މީހުން

މި ޒޫނާގެ ހިތް އެއޮތީ މޫދުގަ!

މާބަނޑުވުމަކީ މުޅި ދިރިއުޅުން ބަދަލު ކޮށްލާ ކަމެކެވެ؛ ބަނޑުގައި އޮންނަ ދަރިފުޅަށްޓަކައި ކުރިން ބަލާ ވަރަށް ވުރެ ބޮޑަށް ހަށިގަނޑަށް ބަލައިގެން އުޅެވެ އެވެ. ނޯމަލް ޕްރެގްނެންސީއެއް ނަމަ މާބަނޑު އިރު ކަސްރަތު ކުރުމުގައި އެއްވެސް މައްސަލައެއް ނޯންނަ ކަމަށް ޑޮކްޓަރުން ވިދާޅުވަނީ ކަސްރަތުން ހަށިގަނޑަށް ލިބޭ ފައިދާތަކުގެ ބޮޑު ކަމުންނެވެ. ކަސްރަތުގެ ސަބަބުން، މާބަނޑުއިރު އެންމެ އާއްމުކޮށް ދިމާވާ ހަކުރު މައްޗަށް ދިއުމާ ދުރު ކޮށްދޭތީ ވެސް މެއެވެ.

އެކަމަކު މިހެން އުޅޭ އިރު "މަށާކަލެއާ" ދެ މީހުނަށް މި ވާގޮތަކީ ކަންނެއް ކަމުން "މިތަނުން އެހެރަ ތަނަށް" ހިނގާލަން ވެސް ނުދެވެނީ އެވެ. ދާން ބޭނުން ވިއަސް ކުރިން ވެސް އެ ތިބި ގޮތަކަށް ތިބޭން ވެގެން ކައިކައިގެން ހަމަ ތިބެވެނީ އެވެ. ހިނގައިގަންނަން ނުވެސް ކެރެނީ އެވެ.

މި އާމިނަތު ޒޫނާއަކީ ހަމަ އަންހެނެކެވެ. އެކަމަކު މިއީ އަހަރެމެނާ ހާސްބައި ތަފާތު އަންނެކެވެ. މި ޒޫނާ މިއީ ސަރުކާރު ހިއްސާވާ ކުންފުންނެއްގައި މަސައްކަތް ކުރާ އާކިޓެކްޓެކެވެ. ހޮބީއެއްގެ ގޮތުގައި ޒޫނާ ކުރާ އެއްކަމަކީ ޑައިވް ކުރުމެވެ. ފުޅި އަޅައިގެން ޒޫނާ ފީނަން ދާން ފެށީ 2016 ގައި ރަހުމަތްތެރި ދެ ކުއްޖަކާއެކީ އެވެ. އޭރު ފަތާލައި ފިނާލާން ކޮންމެ ހުކުރު ދުވަހަކު ދެ ރަހުމަތްތެރިންނާއެކު ދުވަސް ހޭދަ ކޮށްލަނީ އެހެނެވެ.

އާއިލާއެއް ފަށަން ނިންމާ ހިސާބަކީ ކޮންމެ ދެމަފިިރިއަކު ވެސް ވަރަށް ޕްލޭން ކޮށްގެން ކުރާ ކަމެކެވެ. ބަނޑުބޮޑުވުމުގެ ކުރިން ދެމަފިރިންގެ ޓެސްޓްތައް ހަދައި ޑޮކްޓަރެއްގެ ލަފާގެ މަތިން ކާންވާ ވިޓަމިންސް ހޯދައި އެ ކާން ވެއެވެ. ދެމަފިރިން ވެސް ދުޅަހެޔޮ ލައިފްސްޓައިލަކަށް ދާން ވެއެވެ. އެއީ ދެން މި ޒޫނާ ވެސް ކަންކުރި ގޮތެވެ. ޒޫނާ އޭނާގެ ދަރިފުޅަށް ބަލިވެ އިނދެ ފުރަތަމަ 20 ހަފުތާ ނިމުމުން ޑޮކްޓަރު އޭނާއަށް ދެއްވި ލަފައަކަށްވީ ކަސްރަތު ކުރާށޭ އެވެ.

ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ޒޫނާ ގަޔާވާ، ހިތް އެދޭ ތަނަކަށް ވެސް ކަމަކަށް ވެސް މިއޮތީ މިދިމާ މޫދެވެ. މި ޒޫނާ ހިތް ހަމަ ޖެހެނީ މޫދަށް އެރިލާ ފީނާލައިގެން ކަމުގައިވާތީ މާބަނޑު ދުވަސްވަރު އޭނާ ކަސްރަތެއްގެ ގޮތުގައި ކުރަން ހިޔާރު ކުރީ ވެސް ފީނަން ދިއުމެވެ.

"ބަނޑު ބޮޑު އިރު ހަފުތާއަކު ހަ ދުވަސް ދިޔައީ ވަރަށް ބުރަކޮށް. ހަފުތާ ނިމޭ އިރު ދެން ބޭނުން ވަނީ ރިލެކްސް ކޮށްލަން މޫދަށް ދާން. ބަނޑުބޮޑު އިރު އުނގަނޑުގައި އާއި ބުރަކަށީގެ ރިއްސާ ވަރަށް. މޫދަށް ގޮސް ފީނާލުމުން ވަރަށް ލުއިވި. ތަދުތައް ނުކުމެގެން ދޭ." ޒޫނާ ބުންޏެވެ.

ފަތާނެ ބުންވަރު ނެތިއްޔާ ފެނުގެ ތެރޭގައި ކުދި ކުދި ހަރަކާތް ކޮށްލުމުން ވެސް ހަށިގަނޑަށް ވަރަށް ލުއި ލިބޭނެ
ޒޫނާ

މި ޒޫނާ ބުނި ގޮތުގައި އޭނާ މޫދަށް ދާން ހިޔާރު ކުރި އެންމެ ބޮޑު އެއް ސަބަަބަކީ ވެސް އެއީ އެވެ. މާބަނޑުދުވަސްވަރު ލޯ އިމްޕެކްޓް، ހަށިގަނޑަށް މާ ބުރަ ބޮޑު ނުވާ އެކްސައިޒެއްގެ ގޮތުގައި އޭނާއަށް އެންމެ ކަމުދިޔައީ މޫދަށް ދިއުމެވެ. މާބަނޑު ދުވަސްވަރު މޫދު ކަސްރަތުން ލިބޭ ފައިދާތައް ވެސއ ބޮޑެވެ:

"ހިނގުންވީ ވަރަށް އުނދަގޫ ކަމަކަށް. ވަރަށް އަވަހަށް ވަރުބަލިވޭ. އެހެންވެ ދެން މޫދަށް ދާން ފެށީ. ގިނައިން ހަމަ އުޅެނީ ތިލައިގައި. ކުދި ކުދި މޫދު ކަސްރަތު ކޮށްލަނީ. އެ ދުވަހެއްގެ ބުންވަރު ހުންނަ ގޮތުންނާއި އޮއިވަރު ހުންނަ ގޮތް ބެލުމަށް ފަހު ވިލިމާލޭ ރީފްގައި މަސްތައް ބަލާލާން ފީނާލާ ހަދަން."

މި ކަމާގުޅޭ ގޮތުން މި ޒޫނާގެ މަންމަ އާއި އާއިލާގެ ކަންބޮޑުވުމެއް ނެތީ އަބަދުވެސް ރައްކާތެރި ކަމަށް އިސްކަން ދޭތީ ކަމުގައި އޭނާ ބުންޏެވެ.

"ހަށިގަނޑަށް ލިބޭ ލުޔާއި މީހާ އެއްކޮށް އެނަޖައިޒްވެ ތަދު ގޮސް ސްޓްރެސް ފިލާފައި ހުންނަނީ. މަންމައާ ފިރިމީހާ އަށް އިނގޭ ފީނާލާ އިރު އަބަދުވެސް ރައްކާތެރި ކަމަށް ވިސްނާނެކަން. އެކީގައި ދަނީ އިތުބާރު ކުރެވޭ މޫދަށް ފަރިތަ ރަހުމަތްތެރިންނާއި އެއްކޮށް،"

މި ޒޫނާ ވިހަން ކައިރިވެ އޭނާގެ އެންމެ ފަހު ޓްރައިމެސްޓާގައި ވެސް މޫދާ ވަރަށް ކައިރި އެވެ. ކަނޑުގެ އަޑީގެ ރީތި ކަމަށް ކުރިން ވެސް ހިތް ދީފައިވާ މި ޒޫނާ ބުނި ގޮތުގައި ބޮޑު ބަނޑަކާއެކު ފީނާލާ އިރު ދަރިފުޅު ބަނޑުގައި އޮވެ ތޮޅެލާ ވަގުތު ކުރެވެނީ މުޅިން އެހެން ކަހަލަ އިހުސާސެކެވެ.

މި ޒޫނާ ބުނި ގޮތުގައި އޭނާގެ މޫދު ކަސްރަތުތަކުގެ ސަބަބުން ހަށިގަނޑަށް ލުއި ލިބި ބުންވަރު އިތުރުވެ ވިހަން ފަސޭހަވި އެވެ.

"އެކްޓިވްކޮށް އުޅެގެން ކުއްލިއަކަށް ބަރުދަން މާ ބޮޑަށް އިތުރެއް ނުވޭ. ނޯމަލް ޑެލިވަރީއަކަށް ދިޔައީ. އަދި ޕްރެގްނެންސީ އާއްމުކޮށް ދިމާވާ ޑައެބެޓީސް ކަހަަލަ އެއްވެސް ކޮމްޕްލިކޭޝަނެއް ވެސް ނާދޭ،"

ވިހާ ގަދަވެ ދަރިފުޅަށް މިހާރު ހަ މަސްވެއްޖެ އެވެ. ދަރިފުޅަށް ކާން ދޭން ފެށި ހިސާބުން މ ި ޒޫނާ ކަސްރަތު ކުރަން އަލުން ފަށައިގެންފި އެވެ. އެކަމުދެން މިހާރު މިއޮތް ކޮވިޑްގެ ހާލަތުން މޫދަކަށް އަދި ނުދެވެ އެވެ.

"މާލެ ލޮކްޑައުންކޮށްފައި ވާތީ ދަރިފުޅު ގޮވައިގެން އަދި އެންމެ ފަހަރަކު މޫދަށް ދެވުނީ. އޭގެ ކުރިން ހިމަބިހި އައުޓްބްރޭކް އާއި ހެދި ދަރިފުޅަށް އޭރު ވެކްސިންޖަހާ އުމުރު ނުވާތީ ގޭގައި ތިބީ. ގޭގައި އެކީގައި އުޅޭ ފަހަރިއަކީ ތަޖުރިބާހުރީ ޕާސަނަލް ޓްރެއިނާއެއް. އޭނަގެ އިރުޝާދުގެ ދަށުން ގޭގައި މި ކަސްރަތު ކުރަނީ"

މާބަނޑު ވުމުން ވެސް ކަސްރަތުކުރުމާއި ހަރަކާތްތެރިވެ އުޅުން ދޫކޮށްލާނެ ކަމެއް ނެތެވެ. މި ޒޫނާގެ އިރުޝާދަކީ ޑޮކްޓަރުގެ ލަފާއާއެކު ކަސްރަތު ކުރަންވީ އެވެ. މޫދަށް ވެސް ދާންވީ އެވެ. ކޮންމެ ރަށެެއްގައި އުޅުނަސް އެއީ ކޮށްލެވޭނެ ފަސޭހަ ކަމެކެވެ.

"ފީނާލާ ހިތްވަންޏާ އެ ކަންކޮށްލަނީ. އެމީހެއްގެ ބޮޑީ އެންމެ ރަނަގަޅަށް އެނގޭނީ އެމީހަކަށް. ވަރުބަލިވާ ވަރާއި ބުންވަރާއި ފީނާލެވޭނެ ތޯ ވެސް،"

މި ޒޫނާ މިހާރު ކެތްމަދުވެފައިވާ އިންނަނީ ދިވެހިންނަށް ލިބިފައިވާ މި އޮތް ގުދުރަތީ އަޖައިބެއްހާ ރީތިކަމުގެ ދެވަނައެއް ނެތް ނޫ މޫދުގައި އޭނާގެ ދަރިފުޅާއެކު ފަތާލާން ދާށެވެ. ލޮނާ ފޯވެލައިގެން ގޮސް ރީތި ހުދުވެލީގެ ގޮނޑުދޮށުގައި ފައިޖައްސާލައި އޮށޯވެ ފުރޮޅި ގަންނާށެވެ. ދަރިފުޅު ބޮޑުވާ ވަރަކަށް އޭނާއަށް ދިވެހި ކަނޑުގެ އަޖައިބެއްހާ ރީތިކަން ދައްކާލައި މި ވާގޮތެއް ކިޔައިދޭށެވެ. މި ޒޫނާ ވާހަކަ އަމިއްލަ ހަޔާތާ ގުޅުވާލައި އިންސްޕަޔާވެލާށެވެ. ދެތިން ދުވަހަކުން ހަޔާތަށް ބަދަލެއް އައިސްފައިވާތީ ފެންނާނެ އެވެ.