ލައިފްސްޓައިލް

ޝަޒީލާ ހުނަރުން ހޭނީތަ، ހޭލާނީތަ؟

ފާތިމަތު ޝަޒީލާ އަކީ ޓިކްޓޮކްގައި ކުއީނެކެވެ. ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން އެކި ވީޑިއޯ ކޮޅުތައް އޭނާ ޓިކްޓޮކަށް ލަމުން އައީ އެކަމާ މީހަކު ބުނާނެ އެއްޗަކަށް ބައިގެނެއް ނޫނެވެ. ބޮލީވުޑްގެ ލަވަތަކަށް އޭނާގެ މޮޅު އެކްޓިން ދައްކާލައެވެ. ބައެއް ފަހަރަށް އޭނާގެ ސީރިއަސް ވަޒީފާ އާއި ގުޅޭ ކަން ކަމެވެ. އަދި ބައެއް ފަހަރު ބިއުޓީ ޓިޕްސް ބޭނުންވާ ފަރާތްތަކަށް ސްކިން ކެއާގެ އެކި އެކި ރޫޓީން ތައް ދައްކާލައެވެ.

އަނެއްބައި ފަހަރު އޭނާގެ މޫނު މަތީގައި އެކި އެކި ކުލަ ޖައްސާލައި މޭކަޕްކޮށްލައި އޭނާގެ އަމިއްލަ ކްރިއޭޓިވިޓީ ދައްކާލަ އެވެ. މި ހުރިހާ ކަމަކުން ވެސް ސާބިތުވާ އެއް ކަމެއް އެބައޮތެވެ. އޭނާ ހުނަރުވެރި ކަމާއި ޖެހިލުން ވެސް ކުޑަ ކަމެވެ. މީނާ ޓިކްޓޮކް ހަދަނީ ވަރަށް ކެރިގެން ކަމެވެ.

ޓިކްޓޮކްގައި 360،000 ހާހަށްވުރެ ގިނައިން އޭނާގެ ފޮލޮވާސް އެބަތިއްބެވެ. އޭނާގެ ޓިކްޓޮކް ވިއުސް އުޅެނީ ތިން މިލިއަނުގަ އެވެ. މިދުވަސްކޮޅު ވައިރަލް ވެގެން އުޅެނީ ޝަޒީލާގެ މުޅިން ތަފާތު ޓިކްޓޮކްތަކެވެ. ގއ. ވިލިނގިއްޔަށް އުފަން ޝަޒީލާ ކުޅެފައިވަނީ ހުވަދޫ ބަހުން ޓިޕިކަލް މަންމަ އެއް އުޅޭގޮތް ދައްކާލާ ވީޑިއޯއެކެވެ. މަންމަގެ ބަޔާއި ދަރިފުޅުގެ ބައިވެސް ގެނެސްދެނީ އޭނާގެ މޮޅު އެކްޓިންގަ އެވެ.

އޭނާގެ އެފަދަ އެއް ޓިކްޓޮކްގައި ފެންނަނީ މައިލޯ ޕެކެޓަކާއި ބިސްކޯދެއް ގަންނަން 20ރ. ހޯދަން ވެގެން މަންމަ ގާތު އެހުމުން ދެން ކަންތައްވާ ގޮތެވެ. އެހެން ޓިކްޓޮކްއަކުން ދައްކާލަނީ ކައިރި ގެއަކަށް ބޭރަށް ދާން މަންމަގެ ހުއްދަ ހޯދުމުން ކަންތައްވާ ގޮތެވެ. މި ދެބައިގެ ކެރެކްޓާ ޝަޒީލާ ގެންނަނީ ފުރިހަމަ ކޮށެވެ. ބެލުންތެރިން ހެއްވާލައި ދެނީ މީގެ އެތައް އަހަރުތަކެއް ކުރިން އާންމު މަންމަމެންގެ ޑައިލޮގްތައް އާއްމުކޮށް ހުންނަ ގޮތާއި ރާގު އަޑު ހަނދާން ކޮށްދޭތީ އެވެ.

ހަރުކަށި މަންމައެއްގެ އެކި އެކި އިންޒާރުތައް ހުވަދޫ ބަހުން ދަރިފުޅަށް އޭނާ ގެނެސްދޭ އިރު މިއީ ވަރަށް ގިނަ ބަޔަކު ބޮޑުވަމުން އައި އިރު ކުރިމަތިވެފައިވާ ތަޖުރިބާއަކަށްވާނެ ކަމުގައި ޝަޒީލާ ވެސް ބުނެ އެވެ.

މަންމަ ކެރެކްޓަރ ދައްކާލާ ވީޑިއޯއެއް

"ޓިކްޓޮކް ނަހަދާތާ ދުވަސްކޮޅެއް ވެފައި އަލުން މި ހަދަން ފެށީ ހަމަ ގުޑް ލާފް އެއް ގެނެސްދޭން. މި ދުވަސްކޮޅަކީ ގިނަ މީހުން ގޭގައި ތިބޭ އުނދަގޫ ދުވަސްކޮޅެއް. ޓިކްޓޮކް ނުހެދިޔަސް ބަލަން ބޮޑު އޯޑިއަންސެއް ތިބޭ،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތިގައި އޭނާ މަސައްކަތް ކުރާ ސެލޫން ވެސް މިދުވަސްކޮޅު ބަންދެވެ. އެހެންވެ ވަޒީފާއަށް ނުގޮސް ގޭގައި ހުންނަން ޖެހުމުން ދެން ހުސްވަގުތުގައި ބޭނުންވީ އެގޮތަށް ޓިކްޓޮކް ކުޅެލާށެވެ.

"ހުވަދޫ ބަހުން ގެނައިމަ ވަރަށް ގިނަ ބަޔަކަށް ކަމުގޮސްފި. މަންމަގެ ކެރެކްޓާ ގެނައިފަހުން ވަރަށް ބޮޑަށް ވައިރަލްވި. އަހަރެންގެ މަންމަގެ ވެސް 12 ކުދިން ތިބި. ރަށުގައި ބޮޑުވެގެން އައި އިރު މިގޮތަށް އުޅޭ މަންމައިން ފެނިފައި ހުރީ. އަހަރެންގެ މަންމަ ނުޖެހި ކަމުގައި ވިއަސް މޫދަށް ގޮސް އައިމަ އޮންނާނެ މިކަހަލަ ކޮންމެވެސް ކަމެއް. މަންމައަށް ވެސް މި ޓިކްޓޮކްތައް ފެނިފައި ހިނިއައި،"

އިލޮށިފަތީގެ ދިލަ މިހާރުގެ ޖެނެރޭޝަން ތަޖުރިބާ ނުވެދާނެެ އެވެ. އެހެން ނަމަވެސް ބޭންކް އެކައުންޓެއް އޮންނަ ނަމަ މަަކަރާއި ހީލަތުން ފައިސާ ހޯދަން އުޅޭ މީހުންގެ އުނދަގޫ ބޮޑުވެއެވެ. މަންމަގެ ކެރެކްޓާ އިތުރަށް ޝަޒީލާ ބޭނުން ކުރީ ޓިކްޓޮކްގައި ބޭންކް އޮފް މޯލްޑިވްސް މިހާރު ހިންގާ "ސަމާލުވޭ" ކެމްޕެއިން ގައި ބައިވެރިވުމަށެވެ.

ބޭންކުން ކާޑު މައުލޫމާތު ނުވަތަ އެކައުންޓް މައުލޫމާތު ހޯދުމަށް ނުގުޅާނެ ކަން ބުނެ ރައްޔިތުން ހޭލުންތެރިކުރުމަށް ޝަޒީލާ ހެދި ޓިކްޓޮކްގައި އޭނާގެ މަންމަައަށް ފޭކުކޯލެއް އާދެއެވެ. މަންމަގެ ކެރެެކްޓަރގައި ހުރެ ޝަޒީލާ ރަނގަޅަށް ފޯނު ކޯލް ކުރާ މީހާ ރައްދު ދެއެވެ. އަދި ބޭންކުން އެގޮތަށް ނުގުޅާނެ ކަމަށް ބުނެ ރަނގަޅު މެސެޖް ދެއެވެ. މި ޓިކްޓޮކް އެއްލައްކަ ވިއުސް ލިބިފައި ވެއެވެ.

ބޭންކް އޮފް މޯލްޑިވްސް ސާމާލުވޭ ކެމްޕެއިން އަށް ޝަޒީލާގެ ޓިކްޓޮކް

"އަހަރެންގެ މަންމައަށް ހަމަ އަސްލު ވެސް މިކަހަލަ ސްކޭމް ކޯލްއެއް އައި. ވިޔަފާރިވެރިންގެ ޖަމިއްޔާއިން ކަމަށް ބުނެ އެއްލައްކަ ރުފިޔާ ލިބިފައި އޮތް ކަމަށް ބުނި. ދެން އެކި ކަހަލަ ކުދި ކުދި ސުވާލުތަކެއް ކޮށްފައި ބުނަނީ 1000 ރުފިޔާގެ ރީލޯޑެއް ކޮންމެވެސް ނަމްބަރަކަށް ކުރަން."

ޝަޒީލާ ބުނާގޮތުގައި ޓިކްޓޮކަކީ މާކެޓިން އަދި މީހުން ހޭލުންތެރި ކުރުމަށް މި ފަދަ ވީޑިއޯ ހަދާ މެސެޖު ދޭން ރަނގަޅު ޕްލެޓްފޯމެކެވެ. އެތައް ބަޔަކަށް ބަލާލެވޭތީ އެވެ. ޝަޒީލާގެ މި ޓިކްޓޮކްތައް ވަރަށް ބޮޑަށް ވައިރަލްވެފައިވާ އިރު ސޯޝަލް މީޑިއާގައި އެހެން ޕްލެޓްފޯމްތައް ކަމުގައިވާ ފޭސްބުކް އިންވެސް އެތަށް ވިއު އޭނާ ހޯދައިފި އެވެ. މީހުން އަންނަނީ އަދިވެސް ހުވަދޫ ބަހުން ކޮންޓެންޓް ހެދުމަށް މެެސެޖުކުރަމުން ކަމުގައި އަދި އެންމެ ގިނަ ބަޔަކަށް މި ކަމުދިޔައީ އެ ކެރެކްޓާ ކަމުގައި އޭނާ ބުންޏެވެ.