ހެޔޮހިތުން ކޮށްދޭ ކިތަންމެ ކުޑަ ކަމަކުން ވެސް އަނެކާއަށް ހިނިތުންވުން ގެނެސްދެވި ދާނެ އެވެ. ދިމްނާ ފާކިރަކީ އޭގެ ރީތި މިސާލެކެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގައްނައިދޭށާއި އެ ކުދިންނަށް ހާއްސަ ހުނަރުތައް ހޯދައިދީ ބާކީ ވިޔަ ނުދޭން ހިލޭ ސާބާހަށް ދިމްނާ ކުރާ މަސައްކަތަށް ސާބަސް ދޭން ޖެހެ އެވެ. ހިދުމަތުގައި ދިމްނާ ކުރިޔަށް ދަނީ 2012 އިން ފެށިގެނެވެ. އޭނާގެ އުފަލަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީ ހިންތުންވުން ގެނެސް ދިނުމެވެ. މިއަހަރުގެ ރިވެލި އެވޯޑް ދިމްނާއަށް ލިބުނީ އެހެންވެ އެވެ.
"އަޅުގަނޑަކީ ގާލް ގައިޑަށް ވަރަށް ގިނަ ދުވަހު މަސައްކަތްކުރި މީހެއް. ވަރަށް ކުރިން މާފަންނު މަދަރުސާގައި އޮތް ކުދިން ހުވާކުރާ ރަސްމިއްޔާތެއްގައި ސެރެބްރަލް ޕާލްސީ ހުންނަ ޝިފާނާއާ ދިމާވި. ޝިފާނާ ހުވާ ކުރުމަށް ސެލިއުޓް ނެގުމަށް އަތް ނުނެގުނީ. ސެލިއުޓް ކުރަން އެހީތެރިވެދިނިން. އެފަހުން ވަރަށް ބޮޑަށް އެޓޭޗްވެއްޖެ އެކުއްޖާއާ އަޅުގަނޑު. މާފަންނު މަދަރުސާއަށް ގޮސް އެތާނގެ ގައިޑް ހަރަކާތްތަކުގައި ވަރަށް ބޮޑަށް ޝާމިލުވެގެން އުޅެވުނު އެ ކުއްޖާއާއި އަޅުގަނޑާއި އޮތް ކަނެކްޝަންގެ ސަބަބުން،"
ދިމްނާ އިންސްޕަޔާވީ އޭނާއާ ބައްދަލުވި ކުއްޖެއްގެ ސަބަބުންނެވެ. އެހާ ހިސާބުން ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީ ހަރަކާތްތަކުން އެ ކުދީން ބާކީ ވިޔަ ނުދޭން ދިމްނާއަށް ކުރެވުނު މަސައްކަތެއް ކުރަން ތެދުވީ އެވެ. އެކަމަށް އެކި އެކި ޖަމާއަތްތަކާއި ގުޅިގެން މަސައްކަތް ފެށިއެވެ. މުޅީންމެ ވޮލަންޓިއާ މަސައްކަތެވެ.
ދިމްނާގެ މަސައްކަތުގައި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕިޒިކަލް ޑިސްއެބިލިޓީސްގެ ޑެވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތު މަސައްކަތް ކޮށްދީ ޕްރޮގްރާމްތައް ރާވައި އިސްވެ މަސައްކަތްކޮށް ދިނުމާއެކު މެޓީރިއަލް ހަދިޔާ ކުރިއެވެ. އަދި ބިއުޓިފުލް އައިސް އޮފް މޯލްޑިވްސް އާއި އޯޓިޒަމް އެސޯސިއޭޝަން އިވެންޓްތަކުގައި ކުރިއަށް ނުކުތެވެ.
ސްކިލްސް ޓްރއިނިން ސެންޓަރުގެ ފައުންޑާ ދިމްނާ ބުނި ގޮތުގައި ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭން ފެށުނީ އެ ސެންޓަރު ފެށުމާއެކުއެވެ. ސްކިލްސް ޓްރެއިނިން ސެންޓަރު ހުޅުވީ 2012 ވަނަ އަހަރު އެވެ.
"ސެންޓަރުގެ އަމާޒަކަށްވީ ކުޑަކުދިންނަށް ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރު ދަސްކޮށްދިނުމާއި ޓްރެއިނިން ކޭމްޕްސް، ޑޮނޭޝަން އަދި ވޮލަނޓިއާ މަސައްކަތް ކުރެވޭ އަމިއްލަ ތަނެއް ގެނައުން،" ދިމްނާ ބުންޏެވެ.
ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ޕްރޮގްރާމްތައް ރާވާ ހިންގުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެ ކުދިންނަށް ގެއްލިފައިވާ ފުރުސަތުތައް ހޯދައިދީ އިތުރު ކަންކަން ފަހިކޮށްދޭން ދިމްނާ ކުރާ މަސައްކަތް ލުޔެއް ވެސް ނުވާނެ އެވެ.
"އަޅުގަނޑުގެ ގެ ނެތް ސެޕްޝަލް ނީޑްސް އެޑިއުކޭޝަން ބެކްގްރައުންޑެއް. އެކަމު އަޅުގަނޑަށް ފެނިގެން ދިޔައީ ވަރަށް ގިނަ ކުދިންތަކެއް ފުރުސަތުތަކެއް ނުލިބި އެކަހެރިވެފައި ތިބި މަންޒަރު. އަޅުގަނޑުގެ ގޯލަކަށް ވީ އަޅުގަނޑަށް ވީ ވަރަކުން މި ކުދިންނަށް އެޙީތެރިވާން. މަތީ ތައުލީމް ހާސިލްކުރީ މި ދާއިރާއަކުން ނޫން. ނަމަވެސް އޮންލައިންކޮށް އެކި އެކި ކޯސް ފުރިހަމަކުރިން. އަދި ރާއްޖޭގައި އަދި ރާއްޖެއިން ބޭރުން ތަފާތު އެކި އެކި ވޯކްޝޮޕްތަކުގައި އަދި ޓްރެއިނިން ގައި ބައިވެރިވެ މައުލޫމާތު ހޯދާ ތަޖުރިބާކާރުންގެ ލަފާ އަދި އިރުޝާދު ހޯދިން،" އޭނާ ބުންޏެވެ.
ދިމްނާ ދެކޭ ގޮތުގައި ކޮންމެ މީހަކަށް ވެސް ހާއްސައެހީއަށް ބޭނުންވާ މީހުނަށް އެހީތެރި ވެވިދާނެ އެވެ. ޑައުންސިންޑްރޯމާއި އޯޓިޒަމް އަދި ސީޕީ ހުންނަ ކުދިން ތިބެނީ ފުރުސަތުތަށް ނުލިބިފަ އެވެ.
"ވަކި އެއްޗެއް ކިޔަވާކަށް ނުޖެހޭ އެހީތެރިކަން ފޯރުކޮށްދޭން. އެމީހެއްގެ ހުރި ހުނަރަކުން މި ކުދިންވެސް މުޖުތަމައުގެ ބައެއް ކަމުގައި ބަލައިގަނެވިދާނެ... ފިހާރައެއްގެ ސޭޓަކަށް، ކެފޭއަކަށް، އެރޯބިކްސް އިންސްޓަރަކްޓަރަކަށް. ހަމަ ކޮންމެ މީހަކަށްވެސް އެހީވެވިދާނެ އެމީހެއްގެ ދާއިރާއިން."
ދިމްނާ ވަނީ އޭނާގެ އިސްނެގުމުގެ ދަށުން ރޭޑިއޯ އަދި ޓީވީ ޕްރޮގްރާމްތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ދައްކާލުމަށް ފުރުސަތު ހޯދައިދީ އެފަދަ ޕްރޮގްރާމްތަކުން ވެސް ކުދިން ބާކީވިޔަ ނުދޭން މަސައްކަތް ކޮށްފަ އެވެ.
ވަކި އެއްޗެއް ކިޔަވާކަށް ނުޖެހޭ އެހީތެރިކަން ފޯރުކޮށްދޭން... ފިހާރައެއްގެ ސޭޓަކަށް، ކެފޭއަކަށް، އެރޯބިކްސް އިންސްޓަރަކްޓަރަކަށް. ހަމަ ކޮންމެ މީހަކަށް ވެސް އެހީވެވިދާނެ އެމީހެއްގެ ދާއިރާއިން،ދިމްނާ ފާކިރު | ރިވެލި އެވޯޑް ވިނާ
މި ފަދަ ފުރުސަތުތަކުގެ އިތުރުން ސްކިލްސް ޓްރެއިނިން ސެންޓަރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޑޮނޭޝަން ދިނުމަށް ވެސް މަސައްކަތް ކުރެއެވެ. އީދު ހަދިޔާ ބެހުމާއި، މާފުށީގައި ހުންނަ ކުޑަކުދިންގެ ސެންޓަރަކަށާއި ސްރީލަންކާގައި ނުކުޅެދުންތެރިކަން ހުންނަ ސެންޓަރަކަށް އެހީފޯރުކޮށް ދެއެވެ.
ރިވެލި އޯވޯޑްގެ އިތުރުން ވެސް ދިމްނާ ވަނީ މީގެ ކުރިން ޔޫތު އެވޯޑަކާއި ޖޭސީއައިގެ ހާއްސަ އެވޯޑެއް ލިބިފަ އެވެ. ފަރުދީ ގޮތުން އަމިއްލަ ސެންޓަރެއް ހުޅުވުމުން ދިމްނާގެ މަސައްކަތަށްވީ، ވީވަރަކުން އެހީތެރިވެ ދިނުމެވެ. މި މަސައްކަތުގައި އެންމެ ބޮޑަށް އެހީވަނީ އޭނާގެ ފިރިމީހާ އަދި އާއިލާ ހިމެނޭ ޓީމެވެ. ދިމްނާ ބާރު އަޅަނީ މި މަސައްކަތުގައި ވީހާވެސް ގިނަބަޔަކު ނިކުމެ އެކަކު އަނެކަކަށް އޯގާތެރިވެ އެހީތެރިވާށެވެ.