ލައިފްސްޓައިލް

އުފަންވީއްސުރެ ބައްޕައަށް ފޮރުވައިގެން އުޅުނު ކުއްޖެއް ހޯދައިފި

ޖަރުމަނުގެ ކުޑަކުޑަ އަވަށެއްގައި ހުރި ގެއެއްގައި ވަރަށް ތުއްތު އިރުއްސުރެ ހައްޔަރުކޮށްގެން ގެންގުޅުނު ކުއްޖެއް ސަލާމަތް ކޮށްފި އެވެ.

މި ކުއްޖާ ސަލާމަތްކުރިއިރު އޭނާގެ އުމުރުން 8 އަހަރެވެ. މި ކުއްޖާ ހައްޔަރުކޮށްގެން ގެންގުޅެފައިވަނީ އޭނާގެ މަންމަ އާއި މާމަ އަދި ކާފަ އެވެ. އަދި މި ތުހުމަތުގައި މި އެންމެން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ޖަރުމަނުގެ ކޮލޯން އާއި 20 މޭލު ދުރުގައި އޮންނަ އެޓެންޑަން ކިޔާ ކުޑަ އަވަށެއްގައި ހުރި ގެއެއްގައި މި ކުއްޖާ ހައްޔަރުކޮށްގެން ގެންގުޅޭތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އެހެންވެ އޭނާ ދިރިއުޅުނު ކޮޓަރިން ބޭރު އޮންނަ ގޮތެއް ކުއްޖާއަކަށް ނޭނގެ އެވެ.

ފުލުހުން މި ކުއްޖާ ސަލާމަތްކުރުމުން ފުލުހުން ކައިރީ ކުއްޖާ ބުނީ އޭނާ ދުވަހަކުވެސް ކާރެއް ފަދަ ދުއްވާ ވެހިކަލެއްގައި ދަތުރު ނުކުރާ ކަމަށެވެ. އަދި ޖަންގަލި ފަދަ ތަންތަން ނުދެކޭ ކަމަށެވެ. އޭނާއަށް ހަމައެކަނި ފެންނަނީ ކުޑަ ދޮރުން ބޭރުން އެ ފެންނަން އޮންނަ ތަން އެކަންޏެވެ.

ސެޕްޓެމްބަރު 23 ވަނަ ދުވަހު ފުލުހުން މި ކުއްޖާ ސަލާމަތްކުރީ އޭނާގެ ތިމާގެ މީހަކު ދިން މައުލޫމާތެއްގެ އަލީގަ އެވެ. ކުއްޖާ ސަލާމަތްކުރިއިރު އޭނާގެ ސިއްހަތު މުޅިން ބަރާބަރެވެ. ކުއްޖާއަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ކުއްޖާއަށް ރީތިކޮށް ވާހަކަދައްކަން އެނގެ އެވެ. އަދި ހިނގަން ވެސް އެނގެ އެވެ. ނަމަވެސް ގިނަ ދުވަސްތަކަކު އެއް ތަނެއްގައި ބައިންދާފައި އިނުމުން ކުއްޖާއަށް ސިޑިން އަރަން އުނދަގުލެވެ. އަދި އަޑިގުޑަންކޮށް ހުންނަ މަގުމަތީގައި ވެސް ހިނގަން އުނދަގުލެވެ.

މި ކުއްޖާ ފޮރުވައިގެން ގެންގުޅެނީ ކީއްވެގެން ކަން ކުއްޖާގެ މަންމަ އާއި މާމަ އަދި ކާފަ އަދިވެސް ފުލުހުންނަށް ކިޔައެއް ނުދެ އެވެ. ނަމަވެސް ފުލުހުން ޔަގީންކުރަނީ މިއީ ކުއްޖާގެ ބައްޕައަށް ފޮރުވަންވެގެން ކޮށްގެން އުޅުނު ކަމެއް ކަމަށެވެ.

ކުއްޖާގެ މަންމަ އާއި ބައްޕަ 2014ގައި ވަރިވިއިރު ކުއްޖާއަށް ބަލިވެ އިނދެ އަންހެން މީހާ އަދި ނުވިހަ އެވެ. ކުއްޖާގެ ބައްޕަ ކައިރީގައި އަންހެން މީހާ ބުނީ އިޓަލީ އަށް ދިރިއުޅުން ބަދަލުކުރަނީ ކަމަށާއި ދަރިފުޅު ވިހައިގެން އޭނާ ގޮވައިގެން ދެން ދިރިއުޅޭނީ އިޓަލީގައި ކަމަށެވެ. އަދި އިޓަލީގައި އޭނާ ދިރިއުޅޭ އެޑްރެހާއި ފޯނު ނަމްބަރު ވެސް ދިނެވެ.

ނަމަވެސް އޭގެ ފަހުން އަންހެން މީހާގެ ޚަބަރެއް އަދި އޭނާއަށް ލިބުނު ދަރިފުޅުގެ އެއްވެސް ޚަބަރެއް ވެސް ފިރިހެން މީހާއަކަށް ނުވި އެވެ. އޭރުއްސުރެ ފިރިހެން މީހާ ގެންދިޔައީ އޭނާގެ ދަރިފުޅު ހޯދަން މަސައްކަތް ކުރަމުންނެވެ. އިޓަލީގައި އޭނާ ދިރިއުޅޭ އެޑްރެސް ކަމަށް ބުނެ ފިރިހެން މީހާ އަށް ދިން އެޑްރެހުގައި އޭނާ ދުވަހަކުވެސް ދިރިއެއް ނޫޅެ އެވެ. އަދި އޭނާ ދިން ފޯނު ނަމްބަރުން ވެސް ނުގުޅެ އެވެ.

އަންހެން މީހާ އިޓަލީގެ އެޑްރެހެއް ދިން ނަމަވެސް އެ ގައުމަށް ދިޔަ ކަމާ މެދު ވެސް ފިރިހެން މީހާ އަށް ޝައްކުވީ އެހިސާބުންނެވެ. އެހެންވެ ސެޕްޓެމްބަރު 2015ގައި ކުއްޖާގެ ބައްޕަ ޖާމަނީގެ ޗައިލްޑް ޕްރޮޓެކްޝަން ސާވިސަސް އަށް ގުޅައި އެމީހުންގެ އެހީތެރިކަމަށް އެދުނެވެ. އަންހެން މީހާ ޓައުން ތެރޭގައި އުޅެނިކޮށް ބައެއް ފަހަރަށް އޭނާ ފެނިފައިވާ ކަމަށް ފިރިހެން މީހާ އަށް ޝައްކު ވެގެންނެވެ. ނަމަވެސް ޗައިލްޑް ޕްރޮޓެކްޝަން ސާވިސްގެ އޮފިޝަލުންނާއި ފިރިހެންމީހާ ވެސް އެ ކުއްޖާގެ މާމަ އާއި ކާފައާ ސުވާލުކުރާ ކޮންމެ ފަހަރަކު ބުނަނީ އަންހެން މީހާ ދިރިއުޅެނީ އިޓަލީގައި ކަމަށެވެ. އަދި ޖާމަނީ އަށް ނާންނަ ކަމަށެވެ.

ކުއްޖާގެ ބައްޕަ އޭނާގެ ދަރިފުޅަށް ފޮނުވި ސިޓީތަކާއި ހަދިޔާތައް އަބަދުވެސް އަނބުރާ ރައްދުވަނީ އެ އެޑްރެހަށް އެ ތަކެތި ޑެލިވާ ނުކުރެވިގެންނެވެ.

މިގޮތަށް އެތައް އަހަރެއް ފާއިތުވީއިރު ވެސް ކުއްޖާގެ ބައްޕައަށް އޭނާގެ ދަރިފުޅުގެ އެއްވެސް ޚަބަރެއް ނުލިބެ އެވެ. އެހެން އުޅެނިކޮށް ދާދިފަހުން އަންހެން މީހާ ޖަރުމަނުގެ އެމީހުން ދިރިއުޅޭ އަވަށުގައި އެބަ އުޅޭކަމުގެ ހެކިތަކެއް ޗައިލްޑް ޕްރޮޓެކްޝަން ސާވިސްގެ އޮފިޝަލުންނަށް ލިބުނެވެ. ނަމަވެސް އެމީހުން އަންހެން މީހާގެ ގެޔަށް ގޮސް އެގައަށް ވަންނަން ކުރި ހުރިހާ މަސައްކަތެއް ވީ ނާކާމިޔާބެވެ. އަންހެން މީހާގެ މައިންބަފައިން އެ ގެޔަށް ވަނުމުގެ ހުއްދަ ނުދިނީމަ އެވެ.

ފުލުހުން މަސައްކަތްކޮށްގެން އެކަން ވާގޮތެއް ނުވި އެވެ. އެގޭގައި އަންހެން މީހާ އުޅޭކަން އެއްވެސް މީހަކަށް ޔަގީންކަމާއެކު ބުނަން ނޭނގޭތީ ކޯޓު އަމުރު ނުލިބުނީ އެވެ.

އަންހެން މީހާ ދުވަހަކުވެސް އިޓަލީއަށް ނުދާކަން ޔަގީންކަމާއެކު އޭނާގެ ތިމާގެ މީހަކު ބުނުމުން އެ ގެއަށް ވަނުމުގެ ހުއްދަ އެންމެ ފަހުން ކޯޓުން ދިނީ އެވެ. އަދި އެ ގެ ބަލާ ފާސްކުރިއިރު އޭ ގޭގެ ކުޑަ ކޮޓަރިއެއްގެ ތެރެއިން ކުޑަ ކުއްޖާ ފެނުނީ އެވެ.

ފުލުހުން ބުނެފައިވަނީ ކުއްޖާ މިގޮތަށް ކޮޓަރިއެއްގެ ތެރޭގައި ފޮރުވައިގެން ގެންގުޅެފައިވަނީ އެ ކުއްޖާގެ ބައްޕައަށް ނުދައްކަން ވެގެންނެވެ. ކުއްޖާގެ ހާލަތަށް ބަލާއިރު އެނޫން މަގްސަދެއް ކުއްޖާގެ މަންމަ އާއި ކާފަ އަދި މާމަގެ އޮތް ކަމަކަށް ނުބެލެވެ އެވެ.