މި ވާހަކަތައް ކިޔައިދީ ކިޔައިދީ މަންމަ އާއި ބައްޕަ ވެސް ވަރުބަަލި ވެއްޖެ އެވެ. ސްކޫލަށް ނުދެވެނީ ކީއްވެގެން ކަމާއި ގޭގައި އަބަދު މަޑު ކުރަަން ޖެހެނީ ކީއްވެ ކަން ބުނެދިނަސް އެ ކުދިންގެ ސިކުނޑިއަށް ވިސްނެން ބައެއް ފަހަރު ހަމަ އުނދަގޫ ވަނީ އެވެ. ކުދި ތަންކޮޅު ތަަކުގައި އުޅޭ އިރު، އެންމެން އެކީ ތިބެން ޖެހުމުން އުނދަގޫ ވެސް ވެ އެވެ. ބޭރަށް ދާން ވެސް ކުދިން ބޭނުންވެ އެވެ. ޕާކަށް ދާން ވެސް ބޭނުން ވެއެވެ. މި ހުރިހާ ކަމެއް މިހެން ނުވާނެ ކަން ކިޔައިދޭން މި ޖެހެނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނަށެވެ. އެކީގައި އުޅޭ އާއިލާގެ މެމްބަރުންނަށެވެ.
ވަމުންދާ ގޮތް ބުނެދިނަސް ބައެއް ފަހަރު އެ ކުދިންގެ ސިކުނޑިއަށް ނަގައިގަންނަން އުނދަގޫ ވެއެވެ. ކޮވިޑްް-19 އިގެ ވާހަކަތައް އަބަދު އިވުނަސް ދެން ވެސް އެއީ ކޯއްޗެއްތޯ އެހެ އެވެ. މިއީ ބުރާސްފަތި ދުވަހު ފާހަގަ ކުރި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ދުވަހު އެތައް ބެލެނިވެރިންނަށް ކުރިމަތިވާ ސުވާލުތަކެކެވެ.
އެ ކުދިންގެ ބެލެނިވެރިންނާ އެންްމެ ގާތުގައި އަބަދުވެސް ތިބޭ އެއް ބަޔަކީ، އެ ކުދިންގެ ޓީޗަރުންނެވެ. އެހެން އެކަކަށް ބުނެ ނުދެވުނަސްް އަދި ސަތޭކަ ފަހަރު ކިޔައިދޭން ޖެހުނަސް ޓީޗަރުން ތިބޭނީ ކިޔައި ދޭށެވެ. މިފަހަރު މިކަމަށް ވެސް މި އޮތީ ކޮންމެވެސް ގޮތަކުން ހައްލެއް ހޯދާފަ އެވެ.
އަމީނިއްޔާ ސްކޫލުގައި މިހާރު ލީޑިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ މަރިޔަމް ޝަތުރަތު ޝާކިރަކީ މީގެ ކުރިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންްނަށް ކިޔަވައިދިނުމުގައި އަހަރުތަކެއް ހޭދަ ކުރި ޓީޗަރެކެވެ. ހާއްސަ އެހީގެ ކުދިންގެ އުޅުމާއި އެކި ހާލަތްތަކުގައި އުޅުމަށް އަންނަ ބަދަލުތައް އެ ކުދިންގެ "ޝަތޫ މިސް" އަށް ވަރަށް ރަނގަޅަށް އެނގެ އެވެ. ކޮވިޑް-19 އާއެކު ބަދަލުވި ދިރިއުޅުމާ އެ ކުދިންގެ ބެލެނިވެރިން ކުރިމަތިލާން އުނދަގޫވާ ކަން ޝަތޫ މިސްއަށް އެތައް ބެލެނިވެރިންނެއް ކިޔައިދިނެވެ.
އަދި އެ ބެލެނިވެރިންގެ ކަންބޮޑުވުންތައް އަޑު އަަހާ ޝަތޫ މިސް ވަނީ ވާހަކަ އެއް ތަައްޔާރު ކޮށްފަަ އެވެ. މިއީ މިސްގެ ފަރާތުން، އެކުދިންނަށް ދޭ ހަދިޔާ އެކެވެ. އެކުދިންގެ މަތިން މިސް ހަނދާނެއް ނުނެތެ އެވެ. ވެވެން އޮތް ގޮތަކަށް އެހީވާން ތައްޔާރަށެވެ.
"މިސް އަށް ގުޅާފަ ބައެއް ބެލެނިވެރިން އެބަ ކިޔައިދޭ އެ ކުދިން ރޮނީއޭ، ބޭރަށް ދާން ބޭނުން ވެގެން ނޫނީ ސްކޫލަށް ދާން ބޭނުން ވެގެން. ދެން ހަދާނީ ކިހިނެއްހޭ. ބެލެނިވެރިން ބުނީމަ ވެސް ގަބޫލެއް ނުކުރެވޭ އެކުދިންނަށް. އެއީ މައްސަލަ އެއް ނޫން. ކުއްލި އަކަށް ހުރިހާ ކަމެއް އެހެން ދިމާވީމަ ނެޗުރަލީ ވާނެ ގޮތް ގޮތް އެއީ. އެ ކުދިންނަށް އަންޑަސްޓޭންޑް ވާނެ ގޮތަކަށް ކިޔައިދޭން މި ވާހަކަ ތައްޔާރު ކުރީ،"
އަވަސް އިން މިހާރު ވަނީ މި ވާހަކަ ޝަތޫ މިސް އާ ގުޅިގެން ވީޑިއޯ އަކުން ދައްކާލާފަ އެވެ. މި ވީޑިއޯގައި ބޭނުންކޮށްފައި ހުރި ކުރެހުންތަކަކީ، ޝާޒިފް އާދަމްގެ އިލަސްޓްރޭޝަންތަކެކެވެ.
"އަޅުގަނޑުގެ ކޮރޯނާ ވައިރަސްގެ ވާހަކަ" ގައި ކިޔަައިދޭނީ، ކުއްޖާއަށް އެނގޭނެ ގޮތަށް މިއަދު ދުނިޔޭގައި ކަންތައް ވަމުންދާ ގޮތެވެ. ވައިރަސް ރާއްޖޭގައި ވެސް އުޅޭ ކަމާއި، މި ކަމުގެ އަލާމާތްތައް ވެސް ކިޔައިދެނީ އަމިއްލަ ނަޒަރުގައި ބުނެދޭ ގޮތަށެވެ. އަދި އެކުދިން ދެން ކަންތައް ކުރާނެ ގޮތްތައްވެސް ސާފުވާނެ ގޮތަށް ކުރު އިބާރާތްތަކުން ވަނީ ފުރިހަމަ ކޮށްފަ އެވެ.
"ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފަައި، ވީމާ އަޅުގަނޑު ހުންނާނީ ގޭގައި. ސްކޫލަށް ދާނީ ސްކޫލްތައް ހުޅުވުނީމަ. ހަވީރު ޕާކަކަށްވެސް ނުދެވޭ. ގޭގައި ހުރެގެން އަަޅުގަނޑު ޓީޗާ ހަވާލުކޮށްފައި ހުރި މަސައްކަތްތައް ނިންމާލާނީ!" ވާހަކައިން ތަންކޮޅެއް ޝަތޫ މިސް ކިޔައިދިނެވެ.
މިސް ބުނި ގޮތުގައި، މިކަހަލަ ގޮތަކަށް ވާހަކައެއްގެ ސިފައިގައި ހުރިހާ އެއްޗެއް ކިޔައިދިނުމުން އެ ކުދިންނަށް އަމިއްލަ އަށް އެކަންކަން ކުރަން ފަސޭހަ ވާނެ އެވެ. އެގޮތުން، ވާހަކައިގައި ބުނާ ގޮތަށް ގޭގައި ހުރުމާއި ހޯމްވޯކްތައް ގޭގައި ހުރެ ހަދަން ބެލެނިވެރިންނަށް ބާރު އެޅޭނެ އެވެ. ސޯޝަލް ސްޓޯރީ ވާހަކަތަކުގައި ކަން ކުރާ ގޮތަކީ މިއީ ކަމަށް މިސް ބުންޏެވެ.
"ސޯޝަލް ސްޓޯރީ ވާހަކަތަކަކީ މިއީ ސީދާ ކުއްޖާއަށް އަމާޒުކޮށް ކިޔައިދޭ ވާހަކައެއް. ވާހަކަ ކީމަ ކުއްޖާ އަށް ވެސް އެނގޭނެ އަމިއްލަ އަށް އުޅުމާއި އަމަލުތައް މިހާލަތުގައި ބަހައްޓަންްވީ މިހެން ކަން. އަަދި ބޮޑެތި މީހުންނަށްވެސް އެެ ކުއްޖާ ލައްވާ ކުރުވަން ބޭނުންވާ ކަންތައްތައް ވަރަށް ފަސޭހައިން ވާހަކައިގެ ތެރެއިން ކިޔައިދީ ދަަސްކޮށްދެވިދާނެ" ޝަތޫ މިސް ކިޔައިދިނެވެ.
މިއަދު ހާއްސަ އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެ ކުދިންގެ ބެލެނިވެރިންނަށް ޝަތޫ މިސް މިއޮތީ ހަަދިޔާ އެއް ދީފަ އެވެ. މި ވާހަކަ އެ ކުދިންނަށް އަޑު އިއްވާލާށެވެ. އަދި ބެލެނިިވެރިން ކައިރީ ބައިންދައިގެން އެކުދިންނަށް މި ވާހަކަ ކިޔައިދޭށެވެ.