ލައިފްސްޓައިލް

ރިޒޫގެ ހުނަރު ދައްކާލީ ފޮތުން!

ކޮވިޑް-19 އާއި އެކު އަހަރުމެންގެ ތެރެއިން ކޮންމެ މީހެއްގެވެސް ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. ކޮންމެވެސް އެއްގޮތަކަށެވެ. އެއް ބަޔަކު ބައްޔަށް ހުށެއެޅިއެވެ. އަނެއް ބަޔަކު އާއިލާގެ މެންބަރެއްގެ އަވަސް ވަކި ވުމަކާއި އެކުއެވެ. ސިއްހީ ކާރިސާއެއްގެ ޖެހި އައި އިގްތިސޯދީ ކާރިސާގެ ސަބަބުން ބައެއް މީހުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލު އައިސްފައިވެއެވެ.

ފާތިމަތު ރިޒްފާ (ރިޒޫ) އަކީ ދެ ކުދިންގެ މަންމައެކެވެ. އޮސްޓްރޭލިއާއިން ސައިކޮލޮޖީ ދާއިރާއިން ކިޔަވައިގެން ހުރި މަންމައެކެވެ. ސޯޝަލް ވޯކަރ އެއްގޮތުގައި ޖެންޑަރ މިނިސްޓްރީ އާއި ވިމެންސް ރައިޓްސް އަށް މަސައްކަތް ކުރާ އޯގަނޭޒައިޝޭން އެއްގައި މަސައްކަތްކޮށްފައިވާ އިރު އިޖުތިމާއީ ކަންކަމަކީ ނުހަނު ޝައުުގުވެރިވާ ދާއިރާއެކެވެ.

ކޮވިޑް-19 އާއި އެކު ރިޒޫގެ ދިރިއުޅުން ބަދަލުވެގެން އައީ ފިރިމީހާ އާދަކުރަމުން އައި ވަޒީފާ ކޮވިޑުގެ ސަަބަބުން ވަގުތީ ގޮތުން ޖައްސާލަންޖެހި ދިރިއުޅުމުގެ ހުރިހާ ކަމެއް ފަހަށް ރައްކާކޮށްފައިވާ ފައިސާއިން ހަމަޖައްސަން ބަރޯސާވާން ޖެހުނު ހިސާބުންނެވެ. ކުދިން ބެލުމުގެ އެންމެހާ މަސްއޫލިއަތްތަކާއި ހަވާލުވެ ގޭގައި ކުދިންގެ ޒިންމާ ފުލްޓައިމްކޮށް އަދާކުރާ މި މަންމަ އާމްދަނީ އެއް ލިބޭ މަސައްކަތަކާއި ދިމާލަށް ދާން ގަސްދު ކުރިއެވެ. މުސްތަގުބަލުގައިވެސް އެކަކަށް ލިބޭ އެއްޗަކަށް ބަރޯސާވެގެން ދިރިއުޅުމުގެ ދެކޮޅު ޖެއްސުމުގެ ބަދަލުގައި އާމްދަނީ ލިބޭ އިތުރު މަގެއް ހޯދުމަށް ކޮންމެހެންވެސް ބޭނުންވިއެވެ.

މި އާއި އެކު ރިޒޫގެ ބިޒްނަސް އައިޑިއާ އަކީ އަމިއްލަ ފޮތެއް ލިޔުމެވެ. ކުޑަކުދިން ޝައުގުވެރިވާ ގޮތަށް ލިބެން ހުންނަ ފޮތްތައް މަދުވުމާއި ކުދިންގެ ސަމާލުކަން ދަމައިގަނެ އެކުދިން އަށް މަޖާވާނެ ގޮތަށް ވާހަކަ ފޮތް ހުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭތީ މި އައިޑިއާ އާއި އެކު ނެގީ ގަލަމެވެ. ރިޒޫ ދެކޭ ގޮތުގައި ދިވެހި ބަހަަށް ކުދިން ޝައުގުވެރިކަން ކުޑަވެ ނުފަރިތަ ވާ އެއް ސަބަބަކީ އިނގިރޭސި ބަހުން ލިބެން ހުނނަ ފަދަ ތަފާތު ބާވަތް ތަކުގެ ތައުލީމީ ރީސޯސަސް ދިވެހި ބަހުން ކުދިންނަނަށް ލިބެން ހުންނަ ވަރު މަދުވުމެވެ.

މަންމައެއްގެ ނުވަތަ ބައްޕައެއްގެ އުނގުތެރޭގައި ދަރިފުޅު ބައިންދައިގެން ފޮތެއް ކިޔައިދޭ އިރު ލިބޭ އުފާވެރިކަން ނުވަތަ އެއަށްވުރެ ވަކި އެހެން މޮޅެއް ކުދިން އަށް ނޯވެއެވެެ. ބަސްކޮށާރާއި ވާހަކަ ދެއްކުމަށް ކުދިން ފަރިތަވެއެވެ. ބަސްކިޔުމާއި މާނައަށް ކުދިން ހޭނެއެވެ. ކަންކަމާއި މެދު ސުވާލުކޮށް އަހާ އޮޅުންފިލުވައެވެ. އަދި އެ ވަގުތު އެ ލިބޭ ލޯއްބާއި ކުރެވޭ އިހުސާސްތަކަކީ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. އެހެންކަމުން ފޮތްކިޔައިދޭ ވަގުތަކީ ކުއްޖާއަށް ވަރަށްހާއްސަވާ ވަގުތެކެވެ. ކުދިންނަށް ފޮތް ކިޔައިދޭންވީ މި ސަބަބާއި ހެދިއެވެ. އަހަރުމެންގެ ދިވެހިވަންތަ ކަމުގެ ފަހުރެއް ކަމުގައިވާ ދިވެހިބަހަށް ކުދިން އަހުލުވެރިކުރުމަށްވެސް ކުރަންވީ މިކަމެވެ.

ލޮކްޑައުންގައި ލިބުނު ވަގުތުގައި ރިޒޫ އެންމެ ފުރަތަމަ ދަސްކުރީ ޑިޖިޓަލްކޮށް ފޮތެއް ތައްޔާރުކުރުމަށް އިލަސްޓްރޭޓް ކުރާށެވެ. އެއަށް ފަހު ލިޔުނީ ކުޑަކުދިންނަށް ކިޔާލާން ކަމުދާނެ ފޮތެކެވެ. ދެ ކުދިން ކަމުގައިވާ ޕައި އާއީ ޔޫޝީގެ ނަމުން ނަންދީ ރިޒޫ "ޕޫޝީބުކްސް" އިން ވަނީ މިއަހަރު ޖެނުއަރީ މަހުގައި ދިވެހިންގެ ފުލޯކު ވާހަކައެއް ކަމުގައިވާ "ފޫޅުދިގު ހަންޑި" ވާހަކަ ބާޒަރަށް ނެރެފައެވެ.

ފޮތާއި ގުޅޭގޮތުން ރިޒޫ ބުނަނީ "މިއީ އަަހަރުމެން ތުުއްތު އިރު އަޑުއަހާ އުޅުނު ފޫޅުދިގު ހަންޑީގެ ވާހަކަ މި ޖީލުގެ ކުދިން ޝައުގުވެރިވާނެ ގޮތަށް ބަދަލުތަކާއި އެކު ގެނެސްދޭ ފޮތެއް. ވާހަކައިން ކުދިންނަށް ކިޔައިދޭނޭ ބޭނުންވަނީ ހަމްދަރުދީ، އޯގާތެރިކަން މި ރިވެތި ސިފަތައް. ރަހުމަތްތެރިކަމާއި އެކުވެރިކަމުގެ މުހިއްމުކަން ދަސްކޮށްދޭ މެސެޖެއް ފޮތުން ލިބޭނީ"

ލޮނުމިރުހާއި ކުޅިކަމެއް ރިޒޫގެ މި ފޮތުގައި ނެތަސް މި ފޫޅި ދިގު ހަންޑި އެޑޯބް އިލަސްޓްރޭޓަރ އިން އިލަސްޓްރޭޓްކޮށްފައިވަނީ ކުދިންގެ ހިތްޖެހޭ ގޮތަށެވެ. ކިޔާ ހިތްވާ އަދި ބަލާހިތްވާ ކުރެހުންތަކާއި ދިވެހި ދިރިއުޅުން ދައްކާލާދެއެވެ.

ޕޫޝީބުކްސްގެ ދެވަނަ ފޮތަކީ ކުދިން އަށް ރިޒޫ ދިން ހަދިޔާއެކެވެ. ބައިނަލްއަގުވާމީ ކުޑަކުދިންގެ ފޮތުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިލޭ ދޫކޮށްލީ އީބުކް އެކެވެ. "ކުދިން ކުދިން" ނަމުން ނަންދީ އެކުލަވާލާފައިވާ ފޮތުން ކުދިން އަށާއި ބޮޑެތި މީހުން އަށް ދެނީ ވަރަށް މާނަފުން މެސެޖެކެވެ.

"ކުދިން ކުދިން އެއީ ފުރަތަމަ ލިޔުނު ފޮތް. މި ފޮތް މި ދޫކޮށްލީ ކުޑަކުދިންގެ ފޮތުގެ ދުވަހާއި ގުޅޭ ގޮތުން ހަދިޔާއަކަށް ހުރިހާ ކުދިން އަށް. މިފޮތުން ކިޔައިދޭން ބޭނުންވަނީ ވަކި ވަކި ތަފާތު ތަކެއް ހުއްޓަސް ހުރިހާ ކުދިންގެ އެއްގޮތް ކަންކަން ހުރޭކަން. ކުދިންނަށް ކުރެވޭ އިހުސާސްތަކުން އެކުއްޖެއް އަނެއް ކުއްޖަކާއި އެއްގޮތްކަން ބުނެދޭނެ. މީގެ އިތުރުންވެސް މި ފޮތަކީ އެކުއްޖެއްގެ ކިބައިގައިވާ ހާއްސަ ސިފަތަކާއި ހުނަރުތައް ދެނެގަނެ އެކަން ފަހުރުވެރިކަމާއި އެކު ބަލައިގަންނަން ދަސްކޮށްދޭނެ މަގެއް.މިފޮތުގެ އެންމެ މުހިއްމު ބޭނުމަކީ، ބެލެނިވެރިންނަށް ކުދިންނާއި އެކު އެކި ކަހަލަ އިޖްތިމާއި މައްސަލަ ތަކާއި މެދު މަޝްވަރާ ކުރުމަށް އެހީއަކަށް ވެގެން ދިއުން. މިސާލަކަށް ނަސްލީ ތަފާތު ކުރުން، ވަކި ކުލައެއްގެ ނުވަތަ ވަކި ފަންތިއެއްގެ ކުއްޖެއް ވިމާ ދެރަ ކޮށްލުން ކޮށްލުން ކަހަލަ ކަންކަން. "

ރިޒޫ ބުނާގޮތުގައި ދެފޮތަށްވެސް ވަރަށް ފީޑްބެކް ރަނގަޅެވެ. "ފޫޅުދިގު ހަންޑި، ފަދަ ވާހަކަތަކަކީ އޭގެން ލިބޭ މެސެޖް ނުވަތަ މާ އިހާނެތިކޮށް ނިމިގެންދާތީ މި ޖެނެރޭޝަންގައި ވަރަށް ބެލެނިވެރިން ކުދިން އަށް ކިޔައި ނުދޭ ވާހަކައެއް. އެހެން ނަމަވެސް ތަފާތު ގޮތަކަށް ހެޕީއެންޑިންގ އެއް އަންނާތީ ހެން ހީވަނީ ބޮޑަށް ކަމުދިޔައީ. ކުދިން ކުދިން ފޮތަށް ލިބުނު ތަރުހީބު ފޫޅު ދިގު ހަންޑި ފޮތަށް ވުރެ ބޮޑު. މިފަދަ މައުލޫ އަކަށް ދިވެހި ފޮތެއް ބޭނުންވެފައި ތިބި ކަމަށް ވަރަށް ގިނަ ފަރާތްތަކުން ބުނި. އެކަމަކު ބެލެނިވެރިން ބޮޑަށް އެދެނީ، އީބުކް އެއްގެ ބަދަލުގައި އެފޮތުގެ ޕްރިންޓް ފޮތް ލިބޭނެ ގޮތް ހަދައިދިނުން." ކަމުގައި ރިޒޫ ބުންޏެވެ.

ރިޒޫ ބުނާގޮތުގައި ވާދަވެރި މާހައުލެއްގައި ބޮޑުވަމުން އަންނަ ކުދިންނަށް ބެލެނިވެރިންނަށް ކޮށްދެވޭނެ އެންމެ ބޮޑު އެއް ކަމަކީ އެކުދިންގެ އަމިއްލަ ނަފްސުގެ އަގުވަޒަންކޮށްދީ އެކުދިންނަށް އަމިއްލަ ނަފްސަށް އޮންނަ ޔަގީންކަން އިތުރުކޮށްދޭން މަސައްކަތްކުރުމެވެ. ފޮތުން މިކަން ކޮށްދެއެވެ.

ޕޫޝީ ބުކުސްގެ ފަރާތުން ރިޒޫގެ އިތުރު އެޑިއުކޭޝަނަލް މެޓީރިއަލްސް ވަރަށް އަވަހަށް ފެނިގެންދާނެ ކަމުގައި ރިޒޫ ބުންޏެވެ.