ލައިފްސްޓައިލް

ކައިވެނިކުރިތާ 10 ވަރަކަށް މިނިޓް ތެރޭ އަންހެންމީހާ ހުވަފަތްވެއްޖެ

އެމެރިކާގެ ނެބްރަސްކާގައި މި ހަފުތާގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި ކައިވެނިކުރިތާ އެއް ގަޑިއިރު ވެސް ނުވަނީސް ފިރިހެންމީހާ މަރުވެ އަންހެންމީހާ ހުވަފަތް ވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު އޮތް ޓޮރޭޒް ޑޭވިސް، 48، އާއި ޖޯނީ މައެ ޑެނިސްގެ ކައިވެނީގެ ހަފުލާގައި އާއިލާގެ މީހުންނާއި އެކުވެރިން ބައިވެރިވެ ވަރަށް އުފާވެރި ވަގުތުތަކެއް ހޭދަކުރަމުން ދިޔަ އެވެ. ނަމަވެސް ފައްޅިއެއްގެ ތެރޭގައި ކައިވެނިކުރުމަށްފަހު ފޮޓޯ ނަގަން އެތަނުން ބޭރަށް ނުކުތްތަނާ ކުއްލިއަކަށް ފިރިހެންމީހާ ވެއްޓުނީ އެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފަ އެވެ.

ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ އެމެރިކާގެ ޓީވީ ސްޓޭޝަނަކުން ފޮނުވި ޚަބަރެއްގައި ބުނެފައިވަނީ ޓޮރޭޒް މަރުވީ ގަނޑުލޭކޮޅެއްގެ ސަބަބުން ކަމަށެވެ.

"ޓޮރޭޒް އާއި ޖޮނީ މައެ މުޅި އުމުރަށް އެކުގައި އުޅުމަށް ވައުދުވިތާ ކުޑަ ވަގުތުކޮޅެއް ތެރޭ ޓޮރޭޒް ވަނީ އެންމެ ފަހުގެ ނޭވާ މި ދުނިޔެއަށް ދޫކޮށްފައި،" މި ދެމީހުންގެ އެކުވެރިއަކު ބުނެފައި ވެއެވެ.

ކައިވެނީގެ އުފަލުގައި މަޖާ ނަގަމުންދިޔަ ޓޮރޭޒްގެ ހިތުގެ ނާރެއްގައި ލޭކޮޅެއް ގަނޑުވެ ހިތް ހުއްޓުނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ. އަދި މިގޮތަށް ގަނޑުލޭކޮޅެއް އުފެދުމުން އެމީހަކު ސަލާމަތްކުރުމަކީ ވަރަށް އުނދަގޫކަމެއް ކަމަށް އެމީހުންގެ އެކުވެރިން ބުނެފައި ވެއެވެ.

"މަދު ސިކުންތުކޮޅެއްގެ ތެރޭގައި މިކަމެއްވީ. ކައިވެނިކުރިތާ އެންމެ 10 މިނިޓް ތެރޭ ޖޮނީ މައެ ހުވަފަތްވީ. އެންމެ ދެރަވީ ޖޮނީ މައެގެ ބައްޕަ ވެސް ދާދިފަހުން މަރުވެ އޭނާ އެކަމުގައި ހިތާމައިގައި ހުއްޓާ އަނެއްކާ ފިރިމީހާ ވެސް މިހާ ކުއްލި ގޮތަކަށް މަރުވީމަ،" ޖޮނީ މައެގެ އެކުވެރިޔަކު ބުންޏެވެ.