މީހުން

ފަރާ ހުޅުވި ފޮތް، ފަހުން ފޮތް ފިހާރައަކަށް!

ތުއްތު ކުދިންނަށް ފޮތް ކިޔައި ދިނުމަކީ ވަރަށް ގިނަ ބެލެނިވެރިންގެ އާދައެކެވެ. ފޮތްތަކުގެ އެހީގައި ކުޑަކުދިން "އެހެން ދުނިޔެ" އަކަށް ގެންގޮސް ދެވެއެވެ. ކުޑައިރުން ފެށިގެން ކުދިންނަށް ފޮތް ކިޔައިދިނުމުން އެ ކުދިން ވިސްނުން ތަރައްގީވެ ބަސްކޮށާރު މުއްސަނދި ވެއެވެ.

"މައިވޮންޑަބޮކްސް" އިން ކުދިން އާ ދުނިޔެއަށް ގެންގޮސްދެއެވެ. މައިވޮންޑަ ބޮކްސް އަކީ މާލޭގައި ކުޑަކުދިންގެ ފޮތްތަކަށް ހާއްސަކޮށްގެން 2015 ވަނަ އަހަރު ހުޅުވި ފިހާރައެކެވެ. ކުޑަކުދިންގެ ފޮތަށް ހާއްސަ ފިހާރައެއް ހުޅުވަން ފަރާ ހަބީބު ވިސްނީ ކުދިން ކިޔަން ބޭނުންވާނެ ގަޔާވާ ކަހަލަ ފޮތްތަކެއް ލިބޭނެ ގޮތެއް ހޯދައިދިނުމެވެ. ފަރާ އޭނާގެ މައިވޮންޑަބޮކްސް މެދުވެރިކޮށް ބޭނުންވަނީ ވީހާވެސް ގިނަ ކުދިންނަށް ފުރުސަތު ހޯދައިދޭށެވެ.

ފަރާ ބުނިގޮތުގައި އޭނާ މަންމައަކަށް ވުމަށްފަހު ދަރިފުޅަށް ކުޑައިރު ފޮތް ކިޔައި ދޭންވެގެން މާލޭގެ ބުކްޝޮޕްތައް ހާވާ، އަތްފުނާ އަޅަން ޖެހުނީ ކުދިން ޝައުގުވެރިކަން ދަމައިގަންނާނެ ކަހަލަ ފޮތް ހޯދާށެވެ. އޭރު އެންމެ ބޮޑަށް ފާހަގަވީ ކުޑަކުދިންގެ ޕިކްޗާބުކްސް ވަރަށް މަދު ކަމެވެ.

"ބޮޑެތި ބުކްޝޮޕްތަކުގައިވެސް ވެރައިޓީ މަދު. އެހެންވެ ބުކްޝޮޕަކަށް ގޮސް ކިޔާލަން ބޭނުންވާ ފޮތެއް ދަރިފުޅު އަމިއްލައަށް ހޯދާލުމުގެ ފުރުސަތު ދޭން ބޭނުންވީ މި ވިސްނުމުގައި މައިވޮނޑަބޮކްސް 2015 ވަނަ އަހަރު ހުޅުވީ،" އޭނާގެ މަސައްކަތް ފެށުނު ގޮތުގެ ތައާރަފެއް ފަރާ ދިނެވެ.

ފަރާގެ ފިހާރައަށް "މައިވޮންޑަބޮކްސް" ކިޔާފައި ވަނީ ފޮތުގެ ތަފާތު މުއްސަނދި ދުނިޔެއަކަށް ކުދިން ލޯތައް ހުޅުވައިދީ އެކުދިންގެ ހިޔާލުގައިވާ ފަދަ ރީތި ދުނިޔެއަށް އެކުދިންގެ ޝައުގުވެރިކަން ގެންދާށެވެ.

ހަމައެކަނި ކުޑަކުދިންނަށް އަމާޒު ކޮށް ފަރާ ފުރަތަމަ ފެށި ކުޑަ ވިޔަފާރިގައި ކުރި ފަޅަމުން އައިސް މިހާރު ފުރާވަރުގެ ކުދިންނަށް ކިޔައިލެވޭނެ ފޮތްތައް ހިމަނައި އެކުދިން ގޮވައިގެން ފިހާރައަށް ދާ މަންމައިންނާއި ބައްޕައިންގެ އިތުރުން މާމަ ކާފައަށްވެސް ކަމުދާ ކަހަލަ ފޮތްތަށް ހަރުގަނޑަށް ލައިދީފައި ވެއެވެ.

"ފަހުގެ ލިޔުންތެރިންނާއި ކުރީގެ ކްލެސިކްސް ގެ އިތުރުން މިހާރު ހަމަ ޔަންގް އެޑަލްޓް އަދި ޓީން މާކެޓަށް ވެސް ކޮންމެވެސް ވަރަކަށް ފޮތްތަށް ގެންނަން. ކަސްޓަމަރުންގެ ފީޑްބެކް ވަރަށް ރަނގަޅު. ބޭނުންވާ ލިޔުންތެރިންނާއި ބޭނުންވާ ފޮތްތަކަކީ ކޮބައިތޯ ބަލާލަން." އޭނާ ބުންޏެވެ.

ފޮތެއް ގަންނަން ބޭނުން ނަމަ ވަރަށް ގިނަ ބަޔަކަށް މިހާރު އެންމެ ފުރަތަމަ ފަރާގެ "މައިވޮންޑަބޮކްސް" ރެކޮމެންޑް ކޮށްލެވެއެވެ. ކުޑަކުދިންގެ އިތުރުން ޒުވާނުން، އަދި ދިވެހި އުފެއްދުން ހޯދަން ގަޔާވާ ނަމަވެސް މައިވޮންޑަބޮކްސް ހަމަ ފުދޭވަރުވެއެވެ.

"ފަށައިގަތް އިރު ވަރަށް ބޮޑު ރިސްކެއް ކަމުގައި ވަރަށް ގިނަ މީހުން ބުނި. ސުވާލަކަށްވީ ހަމައެކަނި ފޮތްތަކެއް ބަހައްޓައިގެން ވިކޭނެ ހެއްޔޭ؟ އަދި ކުރިން ލޮކޭޝަން ވެސް މީހުންނަށް ނޭގި ދިޔަ. ނަމަވެސް ވޮންޑަބޮކްސް ފުޅާވެގެން އައިސް ދިވެހި އުފެއްދުމަށް ހާއްސަކޮށް ކުޑަކުދިންގެ ދިވެހި ފޮތްތައް ލިޔާމީހުން ރީޗް ކުރުމުން އެމީހުންގެ ފޮތްތަކަށް ވަކިން ހާއްސަ ތަންކޮޅެއް ފިހާރައިގެ ހަދައިދީ ބަހައްޓާފައި ހުންނާނެ. މީގެ އިތުރުން ދިވެހި އާޓިސްޓުންގެ ހުނަރު ދައްކާލަންވެސް ފިހާރައިން ފުރުސަތު ދެން،"

ބޭރު ގައުމުތަކުގައި ވެސް އާއްމުކޮށް އޮންނަ ގޮތަކަށް މައިވޮންޑަބޮކްސް އިން ވެސް ކުދިންނަށް ފޮތް ކިޔައިދޭން މަހަކު އެއްފަހަރު "ސްޓޯރީ ޓައިމް" ގެ ނަމުގައި ފިހާރައިގައި އިވެންޓެއް ބާއްވަ އެވެ.

"ސްޓޯރީޓައިމް" ގެ ގޮތު ކުދިންނަށް ފޮތް ކިޔައިދޭން ފިހާރައިގައި ބާއްވާ އިވެންޓުގައި ތިން އަހަރާއި ނުވަ އަހަރާ ދެމެދު ހުރިހާ ކުދިންނަށް ފުރުސަތު ދެއެވެ.

"މި އުމުރުފުރައިގެ ކުދިންނަށް އެކުދިން ގަޔާވާ އަދި ޝައުގުވެރިވާ ކަހަލަ ކޮންމެވެސް ފޮތެއް ކިޔައިދެނީ ވަރަށް މަޖާ އަދި އިންޓަރެކްޓިވް ގޮތަކަށް. މަހަކު އެއްފަހަރު ކޮންމެވެސް އެއް ހޮނިހިރު ދުވަހެއްގައި އޮންނަ މި އިވެންޓްގައި ދިވެހި ނުވަތަ އިނގިރޭސި ވާހަކަ ފޮތެއް ކުދިންނަށް ކިޔައި ދެނީ. ކުދިން ވަރަށް ޝައުގުވެރިވޭ މިކަމަށް،" ފަރާ ބުންޏެވެ.

ފަރާ ބުނި ގޮތުގައި ނުވަ އަހަރާއި 13 އަހަރު ދެމެދު ކުދިންނަށް ބުކްކްލަބެއް ބާވައި ދިނުމަކީ ވެސް އޭނާގެ އުންމީދެކެވެ. ބުކްކުލަބުގެ މަގްސަދަކަށް ވާނީ ހުރިހާ ކުދިން އެއްފޮތެއް ކިޔާ އެ ފޮތުން ދަސްވީ ކަންކަމާއި އެއިން ލިބުނު މެސެޖާމެދު މަޝްވަރާ ކުރުމެވެ.

"ވަރަށް އަވަހަށް މި ކްލަބު ފެށުމަށް ގަސް ދުކުރަން. ކޮންމެ ފޮތަކުން ވެސް ލައިފް ލެސަންސް ނުވަތަ ކޮންމެ ވާހަކައެއްގެ ވެސް މާނައަކާއި އޭގެން ލިބޭނެ އިބްރަތާމެދު މި ކުލަބުގައި ކުދިންނާއި ވާހަކަ ދެއްކޭނެ"

ދަރިފުޅު ކިޔާހިތްވާ ކަހަލަ ފޮތެއް ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން ހުޅިވި މި ފޮތް ފިހާރައިގެ ފަހަތުގައި އޮތީ ހަމަ ފޮތަށް ލޯބިކުރާ މީހުނެވެ. ފަރާގެ އުއްމީދަކީ ވީހާވެސް ގިނަ ބަޔަކު އެ މީހުންގެ ކުދީން ފޮތްކިޔަން ބާރުއަޅައި އަދި ބެލެނިވެރިންވެސް ކުދިންނަށް ފޮތް ކިޔައިދީ ބެލެނިވެރިންވެސް ފޮތް ކިޔާ ބަޔަކަށްވުމެވެ.