ލައިފްސްޓައިލް

ޓިކްޓޮކް ތަރި ކަބީ ލޭމް: ފަގީރު މުއްސަންޖެއް

ޓިކްޓޮކް ބޭނުންކުރާ ގިނަ ބަޔަކަށް ސެނެގޯލްގެ ކަބާނޭ ލޭމް -- މަޝްހޫރު ނަމުން ނަމަ ކަބީ ލޭމް އެނގޭނެ އެވެ. ކަބީ ލޭމް ފޮލޯކުރާ މީހުން ޔޫޓިއުބުގައި ވެސް އެތައް މިލިއަނަކުން ގުނާލެވެ އެވެ.

ކަބީ ލޭމް އިންޓަނެޓް ސެލެބްރިޓީއެއްގެ ގޮތުގައި މަޝްހޫރުވީ ދިރިއުޅުމުގައި ބޭނުން ކުރެވިދާނެ އެކި ކަހަލަ އުކުޅުތަކުގެ ވީޑީއޯތައް ޕޯސްޓްކޮށްގެންނެވެ. ކަބީ އޭނާގެ ހުނަރު ދައްކާލަނީ އަނގައިން އެންމެ ބަހެއް ވެސް ބޭރު ނުކޮށެވެ.

ފޯޗޫން މަޖައްލާ އަށް ދިން އިންޓަވިއު އެއްގައި ކަބީގެ މެނޭޖަރު އެލެސަންޑްރޯ ރިގީއޯ ބުނި ގޮތުގައި 22 އަހަރުގެ ކަބީ އަށް މި އަހަރު އެކަނި ލިބުނު އާމްދަނީ 10 މިލިއަން ޑޮލަރަށް ވުރެ ގިނަ އެވެ. އެއީ ޓިކްޓޮކްގައި އޭނާއަށް ލިބުނު މަޝްހޫރުކަމާއި ކުޅެން ލިބުނު އިޝްތިހާރުތަކުގެ ސަބަބުންނެވެ.

އޭނާގެ "ކަބީ މޫވް" ތަކުން މަޝްހޫރުކަން ހޯދި މި ޒުވާނާ ޓިކްޓޮކްގައި ފޮލޯ ކުރާ މީހުންގެ އަދަދު މިހާރު 200 މިލިއަނަށް ވަނީ އަރާފަ އެވެ. އަދި ދާދިފަހުން ބޭއްވި މިލާން ފެޝަން ވީކްގައި ހޫގޯ ބޮސްގެ ފަރާތުން ކަބީ ރޭމްޕްގައި ހިނގާލުމުން 450،000 ޔޫއެސް ޑޮލަރު ލިބުނެވެ.

އޭނާއަށް މިހާ ގިނަ ފައިސާ ދެމުން ހޫގޯ ބޮސް އިން އެދުނީ އޭނާ ރޭމްޕްގައި ހިނގާލާތަން ފެންނަ ވީޑީއޯ އޭނާގެ ޓިކްޓޮކް އެކައުންޓުން ޝެއާ ކޮށްލަދިނުމަށެވެ. އަދި ހޮލީވުޑްގެ ބޮޑު ސްޓޫޑީއޯއަކަށް ޓިކްޓޯކް ވީޑީއޯއެއް ތައްޔާރުކޮށްދީގެން ކަބީ ވަނީ 750،000 ޔޫއެސް ޑޮލަރު ހޯދާފަ އެވެ.

އިނގިރޭސި ވިލާތުގެ އިންޑިޕެންޑެންޓް ނޫހުގައި ޝާއިއުކޮށްފައިވާ މި ރިޕޯޓުގައި ކަބީގެ މެނޭޖަރު ބުނެފައިވާ ގޮތުގައި ކަބީ އަކީ ފައިސާއާ ހެދި އެހާ ބޮޑަށް އުޅޭ މީހެއް ނޫނެވެ. އަދި ފައިސާގެ ދަޅައަށް ކަބީ ނުހެއްލޭ ކަމަށް މެނޭޖަރު ބުންޏެވެ.

"އޭނާއަކީ ފަގީރު މީހެއް. އޭނައަށް ނޭނގޭ އޭނާގެ ބޭންކް އެކައުންޓްގައި ހުރީ ކިހާ ވަރެއް ކަމެއް ވެސް. އޭނަ ކޮންމެހެން އެކަމާ އަޅައެއްވެސް ނުލާ،" މެނޭޖަރު ބުންޏެވެ.

ކަބީ ވާހަކަ ދައްކާ އަޑު އިވޭ ވީޑީއޯއެއް ދާދިފަހުން ޓިކްޓޮކްގައި ވައިރަލް ވިއެވެ. އެއީ އިޓަލީގެ ޗިވާސޯގައި ދިރިއުޅޭ ކަބީއާ ނަސް ޑެއިލީ ކިހާ ނޫހަކުން ކޮށްފައިވާ އިންޓަވިއު އެކެވެ.

ކަބީ ބުނި ގޮތުގައި އާއިލާ ގޮވައިގެން އޭނާ ސެނެގާލް އިން އިޓަލީ އަށް ހިޖުރަކުރީ ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ އުއްމީދުގަ އެވެ. ސޯޝަލް މީޑިއާ ތަރިއަކަށްވެ މަޝްހޫރުކަން ލިބުމުގެ ކުރިން ކަބީ މަސައްކަތް ކުރަމުން ދިޔައީ ފެކްޓްރީއެއްގައި އާދައިގެ މަސައްކަތު މީހެއްގެ ގޮތުގަ އެވެ.