ލައިފްސްޓައިލް

އަލަށް ހާފް މެރަތަނެއް ދުވީ ސިޓިންރޫމްގައި!

އުމުރުން 57 އަހަރުގެ ނަސްރީނާ އަބްދުﷲ (ނައްތި) އަކީ މަންމައެއް އަދި މާމައެކެވެ. ސަރުކާރަށް ހިދުމަތް ކުރާތާ 25 އަހަރު ވެފައި ވާއިރު އޭނާގެ މުޅި ދިރިއުޅުން ބައްޓަން ކޮށްފައި ވަަނީ ކަސްރަތަށް ވަގުތު ދީގެނެވެ. ދުވުމާއި ފެތުމަށް ވެސް ހާއްސަ ޝައުގެއް އޮވެ އެވެ. ފެތުމުގެ އިންސްޓްރަކްޓާ ކޯސް ހަދާ ސްކޫލް ކުދިންނަށް ފަތަން ވެސް ދަސްކޮށްދިނެވެ. އޮފީހުގައި ބިޒީކޮށް އުޅެން ޖެހުމުން ފަހުން ކަސްރަތަށާއި މޫދަށް ދާން އުނދަގޫވާތީ ދުވުމަށް ބަދަލުކޮށްލީ އެވެ.

ނައްތި ބުނި ގޮތުގައި ކުޑައިރުން ފެށިގެން އޭނާ ފަތާ އުޅެ އެވެ. އަދިި މީގެ އަހަރުތަކެއް ކުރިން ހުޅެލާއި މާލެއާ ދެމެދު ބޭއްވި ދިގު ފެތުމެއްގައި ބައިވެރިވި ނުވަ މީހުންގެ ތެރޭގައި ވެސް އޭނާ ހިމެނުނެވެ.

"އޭރު ބޭއްވި ކުރު ކޮށް ފަތާ މުބާރަތަކުން ތިން ވަަނަ ވެސް ހޯދިން. ފަހުން ފަހުން އައިސް ބޮޑަށް ދުވަން ވަގުތު ދެވުނީ. ގަވާއިދުން ދުވާތާ ތިން އަހަރު ވެދާނެ މިހާރު،" އޭނާ ބުންޏެވެ.

އޮފީހުގައި އުޅެމުން މާމަ ކުދިންނަށް ވަގުތު ދޭއިރު ކަސްރަތު ކުރުމަށް ވެސް ނައްތި ވަގުތު ހޯދަ އެވެ. ހަފުތާއަކު ތިން ދުވަހު އެކުވެނި ޓްރެކުގައި ދުވެ އެވެ. އެ ޝައުގުވެރިކަމުގައި އައިރަނާޒްގެ މެންބަރަކަށްވެ މާލޭގައި ބާއްވާ ރޭސްތަކުގައި ވެސް ދުވަން ފެށި އެވެ.

"އޮފީސް ކުއްޖެއް އެންމެ ފުރަތަމަ އަހަންނަށް ދައުވަތު ދިނީ ޕިންކް ރަންގައި ބައިވެރިވާން. އޭގައި އަހަރެން ދުވީ ފަސް ކިލޯމީޓަރު. އޭގެ ފަހުން 'އައި ރަނާސް' އާއި ގުޅުނީ. ދިރާގު ރޯޑްރޭސް އަށް ޓްރޭން ކުރަން މީގެ ދެ އަހަރުވަރު ކުރިން."

މިހާތަނަށް 31 ރޭހުގައި ނައްތި ދުވެ މެޑަލް ހޯދާފައި ވެއެވެ. އެ ރޭސްތަކުގައި ގިނަ ފަހަރު ނައްތި ދުވަނީ ފަސް ކިލޯމީޓަރަށް އަދި ގިނަ ރޭސްތަކުގައި އޭނާއާއެކު މާމަ ދަރިފުޅު ބައިވެރިކޮށްގެނެވެ.

ކޮވިޑް-19 އާއެކު ގޭ ބަންދުވާން ޖެހުމުން ނައްތިއަށް ހުސް ވަގުތު ލިބި ދުވުން ގެއަށް ބަދަލު ކުރި އެވެ. އަދި އައިރަނާޒް އިން އިންތިޒާމްކުރި "ރަން އެޓް ހޯމް" ޗެލެންޖްގައި ބައިވެރިވި އެވެ. އެއާއެކު ހަފުތާއަކު ތިން ދުވަހު ދުވި ދުވުން ކޮންމެ ދުވަހަކަށް އިތުރުވީ އެވެ. ކުރިން ދުވާ ގޮތާއި ތަފާތަކީ ހަމައެކަނި ގޭތެރޭގައި ދުވުން އެކަންނެއް ނޫނެވެ. ތަފާތަކަށްވީ މިފަހަރު ނައްތި ދުވީ ހުސްފައިގަ އެވެ. އަދި މަގުމަތީގައި ފަސް ކިލޯމީޓަރު ދުވި ނައްތި ގޭގައި އެއަށްވުރެ ދިގު ކޮށް ދުވަން ފެށީ އެވެ.

"އަހަންނަކީ އައިރަނާޒް ގެ މެންބަރައެއް. ގަވާއިދުން އެމީހުންނާ އެެއްކޮށް ދުވެ ޓްރެއިން ކުރާތާ މިވީ ދެ އަހަރު. ލޮކްޑައުންގައި ކޮންމެ ދުވަހަކު ދުވަން. އަދި މިގޮތަށް ޝެޑިއުލް ބަދަލު ކޮށްލައި ގޭގެ ސިޓިންގް ރޫމުގައި ދުވަމުން އައި. އައިރަނާޒް ގެ ޗެލެންޖެއްގައި ބައިވެރި ވެގެން. އެކި ދުވަހު ދުވަނީ އެކި ވަރަށް. އެއްބައި ދުވަހު ގަޑި އަކާއި 45 މިނެޓު ދުވެފައި ހުންނާނެ. އަނެއްބައި ދުވަހު 10 ކިލޯމީޓަރަށާއި ހަަތް ކިލޯމީޓަރަށް އެގޮތަށް ދުވުން ބެހެއްޓީ. ކޮންމެ ދުވަހަކު ދުވުމުން ހަށިގަނޑަށް އައި ލުޔާއެކު އިތުރަށް ދުވަން ފަސޭހަވި،" އޭނާ ބުންޏެވެ.

ނައްތި ފުރަތަމަ ފަހަރަށް އޭނާގެ އެންމެ ދިގު ދުވުން އެ ދުވީ ގޭގެ ސިޓިންގ ރޫމްގަ އެވެ. މިގޮތަށް ދުވެގެން 13 ކިލޯމީޓަރު ދުވުމުން އޭނާއަށް ހާފު މެރަތަންއެއް ނުވަތަ 21 ކިލޯމީޓަރަށް ދުވެވޭނެކަން ޔަގީންވި އެވެ.

މި ރޯދަމަހު ރަނާޒްއިން އިންތިޒާމްކުރި ރޯދަ ޗެލެންޖްގައި އޭނާ 21 ކިލޯމީޓަރު ދުވީ ގޭގެ ސިޓިންގެ ރޫމާއި ކޮޓަރިތަކުގައި ގާތްގަނޑަކަށް 39 ފޫޓުގެ ޖާގައެއްގައި އެވެ. ދެ ގަޑި އިރާއި 29 މިނެޓުން ދުވުން ނިންމާ ހާފު މެރަތަން ދުވުމުގެ އުފާ އޭނާ ހޯދީ އެވެ.

"ދުވަން ފެށިއިރުވެސް އޮތް ޔަގީންކަން އެކަން ވާނެ ކަމަށް. ގޭގައި ސަޕޯޓް ދޭން ކުދިން ތިބި. އެމީހުނާއި ވާހަކަ ކުޑަކޮށް ދެއްކިން އެހާ ގިނައިރު ދުވެވުނު ކަމަކަށް ފީލެއް ނުވި. ދުވެ ނިންމާ ހަތަރު ވަރަކަށް ދުވަސްވަން ދެން މަސްގުޅަ ހުރި، ނިންމާ ސްޓްރެޗްކޮށްލާ މަސާޖް ކޮށްލުމުން މިހާރު ބަރާބަރު،"

ހަޔާތުގައި ފުރަތަމަ ފަހަރަށް 21 ކިލޯމީޓަރު ދުވެ ނައްތިއަށް އަމިއްލަ ނަފްސަށް ލިބުނީ ދިގު ކޮށް ދުވެވޭނެ ކަމުގެ ޔަގީން ކަމެވެ. މީގެ ފަަހުން ދެން ރޭހުގައި ދިގުކޮށް ދުވުމަށް އޭނާ ފިޓެވެ. އަދި ކުރިއަށް އޮތްތާގައި އައިރަނާޒް އާއި ޓްރެއިނަރުންގެ އިރުޝާދާއެކު ދިގު ދުވުމުގައި ބައިވެރިވުމަކީ ނައްތިގެ އަޒުމެކެވެ.