ލައިފްސްޓައިލް

ނިދަން އުނދަގޫވޭތަ؟ އަވީގައި ޖެހިލަން އާދަކުރޭ!

އިންސާނުން ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތުން އެމީހުން ދުވާލުގެ ވަގުތު ހޭދަކުރުން ރަނގަޅީ ހާމަ ތަންތަނެވެ. އަދި ރޭގަނޑު އަނދިރިވުމަށްފަހު ގޭތެރޭގައި އުޅުމުން ހަށިގަނޑަށް މާފައިދާ ކުރެ އެވެ. އަހަރެންގެ ހަށިގަނޑުގެ ގުދުރަތީ ގަޑި (ނެޗުރަލް ބޮޑީ ކްލޮކް) މަސައްކަތް ކުރަނީ 24 ގަޑިއިރުގެ ރިދަމް އަކަށެވެ. މިއަށް ކިޔަނީ ސިކޭޑިއަން ރިދަމް އެވެ. މިއީ ދުވާލު ގަޑީގައި ރަނގަޅަށް ހޭލާ އެލާޓަށް ތިބެ މަސައްކަތް ކުރުމަށް އެހީތެރިވެދޭ ފަދައިން ރޭގަނޑު އަރާމު ނިންޖެއް ނިދުމަށް ވެސް ބޭނުންތެރި އެއްޗެކެވެ.

ވަކި ސަބަބެއް ނެތި ރޭގަނޑު ނިދަން އުނދަގޫވެގެން އުޅޭނަމަ އެއީ ފަހަރެއްގައި ސިކޭޑިއަމް ރިދަމްގެ މަސައްކަތް ރަނގަޅަށް ނުކުރާތީ ދިމާވާ ކަމަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ހާސް ނުވާށެވެ. ވަރަށް ފަސޭހަ އެހާމެ އަގުހެޔޮ ގޮތަކަށް ކަންތައްތައް ކޮށްލައިގެން މިކަން ހައްލު ވެދާނެ އެވެ. އެއީ އިރުގެ އަލި ބޭނުންކޮށްގެންނެވެ.

ނިދުމުގައި މައްސަލަތައް ދިމާވާނަމަ އެންމެ ހެނދުނު އިރުއަރާއިރު އެ ހުންނަ އަވީގައި 20 ވަރަކަށް މިނިޓަށް ޖެހިލާށެވެ. ނުވަތަ އިރުއޮއްސެން ދާއިރު އެ ހުންނަ އަވީގައި 20 މިނިޓް ޖެހިލާށެވެ.

ހެނދުނު ހޭލެވުމާއެކު އިރުގެ އަލި ލިބުމުން ނޮކްޓާނަލް މެލަޓޯނިން (ސްލީޕް ހޯމޯން) އަވަހަށް އުފައްދަން ފަށާނެ އެވެ. މީގެ ސަބަބުން ރޭގަނޑު ފަސޭހައިން ނިދާލުމަށް އެހީތެރިވާނެ އެވެ.

އިރުގެ އައްޔަކީ ސެރޮޓޯނިން އުފައްދަން ވެސް އެހީވެދޭ އެއްޗެކެވެ. އަދި އަނދިރިވުމުން ހަށިގަނޑުން މި ބަދަލުކޮށްލަދެނީ މެލަޓޯނިން އަށެވެ.

އިރުގެ އަލީގެ ފައިދާއާ ގޮތުން ކޮށްފައިވާ ދިރާސާއެއް އެންވަޔަރަންމަންޓަލް ހެލްތު ޕާސްޕެކްޓިވްސް ޖާނަލްގައި ޝާއިއުކޮށްފައި ވެއެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ސެރޮޓޯނިން ލެވެލް ތަންކޮޅެއް މަތިވުމަކީ މީހާގެ މޫޑު ރަނގަޅުކޮށްދޭނެ ކަމެކެވެ. ހެނދުނު އިރު އަރާ ވަގުތު އެ ހުންނަ އަލީގައި ޖެހިލުމުން އެމީހެއްގެ ހަށިގަނޑަށް އަރާމާއި ހަމަޖެހުން ލިބޭނެ އެވެ. އަދި އެ ދުވަހެއްގެ ހަތަރު ދަމުވެސް އެމީހާގެ ސިކުނޑި މަސައްކަތްކުރާލެއް ރަނގަޅުވާނެ އެވެ.

ހަމަ އެގޮތަށް ނިދުމުގެ ދެ ގަޑިއެއްހާއިރު ކުރިއްސުރެ ކޮޓަރި އަނދިރި ކޮށްފައި ބެހެއްޓުމަކީ ވެސް ނިދަން ފަސޭހަ ވާނެ ކަމެކެވެ. އޭރުން އޮށޯންނައިރު މީހާގެ ހަށިގަނޑު ހުންނާނީ ނިދަން ތައްޔާރުވެފަ އެވެ.

މީގެ އިތުރަށް ކޮންމެ ރެޔަކު ވެސް ވަކި ގަޑިއަކަށް ނިދުމާއި ކެއުމަށް އާދަކުރުމަކީ ވެސް ރޭގަނޑު ރަނގަޅަށް އަރާމު ނިންޖެއް ނިދާލަން ފަސޭހަ ވާނެ ކަންކަމެވެ.