މީހުން

ޒުހައިރާ އަޑާއި ވާހަކަ ލަންކާއިން!

ޒުހައިރާ އުމަރުގެ ރީތި، އަޑާއި އޭނާގެ ވާހަކަ ދެއްކުންތެރިކަމުގެ ސާފު ކަމާއި ބަސްތެރި ކަމުގެ މުއްސަނދި ކަމުގެ ސަބަބުން ދިވެހިންގެ ތެރޭގައި ޒުހައިރާ އާއި އޭނާގެ އަޑު ވަރަށް މަގުބޫލެވެ. އެއީ ވަރަށް ސާފު ކަމެކެވެ. ދިވެހިރާއްޖޭގެ އަޑުގައި އޭނާ ހޭދަ ކުރެއްވެވި 11 އަހަރާއި އަށް މަސް ދުވަހުގެ ތެރޭގައި ދިވެހިންގެ ހިތްތަކުގައި އޭނާ ވަރުގަދަ މަގާމެއް ހޯއްދަވާފައި ވެއެވެ. ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރުގައި އަޑުގައި ހަބަރު ވިދާޅުވާ ބޭފުޅުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއް ބޭފުޅަކީ ވެސް، ވަރަށް ސާފުކޮށް އެހާ ރީތީކޮށް ވާހަކަފުޅު ދައްކަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ގެ މަންމާފުޅު، ޒުހައިރާ އެވެ.

ހަބަރު ވިދާޅުވުމުގައި ޒުހައިރާ ލަހުޖާ ގެންގުޅުއްވާ ގޮތުން އަދި އޭނާއަށް ލިބި ވަޑައިގެންފައިވާ ހިތްގައިމު ރީތި އަޑުގެ ސަބަބުން އެހުންތެރިންގެ ވަރަށް ބޮޑު ފޭވަރިޓަކަށް އޭނާވެގެން ދިޔައީ ކުޑަ ދުވަސްކޮޅެެއްގެ ތެރޭގަ އެވެ. އެ ދުވަސްވަރު އެއްޗަކީ އަޑާއި ހަބަރެކެވެ. މިހާރުހެން ގިނަ ޕްރަގްރާމްތަކެއް އުފައްދައެއް ނޫޅެ އެވެ. އަދި އަޑުން އޭރު ވާހަކަ ފޮނުވައެއް ވެސް ނުހަދަ އެވެ.

ސަބަބުތަކަކާ ލައިގެން ޒުހައިރާ ވަރަށް ބޮޑަށް މަޝްހޫރުވީ ކުޅަދާނަ ހަބަރު ކިޔުންތެރިއެއްގެ ގޮތުގަ އެވެ. ހަބަރުގެ އިތުރުން "ހިޔާލީ ފޮލާ" ގެ ނަމުގައި ޒުހައިރާ އުފެއްދެވި ޕްރޮގްރާމަކީ ވެސް ގިނަ ބަޔެއްގެ ސަމާލުކަން އަތުލި ޝޯއެކެވެ. އެ ޝޯއަކީ އޭރުގެ ރަން ވަނައެކެވެ.

"އޭރު އެންމެ މުހިންމީ ހަބަރު، ހަބަރު ރަނގަޅަށް ކިޔުނީމަ އެ ނިމުނީ!"

އޭގެ ފަހުން ރާއްޖޭގައި ޑިމޮކްރެޓިކް އިސްލާހީ މަސައްކަތް ފެށިގެން އައި ދަނޑިވަޅު، 2004 ވަނަ އަހަރު ތެރޭގައި ކުރިޔަށް ދިޔަ "މިނިވަން ބަހުސް"ތަކުގެ ތެރޭގައި އާއި އެމްޑީޕީގެ އެއްވުންތަކުގައި ޒުހައިރާގެ ވާކަ ދެއްކެވުމު ހުނަރާއި ކުޅަދާނަކަން ކުޑދުވަސްކޮޅަކަށް ވިޔަސް މޮޅަށް ފެނިގެން ދިޔައެވެ. މިހާރު މިފެންނަ ގޮތާ ހިލާފަށް އެއްވެސް މީހަކަށް ހުތުރު، އަދި ދެރަވާނެ އަކުރެއް ބަހެއް، ޖުމްލައެއް ވެސް ވިދާޅުނުވެ ސަމާސާ އަދަބު ބޭނުން ކުރައްވައިގެން ސިޔާސީ ވާހަކަ ތިއޮއް އާޓިފިޝަލް ބީޗާއި ދުންފިނި ގެއާއި ޖުމްހޫރީ މައިދާން ފަދަ ތަންތަނުގައި ޒުހައިރާ މޮޅަށް ދެއްކެވި އެވެ.

އަހަރުތަކަކަށް ފަހު އަނެއްކާ ވެސް ޒުހައިރާގެ އަޑު އިވޭން ފަށައިފި އެވެ. މިފަހަރު ރާއްޖެއާ އަވަށްޓެރި ސްރީ ލަންކާގައި ޒުހައިރާ ދިރިއުޅުއްވާ ގޭގެ ހިތްގައިމު ބަގީޗާގައި އިންނަވައިގެން ކިޔައި ދެއްވާ ރީތި ކުދި ވާހަކަތަކުންނެވެ. ލަންކާއިން ޒުހައިރާ ވިދާޅުވެ ދެއްވާ ވާހަކަތަކުގެ އެ އަޑާއެކު ޒުހައިރާގެ ރީތި އަޑުގެ ހަނދާންތައް އައިސް ދިވެހިންގެ ގައިގައި ވަށާލައިފި އެވެ. ރީތި ކުދި ވާހަކަަތަކުން އެތައް ކުޑަކުދިންނެއް އުފާ ކޮށްދީފި އެވެ. އިބްރަތްތެރި، ޝައުގުވެރި ވާހަކަތަކުން ބޮޑެތި މީހުން ހުއްޓުވާއި ދެވަނަ ވިސްނުމަކުން ވިސްނާލާން މަޖުބޫރު ކުރުވައިފި އެވެ.

ޒުހައިރާ ވިދާޅުވި ގޮތުގައި ވާހަކަ ބަގީޗާ ސިލްސިލާ ފެށިގެން އައީ އޭނާއަށް ބޮޑުދައިތަ ވިދާޅުވާ ކުއްޖަކު ސްރީ ލަންކާގައި ދިރިއުޅުމަށްފަހު މާލެއަށް ބަދަލުވާން ޖެހިވަޑައިގެންނެވި ހިސާބުންނެވެ. އެ ބަދަލަކީ ޒުހައިރާއަށް ހިތްޕުޅަށް ވަރަށް ދަތިވި ކަމަކަށް ވެގެން ދިޔައެވެ. ބޮޑުދައިތަ ކިޔާ އެތައް ކުދިންނެއް ތިބި ނަމަވެސް ހުރިހާ ކުދިން ވެސް ތިއްބަވަނީ މާލޭގަ އެވެ. ކައިރީގައި ހުންނެވި ހަމައެކަނި ބޮޑުދައިތަ ވިދާޅުވާ އެކުއްޖާއާ ވަކިވާން ޖެހުމުން ހިތަށް މާ ބޮޑަށް އަސަރު ކުރީ އެވެ.

"އެހެންވެ އަޅުގަނޑު ބޭނުމެއް ނުވި އަޅުގަނޑުގެ ސިފައާއި ސޫރަ އަދި އަޑު އޭނާއާ ވަކިވާކަށް. އެހެންވީމަ ފުރަތަމަ ވާހަކައެއް ކިޔާފައި އޯޑިއޯ ފޮނުވީ. ނަމަވެސް އެވެރިން ބޭނުންވެއްޖެ އޭގެ ވީޑިއޯ. ދެން ވީޑިއޯކޮށްފައި ފޮނުވީ،" ޒުހައިރާ އޭނާގެ ބަގީޗާގައި އިންނަވައި ފޯނުން ދެއްވި އިންޓަވިއެއްގައި ވިދާޅުވި އެވެ.

ޒުހައިރާ ވިދާޅުވި ގޮތުގައި އެ ވީޑިއޯ ފޮނުވުމުން ބޮޑުދައިތަ ވިދާޅުވާ ކުއްޖެއް ކަމަށްވާ ޖީދޫ އެ ވީޑިއޯ ކޮޅު ފޭސްބުކް ތެރެއަށް ދޫކޮށްލެއްވުމާއެކު ވީޑިއޯ ވަރަށް ބޮޑަށް ވައިރަލްވެ ވައިގައި ހިފީ އެވެ.

"ވީޑިއޯ ކޮޅު ފޮނުވީމަ ބޮޑުދައިތަ ކިޔާ ހުރިހާ ކުދިން ޓީވީގައި އެ އަޅުވައިގެން ބަލަން ފެށީ! އެ ކުދިން ވަރަށް ޝައުގުވެރިވާ ކަމަކަށް ވެއްޖެ. އެހިސާބުން އެ އޮތީ 'ވާހަކަ ބަގީޗާ' ފެށިފައި،" ޒުހައިރާ ވިދާޅުވި އެވެ.

އޭގެ ފަހުން ޒުހައިރާއަށް ބޮޑުދައިތަ ވިދާޅުވާ ހުރިހާ ކުދިން ވެސް ބޮޑުދައިތަގެ ވާހަކަތައް އިންޒާރު ކުރެ އެވެ. ލަންކާއިން ބޮޑުދައިތަގެ ވާހަކަ އަންނާނެ ވަގުތަކަށެވެ. އެހެން ވެގެން އާއިލާގެ އެކި ބޭފުޅުން ކުދި ވާހަކަތައް ފޮނުވައިދޭން ފެއްޓެވި އެވެ. ބައެއް ބޭފުޅުން އަމިއްލަފުޅަށް ވާހަކަ ލިޔުއްވައިގެން ވެސް ފޮނުވައި ދެއްވަ އެވެ. ފުރަތަމަ އެކަމަށް އިސް ނެންގެވީ އެފަދަ މަަސައްކަތްތަކުގައި އާއިލާގެ ތެރެއިން ފާހަގަ ކޮށްލެވޭ ލީލާ އަހުމަދެވެ. "ވާހަކަ ބަގީޗާ" ސިލްސިލާ ފުޅާ ކޮށްލުމަށް ލީލާގެ އެހީތެރިކަން ބޮޑެވެ. އެ ހިސާބުން އާއިލާގެ ތެރޭގައި އެ ފޯރި ގަދަވީ އެވެ.

ލީލާ ފޮނުވައި ދެއްވި ވާހަކަތައް ހުސްވުމުގެ ކުރިން ޒުހައިރާގެ އާއިލީ ކޮއްކޯފުޅެއް ކަމަށްވާ މިހާރުގެ ފަސްޑްލޭޑީ ފަޒްނާ އަހުމަދު ވެސް ބައެއް ވާހަކަތައް ލިޔުއްވައި ޒުހައިރާގެ ބަގީޗާއާ ހަމައަށް ފޮނުވައި ދެއްވެވި އެވެ.

"ލީލާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. ލީލާގެ ވާހަކަތައް ކިޔައި ނިމުމުގެ ކުރިން ފަޒޫ [ފަސްޓްލޭޑީ] ބައެއް ވާހަކަތައް ލިޔުއްވާފައި ފޮނުވައި ދެއްވައިފި... އެހެންވީމަ ވާހަކަ ބަގީޗާ ނުހުއްޓި މި ކުރިއަށް ދިޔައީ،"

ވަރަށް ގިނަ މީހުނާއެކު އަބަދުވެސް ހަރުދަނާ ގުޅުމެއް ބާއްވަވާ، އަދި އަބަދުވެސް ސަމާސާގެ ބަހަކުން ޖައްސަވާފައި ނޫނީ ވަރަށް ވާހަކަފުޅު ނުދައްކަވާ ޒުހައިރާގެ އެންމެ ގާތް ރަހުމަތްތެރިއަކީ ކުޅަދާނަ ފިލްމީ ތަރި ފައުޒިއްޔާ ހަސަނެވެ. ފައުޒިއްޔާ ވެސް މި ވަގުތު ދިރިއުޅެނީ ސްރީ ލަންކާގައެވެ. އެހެންވެ ލިޔުންތެރިކަމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ފައުޒިއްޔާގެ އެހީތެރިކަން ވެސް ޒުހައިރާއަށް އޮވެ އެވެ.

"ފައުޒިއްޔާގެ ހަނދާނަކީ ގަދަ ހަނދާނެއް. އިހުގެ ރީތި އަދި ކުޑަކުދިންގެ މެދުގައި އެންމެ މަގުބޫލް ވާހަކަތައް އޭނާގެ މެމޮރީގައި ހުރޭ. އެހެންވީމަ އެ ވާހަކަތައް އޭނާ ލިޔެދީފި. އެ ވާހަކަތައް އެއީ އަޅުގަނޑަށް ބޮޑުދައިތަ ކިޔާ ކުދިންނަށް ވަރަށް ކަމުދިޔަ ވާހަކަތަކެއް،"

ފުޅާވާން ފެށުމާ އެކުހެން ޒުހައިރާގެ ވާހަކަ ސިލްސިލާއަށް ނަމެއް ވެސް ހަމަޖެހުނެވެ. "ވާހަކަ ބަގީޗާ" ގެ ނަމުގައި އެ ނަން ދެއްވީ ލަންކާގައި މަންމައާއެކު ދިރިއުޅުއްވާ ޒުހައިރާގެ ފިރިހެން ދަރިކަލުން އީހާބެވެ. ބަގީޗާގައި އިންނަވައިގެން މަންމަ، ބޮޑުދައިތަ ކުދިންނަށް ވިދާޅުވެ ދެއްވާ ވާހަކަތައް ރެކޯޑްކޮށް ދެއްވަނީ ވެސް އީހާބެވެ.

ޒުހައިރާ ފުރަތަމަ ރެކޯޑްކުރެއްވި ހުރިހާ ވާހަކަތަކަކީ ވެސް އޭނާއަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅުންނަށް ރެކޯޑްކޮށްދެއްވި ވާހަކަތަކެވެ. ނަމަވެސް އެ ވާހަކަތަކުން ކުދިބޮޑު އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދީފައި ވެއެވެ. އެކަން ފޭސްބުކްގައި އާންމުން ހިއްސާކޮށްފައިވާ ކޮމެންޓްތަކުން ރީއްޗަށް އެނގެއެވެ.

"އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑުގެ ރައްޓެހިން ވެސް އަދި އާއިލާގެ މެންބަރުން ވެސް އަޅުގަނޑުގެ މަތިން ހަނދާން ނެތޭކަށް. އަމުދުން އަޅުގަނޑު ބޭނުމެއް ނުވޭ އަޅުގަނޑަށް ބޮޑުދައިތަ ކިޔާ ކުދިންނާ އެންމެ ހިނދު ކޮޅަކުވެސް ވަކިވާކަށް،"

ޒުހައިރާ ވާހަކަ ވިދާޅުވެ ދެއްވަނީ

ޒުހައިރާގެ ވާހަކަތައް އޮތް ފޯރި ގަދަވެގެން ގޮސް އެންމެ ފަހުން ބޮޑެތި މީހުންނަށް ވެސް ވާހަކަ ކިޔައިދޭން ޖެހިއްޖެ އެވެ. ޒުހައިރާގެ "ވާހަކަ ބަގީޗާ" ޕޭޖަށް އެތައް ބަޔަކު ކޮމެންޓްކޮށް އެކަމަށް އެދެމުން ވެސް ދެއެވެ. ހާއްސަކޮށް ދިވެހި ރާއްޖޭގެ އަޑުން އެތައް ބައެއްގެ ހިތުގައި ބިންވަޅު ނެގިގެން ދިޔަ ޒުހައިރާގެ ހިތްގައިމު އަޑުން ވާހަކައެއް އަހާލަން ބޭނުންވެފައި ތިބި ގިނަ ބަޔަކު އެކަމަށް އެދޭން ފެށި އެވެ.

"އެންމެ ފަހުން ބޮޑެތި މީހުންނަށް ވެސް ވާހަކަ ކިޔައިދޭން މި ފެށީ. 'ފޮނިކަރުނަ' ކިޔާ ވާހަކައެއް މިހާރު މި ކިޔައިދެނީ. މަރުހޫމް އަބްދުއްޝުކޫރުގެ ބޭފުޅެއްގެ އަރިހުން ކޮޕީ ރައިޓްސް ވެސް ހޯދައިގެން އެ ވާހަކަ މި ކިޔަން ފެށީ. މިއީ ވަރަށް ކުރާހިތުން ކުރާ ކަމެއް،" ޒުހައިރާ ވިދާޅުވި އެވެ. "ވަރަށް އުފާވޭ އާންމުންގެ ފަރާތުން ލިބޭ ކޮމެންޓްތަކުން.. ކޮވިޑްގެ ސަބަބުން އެތައް ބަަޔަކު ގޭގައި ތިބެންޖެހިފައިވާއިރު މިފަދަ ކަމަކުން ވެސް ވގިނަ ބަޔަކަށް އުފާ ލިބޭ. އެހެންވީމަ އަޅުގަނޑު ދެކެނީ ކޮންމެވެސް ބަޔަކު އުފާވާ ކަމެއް ކޮށްދެވޭ ކަމަށް،"

ޒުހައިރާ ވާހަކަ ފޭސްބުކްގައި ގެނެސް ދެނީ ހަފުތާއަކު ފަސް ދުވަހު އެވެ. ފުރަތަމަ ފެއްޓެވީ 10 މިނެޓަށް ނަމަވެސް މިހާރު ބައިގަޑި އިރަށް ކޮންމެ ދުވަހަކު ވާހަކަ ގެެނެސް ދެއްވަ އެވެ. ޒުހައިރާ އުންމީދު ކުރައްވަނީ އެއަށްވުރެ ވެސް ދިގު ކޮށް އެ ވާހަކަތައް ގެނެސް ދެއްވާށެވެ.

"ވާހަކަ އަޑުއަހައިގެން އެއިން އުފަލެއް ލިބޭނަމަ އަލްހަމްދުﷲ އަޅުގަނޑު ވަރަށް ވެސް އުފާވާނެ،"

ޒުހައިރާގެ ވާހަކަތައް އާންމުންނަށް ކަމުދަނީ ވިދާޅުވުމުގައި ވައްޓަފާޅި ގެންގުޅުއްވާ ގޮތުންނެވެ. ކުށާ ނުލައި ގެންދަވާލެއް ފަރިތަވެފައި ހިތްގައިމު ކަމުންނެވެ. ޒުހައިރާގެ އަޑަކީ ދިވެހިންގެ ހަނދާނުން ދުވަހަކު ވެސް ފިލައިގެން ނުދާނެ ރީތި އަދި މަޝްހޫރު އަޑެކެވެ. އެ އަޑު މަޑުވެ، އެތައް އަހަރެއް ވުމަށް ފަހު އެތައް އަލުން އަހާލަން ފުރުސަތު ލިބުމަކީ ދިވެހިންނަށް އޮތް އުފަލެކެވެ.

"އެމީހެއްްގެ ފަންނުގައި ކުރިއަށް ދިއުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ ފަންނަކީ އަޑު. އެހެންވީމަ އަޑު ބޭނުން ކޮށްގެން މި އުމުރުގައި ވެސް ކަމެއް ކޮށްދެވުމަކީ ކޮންފަދަ އުފަލެއްތޯ؟ އަލްހަމްދުﷲ،"

މިހާތަނަށް ކުރެއްވުނު މަސައްކަތްތަކުގެ ތެރެއިން ޒުހައިރާއަށް އެންމެ ފާހަގަ ކޮށްލެވޭ މަސައްކަތަކީ ކީރިތި ގުރުއާނުގެ ދިވެހި ތަރުޖަމާއަށް އަޑު އަޅުއްވައި ދެއްވުމެވެ. ނޮވެލްޓީ އަލީ ހުސައިން ދެއްވި އެ ފުރުސަތަކީ އޭނާ ނުހަނު އެދިއެދި ހުންނަވަނިކޮށް ލިބި ވަޑައިގެންނެވި ފުރުސަތެކެވެ. ރާއްޖޭގައި ގުރުއާން ތަރުޖަމާއެއް ފުރަތަމަ ލިޔުއްވެވި މަލިންގޭ ހުސައިން ދީދީގެ ތަރުޖަމާގެ އެ މަސައްކަތް ފުރިހަމަކޮށް ޒުހައިރާއަށް ނިންމަވައި ލެއްވުނީ އަލީ ހުސައިންގެ އެކުވެރިޔާ ކަނީރު އަބްދުއްރަހީމް (ކަނީރު ދޮންބެ) ވަރަށް ބޮޑު އެހީތެރިކަމެއް ލިބި ވަޑައިގެންނެވެ.

ޒުހައިރާ ވިދާޅުވި ގޮތުގައި އޭނާގެ އަޑުން އެހުންތެރިން ޝައުގުވެރިވާނެ ގޮތަށް ހުށައެޅުންތަކެއް އައިސްފައިވާނަމަ އެކަންކަން ދަސް ކޮށްދެއްވި އެދުރުންނަށް އޮތް ލޯބި ބޮޑެވެ. އެއީ އެންދެރިމާގޭ އައްބާސް އިބްރާހިމާއި، ސައިކުރާ އިބްރާހިމް ނައީމާއި އަބްދުއްރަޝީދު ހުސަައިންނެވެ.

"އެއީ އަޅުގަނޑުމެން ފުރަތަމަ އަޑަށް ވަދެގެން ހަބަރު ކިޔަން ދަސްކޮށްދެއްވި ބޭފުޅުން. އޭރު އަޅުގަނޑުމެން ކުރީ ކަމަކަށް ކަމެއް ނޫން. ވަރަށް ރަނގަޅަށް ޓްރެއިން ލިބިގެން އެކުރާ ކަމެއް ކުރަނީ. އެހެންވީމަ މިފަދަ ކޮންމެ ފަހަރެއްގައި އަޅުގަނޑު އެ ތިން ބޭފުޅުންނަށް ވަރަށް ޝުކުރުއަދާ ކުރާ ހިތްވޭ،" އަލަށް ނުކުންނަ ކުދިންނަށް ދަސް ކުރުމަށް ނަސޭހަތްތެރިވަމުން ޒުހައިރާ ވިދާޅުވިއެވެ. "އެއީ ވަރަށް ފަރުވާ ބަހައްޓައިގެން ކުރަން ޖެހުނު ކަމެއް. ހަބަރުތައް ތައްޔާރުކޮށްފައި ދިނީމަ ޖެހޭނެ ފުރަތަމަ ހުރިހާ ހަބަރެއް ކިޔަން. ހަބަރެއް ފެށުމުގެ ކުރިން ބައިގަޑިއިރުގެ ކުރިން ވަދެ ތައްުޔާރުވާން ޖެހޭނެ. ކަމަކަށް ކަމެއް ކުރާ އުސޫލަކުން ނޫން އެކަން ކުރަނީ،"

ރާއްޖެއަށް ނައިސް ލަންކާގައި ޒުހައިރާ ދިރިއުޅުއްވާތާ ދެ އަހަރެއްހާ ދުވަސް ވެއްޖެ އެވެ. ރާއްޖެ އާދެވޭނެ ދުވަހެއް އަދި ނޭނގެއެވެ. އެހެން ކަމުން ޒުހައިރާ ހުރީ އޭނާގެ "ވާހަކަ ބަގީޗާ" ހުއްޓާނުލާ ކުރިއަށް ގެންދަވާށެވެ. ނަމަވެސް އެކަމަށް އޭނާއަށް ވާހަކަ ފޮތް ބޭނުމެވެ. ވާހަކަ ފޮތް ލިބި ވަޑައިގަންނަވާ ވަރަކަށް އެ މަސައްކަތުގައި ޒުހައިރާ ދެމި ހުންނަވާނެ އެވެ. އަދި ބޮޑުދައިތަ ކުދިންނަށް ވާހަކަ ކިޔައި ދެއްވާނެ އެވެ.

"ވާހަކަ ފޮތެއް ނުލިބިގެން ހުއްޓާލަން ޖެހިއްޖެނަމަ ވަރަށް ދެރަވާނެ. ނަމަވެސް ކޮންމެ ކަމަކަށް ވެސް ނިމުން ވެސް އަންނާނެ ދެއްތޯ؟"