ލައިފްސްޓައިލް

ގަބުރަކަށް ހެދިގެން ޓިކްޓޮކް ވީޑީއޯތައް ހަދަމުންދިޔަ މީހަކު ހޮލީވުޑަށް

ޓިކްޓޮކް ވީޑިއޯތަކުގައި މަރުވެފައިވާ މީހެއްގެ އެކްޓިން ކުރަމުން ދިޔަ ފިރިހެނަކަށް އެކްޓްކުރާނެ ރަނގަޅު ފުރުސަތެއް ހޮލީވުޑުން ލިބިއްޖެ އެވެ.

އެމެރިކާގެ ކެންޓަކީގައި ދިރިއުޅޭ ޖޯޝް ނެލީ އަށް ހޮލީވުޑް ސީރީޒްއެއްގައި އެކްޓްކުރުމުގެ ފުރުސަތެއް މި ލިބުނީ މަރުވެފައިވާ މީހަކަށް ހެދިގެން ވީޑިއޯތައް ޝޫޓްކުރަމުންދާތާ 321 ދުވަސް ފަހުންނެވެ.

މި މުއްދަތުގައި ޖޯޝް ވަނީ ކޮންމެ ދުވަހަކު ވީޑިއޯއެއް ރެކޯޑްކޮށް ޓިކްޓޮކަށް ލާފަ އެވެ. މި ހުރިހާ ވީޑިއޯ އަކުން ވެސް ފެންނަނީ މަރުވެފައިވާ މީހަކަށް ހެދިގެން ޖޯޝް ކޮންމެވެސް ތަނެއްގައި އޮއްވަ އެވެ. ބައެއް ފަހަރަށް އޭނާ މަގު މެދުގައި އޮވެ އެވެ. އަނެއްބައި ފަހަރު އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް ޒަޚަމްވެފައި އޮތް މީހަކަށް ހެދިގެން އޮވެ އެވެ. އޭނާ މިކަންކުރަނީ ވަރަށް އަޖައިބުވެ އަންތަރީސް ވާ ކަހަލަ ޔުނީކް ގޮތަކަށެވެ. އޭނާގެ މަސައްކަތަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނީ ވެސް އޭނާގެ ޚިޔާލުތައް މޮޅުވުމާއި ތަފާތު ބޮޑުކަމުންނެވެ. ޖޯޝް މި މަސައްކަތް މިގޮތަށް ކުރަމުން ދިޔައީ އެކްޓްކުރާނެ ރަނގަޅު ފުރުސަތުތަކެއް ލިބުމުގެ އުންމީދުގަ އެވެ.

އެންމެ ފަހުން ޖޯޝްގެ މި މަސައްކަތް ކާމިޔާބުވެ އޭނާއަށް ވަނީ އޭނާގެ ޑްރީމް ޖޮބް ލިބިފަ އެވެ. އެއީ ހޮލީވުޑުން އުފައްދާ "ސީއެސްއައި:ވެގަސް" ސީރީޒްގައި ޑެޑް ބޮޑީ ނުވަތަ ގަބުރެއްގެ ރޯލު ކުޅުމުގެ ފުރުސަތެވެ.

ހޮލީވުޑުން ވިޔަސް އަދި އެނޫން ފިލްމު އިންޑަސްޓްރީއަކުން ވިޔަސް އެކްޓްކުރުމުގެ ފުރުސަތު ހޯދަން ބޭނުން މީހުން އާންމުގޮތެއްގައި ކުރާ ކަމަކީ އެކްޓިން ސްކޫލްތަކުގައި އެތައް އަހަރެއް ހޭދަކޮށް މޮޅަށް އެކްޓްކުރަން ދަސްކުރުމެވެ. އަދި އޮޑިޝަންތަކުގައި ބައިވެރިވެ ހުނަރު ދެއްކުމެވެ. ތަންކޮޅެއް ނަސީބުގަދަ މީހުންގެ އާއިލާގެ މީހަކު ނުވަތަ އެކުވެރިއަކު ފިލްމު އުފެއްދުމުގެ ނުވަތަ އެކްޓްކުރުމުގެ މަސައްކަތުގައި އުޅޭތީ އޭނާ މެދުވެރިކޮށް ފިލްމުތަކުން ފުރުސަތު ހޯދަ އެވެ. ނަމަވެސް ޖޯޝް އެއްއިރެއްގައި ވެސް މީގެން އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނޫނެވެ. ޓީވީ ޝޯތައް ކުޅޭނެ ފުރުސަތު ހޯދަން މުޅިން އާ ޔުނީކް ގޮތެއް ޖޯޝް ޚިޔާރުކުރީ އެހެންވެ އެވެ.

ވީޑިއޯތައް ޝޫޓްކޮށް ޓިކްޓޮކަށް ލައިގެން ޓީވީ ޝޯއަކުން ފުރުސަތު ލިބުނު ހަމައެކަނި އެކްޓަރަކީ ޖޯޝް ކަމަށް ވުމީ ވަރަށް އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިއީ ވަރަށް ބުރަ އެހާމެ ހިތްވަރުން ނޫނީ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. ޖޯޝް 321 ދުވަހު މެދުކެނޑުމެއް ނެތި ޓިކްޓޮކަށް ވީޑީއޯތައް ލާފައިވާއިރު ކޮންމެ ދުވަހަކުވެސް އޭނާ ލާ ވީޑީއޯ އަކީ ކުރިން ލާފައި ހުރި ވީޑިއޯތަކާ މުޅިން ތަފާތު ގޮތަކަށް ޝޫޓްކޮށްފައިވާ ވީޑީއޯއެއްކަން ފާހަގަ ކުރެވެ އެވެ. ހުރިހާ ވީޑިއޯ އަކުން ވެސް ފެންނަނީ އޭނާ ކޮންމެވެސް ކަހަލަ ކަމެއް ދިމާވެގެން މަރުވެފައި އޮއްވަ އެވެ. ނަމަވެސް އެ އޮންނަ ގޮތް ކޮންމެ ފަހަރަކުވެސް ވަރަށް ތަފާތެވެ. އެންމެ ފަހުން ހޮލީވުޑް ޓީވީ ޝޯ އަކުން އޭނާ އަށް ފުރުސަތު މި ލިބުނީ ވެސް ހަމަ މިފަދަ "ގަބުރެއް'ގެ ރޯލު ކުޅޭށެވެ.

ކޫރިއާ ޖާނަލް އަށް ޖޯޝް ކިޔައދިން ގޮތުގައި އޭނާގެ އެކްޓިން ތަމްރީނެއް ނަހަދަ އެވެ. ނަމަވެސް ގަބުރެއްގެ ރޯލަށް ޕްރެކްޓިކްސް ކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. އެހެންވެ މީހުންނަށް އެންމެ ގަބޫލުކުރެވޭ ގޮތަށް ގަބުރެއްގެ ރޯލު ކުޅެލާކަށް އޭނާއަކަށް އުނދަގުލެއް ނޫނެވެ.

"އަހަރެން މީ ކެމެރާ ކުރިމަތީ ވާހަކަ ދައްކާހިތްވާ މީހެއް ނޫން. އަހަރެންނަށް ކެމެރާ ކުރިމަތީ އޮށޯވެގެން މަރުވެފައި މީހަކަށް ހެދިގެން ކިތަންމެ އިރަކު ވެސް އޮވެވިދާނެ،" ޖޯޝް ބުންޏެވެ.

ޖޯޝް ބުނި ގޮތުގައި 300 އަށް ވުރެ ގިނަ ވީޑީއޯ ކްލިޕް އޭނާ ކުޅެފައި ވުމުން ވަރަށް ގިނަ ތަޖުރިބާ ވަނީ ލިބިފަ އެވެ.

"އެންމެ ކުރީގެ ވީޑިއޯތަކުން ބައެއް ފަހަރު އަހަރެން ނޭވާ ލާ ތަން ފެންނާނެ. އަދި ގައިގައި އުނގުޅާފައި ހުންނަ ލޭތައް ވެސް ފޭކް ކަން އެނގޭނެ. މިހާރު އަހަރެން ލޭ ބޭނުން ކުރުން ހުއްޓާލައިފިން. އަދި ނޭވާ ހިފަހައްޓާލައިގެން ގިނަ އިރު އޮންނަން ދަސްކޮށްދިން،" ޖޯޝް ބުންޏެވެ.

ޖޯޝް ގަބޫލުކުރާ ގޮތުގައި މީހުންނަށް ގަބޫލުކުރެވޭ ފެންވަރަށް ގަބުރެއްގެ ރޯލުކުޅެވޭނީ އެއީ ފޮޓޮއެއް ހެން ހީނުވާ ފަދަ ގޮތަކަށް ކުޅެވުނީމަ އެވެ. އެހެންވެ މިހާރު އޭނާ ނަގާ ވީޑިއޯތަކުގައި މަރުވެފައިވާ މީހާ ގުޑިނުލާ އޮތަސް އޭނާގެ ވަށައިގެންވާ މާހައުލުގައި ހުރިހާ އެއްޗެތީގައި ވެސް ދިރުންހުރި ކަން ފެންނާނެ އެވެ.

ޖޯޝް މިހާރު ކުޅެން އެއްބަސްވީ ހޮލީވުޑް ޓީވީ ޝޯ ފިޔަވައި އިތުރު ފިލްމުތަކުގައި މަރުވެފައިވާ މީހެއްގެ ރޯލުކުޅުމުގެ ފުރުސަތު މިހާރު ޖޯޝް އަށް ވަނީ ލިބިފަ އެވެ. އެހެންކަމުން ޖޯޝް އުންމީދުކުރާ ޑްރީމް ޖޮބްގައި ކުރިޔަށްދާނެ ފުރުސަތު ލިބިއްޖެކަމަށް ޖޯޝް މިހާރު ދެކެ އެވެ.

އެކްޓްކުރާނެ ފުރުސަތު ލިބުނަސް އޭނާ މިހާރު އަދާކުރަމުންދާ ރެސްޓޯރަންޓް މެނޭޖަރެއްގެ ވަޒީފާ ދޫކޮށްލާކަށް ޖޯޝް ގަސްތެއް ނުކުރެ އެވެ. ސަބަބަކީ މަރުވެފައިވާ މީހުންގެ ރޯލު ކުޅެން އޭނާއަށް ލިބޭނީ ކިހާ ދުވަހަކު ކަމެއް ޔަގީން ނުވާތީ އެވެ.