ލައިފްސްޓައިލް

މަދު ދަރިން ހޯދުނީތީ ގިނަ ދެމަފިރިން ފަހުން ހިތާމަކުރޭ

ވިއެޓްނާމް މީހެއް ކަމަށްވާ ތޫ ހާ ގެ ހުރީ އެންމެ ދަރިއެކެވެ. އުމުރުން 50 އަހަރުގައި އޭނާ އިތުރު ދަރިއަކު ބޭނުންވި އެވެ. ނަމަވެސް ޑޮކްޓަރުން ބުނީ އޭނާއަށް ދެން ދަރިއަކު ނުލިބޭނެ ކަމަށެވެ.

ހާ އާއި އޭނާގެ ފިރިމީހާ އަކީ އެއް އުމުރެއްގެ ދެ މީހުންނެވެ. މިޒަމާނުގައި ގިނަ އަންހެނުން ކިޔެވުމާއި ކެރިއަރު ބިނާ ކުރުމުގައި ކައިވެންޏާއި ދަރިން ހޯދުން ފަހަތަށް ޖައްސާލާ ގޮތަށް ހާ ވެސް ކަންތައް ކުރީ އެހެންނެވެ.

އޭނާ ރާވައިގެން ހުރީ ފުރަތަމަ ދަރިފުޅަށް ހަ އަހަރު ފުރުމުން ދެ ވަނަ ކުއްޖަކު ހޯދާށެވެ. ދަރިފުޅަށް ހަ އަހަރު ފުރުމުން އިތުރު ކުއްޖަކު ހޯދަން ރޭވި ރޭވުން ފަސް ޖައްސާލީ އޮފީހުގެ މަތީ މަގާމަކަށް ކުއްލިއަކަށް ޕްރޮމޯޓް ވުމުގެ ފުރުސަތު ލިބުމުންނެވެ. ފިރިމީހާއާ މަޝްވަރާ ކުރުމަށްފަހު އޮފީހުގެ މަސައްކަތައިގެން އޭނާ ކުރިޔަށް ދިޔައީ އެވެ. ދެ ވަނަ ކުއްޖަކު ހޯދުން ވަކި މުއްދަތެއް ނެތި ފަހަތަށް ޖައްސާލާފަ އެވެ.

އޭގެ ދެ އަހަރު ފަހުން އޭނާ ޑިޕާޓްމެންޓް ހެޑަކަށް ޕްރޮމޯޓްވި އެވެ. ކެރިއަރަށް ކުރިއެރުން ލިބެމުން ދިއުމާއެކު އިތުރު ކުއްޖެއް ހޯދުމުގެ ހިޔާލަށް ފަސް އެޅެމުން ދިޔަ އެވެ. ސަބަބަކީ ކުއްޖަކު ހޯދައިފިނަމަ މެޓާނިޓީ ލީވް ނަގަން ޖެހޭނެތީ އާއި އެގޮތަށް އެކަން ކުރަން ޖެހިއްޖެނަމަ ފާއިތުވީ އަހަރުތަކުގައި ކުރި ހުރިހާ މަސައްކަތެއް ފަނުފުލުން ދާނެތީ އެވެ.

ކުއްޖަކު ހޯދުމުގެ ވިސްނުން ހާ އަށް ދެން އައިއިރު އޭނާގެ އުމުރު އުޅެނީ 40 ގެ އަހަރުތަކުގަ އެވެ. އޭރު ފުރަތަމަ ދަރިފުޅަށް 12 އަހަރު ފުރިއްޖެ އެވެ. އޭރު އޭނާ ހުރީ ފައިސާގެ ގޮތުންނާއި ވަޒީފާގެ ގޮތުން ވެސް ހިތްހަމަޖެހޭ ހިސާބެއްގަ އެވެ.

ދަރިއަކު ހޯދަން އުޅުމުން ހާ އަކަށް ދެން ދަރިއަކު ނުލިބުނެވެ. އެހެންވެ އައިވީއެފް ހަދައިގެން ކުއްޖަކު ހޯދަން ދެމަފިރިން ވިސްނައި އެ މަސައްކަތް ފެށި އެވެ. ނަމަވެސް އެކަމަށް ބޭނުންވާ ޓެސްޓްތައް ހެދުމުން އެ ފުރުސަތު ވެސް ނެތްކަމަށް ޑޮކްޓަރުން ބުންޏެވެ.

"އަހަރެމެން އެކަކު އަނެކަކަށް ހިތްވަރުދީ ހިތްހަމަޖައްސާލީ އެންމެ ކުއްޖެއް ހުއްޓަސް އެންމެ ރަނގަޅޭ ކިޔާފަ. އޭރުން އެ ކުއްޖާގެ ކަންކަން އެންމެ ފުރިހަމައަށް ކުރުމަށް ދެމަފިރިންނަށް ވެސް ފުރުސަތު ތަނަވަސް ވާނޭ އަހަރެމެން ދެމަފިރިން އެކަކު އަނެކަކާ މަޝްވަރާ ކުރަމުން އެއްބަސްވިން،" ހާ ބުންޏެވެ.

ނަމަވެސް ކަންކަން ވެގެން ދިޔައީ ހާ ހީކުރި ގޮތަކަށް ނޫނެވެ. އުމުރުން ދުވަސްވަމުންދިޔަ ވަރަކަށް އޮފީހުގެ މަސައްކަތަށް ހާ ގެ ހުރި ޝައުގުވެރިކަން ކުޑަވާން ފެށީ އެވެ. އަދި ކުރިން ވަރަށް ގިނައިން ތަންތަނަށް ދަތުރުފަތުރުކުރަމުންދިޔަ މީހާ އެ ކަން ވެސް ކުރާ ހިތް ކެނޑެން ފެށި އެވެ.

"އަހަރެން ގިނަ ވަގުތު އާއިލާއާއެކު ނުވަތަ އެކަނި ހޭދަކުރަން ފެށިން. އެހާތަނުން ވިސްނެންފެށީ އަހަރެންގެ އެކަނިވެރިކަން،" ހާ ބުންޏެވެ.

ހާ ގެ ހުރީ ފިރިހެން ދަރިފުޅެކެވެ. އޭނާ ޒުވާން ވަމުން ދިޔަ ވަރަކަށް ގޭގައި ހޭދަކުރާ ވަގުތު މަދުވާން ފެށި އެވެ. ހާ ގެ ފިރިމީހާ އަދިވެސް އުޅެނީ އޮފީހުގައި ބުރަކޮށެވެ. އެހެންވެ ގޭގައި ހާ އެކަނިވި އެވެ. އެކަނިވެރިކަން ފިލުވަން މީރު ކާ އެއްޗެތި ކައްކާ ހެދިޔަސް އެކަނިކަމުން އެ ކާހިތެއް ނުވެ އެވެ.

ބައެއް ފަހަރު ރައްޓެހިންނަށް ކޮފީ އަކަށް ނުވަތަ ކެއުމަކަށް ދައުވަތު ދިނަސް ގިނަ ފަހަރަށް އެމީހުންނަކަށް ވެސް ދަރިންނާއި މާމަދަރިންގެ ކަންތަކާ ބިޒީކޮށް އުޅެން ހަދައިގެން އާދެވޭ ކަމަކަށް ނުވެ އެވެ.

ވިއެޓްނާމް ނޫހަކުން މިކަމާ ގުޅޭ ގޮތުން ކޮށްފައިވާ ސާވޭ އަކަށް 4،000 މީހުން އިޖާބަ ދީފައި ވެއެވެ. މީގެ ތެރެއިން 51 ޕަސެންޓް ބުނެފައިވަނީ އެމީހުންނަށް ދަރިން ލިބޭ އުމުރުގައި ދަރިން ހޯދުނުލެއް މަދުކަމުން ހިތާމަކުރާ ކަމަށެވެ. އަދި ދެ ވަނަ ދަރިއަކު ވަރަށް ބޭނުންކަމަށް ވެސް މި މީހުން ބުނެފައި ވެއެވެ.

މިއީ ވިއެޓްނާމް ނޫނަސް ދުނިޔޭގެ ހުރިހާ ގައުމަކަށް ކަހަލަ ގޮތަކަށް ދިމާވެފައިވާ މައްސަލަ އެކެވެ. ކިޔެވުމާއި ކެރިއަރު ބިނާ ކުރުމުގެ މަގްސަދުގައި ކައިވެނިކުރުމާއި ދަރިން ހޯދުން ވީހާވެސް ލަހެއް ކުރެވެނީ އެވެ. ނަތީޖާއެއްގެ ގޮތުން ގިނަ މީހުންނަށް ޖެހެނީ އެންމެ ކުއްޖަކުން ހިތްހަމަޖައްސާލާށެވެ. އަދި ކައިވެނި ކުރުމާއި ދަރިން ހޯދުން ލަސް ކުރުމުގެ ސަބަބުން ދަރިން ނުލިބުމުގެ މައްސަލަތައް ކުރިމަތިވާ މީހުން ވެސް މަދެއް ނޫނެވެ. އެއީ ދިގު މުއްދަތަކަށް ދޭތެރެދުރުކުރާ ބޭސް ބޭނުންކުރުމާއި މިފަދަ ބޭސް ބޭނުން ނުކުރިޔަސް އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ދަރިން ނުހޯދާ މާ ގިނަ ދުވަހު ތިބުމުން ދިމާވާ މައްސަލަތަކުގެ ސަބަބުން ދަރިން ނުލިބެން މެދުވެރިގެންނެވެ.