މީހުން

އާބާ ފިއްޔާ އޯބޯފިއްޔާ ދެމެނީ ކީއްވެބާއޭ!

"ހާ ށަވިޔަންޏަށް، ހާ ށަވިޔަނި ކިއުނީ ކީއްވެ ބާއޭ... އާބާ ފިއްޔާ އޯބޯ ފީއްޔާ ދެމެނީ ކީއްވެބާއޭ..." މިއީ ޓީވީ މޯލްޑިވްސް އިން ސިލްސިލާކޮށް ގެނެސްދިން "ހާ ށަވިޔަނި" ޕްރޮގްރާމް ފަށައިދޭ ބާރު ގަދަ އަދި ލަވަ އެވެ. އެ ލަވަ އާއި އެ ޕްރޮގްރާމަކީ މީގެ އެތައް އަހަރެއް ކުރީން، ކުޅިވަރުގެ ތެރެއިން ކުޑަ ކުދިންނަށް ތާނަ އަކުރާއި ދިވެހި ބަސް ކިޔަވައިދޭން ޓީވީއެމުން ގެންދިން ދެއްކި ޕްރޮގްރާމެކެވެ. ދިވެހި އެންމެނަށް އެ ޕްރޮގްރާމް ހާއްސަވެ ކަމުދިޔަ ވަރަކީ އެއީ އަދިވެސް ދިވެހިންގެ ހިތުގައި ބިންވަޅު ނެގިފައިވާ ޕްރޮގްރާމަކަށް ވުމާއި ހާށަވިޔަނި ލަވަ އަކީ ދިވެހި ކުދި ބޮޑު އެންމެނަށް ހާއްސަ ލަވައަކަށް ވެފައި ވުމެވެ.

މި ބުނީ ތެދަށެވެ؛ މި ލަވަ އަދިވެސް އަހަރުމެން ހަނދާނުން ނުފިލާ ނޫން ހެއްޔެވެ؟ މި ލަވައާއެކު ގެނައި "ހާ ށަވިޔަނި" ޕްރޮގްރާމްގެ ކްރިއޭޓާ އަދި ހޯސްޓް އަމަތުﷲ ޝަކީބު (އަމަތު އާންޓީ) ވެސް އެހާ މަޝްހޫރުވެ މަގުބޫލުވި އެވެ. އަމަތު އާންޓީ އުފެއްދި އެ ޕްރޮގްރާމް ތަފާތުވެ "މާސްޓާ ޕީސް" އަކަށްވީ ދިވެހި އަކުރާއި ބަސް ދަސްކޮށް ދިނުމަށް ކުދިންގެ ޝައުގުވެރިކަން ގެނައުމަށް ބޭނުން ކުރި މޮޅު އާދަޔާހިލާފު އުކުޅުތަކުގެ ސަބަބުންނެވެ. ކުދީންނަށް ބަހާއި އަކުރު ކިޔަވައިދޭން އެ ފެންވަރުގެ ޕްރޮގްރާމެއް މިހާތަނަށް އަދި ހެދިފައެއް ނެތޭ ބުންޏަސް އެންމެން ބުނާނީ "ތިބުނީ ހައްގު ތެދެކޭ" އެވެ.

"ހާ ށަވިޔަނި" ޕްރޮގްރާމަކީ އަމަތު އާންޓީގެ ސިކުނޑީގައި ކިހިނެއް އުފަން ކުރުވި ހިޔާލެއް ހެއްޔެވެ؟

"އެއީ އަޅުގަނޑު އަމީރު އަހުމަދުގައި ކިޔަވައިދެމުން ދިޔަ އިރު އައި ހިޔާލެއް. އޭރު އަޅުގަނޑުގެވެސް ހަތަރު އަހަރުން ދަށުގެ ދެ ކުދިން ތިބި. އޭރު ފާހަގަ ކުރެވުނީ އަޅުގަނޑުގެ ދޮށީދަރިފުޅަކީ ވަރަށް ބޮޑަށް އެއްޗެތި ބަލައިގެން ދަސްކުރާ ކުއްޖެއްކަން. އިނގިރޭސި ބަހުން ހެދިފައި ހުރި ސެސެމީ ސްޓްރީޓް، ބާނީ ދަ ޑައިނަސޯ، އަދި ޕްލޭހައުސް، ފަދަ ޕްރޮގްރާމްތަކަށް ދަރިފުޅު ވަރަށް ޝައުގުވެރިވެރިވި. އަދި އެ ފްރޮގަރާމްތައް ބަލައިގެން ފަސޭހައިން ބަސްތައް ނަގައިގަންނަކަން ފާހަގަވި،" އަމަތު އާންޓީ ވިދާޅުވި އެވެ.

ޓީވީއެމް އިން ގެނެސްދިން "ހާ ށަވަނިޔަނި" ޕްރޮގްރާމްގެ އެޕިސޯޑެއް

އަމަތު އާންޓީއަކީ ކުޑަކުދީނަށް ކިޔަވާދޭ ޓީޗަރެކެވެ. އޭނާ ކިޔަވައިދޭ ދަރިވަރުންގެ ތެރޭގައި އޭނާގެ ދަރިފުޅު ފަދައިން ދަސްކުރާ ގިނަ އަދަދެއްގެ ކުދިން ތިބެ އެވެ. އެހެންވެ އެ އުމުރުފުރައިގެ ކުދީންނަށް ދިވެހި ބަސް ދަސް ކޮށްދޭނެ އެފަދަ ރަނގަޅު ޕްރޮގްރާމްއެއް އުފެއްދުމުގެ މުހިންމުކަން އަމަތު އާންޓީއަށް ވިސްނި ވަޑައިގަތެވެ.

"އެދުވަސްވަރަކު ކުޑަކުދީން ޝައުގުވެރިވާ ގޮތަށް ދިވެހި ބަހުން ހެދިފަހުރި އުފެއްދުންތައް ވަރަށް މަދު. އެހެންވެ އެގޮތުން ހެދި ޕްރޮގްރާމެއް އެއީ،" އޭނާ ވިދާޅުވި އެވެ.

އަމަތު އާންޓީ 30 އެޕިސޯޑްގެ މައްޗައް އެކުލަވާލައި ތާނަ އަކުރު، ހާއި އިން ޗަވިޔަންޏާއި ހަމައަށް ކުދީން ގޮވައިގެން ވަޑައިގެންނެވި ދަތުރަކީ އަހަރެމެނަށް ވަރަށް ކަމުދިޔަ ދަތުރެކެވެ. އެކަމަކު އެއީ އުނދަގޫ ބުރަ ބޮޑު މަސައްކަތެއްގެ ތެރެއިން އޭނާ ކުރެއްވި ދަތުރެކެވެ.

އަމަތު އާންޓީ ވިދާޅުވި ގޮތުގައި ޔުނިސެފާއި ދިވެހި ސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށްވާ ޅަފަތުގެ ތަރުބިއްޔަތާ ތަރައްގީގެ މަޝްރޫއުގެ ދަށުން އައި "ފުރަތަމަ ފިޔަވަޅު" ކެމްޕޭންގައި މަސައްކަތް ކުރައްވައި މީޑިއާ ފްރޮޑަކްޝަންގެ ރޮގުން ފަންނީ ތަޖުރިބާތަކެއް ލިބި ވަޑައިގެންނެވި އެވެ. އަދި އެ ތަޖުރިބާ ބޭނުންފުޅު ކުރެއްވީ ތާނަ އަކުރު، ކުދިންނަށް އުގައްނައި ދޭން މި ޕްރޮގްރާމް އުފަން ކުރުވާށެވެ.

ވިސްނުން ފޮރޮޅައިލެވޭނެ ގޮތަކަށް ޕްރޮގްރާމްގެ ކޮންސެޕްޓް ލިޔުއްވައި ސްކްރިޕްޓް ތައްޔާރު ކުރައްވައި ތީމް ސޯންގާއި ދެތިން އާންމު ބަނދި ފިޔަވާ އެކުލަވާލައިފައިވާ ހުރިހާ ލަވަތަކާ، ސެޓާ، ބައެއް ތަކެތި ތައްޔާރުކޮށް، ކުދިން ތަމްރީން ކުރެއްވީ އަމަތު އާންޓީ އަމިއްލަފުޅަށެވެ. އަދި އެއީ ރާއްޖޭގެ އެތައް ހާސް ކުދިންންނަކަށް އަކުރު ފިއްޔާއި ބަސް ކިއުމަށް އަމަތު އާންޓީ އަޅައިދިން މިހާރަށް ވެސް ފިޓް ހަރުދަނާ ބިންގަލެކެވެ.

އަމަތު އާންޓީ ވިދާޅުވި ގޮތުގައި ދިވެހިން ބަލައިގަތް އެ މަސައްކަތް ކުރެއްވީ އޭރު އޭނާ ހުންނެވި ސްކޫލްގެ ޕްރިންސިޕަލް، ހަމްދޫން ހަމީދު ދެއްވި ހިތްވަރާ އެހީތެރިކަމާއެކު އެވެ. "ހާ ށަވިޔަނި" ޕްރޮގްރާމް އުފައްދަން އެ ދިމާއަށް އޭނަ ކޮއްޕަވައި ލެއްވީ ހަމްދޫން ހަމީދެވެ.

"ޕްރޮގްރާމްގެ ތީމް ސޯންގަކަށް އެކުލަވާލާފައިވާ ލަވަ ؛ހާ ށަވިޔަންޏަށް ހާ ށަވިޔަނި ކިއުނީ ކީއްވެ ބާއޭ؟' އެ ލަވައަކީ ހަމްދޫން ހަމީދު އޭގެ ދެ ތިން އަހަރެއް ކުރިން ސްކޫލް ކުދިންގެ ލަވަމުބާރާތަށް ހައްދަވާފައިވާ ލަވައެއް. އަޅުގަނޑުގެ ޕްރޮގްރާމްގައި ބޭނުން ކުރަން ލަވަ ކަމުގޮސް ގެން ދަންނަވާލުމުން އެއްވެސް ކޮންޑިޝަނަކާ ނުލައި އެ ލަވައް ދެއްވި،" އަމަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި "ހާ ށަވިޔަނީ" ގެ އެ މަސައްކަތް ކުރައްވަން ހިއްވަރަކަށްވި އެހެން ސަބަބެއް ވެސް އޮތެވެ. އެއީ އެފަދަ ޕްރޮގްރާމެއް އުފެއްދުމުގެ ޝައުގުވެރިކަމާ ހިޔާލު އޭރު ޓީވީ މޯލްޑިވްސްގެ ވެރިއެއްގެ ގޮތުގައި ހުންނެވި މުހައްމަދު އާސިފް (މޮންދު) އަށް ހުށެހެޅުމާ ވއެކު ދެއްވި އެއްބާރުލެއްވުމެވެ.

"އޭނާ ވަގުތުން ވިދާޅުވި އާދޭހޭ... އޭނާ އަޅުގަނޑަށް ކުރެއްވި އިތުބާރު. ޓީވީއެމުން ކެމެރާ ކުރުމާއި، އެޑިޓިން ފަދަ ޓެކްނިކަލް އެހީތެރިކަން ފުރިހަމައަށް ދެއްވި،"

އިއްޔެ ވެސް މިއަދު ވެސް ފޫހި ކަމެއްނެތި ދިވެހިން "ހާ ށަވިޔަނި" ޕްރޮގްރާމް ބަލަ އެވެ. އަމަތު އާންޓީ އެ ޕްރޮގްރާމް ހުށަހަޅުއްވައި ދެއްވާފައި ވަނީ ވަރަށް ބޮޑަށް ކުދިންނާއި އިންޓަރެކްޓްވެ ވަޑައިގެން އިންނަވަ އެވެ. ކުދިންނާއި ވާހަކަ ދައްކަވަމުން، ވާހަކަ ކިޔައިދެއްވަމުން އަދި އަކުރާއި ގުޅޭ ހާއްސަ ލަވަތައް ވެސް ވިދާޅުވެ ދެމުންނެވެ. ވައިގެ ތެރޭގައި އަކުރު ލިޔުމާއި ކުޅޭކުޅޭގެ ފަދަ ކުދިން ޝައުގުވެރިވާ އެތައް އެތައް ކަމެއް ހިމެނުއްވެވި އެވެ.

އޭގެ ބައެއް ޕްރޮގަރާމްތަކުގައި ކުޅޭގޭ ތެރޭ އަމަތު އާންޓީ ވެސް ކުދިންނާއެކު އުޅުއްވާތަން ފެނެއެވެ. އެ ޕްރޮގްރާމްގެ ހާއްސަ އަދި ތަފާތު ކަމެއްގެ ގޮތުގައި ފެނުނު އަނެއް ކަމަކީ، ޕްރޮގްރާމްގައި ތަފާތު ކުދިން ޝާމިލްވާ ގޮތަށް އެކުލަވާލައިފައިވާ ކަމެވެ. އެގޮތުން ހާއްސަ އެހީތެރިކަން ހުންނަ ކުދިން ޕޮޒިޓިވް ގޮތަކަށް ޕްރޮގަރާމުން ފެނުނެވެ. އިޝާރާތުގެ ބަހުން އަކުރު އަޅާނޭ ގޮތްތައް ފަދަ އެތައް ކަމެއް ދައްކުވައިދީ ޝައުގުވެރި ކޮށްލި އެވެ.

އަމަތު އާންޓީއަކީ އޭނާގެ އުމުރުން 19 އަހަރުގައި ސްރީލަންކާ އިން ޕްރީސްކޫލް ޓީޗިންގް ޑިޕްލޮމާ ފުރިހަމަ ކުރައްވާ އަމީރު އަހުމަދު ސްކޫލްގައި ޕްރީސްކޫލް ޓީޗަރެއްގެ ގޮތު 1992 ގައި ކެރިއާ ފެއްޓެވި ޓީޗަރެކެވެ. އެ ސުކޫލްގައި 14 އަހަރު ކިޔަވައި ދެއްވި އެވެ. އޭގެ ފަހުން ޔުނިސެފްގެ ޕްރޮޖެކްޓް އޮފިސާ އަދި އެޑިއުކޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.

މިހާރު އަމަތު އާންޓީ ކޮބާ؟

ކުދިން ގަޔާވާ ގޮތަށް ކިޔައިވައި ދިނުމުގެ ވައްޓަފާޅި ގެންގުޅުމާއި ގައުމީ މަންހަޖްގެ ފައުންޑެޝަން ސްޓޭޖް ތަރައްގީ ކުރުމާ މުދައްރިސުން ބިނާ ކުރުމުގެ މަސައްކަތުގައި ވެސް އޭނާ އުޅުއްވެވި އެވެ. އޭގެ ފަހުން ފަހު އަލުން އަމީރު އަހުމަދު ސްކޫލްގެ ހެޑްޓީޗަރެއްގެ ގޮތުގައި ދެ އަހަރު މަސައްކަތް ކުރައްވާ 2013 އިން 2015 އަމަތު އާންޓީ ހުންނެވީ އަމީރު އަހުމަދު ސްކޫލްގެ ޕްރިންސިޕަލްގެ ގޮތުގަ އެވެ. އެތައް ހާސް ކުދިންނަކާއި ބެލެނިވެރިންނާއި އާންމު ހުރިހާ ދިވެހިންގެ ލޯބި ހޯއްދަވާފައިވާ އަމަތު އާންޓީ އަަހަރުމެނަށް ގެއްލުނު ހިސާބަކީ 2016 އައެވެ.

އެހެން ދިމާވީ އޮސްޓްރޭލިއާގެ ސަރުކާރުގެ ކޯހެއްކަމުގައިވާ އެންޑޭވާ ސްކޮލަޝިޕްގައި އޮސްޓްރޭލިއާގެ މެލްބަންގައި މާސްޓާސް ފުރިހަމަ ކުރަން ވަޑައިގެންނެވުމުންނެވެ.

މާސްޓާސް ނިންމަވާލެއްވުމަށް ފަހު އެހިސާބުން އަމަތު އާންޓީ ދޫކޮށްލެއްވީއަކީ ނޫނެވެ. މިހާރު އަމަތު އާންޓީއަކީ ޕީއެޗްޑީ ދަރިވަރެކެވެ. އިންކްލޫސިވް އާލީ ޗައިލްޑްހުޑް އެޑިއުކޭޝަނުން ޑޮކްޓާ އޮފް ފިލޯސޮފީ ފުރިހަމަ ކުރެއްވުމަށް މަސައްކަތް ކުރައްވަނީ އެވެ. އެއީ ޕްރީސްކޫލް އުމުރުފުރައަށް އަމާޒު ކޮށް ހުރިހާ ދަރިވަރުން ޝާމިލް ކޮށްގެން ކިޔަވައި ދިނުމުގެ ރޮނގެވެ.

މި ކޮވިޑް-19 އާއެކުއައި އެންމެން ލޮކްޑައުންގައި ތިއްބާ ބެލެނިވެރިންނަށް އަމަތު އާންޓީ ވަނީ ވަރަށް މުހިއްމު މެސެޖެއް ދޫކޮށްލައްވާފަ އެވެ. ސޯސައިޓީ ފޯ ހެލްތް އެޑިއުކޭޝަން އިންތިޒާމްކޮށް ފޭސްބުކުން ލައިވް ކުރި "ކުޑަކުދިންނާއެކު ކުޅުން" ޓޯކްގަ އެވެ.

ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން އިން ލައިވް ކުރި "ޗިލްޑްރެން އެންޑް ޕްލޭ"

އެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ އިރު އެތައް ބަޔަކު އާންޓީ ދެއްކި އެ ވާހަކައިގެ އިބްރަތްތެރި ކަމުން ފިލާވަޅުތަކެއް ހޯދި އެވެ. އޭނާގެ އެ ވާހަކައިން އާއްމުންގެ ލޯ ހުޅުވުނީ ހަމައެކަނި ކުޅުމުގެތެރެއިން އުނގަންނައި ދިނުމަކުން އެކަންޏެއް ވެސް ނޫނެވެ.

.ހުރިހާ ކަމެއް ދަރިންނަށް ދަސްކޮށްދީ ނިމޭއިރު އެކުދިންގެ ގައިގާ ރަނގަޅު އަހުލާގެއް ނެތްނަމަ ރަނގަޅެއް ނުވާނެ
އަމަތުﷲ ޝަކީބު

އަހުލާގު ރަނގަޅު ކުދިންތަކެއް ބިނާ ކުރުމުގެ މުހިއްމުކަމާއި ހިތްތިރިކަމާއި ކެއްތެރިކަމާއި، ހިތްހެޔޮކަން ފަދަ ރަނގަޅު އަހުލާގުގެ ބައެއްގެ ގޮތުގައި ކުދިން ބިނާ ކުރުމުގެ މުހިންމު ކަމަށް އޭނާ އަލި އަޅުވާލަވަ އެވެ. އެގޮތުން ހުރިހާ ކަމެއް ދަރިންނަށް ދަސް ކޮށްދީ ނިމޭއިރު އެކުދިންގެ ގައިގާ ރަނގަޅު އަހުލާގެއް ނެތްނަމަ ރަނގަޅު ނުވާނެ ކަމަށް ވިދާޅުވެ އެވެ.

އަމަތު އާންޓީ ވިދާޅުވާ ގޮތުގައި ދަރިފުޅު ކިތަންމެ މޮޅަސް ރީތި އަހުލާގެއް ހޯދައި ދެވިފައި ނެތް ނަމަ ކުރާނެ މާބޮޑު ފައިދާއެއް ނެތެވެ. އެ ކަމުގައި ބެލެނިވެރިން ދަރީންނަށް ނަމޫނާ ދައްކަން ޖެހެ އެވެ.

"އަހަރުމެން ޖެހެނީ ތުއްތު ކުދިން ގްރޭޑް އެކަކަށް ދިއުމަށްޓަކައި ތައްޔާރު ކުރާކަށެއް ނޫން. އަހަރުމެންޖެހެނީ ތުއްތު ކުދިންގެ މި ބިންގާ އެޅޭ އުމުރުފުރާއިގަ އެކުދިންގެ ކުރިއަށް އޮތް މުޅި އުމުރަށް ތައްޔާރު ކުރުމުގެ ގޮތުން ބިންގާ އަޅާދޭން. އެއީ ފައުންޑޭޝަން އަހަރުގެ މަގުސަދަކީ." އޭނާ ވިދާޅުވި އެވެ.

އަހަރުމެން ޖެހެނީ ތުއްތު ކުދިން ގްރޭޑް އެކަކަށް ދިއުމަށްޓަކައި ތައްޔާރު ކުރާކަށެއް ނޫން. އަހަރުމެންޖެހެނީ ތުއްތު ކުދިންގެ މި ބިންގާ އެޅޭ އުމުރުފުރާއިގަ އެކުދިންގެ ކުރިއަށް އޮތް މުޅި އުމުރަށް ތައްޔާރު ކުރުމުގެ ގޮތުން ބިންގާ އަޅާދޭން. އެއީ ފައުންޑޭޝަން އަހަރުގެ މަގުސަދަކީ،
އަމަތުﷲ ޝަކީބު

ކުޑައިރުއްސުރެ ކިޔަވައި ދެއްވަން ޝައުގުވެރިވެ ވަޑައިގަންނަވާ އަމަތު އާންޓީ އުންމީދު ކުރައްވަނީ ޕީއެޗްޑީ ނިންމަވައި އަަވަހާ ރާއްޖެ ވަޑައިގަތުމެވެ.

"އަޅުގަނޑުގެ ބައްޕައަކީ ޓީޗަރެއް، ގާރީއެއް އަދި އިމާމެއް. މާލޭގެ ގިނަ މަދަރުސާތެކެއްގައި މުދައްރިސްކަން ކުރައްވާ ގިނަ ދުވަސްތަކެއް ވަންދެއް މާލޭގަގޭގައި ގުރުއާން ކްލާސް ހިންގެވި. މިހާރު ބައްޕަ އުޅުއްވަނީ ރަށުގައި. ރަށުގަ، ބައްޕަގެ ގޯތީގައި ގުރުއާން އުނގަންނައިދޭ އަމިއްލަ މަދަރުސާއެއް ހިންގަވާ. އަޅުގަނޑުގެ ގައިގައި ހުރި ކިޔަވާދިނުމުގެ ޝައުގުވެރިކަމަކީ މަތްﷲ ގެ ރަހްމަތްފުޅުން އަޅުގަނޑުގެ ލޯބިވާ ބައްޕަގެ ފަރާތުން ލިބިފައިވާ ވާކަމެއް. އަޅުގަނޑު ހަނދާންވޭ ބައްޕަ އަޅުގަނޑަށާ އެހެން ކުޑަކުދީންނަށް ގުރުއާން ކިޔަވައިދެއްވަން ގޭގަ ވަރަށް ޝައުގުވެރިވާގޮތަށް ފުރަތަމަ ހެއްދެވި ކުލާސް"

ޕީއެޗްޑީ ނިންމާލައްވައި އަމަތު އާންޓީ ބޭނުންފުޅު ވަނީ ޕްރީސްކޫލް މަރުހަލާގައި ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވާދެވޭ ނިޒާމު ހަރުދަނާކޮށް މުދައރިސުން ބިނާ ކުރައްވާށެވެ. އޭނާ ދެކެ ވަޑައިގަންނަވާ ގޮތުގައި ފުރިހަމަ ކިޔަވައިދިނުމަކަށް ވާނީ އެއވެސް ކުއްޖަކު ބާކީ ނުކުރުމެވެ.

"އެއީ ހިއްސެއް މަދުކުއްޖެއް، ހުރިހާ ހިއްސެއް ފުރިހަމަ، ނޫނީ ތަފާތު ގޮތަކަށް ކިޔަވައި ދޭންޖެހޭ ކުއްޖެއްކަމުގައި ވިޔަސް ހުރިހާ ކުދިން އެއް މާހައިލެއްގައި ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައި ދިނުން. އުންމީދަކީ ކުރިއަށް އޮތްތާގަ ރާއްޖޭގެ ޕްރީސްކޫލް ނިޒާމަށް އިތުރު ހެޔޮބަދަލެއް ގެނައުން. އަދި ކުޑަކުދިންނަށް އުގައްނައިދިނުމަށްޓަކާ ބޭނުންވާނެ ފަދަ ތަފާތު ތަކެއްޗާއި ޓީވީ ޕްރޮގްރާމް ފަދަ މީޑިއާ ޕްރޮޑަކްޝަން އުފެއްދުން،" އޭނާ ވިދާޅުވި އެވެ.