެސް) އެވެ. ޕީސީއޯއެސް ހުންނަ އަންހެނުންގެ ހަށިގަނޑުގައި "އެންްޑްރޮޖެން" ނުވަތަ ފިރިހެން ހޯމޯން އާންމުކޮށް ހުންނަ މިންވަރަށްވުރެ ގިނައިން ހުރެއެވެ. މީގެ ސަބަބުން އޯވަރީގައި ބައިވަރު ކުދި ސިސްޓްތަކެއް އުފެދުމަށް މެދުވެރިވެއެވެ. އަދި ގަވާއިދުން މައްސަރު ކަންތައް ނުޖެހުމާއި އެކު ދަރިމައިވުމަށް ވެސް އުދަނގޫތަކެއް އާދެ އެވެ.

ހަށިގަނޑުގައި ހުނަން ހޯމޯން ބެެލެންސް ނުވުމުގެ ސަބަބުން ބަލީގެ ސިމްޓަމް އެކި މީހުންގެ ފެންނަނީ އެކި ގޮތަށެވެ. ބައެއް މީހުން ބޮލުން އިސްތަށިފައިބާއިރު އަނެއް ބައި މީހުން މޫނުގައި ބިހިނެގުމާއި ހަށިގަނޑުގެ ބަރުދަން އިތުރުވުން ހިމެނެއެވެ. އަދި ބަރުދަން ލުއިކުރަން ބޮޑެތި އުނދަގޫތަކާއި ކުރިމަތިލައެވެ. އަދި އަނެއްބަޔަކު ދަރިމައިވުމަށް ބޮޑެތި އުދަނގޫތަކެއްވެއެވެ.

އެހެންކަމުން ސިއްހީއެކިއެކި ފަރުވާއަށް ބޮޑު ހަރަދެއް ކުރަންޖެހެއެވެ. ޕީސީއޯއެސް ހުންނަ އެކި މީހުންގެ ތަޖުރިބާ ތަފާތެވެ. ބައެއްމީހުން ބައްޔާއި އެކު އުޅެން ދަސްވިޔަސް ސިމްޓަމްސްތައް މެނޭޖްކުރިކަމުގައިވިޔަސް "ބޮޑީ އިމޭޖް އިޝޫޒް" ތަކާއި ތަހައްމަލް ކުރާ ފަހަރު އާދެއެވެ. އަދި މިގޮތުން ނަފްސާނީ ގޮތުން ތަފާތު އެކި އެކި މައްސަލައާއި ކުރިމަތިލާންޖެހެއެވެ.

ޕިސީއޯއެސްގެ ވާހަކަ ދައްކަންޖެހެނީ ކީއްވެ؟

އަންހެންވަންތައީ ވަކި ގޮތަކަށް ހުރީމެވެ. އެއީ މުޖުތަމައުގެ ވިސްނުމެވެ. ހަށިގަނޑު ވަކިިގޮތަކަށް ހުރީމާ އަދި ގައިގަ އިސްތަށި މަދުވެ އޮމާންކޮށެވެ. ހަށިގަނޑި ލޫޅާފަތިކޮށް ހުރީމައެވެ. އެއީ އަންހެންވަންތަކަމުގެ ސިފަތަކެއް ގޮތުގައި މާ ކުރިންސުރެ ވެސް ނިންމާފައިވާ "ރީތީ"ގެ ސްޓޭންޑާޑްތަކެވެ. އަދި ރީތި ނަމަ މިއިން ގޮޅިއަކަށް ފެތެންވެއެވެ.

ޕީސީއޯއެސް ހުންނަ މީހުންގެ ހަށިގަނޑުގައި ހުންނަ "އިންސިއުލިން ރެސިސްޓަންސް"ގެ ސަބަބުން ބަރުދަން އިތުރުވެ ފަތިފަތި ތުނު ހަށިތަކަކަށް ނުވެދާނެއެވެ. އަދި ގައިގެ ބައެއްތަންތަނުގައި ހަންގަނޑުގައި (ސްކިންފޯލްޑް) ހަން ބޯވެ ކަޅުވުން އާއްމެވެ. ކަނދުރާ އަދި އަތް ފަދަ ތަންތަން ފާހަގަވާ ވަރަށް ކުލަ އަނދިރިވެއެވެ. ބޮލުން އިސްތަށި ފޭބުން މޫނުގައި އަދި އަތްފައިގައި އިސްތަށި ގިނަވުމަކީ މުޖުތަމައު "ހަޑި" ސިފަތަށް ކަމަށް ނިންމާފައިވާ ސިފަތަށް ކަމުން މިއިން ކަމެއް ތަހައްމަލު ކުރާ ފަރާތްތަަކާއި މެދު ތަފާތު އެކި އެކި ބަސްބުނެއެވެ.

"ހާލު ކިހިނެއްތޯ؟" ގެ ބަދަލުގައި "ހާދަފަލަ" އޭ ފަސޭހައިން ބުނެލާ މުޖުތަމައުއެއްގައި "ރީތި" ގޮތުގައި ބަލައިގަންނަ ސިފަތަކާއި މުޅިން ހިލާފުކަންކަމެވެ. އިސްތަށި ގިނަ ނަމަ އެއީ ފިރިހެންވީއެވެ. ބަރުދަން އިތުރުނަމަ އަބަދުކައްނެއް ނޫނީ ހަރަކާތްތެރިނުވެ ގިނައިން ކަނީ ކަމަށް ނިންމައެވެ.

ބަލީގައި އެމީހާ އުޅޭ ގޮތެއް އަދި އުޅޭ ހާއްލެއް އާއްމުކޮށް ގިނަ މީހުންނަކަށް ނުވިސްނެއެވެ. އަމިއްލަ ހަށިގަނޑުގެ ހުރި މި "އުނި" ކަންކަމާއި އެކު މީހުންގެ ތެރެއަށް ނިކުުންނަން ޖެހިލުންވުމާއި މީހާގެ ކޮންފިޑެންސް ނެތުން އަދި ބޮޑީ އިމޭޖް އިޝޫޒް އާއި ހެދި ކަންކަމާއި ކުރިމަތިލާން ނުކުރެއެވެ.

މިއީ ޒުވާނުންނަށް ވަރަށް ބޮޑަށް އޭގެ އަސަރުކުރާކަމެކެވެ. އަދި އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް މިކަމުގެ ސަބަބުން އަސަރު ކުރެއެވެ. އަލަށް މީހުންނާއި ދިމާވުމާއި މީހުންގެ ތެރެއަށް ނިކުންނަން ލަދުގަނެއެވެ. ކަންކަމާއި ކުރިމަތިލުމަށް ފަސްޖެހެއެވެ. އުފާވެރި ދިިިރިއުޅުމަކަށް ބުރުއަރާ ކަމެކެވެ.

ޕީސީއޯއެސްއަށް ސަޕޯޓްގުރޫޕެއް!

ޕީސީއޯއެސް އާއި ދިވެހި ގިނަ އަންހެނުން ކުރިމަތިލާއިރު ޒުވާނުންގެ މެދުގައި ބައްޔާއި ގުޅޭގޮތުން އެކަކު އަނެކަކަށް ސަޕޯޓް ދިނުމަށާއި ތަޖުރިބާ ހިއްސާ ކުރުމަށް އަދި ބަލީގެ ގޮތުން ދިމާވާ އެކިއެކި ކަންކަމުގައި އެކަކު އަނެކަކުގެ ކިބައިން ލަފާ ހޯދުމަށާއި ވާގިއަށް އެދުމަށް 2019ގައި ޓެލެގްރާމްގައި ސަޕޯޓް ގުރޫޕެއްގެ ގޮތުގައި ހަރަކާތްތެރިވާ އެއްފަރާތަކީ ސިސްޓާސް.އެމްވީ އެވެ.

ދުވަހީގޮތެއްގައި ވަރަށް ގިނަ ޒުވާނުން ޕީސީއޯއެސް އާއި ގުޅޭ ވާހަކަތަކާއި ސިމްޓަމް މެނޭޖްކުރާނެ ގޮތާއި ހަށިގަނޑަށް އަންނަ ބަދަލުތަކާއި އެކު އަންނަ މާޔޫސްކަމާއި އެތަށް ވާހަކައެއް "ސޭފްސްޕޭސް" އެއްގައި ދައްކާލުމަށް ފުރުސަތު މި ގުރޫޕުން ދެއެވެ.

ޕެންޑެމިކްގެ ކުރިން ސަޕޯޓް ގުރޫޕްގެ ވަކި މައުލޫއަކަށް ވާހަކަދައްކަން ސެޝަންތަކެއް ކުރިއަށްގެންގޮސް އެއަށްފަހު މިފަދަ ސެޝަންތައް އޮންލައިންކޮށް ކުރިއަށްގެންގޮސްފައިވެއެވެ. ސިސްޓާސް.އެމްވީ މިވަގުުތު ހަމައެކަނި ޓެލެގްރާމް ގުރޫޕެއްގެ ގޮތުގައި އޮތަސް ކުރިއަށްއޮތްތާ އެންޖީއޯއެއްގެ ގޮތުގައި މަސައްކަތްކުރާނެއެވެ.

ސިސްޓާރސް އެމްވީގެ ބައެއް މެންބަރުން ޕީސީއޯއެސްއާއި އެކު ހަށިގަނޑަށް އަންނަ ބަދަލުތަކާއި އެމީހުންގެ ބައެއް ތަޖުރިބާ އަހަންނާއި ހިއްސާކޮށްލިއެވެ.

ޓީޗަރެއްގެ ތަޖުރިބާ: އިސްތަށި ގިނަވުން

އުމުރުން 28 އަހަރުގެ ރަފާ (އަސްލު ނަމެއް ނޫން) އަކީ އެޑިއުކޭޝަން ދާއިރާގައި މަސައްކަތް ކުރާ މީހެކެވެ. އޭނާގެ އުމުރުން 22 އަހަރުގައި ޑޮކްޓަރަކު ޕީސީއޯއެސް އަށް އޭނާ ޑައިގްނޯސް ކުރިކަމުގައި ބުންޏެވެ. އޭގެ ކުރިންވެސް ހަށިގަނޑުގައި ބަލީގެ އަލާމަތްތައް ފާހަގަވިއެވެ.

"ފުރާވަރަށް އަރައިގެން އައި އިރު ސުކޫލްގައި އުޅުނު ދުވަސްވަރު ބުމަ ފަލައޭ. މަތިމަސް އެބަހުއްޓޭ ކިޔާފާ ކުދިންގެ ތެރޭގައި ވަރަށްބޮޑަށް މަލާމާތް ކުރި. އުމުރުން 11 އަހަރުގައި ސެލޫންއަކަށްގޮސް ބުމަ ހަދަން ނިންމި އިރު ސެލޫންގައި ބުމަ ހަދައިދޭން ހުރި ކުއްޖާ އަޕަރލިޕްސްވެސް ހަދަންޖެހޭ ކަމަށް ބުނި. އެއީ ވަރަށް ދެރަވި ދުވަހެއް. އެކަމު އިނގުނު އެއީ ރަނގަޅަކަށް ބުނި އެއްޗެއްކަން. ބުމަ އަދި އަޕަރލިޕްސް ހެދިފަހުން އެންމެން ބުނި ވަރަށް ރީއްޗޭ އަދި މާ ފެމިނިން ކަމަށް.

ފަހުން މޫނުގައި ކަންހުޅިއާއި އެއްކޮށް އިސްތަށި ގިނަކަމަށް އަހަންނަށް ފާހަގަވި. އަަހަރެންގެ ކްލާސް ކުއްޖެއް ހަމަ މި މައްސަލަ އާއި ކުރިމަތިވި. އޭނާ އެއްދުވަހު ސްކޫލަށް އައި މުޅި މޫނު އިސްތަށިތައް ބާލައިގެން. އަހަރެންވެސް އެގޮތަށް މުޅި މޫނު އެއްކޮށް ބޭލިން. އެކަމު އިސްތަށިތައް މާ ވަރުގަދައަށް ފަޅަންފެށީ. އޭގެ ފަހުން އަހަރެން އަބަދުވެސް މުޅި މޫނު އެއްކޮށް ވެކްސް ކުރަން އަބަދުވެސް. އަމިއްލައަށް އަދި ސެލޫން އިން. ބައެއް ފަހަރަށް ހިތަށް އަރާ އަޅާނުލާއި ބަހައްޓަަން. އެކަމު މީހުން އެކި އެކި ކޮމެންޓްކުރޭ އަދި ބަލާ"

ގައިގަ އިސްތަށި ގިނަވުމަކީ އަންހެން ކުދިންނަށް މުޖުތަމައުގެ ފަރާތުން ރައްދުވާ އެކި އެކި ކަހަލަ ކޮމެންޓްތަކުގެ ސަބަބުން ވަރަށް ބޮޑަށް އެމީހުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވާ ކަމެކެވެ.

"ވެކްސް ނުކޮށް ހުރެއްޖެއްޔާ ދުވާލު ގަޑީގައި ބޭރަށް ދާން ލަދުގަނޭ. މީހުންނާއި ވާހަކަ ދައްކާއިރު އެމީހުން ދަތްދޮޅީގެ އިސްތަށިތަކަށް ބަލާހެން ހީވޭ. އެހެންވެ އަަބަދުވެސް ދުރުބަލަން. މާ ކައިރިން މީހުންނާއި ބައްދަލުކޮށް ވާހަކަ ދައްކަން ލަދުގަނޭ. ޖެހިލުންވޭ. ފިރިހެނުން އެކަންޏެއް ނޫން. އަންހެނުންގެ ފަރާތުންވެސް މިކަން ދިމާވޭ. ޖޯކު ޖަހާ ހީ ހަދާ. ފޭޝަލް ހެއަރ ނެތް ނަމަ އަހަރެން މާ ކޮންފިޑެންޓްވާނެ ކަންކަމުގައި."

ރަފާ އިތުރަށް ބުނީ "އަހަރެން ގައިގައި ފިރިހެން ހޯމޯން އިތުރުވާތީ ގައިގައި އިސްތަށި ގިނަވަނީ. އޭގޭ މާނަ އަކީ އަހަންނަކީ ފިރިހެނެއް ނޫން. ފިރިހެން ހޯމޯން ގިނަވަނީ ޕީސީއޯއެސް އާއި ހެދި. އަހަރެން ދެކޭ ގޮތުގައި އަހަރެންގެ ހަށިގަނޑުގައި އަހަންނަަށް ކޮންޓްރޯލް ނުކުރެވޭ ކަމަކަށް ނެގެޓިވްކޮށް ކޮމެންޓް ކުރާނީ ވަރަށް ކަޑަ މީހެއް. އަހަރެންގެ މަތިމަހެއް ނޫނީ ތުނބުޅިކޮޅެއް ހުއްޓަސް އަހަރެން އަކީ ހަމަ ރަފާ. އަހަރެން ހުންނަ ގޮތް މައްސަލައަކަށް ވަނީ ކީއްވެ؟ "

ލަވަކިޔުންތެރިއެއްގެ ތަޖުރިބާ: ބަރުދަންގެ މައްސަލަ

އުމުރުން 26 އަހަރުގެ ޒުވާން ލަވަކިޔުންތެރިއެއް ޕީސީއޯއެސް އާއި ހަނގުރާމަ ކުރަނީ އޭނާގެ ބިޒީ ޝެޑިއުލްގައި އުޅެމުންނެވެ. ރިޒޯޓް މިއުޒިކާއި، ލަވަ ކިޔުމާއި ޝޯތަކާއި އެކު އަބަދު ދަތުރުމަތީގައި ހެން އުޅޭ ޒުވާން މަނާލް (އަސްލު ނަމެއް ނޫން) ޕީސީއޯއެސް އަށް ޑައިގްނޯސް ކުރީ 2017 ގައެވެ.

އޭނާގެ މުޅި ހަޔާތުގައިވެސް އޭގެ ކުރިން ދުވަހަކުވެސް ހަށިގަނޑުގެ ބަރުދަން އިސްކޮޅާއި ބަލާ ހުުންނަންވާ ވަރަށް ވުރެ އިތުރެެއް ނޫނެވެ. އާއްމުންގެތެރެއަށް ލަވަކިޔަން ހުށަހަޅާދޭން ނިކުންނަ އިރު އެއްވެސް ކަހަލަ ޖެހިލުމެއް ނެތެވެ.

ޕީސީއޯއެސް އާއި އެކު އޭނާގެ ބަރުދަން 84 ކިލޯއަށް އަރައިގެން ދިޔައެވެ. " ރިޒޯޓް މިއުޒިކްގައި އުޅެމުން ވަރަށް އުނދަގޫ ގަވާއިދުން ވަކި ކަސްރަތެެއް ކުރަން. އަހަރެންނަށް ފަތާލަން ދެވޭ. ބަރުދަން ލުއިކުރުމަށް އެންމެ ބޮޑު ބަދަލަކަށް ކުރިކަމަކީ ޕޯޝަން މަދުކުރުން. އަހަންނަކީ އަބަދުވެސް ވަރަށްވެސް ފޮނި އެއްޗެހި ކާ ހިތްވާ މީހެއް. އެހެންވެ އުނދަގޫ ވަކި ސްޓްރިކްޓް ޑައެޓަކަށް ދާން. ފޮނިއެއްޗެއްހި ފިޒީ ބުއިން މަދުކޮށްލީ"

ހަށިގަނޑު ބިޔަކޮށް ބޮޑުކޮށް ތިބޭ މީހުންނަށް ފަސޭހައިން ބޮޑީޝޭމް ކުރުމަކީ މުޖުތަމައުގެ އާދައެކެވެ. އޮފީސް، ރައްޓެހިން، ތިމާގެ މީހުން މިހެންގޮސް އަލަށް ދިމާވާ މީހަކުވެސް ބޮޑީޝޭމްކޮށްލަފާނެއެވެ.

މަނާލް ބުނާގޮތުގައި އޭނާއަށް ކުރިމަތީގައި މީހަކު އޭނާ ލަދުގަނުވާލާ ބޮޑީޝޭމްއެއް އަދި ނުކުރެއެވެ. "ޑައިރެކްޓްލީ ބޮޑީޝޭމް ނުކުރިއަސް އަހަރެން ވަރަށް އަންކޮމްފޮޓަބަލް ސިޓުއޭޝަން ތަކަކާއި ދިމާވެފައި އެބަހުރި. ބެލުމާއި، ދިމާލަށް ހުނުމާއި، އަދި އަތްދިއްކޮށް މަލާމާުތުގެ ރާގުގައި އަހަރެންގެ ވާހަކަ ދައްކާކަން ފީލްވޭ. މިއީ ހުސް އަންހެނުން ދާ ޖިމްއަކުން ކުރިމަތިވި ކަމެއް އެހެންވެ އަހަރެން ޖިމަށް ދިއުން ހުއްޓާލީ.

84 ކިލޯ ކުރިން ހުއްޓަސް މިހާރު އަހަރެންގައިގާ ހުރީ 62 ކިލޯ. ވަރަށް ވަރަށް އުނދަގޫ ވެއިޓް ދަށް ކުރަން. އަހަންނަށް ހީވީ ކޮންމެ ކަމެއް ކުރިއަސް ދަށެއް ނުވެޔޭ. ގޭގައި ކަސްރަތުކޮށްގެން، ޕޯޝަން ކުޑަކޮށްގެން އަދި ކޮންސިސްޓަންޓްވެގެން ނަތީޖާ ނެރެވުނީ"

އަދިވެސް ބޭނުންވާ ވަރަކަށް ބަރުދަން ތިރިއެއް ނުވޭ އެކަމު މިހާރު ކޮންމެވެސް ވަރެއްވެއްޖެއެވެ. ޕީސީއޯއެސް ހުންނަ އަންހެނުންގެ މެޓަބޮލިޒަމް ދަށްވުމުން ކަސްރަތާއި އެކުވެސް އެހާ އަވަހަށް ބަރުދަން ލުއި ކުރުމަށް އުނދަގޫވާކަަމަށް ސިއްހީ މާހިރުން ބުނެއެވެ. ކަސްރަތު ކުރަން ރަނގަޅު ގޮތަކީ ކުޑަވަގުތު ކޮޅަކަށް އިންޓެންސިޓީ ހައި ވޯކްއައުޓް ކަމުގައިވެސް ބުނެއެވެ.

އޮފީހެއްގައި މަސައްކަތްކުރާ މީހެއްގެ ތަޖުރިބާ

ބޮލުން އިސްތަށި ފޭބުމާއި "މޭލް ޕެޓާން ބޯލްޑްނެސް" އަކީ ޕީސީއޯއެސްގެ ސަބަބުން ދިމާވާ ކަމެކެވެ. 27 އަހަރުގެ ޒުވާން ނަޝާ (އަސްލުނަމެއް ނޫން)އެންމެ ފުރަތަމަ ޕީސީއޯއެސް އަށް ޑައެގްނޯސް ކުރީ އޭނާގެ އުމުރުން 18 އަހަރުއެވެ. މައްސަރު ކަންތައް ގަވައިދުން ނުޖެހުމާއި ބަނޑުގައި ރިއްސުމަކީ އާލާމާތްތަކެކެވެ.

އިސްތަށިގަނޑު ތުނިވެ ބޮލުން އިސްތަށި ފައިބަން ފެށިކަން އޭނާއަށްވެސް ފާހަގަވިއެވެ. ނަޝާއަށް ވަރަށް ގިނަ ފަހަރަށް "ތިހިރީ ތަލަވެފައި ނުން" މި ކޮމެންޓް ލިބެއެވެ. މިއީ އޭނާގެ ކޮންފިޑެންސްއަށް އަސަރު ކުރާކަމެކެވެ. "ވަރަށް ގިނައިން އެކި ކަހަލަ ހޯމް ރެމެޑީސް ޓްރައި ކުރަން. އިސްތަށިގަނޑު އަޔަންކުރުން އެއްކޮށް ހުއްޓާލިން.ކޮންމެ ދުވަހަކު ބޯ ދޮވުމުގެ ބަދަލުގައި ދެ ދުވަހުން އެއް ދުވަހު ބޯދޮންނަނީ. ކާށިތެޔޮ ކިރިޔާވެސް ރަނގަޅީ"

ޕީސީއޯއެސް އަކީ އޭގެ ތަފާތު އެކި ސިމްޓަމްސް ދިމާވާ ކަމެއް ކަމުން ނަޝާ ކުރިމަތިލާން ޖެހޭ އަނެއް ކަމަކީ މޫނުގައި ބިހި ނެގުމެވެ. ނަޝާގެ ތަޖުރިބާ އަކީ މޫނުގައި އެކި ކަހަލަ ބިހި އަދި އޯށާޅަ ނެގުމެވެ. "ވަރަށް ބޮޑަށް މިކަމާއި ކުރިމަތިލާން ޖެހުނު ޓީނޭޖަރއަކަށްވީ ހިސާބުން. ޓީޓްރީ އޮއިލް އިން ފަސޭހަވި. ޑޮކްޓަރަށް ދައްކައިގެން ބާރުގަދަ އެންޓިބޮޓިކްސް ނަގަން ޖެހުނު. މީހުންގެ އެކި އެކި ކޮމެންޓާއި ހުރެ މީހުންގެ ތެރެއަށް ނިކުންނަނީ އަބަދުވެސް މޫނުގައި ކޮންސީލާރ އެއް ހާކައިގެން. އަހަންނަކީ މާ ގިނަ މޭކަޕެއް ކުރަން ބޭނުން މީހެއް ނޫން"

މިއީ ޕީސީއޯއެސްގެ ސަބަބުން ޒުވާން އަންހެން ކުދިން ކުރަމުން އަންނަ އެކި ކަހަލަ ތަޖުރިބާއެވެ. ބައްޔާއި އެކު އެމީހުން އުޅޭއިރު އަނެކާގެ ކުޑަބަހަކުން މި ޒުވާނުންނަށް ހިއްވަރު އެލެއެވެ. އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެއެވެ. ކަންކަމާއި ކުރިމަތިލާ މީހުންގެ ތެރެއަށް ނިކުންނަން ޖެހިލުންވެއެވެ. އަމިއްލަ މީހާގެ ރޫފައާއި ސިފައާއި މެދު އަދި ބަލީގެ ގޮތުން މުޖުތަމައު ރީތި ކަމަށް ބުނާ ތައްގަނޑަށް ނުފެތޭތީ އާދައިގެ ދިރިއުޅުމެއް އުޅެން ބޮޑު ހަނގުރާމައެއް ކުރެއެވެ.

މިވާހަކަތަށް މީޑިއާގައިވެސް ނުދައްކަންވީ ސަބަބެއް ނެތެވެ. އަހަރުމެންނަކީ އަނެކާގެ އިހުސާސްތައް ދަންނަ ބަޔަކަށް ވާންވީއެވެ. ހެޔޮބަހެއް ނޫނީ އަނެކާއަށް ނުބުނާންވީއެވެ. މިވާހަކަތަށް ދައްކަން މިހާރުވެސް މާ ލަސްވެއްޖެއެވެ. އެހެނަަމަވެސް ހަމަ ބުނެލީއެވެ.