އަގުލީމާ އިބްރާހިމް (އަގޫ) ގެ ދެމަފިރިންގެ ދިރިއުޅުމުގައި ފިރިމީހާއަށް އެހީވުމުގެ ގޮތުން ގޭގައި ކުދިން ބަލަމުން އިތުރު އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި އަގޫ އޭނާގެ "ސާ ކަލެކްޝަން" 2018 ވަނަ އަހަރު އުފެއްދި އެވެ. އެއީ ކުޑަކުޑަ އޮންލައިން ވިޔަފާރިއެކެވެ. އޭނާގެ މި ވިޔަފާރިއަކީ އަމިއްލަ ތަކެތި ބޭނުން ކޮށްގެން އުފައްދާ ތަކެތި ވިއްކުމުގެ ފެށުމެކެވެ. ފުރަތަމަ ގޭގައި ފަހަން ފެށީ އެވެ. ކުޑަކުދިންގެ ހެދުން ފެހުމަށް އަގޫއަށް ލިބިފައިވާ ހުނަރުން އެކި ޑިޒައިންތަކު ހެދުން ފަހައި "ސާ ކަލެކްޝަން" ގައި ވިއްކަމުން ދިޔައީ އެވެ. ފޮނި އުންމީދުތަކެއް ކުރަމުންނެވެ.
ކުޑަ އެ ވިޔަފާރި މަގުބޫލު ވަމުން ދިޔައިރު އަގޫގެ ދެމަފިރިންގެ ދެ އަންހެންކުދިން ވެސް ބޮޑުވަމުން ދެއެވެ. އޭގެ ތެރެއިން މިހާރު އުމުން ތިން އަހަރު ވެފައިވާ އައިޝާ ބިންތު އަލީ ޝިފާޒް (އައިޝޫ) ގެ އުމުރުން ދެ މަހުގައި އަބަދު ބަލިވެ އުޅެން ޖެހުނެވެ. އަދި އެކަމާ ހެދި ގިނަ ދުވަސްތައް ހޭދަކުރަން ޖެހުނީ ހޮސްޕިޓަލްތަކުގަ އެވެ.
ޓެސްޓްތަކުން އެނގުނީ އައިޝޫގެ ބައްޔަކީ ވަރަށް މަދުންނުނީ ނުފެންނަ ބައްޔެއް ކަމެވެ. އެއީ ރެއާ ބްލަޑް ޑިސްއޯޑާ އެއް ކަމަށްވާ ކްރޮނިކް ބެނައިން ނިއުޓްރޮޕީނިއާ އަދި ކޮރިނިކް ކޮންސްޓިޕެޝަން އެވެ. ރާއްޖޭން މި ބައްޔައް އެދެވިގެންވާ ފަރުވާ ލިބެން ނެތުމުންނާއި ދަރިފުޅުގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އައުމާއެކު 2021 ވަނަ އަހަރު ވަނީ އިންޑިއާއަށް ދިރިއުޅުން ބަދަލު ކޮށްފަ އެވެ.
ވަޒަން ދޫކޮށް ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކު ރަން އަގޫއަށް ވީ އުނދަގޫ ކަމަކަށެވެ. ނަމަވެސް އިތުރު އެހެން ގޮތެއް ނެތުމުންނާއި ދަރިފުޅަށް ފަރުވާ ދެވެން އޮތީ އިންޑިޔާއަށް ބަދަލުވެގެން ކަމަށް ވާތީ އެގޮތަށް ނިންމީ އެވެ. ފެށި އޮންލައިން ވިޔަފާރި ދުވަސްކޮޅަަކަށް ހުއްޓާލަން ވެސް މަޖްބޫރުވީ އެވެ.
ދަރިފުޅުގެ އައިޝޫ ގެ ބައްޔަށް ލުޔެއް ލިބެން ފެށި ހިސާބުން އަނެއްކާ ވެސް އެ ވިޔަފާރި އަގޫ ވަނީ ފަށާފަ އެވެ. އާ ހިތްވަރަކާއި އެކުގަ އެވެ. ވިޔަފާރިއަށް ބަަދަލު ގެނެސް އިންޑިޔާއިން ތަކެތި ރާއްޖެ ފޮނުވައި ވިއްކަން ފެށީ އެވެ. އެ ކަލެކްޝަންގައި ހިމެނެނީ ކުޑަކުދިންގެ ހެދުމާއި ކުޅޭ ސާމާނާއި ގޭގަހިފާގެންގުޅޭ ސާމާނެވެ. އޭނާ ވިއްކާ ތަކެތި ޑެލިވަރީ ކުރުމުގައި އެހީވަނީ ފިރިމިހާ އެވެ.
އަގޫއަށް އެކީ ރާއްޖެ ބަދަލުވެވެން އޮތީ ދަރިފުޅު އެކީ ރަނގަޅުވެގެނެވެ. ދިރިއުޅުން އެހެން އޮތް ނަމަވެސް ކުޑަ ވިޔަފާރި ފުޅާކޮށް ދިރިއުޅުން ތަނަވަސް ކުރުމަށް އޭނާ ކުރާ މަސައްކަތް ބަރާބަރަށް ހިނގަ އެވެ.
އަގޫ ބުނާ ގޮތުގައި އެއްވެސް ކަމެއްގައި އުންމީދު ކަނޑާލައިގެނެއް ނުވާނެ އެވެ. ދިރިއުޅުމުގައި އެކިމީހުންނަށް ދިމާވާނީ އެކި ހާލަތެވެ. އުންމީދު ކުރާ ގޮތަށް ހިތްވަރާއެކު މަސައްކަތް ކުރުމުން ފޮނި ނަތީޖާ ލިބޭނެ އެވެ.