ލައިފްސްޓައިލް

އެންމެ ދުވަސްވީ ބައްޕަގެ ރެކޯޑް އޮތީ ކާކަށް؟

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ރޮބާޓް ޑި ނީރޯ އަށް 79 އަހަރުގައި ދަރިއަކު ލިބެން އުޅޭކަން އޭނާ ވަނީ މި ހަފުތާގައި އިއުލާންކޮށްފަ އެވެ.

މިފަހަރު ލިބޭ ދަރިއަކީ ޑި ނީރޯއަށް ލިބޭ ހަތްވަނަ ދަރި އެވެ. އޮސްކާ އެވޯޑު ހާސިލުކޮށްފައިވާ ކުޅަދާނަ އެކްޓަރަށް ދަރިއެއް ލިބޭކަން އިއުލާން ކުރިޔަސް އެ ދަރީގެ މަންމަ އަކީ ކާކުކަމެއް އަދި ލިބެނީ ކޮން ޖިންސެއްގެ ކުއްޖެއް ކަމެއްް ހާމަކޮށްފައެއް ނުވެ އެވެ.

ފިލްމީ ދާއިރާގައި މަސައްކަތްކުރާ މަޝްހޫރު މީހުން މިހާރު އުމުރުން ދުވަސް ވުމުން ދަރިން ހޯދުމަކީ ވަރަށް މަދުން ނޫނީ ފެންނަ މަންޒަރެއް ނޫނެވެ. ނަމަވެސް "ގޯޑްފާދާ" އެކްޓަރަކީ 70ގެ އަހަރުތަކުގައި އުޅޭ ފިރިހެނުންގެ ތެރެއިން ދަރިން ހޯދި ހަމައެކަނި ފިރިހެން މީހާ އެއް ނޫނެވެ. އޭނާއަށް ވުރެ މާ ދޮށީ ފިރިހެނުންނަށް ވެސް ދަރިން ލިބިފައިވާކަން ރެކޯޑް ތަކުން ދައްކަ އެވެ.

އިނގިރޭސިވިލާތުގައި ފިރިހެނުންނަށް ދަރިން ލިބޭ އެވްރެޖް އުމުރަކީ 33 އަހަރެވެ. އެމެރިކާގައި 30 އަހަރެވެ. ދަރިން ލިބުނު އެންމެ ދުވަސް މީހެއްގެ ގޮތުގައި ޔަގީންކުރެވިފައިވަނީ އޮސްޓްރޭލިއާގެ 92 އަހަރުގެ ލެސް ކޮލީ އެވެ.

ފިރިހެނުންނަށް ދަރިން ލިބުމަކަށް ވަކި އުމުރެއް ނޯވެ އެވެ. ނަމަވެސް އުމުރުން ދުވަސްވީ މީހުންނަށް ލިބޭ ދަރިންގެ ސިއްހީ މައްސަލަތައް ބޮޑުކަމަށް ސިއްހީ ތަޖުރިބާކާރުން އެއްބަސްވެ އެވެ. އެގޮތުން މިފަދަ މީހުންގެ ދަރިން ދުވަސް ނުފުރާ ވިހެއުމާއި ވިހާއިރު ބަރުދަން މާބޮޑަށް ލުއިވުން ފަދަ މައްސަލަތައް ދިމާވެ އެވެ.

ދުނިޔޭގެ ތާރީޚަށް ބަލާއިރު މިހާތަނަށް ރެކޯޑް ކުރެވިފައިވާ އެންމެ ދުވަސްވީ ބައްޕައަކީ 100 އަހަރުން މަތީގެ މީހެކެވެ. ޖޭމްސް އީ ސްމިތު ނަމަކަށް ކިޔާ މި މީހާއަކީ އިލިނޮއިގައި ދިރިއުޅުނު މީހެކެވެ. ޖެނުއަރީ 1951ގައި އޭނާއާއި އަންހެނުން އެނާ ސްމިތު، 38، އަށް ދަރިއަކު ލިބުނުއިރު ޖޭމްސްގެ އުމުރުން 101 އަހަރާއި 10 މަސް ކަމަށް ރެކޯޑްތަކުން ދައްކަ އެވެ. ނަމަވެސް އޭނާގެ އަސްލު އުމުރާ މެދު ޚިޔާލުތަފާތު ވުންތައް އުފެދިފައި ވެއެވެ.

ޖޭމްސް ބުނެފައިވާ ގޮތުގައި އޭނާ އުފަންވީ 1849 ވަނަ އަހަރު އެވެ. ނަމަވެސް ބައެއް މައުލޫމާތު ބުނާ ގޮތުގައި އޭނާ އުފަންވެފައިވަނީ އޭނާ ބުނާ އަހަރަށް ވުރެ 15 އަހަރު ފަހުންނެވެ.

ދެވަނަ އަށް އެންމެ ދުވަސްވީ ބައްޕައަކީ އިންޑިއާގެ ރާމްޖީތު ރާގަވް އެވެ. އޭނާގެ އަލަތު ދަރިފުޅު ކަރަމްޖީތު 2010ގައި އުފަންވީއިރު ރާމްޖީތަށް 94 އަހަރެވެ. އަދި އޭގެ ފަހުން 2012ގައި ރާމްޖީތާއި އޭނާގެ 54 އަހަރުގެ އަންހެނުން ޝަކުންތަލާ އަށް ދެވަނަ ކުއްޖަކު ލިބުނެވެ. ރާމްޖީތުގެ އުމުރުން 96 އަހަރުގައި ލިބުނު މި ކުއްޖާއަށް ކީ ރަންޖީތެވެ. ނަމަވެސް ރާމްޖީތުގެ އުމުރު ވެސް ކަނޑައެޅިގެން ޔަގީން ކުރެވޭ ވަރުގެ ރަސްމީ ލިޔުމެއް ނެތެވެ. އެހެންކަމުން ރަސްމީ ލިޔެކިޔުންތަކުން މުޅިން ޔަގީންކުރެވިފައިވާ އެންމެ ދުވަސްވީ ބައްޕައަކީ އޮސްޓްރޭލިއާގެ ލެސް ކޮލީ އެވެ. ގިނިސް ވޯލްޑް ރެކޯޑް ވެސް ލިބިފައިވަނީ ކޮލީ އަށެވެ.

ފިޖީގެ އަންހެނަކާ 1991 ވަނަ އަހަރު ކޮލީ ބައްދަލުވީ ޑޭޓިން އެޖެންސީ އަކުންނެވެ. އޭރު އޭނާގެ އުމުރުން 90 އަހަރެވެ. ކޮލީ އަށް ނުވަ ކުދިން ލިބިފައިވާއިރު ތިންވަނަ އަނބިމީހާ އަށް ލިބުނު އޮސްވާލްޑް ނަމަކަށް ކިޔާ ފިރިހެން ކުއްޖާ ލިބިފައިވަނީ 92 އަހަރާއި 10 މަހުގަ އެވެ.

ކޮލީ ވަނީ 1998 ވަނަ އަހަރު ނިއުމޯނިއާ ޖެހިގެން މަރުވެފަ އެވެ. އޭނާ މަރުވިއިރު 100 އަހަރު ފުރެން އޮތީ އެންމެ ހަތަރު މަހެވެ.