ލައިފްސްޓައިލް

މާޑޮކް ހަތަރުވަނަ އަނބިމީހާ ވަރިކުރީ 11 ލަފުޒުގެ އީމެއިލްއަކުން

ދުނިޔޭގެ ނަން މަޝްހޫރު ފޮކްސް ކޯޕަރޭޝަންގެ އިސްވެރިޔާ އަދި ބިލިއަނަރު ރޫޕެޓް މާޑޮކްގެ ވާހަކަ އަބަދުވެސް ބައިނަލްއަގުވާމީ ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރަ އެވެ.

އޭނާގެ މީޑީއާ ތަކުން އެއްކޮޅަށް ޖެހިގެން ޚަބަރުތައް ފޮނުވާ ކަމުގެ ތުހުމަތުތަކާ ގުޅިގެންނެވެ. އަދި އޭނާގެ ޒާތީ ދިރިއުޅުމުގެ ވާހަކަ ތަކަށްވެސް ވަރަށް ގިނަ ފަހަރު މީޑީއާތަކުން ސަމާލުކަން ހުއްޓެއެވެ.

އޭނާއާ ބެހޭ ގޮތުން އެންމެ ފަހުން މިހާރު ދެކެވެމުންދާ ވާހަކަ އަކީ އޭނާ ހަތަރުވަނަ އަށް ކައިވެނިކުރި ބަތަލާ އަދި ކުރީގެ ސުޕަމޮޑެލް ޖެރީ ހޯލް ވަރިކުރި ގޮތުގެ ވާހަކަ އެވެ.

ހޯލްގެ އެކުވެރިއަކު ބުނި ގޮތުގައި ހޯލް ވަރިކުރަން މާޑޮކް ނިންމައި އެ ވާހަކަ ހޯލް އަށް އެންގީ އެންމެ 11 ލަފުޒުގެ އީމެއިލް އަކުން ކަމަށެވެ.

އިނގިރޭސި ވިލާތުގެ 'ދަ މިރާ' ނޫހުގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި މި އީމެއިލް ލިބުނުއިރު ހޯލް ހުރީ އޭނާ އާއި މާޑޮކް އޮކްސްފޯޑްޝަޔާގައި ދިރިއުޅޭ ގޭގައި މާޑޮކްގެ އިންތިޒާރުގަ އެވެ.

"ޖެރީ، ސޭޑްލީ އައި ހޭވް ޑިސައިޑަޑް ޓު ކޯލް އެން އެންޑް ޓު އަވާ މެރިޖް،" (ޖެރީ. އަހަރެމެންގެ ކައިވެންޏަށް ނިމުން ގެންނަން އަހަރެން ނިންމައިފި ވާހަކަ ހިތާމައާ އެކު ބުނަން)" ހޯލް އަށް މާޑޮކް ފޮނުވި އީމެއިލްގައިވާ 11 ލަފުޒުގެ މެއިލްގައި ވެއެވެ.

ހޯލް ކައިރީ މާޑޮކް، 92، އިތުރަށް ބުނެފައިވާ ގޮތުގައި އެ ދެމީހުން އެކުގައި ވަރަށް އުފާވެރި ދުވަސްތަކެއް ހޭދަކޮށްފައި ވިޔަސް މިހާރު އޭނާ ކުރަން ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އަދި އޭނާގެ ނިއު ޔޯކްގެ ގާނޫނީ ވަކީލުން ވަގުތުން ވަގުތަށް ހޯލްއާ ގުޅައިގެން ވަރީގެ ކަންތައް ކުރިޔަށް ގެންދާނެކަމަށް ވެސް މާޑޮކް ބުނެފައި ވެއެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުއްލިއަކަށް މިގޮތަށް ވަރިކޮށްލުމުން ޖެރީ ހޯލް ހިތާމައިން ގޮސް ހިތްހަލާކުވި އެވެ. ހޯލް އޭނާގެ އެކުވެރިން ގާތު ބުނި ގޮތުގައި މާޑޮކް އާއި އޭނާ ދުވަހަކުވެސް ދެބަސްވެ އަރާރުންވެއެއް ނޫޅެ އެވެ. އަދި އުމުރުން ދުވަސްވެފައިވާ މުއްސަނދި ބިލިއަނަރުގެ ބަލި ހާލު ގޯސްވެގެން އެތައް ފަހަރަކު އެނދުމަތިވުމުން ހޯލް ވަނީ އޭނާއަށް ރެއާ ދުވާލު ޚިދުމަތްކޮށްދީފައި ކަމަށްވެސް ހޯލް ބުނެފައި ވެއެވެ.

ކެލިފޯނިއާގެ ބެލް އެއާގައި މި ދެމަފިރިން ދިރިއުޅެމުންދިޔަ މެންޝަން ހުސްކުރަން ވެސް ހޯލް އަށް ދިނީ އެންމެ 30 ދުވަސް ކަމަށް މި ރިޕޯޓުގައި ވެއެވެ.

ހޯލް ވަރިކުރިކަން އޭނާއަށް އެންގުމުގެ ގޮތުން މާޑޮކް އީމެއިލް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ޖޫންގަ އެވެ. އަދި ކޯޓުން މައްސަލަ ނިންމައި ދެ މީހުން ވަރިކޮށްދީފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. ނަމަވެސް މިކަމާ ގުޅޭ އެއްވެސް ވާހަކައެއް މީޑީއާއަށް ހާމަކުރުން މިހާތަނަށް ހޯލް އަށް އޮތީ މަނާ ކޮށްފަ އެވެ. ސަބަބަކީ މާޑޮކް އާއިލާގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދައި ދައްކަމުންދާ ޓީވީ ޑްރާމާއެއްގައި މި ހާދިސާ ގެނެސްދީފާނެ ކަމުގެ ބިރަށެވެ.

ރުޕާޓް މާޑޮކް އާއި ޖެރީ ހޯލް ވަނީ ކައިވެނިކޮށްގެން ހަ އަހަރު ދުވަހު އުޅެފަ އެވެ. މިއީ ކުރީގެ ސުޕަމޮޑެލް ހޯލްގެ ފުރަތަމަ ކައިވެންޏެވެ. އޭގެ ކުރިން ހޯލް ވަނީ ރޯލިން ސްޓޯންސްގެ މިކް ޖެގާއާ އެކު ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅެފަ އެވެ.

މާޑޮކް ފުރަތަމަ ކައިވެނިކުރީ ޕެޓްރީޝިއާ ބޫކާ އާއެވެ. މި ދެ މީހުންނަށް އަންހެން ދަރިއަކު ލިބިފައި ވެއެވެ. އަދި ދެވަނަ އަނބިމީހާ އަނާ މަންގެ ފަރާތުން ދެ ފިރިހެން ދަރިންނާއި އަންހެން ދަރިއަކު ލިބިފައި ވެއެވެ. ތިންވަނަ އަނބިމީހާ ވެންޑީ ޑެންގްގެ ދެ އަންހެން ދަރިން އެބަތިއްބެވެ.

ހޯލް ވަރިކުރުމަށްފަހު، މިއަހަރުގެ ކުރީކޮޅު މާޑޮކް ވަނީ އަލަށް މީހަކާ އެންގޭޖްވީކަން އިއުލާންކޮށްފަ އެވެ. ފޮކްސް ކޯޕަރޭޝަންގެ ވެރިޔާ އޭރު ހާމަ ކުރި ގޮތުގައި އޭން ލެސްލީ ސްމިތުއާ ވަރަށް އަވަހަށް އޭނާ ކައިވެނިކުރާނެ އެވެ. މި ކައިވެނި ވާނީ މާޑޮކްގެ ފަސް ވަނަ ކައިވެންޏަށެވެ. ސްމިތަކީ ޑެންޓަލް ހައިޖީނިސްޓެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ.

ނަމަވެސް ވެނިޓީ ފެއާ މަޖައްލާއިން ބުނި ގޮތުގައި އެންގޭޖްވީތާ އެންމެ ދެ ހަފުތާ ތެރޭ ސްމިތު އާއި މާޑޮކްގެ ގުޅުމަށް ވަނީ ނިމުން އައިސްފައި ވެއެވެ. ސްމިތު އަކީ ވަރަށް އަނގަގަދަ އަންހެނަކަށް ވާތީ މާޑޮކް ހިތްހަމަނުޖެހިގެން އެ ގުޅުން އިތުރަށް ކުރިއަށް ނުގެންދަން ނިންމީ ކަމަށް ވެއެވެ.