ލައިފްސްޓައިލް

ލީލާގެ ފޮތެއް: "ނޫން ބޭނުމެއް ނޫން"

ލީލާ އަހުމަދު އަވަސް ދެއްވި އިންޓަވިއެއްގެ ބައެއް ބައިތައް ހިމެނޭ ވީޑީއޯ -- އާއިމް ޒަމީރު | އަވަސް

ކުޑަކުދިންނަށް ކުރާ ގޯނާގެ ވާހަކަތަކުގެ އަޑު މި ދުވަސްވަރު ވަރަށް ގަދަވެފައި ވެއެވެ. އެފަދަ ގިނަ ކޭސްތަކެއް ފެންމަތިވެ އެތައް ބައިވަރު ބަޔަކު ދަނީ އެމީހުންނަށް ދިމާވެފައިވާ އެފަދަ ކަންކަން ކިޔައި ދެމުންނެވެ. ބައެއް މީހުން އެމީހުންނަށް ދިމާވެފައިވާ ވާހަކަތައް ކިޔާލާއިރު ރޮވޭ ވަރު ވެއެވެ. ކުޑައިރުންސުރެ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ތިބޭ މީހުންނަށް މިފަދަ ވާހަކަތަށް އަޑުއަހަން އަދި މާ އުނދަގޫވާނެ އެވެ. އެހެން ވެސް ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ހުއްޓުވާނީ ކިހިނެއްތޯ އާއި އެ ކަމަށް އޮތް ހައްލަކީ ކޮބައިތޯ މިއީ ވެސް މި ދުވަސްވަރު ގިނަ ބަޔަކު ސުވާލުތަކެކެވެ.

ޖިންސީ ގޯނާ ހުއްޓުވަން ކުރެވިދާނެ އެއް ކަމަކީ އެފަދަ އެއްވެސް ފުރުސަތެއް ނުދިނުމެވެ. ކުޑަ ކުދިން ބާރުވެރި ކުރުވާ އެކުދިން ނުރުހޭ ކަމެއް މީހަކު ކުރަން އުޅޭ ނަމަ އެކަމަށް ނޫނެކޭ ބުނަން ދަސް ކޮށްދިނުމެވެ. މި ފަދަ ކަމެއް އެއްފަހަރު ހިނގައިފި ނަމަ ތަކުރާރު ވިޔަ ނުދިނުމެވެ. ކުޑަކުދިންނަށް އެ ކުދިން ބޮޑުވާން ރައްކާތެރި މާހައުލެއް ހޯދާ ދިނުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ.

ޖިންސީ ގޯނާގެ ވަކިތަކުގައި ތިމާގެ ދަރިފުޅު ނުޖެހޭނެ ކަމުގެ ވިސްނުމަކީ އަހަރުމެންގެ ތެރޭގައި އޮންނަ ވިސްނުމެކެވެ. އެހެންވެ އެފަދަ ގޯނާތަކާ މެދު ދެކެނީ އެއީ އެހެން މީހުންގެ ކުދިންނަށް ދިމާވާ ކަމެއްގަ ގޮތުގަ އެވެ. ގިނަ ފަހަރަށް ކުދިންނަށް ގޯނާ ކުރަނީ އެކުދިން ދަންނަ މީހެކެވެ. ގޭތެރެއިންނާއި މައިންބަފައިންގެ އިތުބާރު ކުރާ މީހުންގެ ތެރެއިންނެވެ. މި ކަމާއި ގުޅޭ ގޮތުން ކުރެވޭނެ މުހިއްމު އެއް ކަމަކީ ކުދިން ހޭލުންތެރި ކުރުވައި ބާރުވެރި ކުރުުވުމެވެ. އަދި އެންމެން މިކަމަށް ހޭލުންތެރިވުމެވެ.

މި ދުވަސްވަރު އެފަދަ ހާދިސާތަކުގެ ވާހަކަ ގިނަ ކަމުން، ލޮލުގައި އަޅައި ގަންނަނީ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ ލީލާ އަހުމަދު ލިޔުއްވާފައިވާ މި ދުވަސްވަރާ ވަރަށް ގުޅޭ ފޮތެކެވެ.

"ނޫން، ބޭނުމެއް ނޫން!" މި ނަމުގައި ލީލާ ލިޔުއްވާފައިވާ ފޮތަކީ ކުޑަކުދިންގެ ރައްކާތެރިކަމާއި ސަލާމަތަށް އެކުދިން ހޭލުންތެރި ކުރުވަން އޭނާ ލިޔުއްވާފައިވާ ފޮތެކެވެ. ލީލާގެ ކޮއްކޮ، އަދި ފިލްމު ޑައިރެކްޓަރު މަހުދީ އަހުމަދު އިލަސްޓްރޭޝަން ހަދާފައި އެ ފޮތް ފަށައި ގަންނަނީ ކުދިންގެ ހަށިގަނޑުން ފޮރުވަންވީ ތަންތަނަކީ ކޮބައިކަން ބުނެދެމުންނެވެ. ހަށިގަނޑަށް އެހެން މީހަކު ކުރާ ކަމަކުން ހިތްހަމަނުޖެހޭ ނަމަ ނޫނެކޭ ބުނަން ކިޔައި ދެއެވެ. ނޫނެކޭ ބުނުމަށް ފަހު، ދެން ކަންތައް ކުރަންވީ ގޮތް ވެސް އެ ފޮތް ކިޔައި ދެއެވެ. ކުދިން ރުއްސައިގެން ގެއްލުމެއް ދޭން އުޅޭނަމަ ހަދަންވީ ގޮތާއި ސިއްރުން ކަމެއް ކުރަން އުޅޭނަމަ ހަދަންވީ ގޮތް ވެސް ކިޔައި ދެއެވެ.

ލީލާ ވިދާޅުވި ގޮތުގައި މިއީ މީގެ ދެ އަހަރު ކުރިން އޭނާ ލިޔުއްވި ފޮތެކެވެ. "ނޫން! ބޭނުމެއް ނޫން!" މި ފޮތުގައި ކުއްޖާއަށް ނޫނެކޭ ބުނަން ދަސްކޮށް ދެނީ ހުރިހާ ކަމަަކަށެއް ނޫނެވެ. "ނޫން، ބޭނުމެއް ނޫނޭ" މި ދަސްކޮށް ދެނީ އެ ކުއްޖަކަށް ގެއްލުމެއް ދޭން މީހަކު އުޅޭނަމަ އެފަދަ ކަން ކަމަށެވެ. މި ފޮތުން ކުއްޖާއަށް ދަސްކޮށް ދެނީ ނޫނެކޭ ބުނެފައި ދެން އަމަލު ކުރަންވީ ގޮތެވެ.

"މަގުސަދަކީ ކުދިން ހޭލުންތެރިކޮށް ބާރުވެރިކުރުން. ޖިންސީ ގޯނާއެއް ކުރިޔަސް ދާންވީ ކޮންތަނަކަށް ކަން ބުނެދިނުން... މި ފޮތުގެ ވާހަކަ ދެކެވެނީ ބޮޑަށް ޖިންސީ ގޯނާގެ ވާހަކަތަކެއް ފެންމަތިވާ އިރު އެހެންވެ އަދި މި ފޮތުން މާ ބޮޑު އިމްޕެކްޓެއް ނެތޭ ބުނެވިދާނެ. ޖިންސީ ގޯނާގެ ވާހަކަތަކަކީ ވަރަށް ބީރައްޓެހި ވާހަކައެއް. އަހަރުމެން އާއްމުކޮށް ކުދިންގެ ގާތުގައި ދައްކާނެ ވާހަކައެއް ނޫން. ބެލެނިވެރިޔާގެ އަތްމައްޗަށް ދޭ މި ފޮތަކީ ފުދޭވަރެއްގެ ރިސާޗެއް ހަދާ އެންމެ ތިލަކޮށް ފަސޭހައިން ކުދިންނަށް ނަގައިގަނެވޭނީ ކިހިނެއްތޯ ބަލާ އެކުލަވާލައިފައިވާ ފޮތެއް،" ލީލާ ވިދާޅުވި އެވެ.

މަންމައަށް ވިއަސް ކުއްޖެއް ގާތުގައި މި ކަހަލަ ވާހަކައެއް ދައްކަން ތަންކޮޅެއް އުނދަގޫ ވެދާނެއެވެ. މި ފޮތް ކިޔާލުމުން ވެސް ވަރަށް ބޮޑަށް މިކަން ފާހަގަވެ އެވެ. ގޯނާއެެއް ކުއްޖަކަށް ލިބޭ ހިނދު ކުދިންނަށް ކުރާނެ އިހްސާސްތައް ވަރަށް ބޮޑަށް ހިމާނާފައިވާކަން ފާހަގަވުމުން މި ފޮތަކީ "ކޮންވަޒޭޝަން ސްޓާޓާ" އެކެވެ.

ކުއްޖަކަށް ބަޔަކު ގެއްލުމެއް ދީފާނެ ކަމަށް އެ ކުދިންގެ ވިސްނުމަށް ގެންނަން އުދަނގޫ ވެދާނެ އެވެ. ނަމަވެސް ކުދިންނަށް ކުރާ ގޯނާ އާއި ދެކޮޅަށް ކުރެވޭނެ އެންމެ ބޮޑު އެއް ކަމަކީ ހޭލުންތެރި ކުރުމެވެ. ލީލާ ދިވެހި ބަހުން ލިޔެފައިވާ މި ފޮތަކީ އެކަމަށް ފުދޭ ރަނގަޅު ފޮތެކެވެ.

ލީލާ ދެކެވަޑައިގަންނަވާ ގޮތުގައި ފޮތަކީ ކަމަކަށް މީހަކު ނުވަތަ ކުދިބަޔަކު ވިޔަސް ހޭލުންތެރި ކުރުވަން އެންމެ ރަނގަޅު ވަސީލަތެވެ.

"ތުއްތު ކުއްޖާއަށް ވެސް ފޮތުގެ ފޮޓޯތައް ދައްކާފައި ވާހަކަތަކެއް ދެއްކޭނެ. އަމިއްލައަށް ކިޔޭނީ ހަ އަހަރުން މަތީ ކުއްޖަކަށް ބެލެނިވެރިން މި ވާހަކަ ކުއްޖައްކާ ދައްކާފައި. އަޅުގަނޑުމެންނަށް ބާރުވެރި ކުރެވެނީ އަޅުގަނޑުމެންގެ ކުދިން. ބޭރުން އަންނަ މީހާ ކޮންމެ ކަމެއް ކުރަން އުޅުނަސް އޭގެން ސަލާމަތް ވާން ދަސް ކޮށްދެވޭނެ. ގެއަށް ވަންނަ މީހާގެ ހުންނަނީ ކޮންކަހަލަ ވިސްނުމެއް ކަމެއް ނޭގޭނެ. އެކަމަކު އަޅުގަނޑުމެންނަށް ކުއްޖާގެ ވިސްނުން ބަދަލު ކުރެވޭނެ."

މެސެޖް ކުދިންނަށް ކިޔައި ދިނުމަށް މި ފޮތް ލީލާ ލިޔުއްވާފައި ވަނީ ކުދިންގެ ސިކުނޑިއަށް ފަސޭހައިން ނަގައިގަނެވޭނެ ގޮތަށެވެ. ފޮތް ލިޔުއްވި އިރު ބައެއް ބަސްތައް ތަކުރާރުކުރުން ބޭނުން ކޮށްފައި ވެއެވެ.

"ކުދިންނަށް ކަމެއް ދަސްކޮށްދޭ އިރު ސުވާލު ކުރަންވީ އެކުދިންނަށް ދުރު މުސްތަގުބަލުގައި އެކަމަކުން ވާނީ ކިހިނެއްތޯ؟ ގަދަ ކަމުން މީހަކާއި ސަލާން ކުރުވިއަސް، އުނގުމަތީގައި ބޭންދިޔަސް، ބައްދާލިޔަސް، ދޮނެއް ދިނަސްވެސްމެ... އެހެން މީހަކު ގަދަ ކަމުން ކުރާ ފަހަރަކު އެކުއްޖަކު ހިތަށް އަރާފާނެ މިއީ އޯކޭ ކަމެކޭ. މަންމަ ބުންޏޭ އޯކޭ. ވަރަށް ސާފުކޮށް ކިޔައިދޭން އެބަޖެހޭ. ހުރިހާ ކަމެއް ވެސް ކަޅާއި ހުދުން ހެން ކިޔައިދޭން ޖެހެނީ."

ރަނގަޅުގޮތުގައި ކުއްޖަކު ބަލައި ބޮޑު ކުރުމަށް ބެލެނިވެރިންގެ ޒިންމާ ވެސް ބޮޑެވެ. އެކުދިންނަށް ދަސްކޮށްދޭން ޖެހޭ ކަންކަން ގިނައެވެ. މިކަންކަން އެ ކުދިންނަށް ދަސްކޮށް ދެވޭނީ ހޭލުންތެރި ވެގެނެވެ. ދަރިންނަކީ ވެސް އެހެން މީހަކަށް ނުވަތަ ކުއްޖައްކަށް ވެސް އެއްވެސް ގޯނާއެއް ނުކުރާ މީހެއްގެ ގޮތުގައި ތަރުބިއްޔަތު ކުރަން ޖެހެ އެވެ.

"ޕޭރަންޓިންގެ އަކީ ވަރަށް މުހިއްމު އެއްޗެއް. އަޅުގަނޑުމެން ކުދިން ބަލާ ބޮޑު ކުރެވޭ ގޮތް މުހިއްމު. އަނެއް އިންސާނާ ވެލިއު ކުރަން ދަސްކޮށް ދެވޭތޯ؟ އަނެއް މީހާ ކުރާ އަނިޔާ ތިމަންނައަށް އަށް ލިބޭ ލިބޭނަމަ ތިމަންނާއަށް ކޮންކަހަލަ އިހްސާސެއްތޯ ކުރާނީ؟ ކުދިންނަށް ދަސްކޮށް ދޭންވީ އެހެން މީހުންގެ އިހުސާސްތަށް ދަންނަ ކުއްޖައްކަށް ވާން."