މަރިޔަމް ހަލީމްގެ ނަމަކީ އާޓް ކޮމިއުނިޓީގައި އާ ނަމެއް ނޫނެވެ. އެ ނަމުން ބުނެލައިގެން އެނގޭ ވަރަށް ވުރެވެސް "ބޭގްސް ބައި މަރީ" އޭ ބުނީމާ ފަސޭހައިން ކްލިކްވާނެ އެވެ. "ބޭގްސް ބައި މަރީ" އަކީ މަރީގެ ބްރޭންޑެކެވެ. އޭނާގެ އަމިއްލަ އުފެއްދުމެކެވެ. ހޭންޑްމޭޑަށް ލޯބިކުރާ މީހުންނަށް މަރީ ފަހައިދޭ ދަބަސްތަކަށް ވަރަށް ހިތް ކިޔަ އެވެ. ބަލާބެލުމަށް އެ ދަަބަސްތައް ވަރަށް ޗާލެވެ. ޑިޒަައިންގެ ގޮތުން ހިފައިގެންނާއި އަޅުވައިލައިގެން ގެންގުޅެން ވެސް ވަރަށް ފަސޭހަ އެވެ.
އެހެން ނަމަވެސް މިފަހަރު މިއޮތީ މަރީގެ ދަބަހާ ގުޅޭ ވާހަކައެއް ނޫނެވެ. އޭނާ ދަބަސް ފަހަން ދަސްކުރި ގޮތަށް ދަސްކޮށްފައިވާ އާޓްގެ އެހެން ބޮޑު ހުނަރެކެވެ. އާޓްގައި ކުލަޖައްސާ ފިހިން އޭނާގެ ހުނަރު ދައްކާލި ކުރެހުންތަކެއްގެ ވާހަކައެވެ. މަރީ، އޭނާގެ ފިހިން މިފަހަރު ގެނެސްދީފައި ވަނީ ދިވެހި ރަހަތަކެވެ. މިވެސް ވަރަށް ކަމުދާނެ އެވެ.
މަރީ ގެނެސްދީފައި ވަނީ ރާއްޖޭގެ ނޫނީ "ދިވެހިންގެ އެއްޗެއް" ކަމަށް ދިހިންނަށް އެންމެ ބޮޑަށް ސިފަކުރާ މޭވާ އާއި ތަރުކާރީ އެވެ. އޭނާގެ މި ޕެއިންޓިންގް ސީރިސް ހަމަ ވަރަށް ވެސް ހިތްގައިމެވެ. ބަނބުކޭލާއި ކަށިކެޔޮ، ހުުދު ޖަނބުރޯލާއި ދިވެހި ފަޅޮލާއި ދިވެހި އަތަ އެވެ.
ތަރުކާރީއަށް ބަލާއިރު މަޝްހޫރު ފާގަ އެވެ.
އެތަކެތި ފެންކުލައިން މަރީ ގެނެސްދީފައިވާލެއް ފުރިހަމަކަމުން ބަލާބެލުމަށް އެއީ އެއްގޮތަކަށް ވެސް އަލަށް ކުރަހަން ފެށި މީހެއްގެ ކުރެހުންތަކެއްހެން ކުޑައިކޮށްވެސް ހީ ނުވެ އެވެ. މަރީ އާއި އޭނާގެ ކުރެހުންތަކާއި ގުޅޭ ގޮތުން މަރީ ވާހަކަ ކިޔައިދޭން ފެށީ ހަމަ ދަބަހުންނެވެ.
"އަބަދުވެސް އަމިއްލަ ކަމެއް ކުރުމަށް ބޭނުންވޭ. ކްރިއޭޓިވިޓީ ބޭނުން ކޮށްގެން އަމިއްލަ އެއްޗެއް ހަދަން ބޭނުންވި. ދަބަސް ފެހުމުގެ ހިޔާލު ލިބުމާއެކު އެކަން ކުރަން ނިންމީ. އޭރު އެއްވެސް ގޮތަކަށް ފަހާކަށް ނޭނގޭ. ފަހަން ދަސްކޮށް ދަބަސްތައް ހެދީމާ އާއިލާ އާއި ރައްޓެހިން ބާރު އެޅީ ފޭސްބުކް ޕޭޖެއް ހަދަން. 2012 ވަނަ އަހަރު ޕޭޖު ހުޅުވީ. 2013 ވަނަ އަހަރު އަލަށް މޯލްޑިވްސް ކޮންސިއުމާ ފެއާގައި ބައިވެރިވީ. ވަރަށް ބޮޑު ތަރުހީބެއް ލިބުނު ދަބަސްތަކަށް،" އޭނާ ބުންޏެވެ.
އޭގެ ފަހުން އެފަހުން 2014 އާޓްސް އެންޑް ކްރާފްޓް ބާޒަރުގައި ބައިވެރިވެ ފުރަތަމަ "އިރުވައި ކަލެކްޝަން" ލޯންޗްކުރީ އިރުވައި މޫސުމާއި ގުޅުވާލާ އެ އަހަރު ޑިސެމްބަރުގަ އެވެ. އެފަހުން ވިދިވިދިގެން އައި ތިން އަހަރުވެސް އިރުވައި ކަލެކްޝަނަށް އާ ދަބަސްތަކެއް ނެރުނެވެ.
"އެންމެ ފަހުން ނެރުނީ ފުރަ ކަލެލްޝަން. އެއީ ފުރަ ނަކަތައާއި ގުޅުވާ ނަން ދީގެން 2019 ވަނަ އަހަރު ސެޕްޓެމްބަރުގައި"
މަރީގެ ގިނަ ދަބަސްތަކަކީ ރެޑީމޭޑް ފެބްރިކް ގަނެގެން ފަހާފައި ހުންނަ ދަބަސްތަކެވެ. މަސައްކަތް ކުރިއަރުވައި ފުރިހަމަ ކުރުމަށް އަމިއްލަ ޑިޒައިންކޮށް އަމިއްލަ ފެބްރިކެއްގައި ދަބަހެއް ހެދުމަށް ޝައުގުވެރިވެގެން މަރީ ކުރަހަން ދަސްކުރީ އެވެ. އެހެން ވެގެން ކުރެހުމުގެ ތެރެއަށް މަރީއަށް ވަދެވުނީ ވެސް ދަބަސް އުފެއްދުމުގެ ތެރެއިންނެވެ.
ސީރިއަސްކޮށް ކުރެހުމުގެ ތެރެއަށް ވަނުމަށްފަހު ކުރަހަން އެންމެ ބޮޑަށް ގަޔާވީވެސް އަދި ހިތްކީވެސް މާމެލާމެލީގެ ބާވަތްތަކެވެ. ކަންދިމާވި ގޮތުން މަރީގެ ކުޑަކުޑަ އާއިލާއެއްކޮށް އިނގިރޭސި ވިލާތަށް ދިރިއުޅުން ބަދަލުކޮށްލަން ލިބުމުން މަލުގެ އާ ދުނިޔެއަކަށް ދެވުނެވެ. އިނގިރޭސި ވިލާތުގެ މާ ބަގީޗާތަކާއި ބޯޓަނިކަލް އެގްޒިބިޝަންތައް މަރީގެ ހަމަ ލޮލުން ބަލާލުމަށް ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އެންމެ ފަހުން އެ ބަގީޗާތަކުން އިންސްޕަޔަރަވެގެން އޭނާގެ އާޓްގެ ހުނަރުވެސް އެތައް ތަނަކުން ކުރިއަށް ޖައްސާލި އެވެ.
"ޔޫކޭއަށް ދިރިއުޅުން ބަދަލުކުރީ ފިރިމީހާގެ ކިޔެވުމަށް. އަދި މިއީ އާޓިސްޓެއްގެ ގޮތުން ވަރަށް ގިނަ ކަންކަމަށް ލޯހުޅުނު ތަޖުރިބާއެއް. ދިރިއުޅުމަށް އައި މި ބަދަލާއެކު ބޭނުންވީ ދަބަސް އުފެއްދުމުން ބްރޭކެއް ނަގަން... އަހަންނަކީ އަބަދުވެސް ވަރަށް މަލުގެ މީހެއް. މާތައް ކުރެހުމަށް ޝައުގުވެރިވީ ޔޫކޭގައ ހެދޭ ތަފާތު ރީތި މާތައް ލޮލަށް ފެންނަން ފެށުމުން"
މަރީ ބުނި ގޮތުގައި މާމެލާމެލި ކުރެހަން ފެށުން ވީ ވަރަށް ބޮޑަށް ކުރަހަން ދަސްވެ ހުނަރު ތަރައްގީ ކުރުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތަކަށެވެ. އަދި އެއާއއެކު ގަލަމާއި ވޯޓާ ކަލާ އަދި އެކްރިލިކް ބޭނުން ކޮށް، ރާއްޖެއާއި ގުޅޭ ކުރެހުންތަކެއް ކުރެހުމަށް ބޭނުންވި އެވެ. ރާއްޖޭގައި ފޮޅޭ މާތަކާއި އެއްވަރަށް ދެން އެންމެ ދިވެހިވަންތަ ހާއްސަ އެއްޗަކަށް މަރީއަށް ކުރެހުމަށް ކަމުދިޔައީ ރާއްޖޭގެ ހެދޭ މޭވާއާއި ތަރުކާރީ އަށެވެ.
"މާ ކުރަހައިގެން ލިބުނު ކޮންފިޑެންސް އާއެކު ބޭނުންވީ ރާއްޖެއާއި ގުޅޭ ދިވެހި އެއްޗެއް ކުރަހަން. މި ގޮތުން މި ސީރީޒް ޕެއިންޓް ކުރީ. ވަރަށް ތަފާތު އެކްސްޕީރިއަންސްއަކަށްވި މިކަން ވެސް"
ބަނބުކޭލެއް
މި އަހަރުގެ ބަނބުކެޔޮ މޫސުން ވެސް ގާތްގަނަޑަކަށް މި ނިމުނީ އެވެ. ބަނބުކޭލަކީ ދިވެހިންގެ ފެވަރިޓެކެވެ. ބަނބުކޭލެއްގެ ފޮޓޯއެއް ފެނުނަސް ތިބެބވެނީ ހަފާލާ ހިސާބުގަ އެވެ. އެހެން ނޫނީ ބާނބުކޭލައި ގުޅޭ ކޮންމެވެސް ހަނދާނެއްގެ ތެރޭގަ އެވެ. ބަނބުކޭލުގެ އެންމެ ތަފާތު އެއްކަމީ އޭގެ ތޮށިގަނޑެވެ. މަރީގެ އިންސްޓަގްރާމް އެކައުންޓް ގައި އޭނާގެ ބަނބުކޭލު ކުރެހުންތައް އެބަހުއްޓެވެ.
މަރީގެ ކުރެހުމުގައި ބަނބުކޭލުގެ ބޭރުން ފުއްތަށް ފެންނަ ގޮތަށް ބަނބުކެޔޮ ތޮށިގަނޑު ގެނެސްދީފައިވާ ގޮތް ވަރަށް ފުރިހަމައެވެ. އެތައް ހާސް ބަޔަކު ވަނީ އޭނާގެ އިންސްޓަގްރާމުން އެ ބަނބުކޭލުގައި ކުލަޖެއްސި ވީޑިއޯކޮޅުވެސް ބަލާފަ އެވެ. ކުޑަ ފިއްސަކުން މަރީ ބަނބުކޭލެއްގައި ކުލަޖައްސާލާ އިރު މިއީ ވަރަށް ގަޔާވެގެން އޭނާ ކުރާ ކަމެއް ކަން އެނގެއެވެ. ބަލާބެލުމަށް އަސްލުހެން ވެސް ހީވެއެެވެ.
ކަށިކެޔޮގަނޑެއް
ދިވެހި ރަހައިގައި ދިވެހިންނަނަށް ހާއްސަ އެއް މޭވާއަކީ ކަށިކޭލެވެ. ކުރިން ދިވެހިން ކަށިކެޔޮ ކަންޖާއި ބަތްޕެނާއި ފަނި ބުއި ނަމަވެސް އަދި އަދި ކަށިކޭލު މެޓާގަނޑާއި ކަށިކެޔޮފޮއި ތައްޔާރު ކުރި ނަމަވެސް މިހާރުގެ ޒުވާނުންގެ މެދުގައި ހިނގަނީ ކަށިކެޔޮގަނޑެއްގެ ފޮޓޯއެވެ. ކުޑައިކޮށް ވެސް ދެން ހިނގަނީ ކަށިކެޔޮ ކޭކެވެ.
ކޮންމެ ކޮންމެ މީހަކަށް ކަށިކޮޔޮ ލިޔަން އަދި އަސްލާއި އެއްގޮތް ހެން ހީވާގޮތަށް ކަށިކޭލެއް ކުރަހާ ކުލަވެސް ޖައްސާނުލެވިދާނެ އެވެ. މިއީވެސް ހުނަރެކެވެ. މަރީއަށް މި ހުނަރު ރަނގަޅަށް ލިބިފައި ވެއެވެ.
ކެޔޮ ބޯއްޓެއް
ދިވެހިންނަށް ކެޔޮ ބޯށި ކަމުދަނީ ވަޅޯމަސް ލައިގެން މީރު ކޮށްލައި ބަތާއިއެކުގައު ކާލާށެވެ. ތެއްލި / ތެލުލި ބޯއްޓަކީ މެންދުރުގެ ކެއުމުގެ ސުފުރާ މަތިން ދިވެހިކޮށްލައިދޭ ހާއްސަ އެކައްޗެވެ. ފެންކުލައިން މަރީ ގެނެސްދިން ބޯށި ވަރަށް ފުރިހަމަ އެވެ. އެންމެ ބޮޑަށް މި ކުރެހުން އަޅައިގަތީ އަސްލު ކުލަ ގެނެސްފައިވާލެއް ފުރިހަމަ ކަމުންނެވެ. ދަނބުގެ ހުރިހާ ޝޭޑެއް އެކްސްޕެރިމެންޓް ކުރުމަކީ މި ކުރެހުން މަރީ ފުރިހަމަކޮށްލުމުގެ ބެކްސްޓޯރީ އެކެވެ.
ދިވެހި ފާގަ
ރުޅިގަދަ މީހުނަށް އެންމެ އަވަހަށް ދޭން ބުނާ އެއްޗައްކީ ފާގައޭ ބުނެވެއެވެ. އެއީ ދިވެހި ގަބޫލު ކުރުމެކެވެ. އެހެންކަމުން ފާގައިގައި ހިތި ރަހައެއް ހުއްޓަސް އެއީ ދިވެހިންގެ ސަގާފަތެކެވެ. މަރީގެ ފާގައިގެ ކުރެހުމެއް ގެނައީ ރުޅިއައިސްފައި ހުރެއެއް ނޫނެވެ. ބަނބުކޭލެކޭ އެއްގޮތަށް ފާގައިގެ ތޮށިގަނޑަކީ ވެސް ވަރަށް ތަފާތު ޓެކްސްޗާއެކެވެ. ފާގައެއްގައި އަތްލާއިރު ވެސް އޭގައި ހުންނަ ކުދި ކުދި ރޫތަށް އިހުސާސް ކުރެވެ އެވެ. އެހެން ކަމުން މަރީގެ ކުރެހުމުން އަސްލާއި އެއްގޮތަށް ދެއްކުމަށް މަރީ ކުރީ މަސައްކަތަކީ އޭނާ ނެގި ޗެލެންޖެކެވެ. އެއީ އެންމެ ގިނަ ބަަޔަކަށް އޭނާގެ މި ސިރީސް އިން ކަމުދިޔަ ވެސް ކުރެހުމެވެ.
މަރީ ދެކޭގޮތުގައި ކަމެއްގައި ކުރި އަރަނީ އެކަމަކަށް ވަގުތު ދީގެނެވެ. ކޮންމެ ދުވަހަކުވެސް މަރީ ދޮޅު ގަޑިއިރު ދެނީ ކުރެހުމަށެވެ. ފަށައިގަންނަ މީހެއްގެ ގޮތުން އޭނާގެ ކުރެހުންތަކަށް ހިތްހަމަޖެހޭއިރު ގޯލަކީ އަދި މިއަށްވުރެ މޮޅު ކުރެހުންތެރި އަކަށް ވުމެވެ. މި ކުރެހުންތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެގްޒެބިޓް ކުރުމަކީ މަރީގެ އެންމެ ބޮޑު އެއް އުއްމީދެވެ. މިކަން ކުރެވުނިއްޔާ އެކަންވެސް ވާނެ އެވެ.